މާލެ އަށް އިއްޔެ ވެހުނު ވާރޭގައި، ބަޔަކު ސައިކަލްތަކުގައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
05 ސެޕްޓެމްބަރ 2022 - 12:26
މިހާރު ރާއްޖެ އަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި އަހަރުގެ މިހާތަނަށް ބަލާއިރު މޫސުމީ ވަކި ތަފާތެއް ނުފެންނަ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މެދުނުކެނޑި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހިފައިވާއިރު އަދި އެހެން އަހަރުތަކުގެ މި ދުވަސްވަރާ ބަލާއިރު އާދަޔާ ހިލާފަށް މި އަހަރު މޫސުން ގޯސް ކަމަށް ބައެއް މީހުން ފާހަގަކުރާތީ، "މިހާރު" އިން ސުވާލު ކުރުމުން ފޯކާސްޓަރު އަހުމަދު ރަޝީދު ވިދާޅުވީ "މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ" ކަމަށެވެ.
"މިދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ވާރޭ ވެހޭ ނިސްބަތުން މާ ބޮޑު ތަފާތެއް ނެތް. ބައެއް މަސްމަހު ވާރޭ ވެހޭ ވަރު ގިނަ ވެދާނެ. މިސާލަކަށް މިދިޔަ މަހަށް ވުރެ މި މަހު ވާރޭ ވެހޭ ނިސްބަތް އިތުރު ވެދާނެ. އެކަމަކު މުޅި އަހަރަށް ބަލާއިރު ވާރޭ ވެހިފައި ހުންނަނީ ޖުމުލަކޮށް އެއްވަރަށް،" އަހުމަދު ވިދާޅުވި އެވެ.
ވާރޭ ވެހޭ ނިސްބަތް ބައެއް މަސްތަކުގައި އިތުރުވަނީ މޫސުމީ ބަދަލަކުންތޯ އެހުމުން އޭނާ ވިދާޅުވީ، "މޫސުމީ ބަދަލުތަކެއް އެބައާދޭ" ކަމަށެވެ.
މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި، ސީއެެޗްއެސްއީގެ ކުދިންތަކެއް ކުޑަ އަޅައިގެން ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެހެންވެ ވެހޭ ގަޑީގައި ތަންކޮޅެއް ބައިވަރު ވެހިދާނެ. އެކަމަކު، ދިގު މުއްދަތަކަށް ބަލާއިރު ވާރޭ ވެހޭ ނިސްބަތް މައްޗަށް ދަނީއޭ އަދި ބުނެވޭކަށް ނެތް،" ފޯކާސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 2-3 ދުވަހު ވެސް އަލި ނުވާނެ އެވެ.
"ހުޅަނގު މޫސުމުގެ ވިއްސާރަ ވީމާ އެކި ސަރަހައްދުތަކަށް ބްރޭކެއް އައިސްފައި އަނެއްކާ ވެހިދާނެ. އެ ކަހަލަ ގޮތަކަށް މިހާރު މި ދަނީ،" އަހުމަދު ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާގެ ރެކޯޑްތައް ދައްކާ ގޮތުން ރާއްޖެ އަށް އެއް ދުވަހެއްގައި އެންމެ ގިނައިން ވެހިފައި ވަނީ 228 މިލިމީޓަރުގެ ވާރެ އެވެ. އެއީ ނޮވެމްބަރު 24، 2015 ގައި ސ. ގަމަށް ވެހުނު ވާރޭގެ އަދަދެވެ.
އިއްޔެ މެދުނުކެނޑި ވާރޭ ވެހިފައިވާއިރު މެޓުން ބުނީ، އެއީ މި އަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސް ކަމަށް މެޓުން ބުނެފައި ވެ އެވެ. އެ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދު އަށް ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މެޓް އޮފީހުން ބުނީ މި އަހަރު އެއް ދުވަސްތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ޖުލައި މަހުގެ 31ގައި ރ. އަލިފުއްޓަށް ކަމަށެވެ. އެ ދުވަހު އަލިފުއްޓަށް ވަނީ 157 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން މިހާރު ވެސް ވަނީ ހއ. އިން ފެށިގެން މ. އަތޮޅަށް މިއަދު ރީނދޫ އެލާޓެއް ނެރެފަ އެވެ. ހެނދުނު 11:15 އިން މެންދުރު 2:00 އާ ހަމައަށް އެ އެލާޓް ދެމިގެންދާއިރު، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯޕާލް
06 September 2022
މެޓުން އެޑިއުކޭޝަން މިނިސްޓްރީއަށް އޮޅުވާލީ. ބުނީ ފާއިތުވެދިޔަ އަހަރުތަކުގައިވެސް އަހަރު މެދުތެރޭގައި ވިއްސާރަ ނުވާކަމަށް. އެއަށް ބަރޯސާވެ އެމީހުން ދިރާސީ އަހަރުގެ ފެށުމާއި ނިމުން ކަނޑައެޅީ. އެޑިއުކޭޝަން މިނިސްޓްރީ ބޭފުޅުން ތިއްބަވަނީ ޔޫރަޕްގަ. މިތާނގެ މޫސުން އެބޭފުޅުންނަށް އެނގެނީ ތިބޭފުޅުން ދޭ މަޢުލޫމާތުން. މެޓުން ހަމަ އެޑިއުކޭޝަން މިނިސްޓްރީއަށް އޮޅުވާލީ.
އަލފުޅު3
06 September 2022
މީގެ ކުރިން މުޅިން ކިޔާފަ ހުރީ ބޭ އޮފް ބެންގޯލުގަ ލޯ ޕުރެޝަރު ވިއްޔޭ! މިފަހަރު މީ އަލަށް ކީ އެއްޗެއް!
އަޙްމަދު ވަހީދު
06 September 2022
ވިއްސާރަވެހޭނީ އަބަދުވެސް ކޮންމެވެސް މޫސުމެއްގައިކަން އެންމެނަށްވެސް އެނގޭ. މިހާރު ނޭގޭނެ ކަމަކީ ކޮންމޫސުމެއްގައިކަން.
ކަހެރުވައް
05 September 2022
ގިނައިން ވާރޭވެހުން އާދަޔާޚިލާފްވި ކަމަށް ބުނާމީހުން އާދަޔާޚިލާފަށް ހޫނުގަދަވާ އެތައްދުވަހެއް ހޭދަވާ ވާހަކަ ނުބުނަކީ ކީއްވެބާ؟ މޫސުމަކީ ބަދަުވާ އެއްޗެއްކަން ގާބޫލުކުރަން ބޭނުންނުވަނީ އުތަ؟!
ހޫދެންމަވއސް ހީކުރިން
05 September 2022
މަހީކުރީ ޔޫރަޕުގައި ހޫނުގަދަވެގެން އުފެދު އާވިން އުފެދުނު ކޮލިގަނޑުން ޕާކިސްތާނަށް ކުރާ ވިއްސާރައިގެ އަސަރު ރާއްޖެއަށް ކުރަނީ ކަމަށް.
މިރާދު
05 September 2022
30ހަކަށް އަހަރު ކުރިން ދިވެހި ޓެސްޓެއްގަ ލިއުނިން ހުޅަނގު މޫސުމުގައޭ ގިނައިން ވާރޭ ވެހެނީ. އެހެން ލިއެގެން ޖަވާބު ނުބައިކޮށްލީ ޓީޗަރު.
މާކެޔޮޅު
05 September 2022
ތަފާތަކީ މޫސުން އަލިވާނެކަމަށް މެޓުން ބުނާ ދުވަހާ އެއްވެސް ވަރަކަށް މި ވިއްސާރައިގަ ދިމާ ނުވުން
ފަޅުވެރިން
05 September 2022
ފަހުން ވާގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ. މެޓުން ބުނާނީ ލިބޭ މައުލޫމާތު ތަކަށް ބަލާފަ ހަދާ ހިސާބުތަކުގެ މައްޗަށް.
ކެޔޮޅެެއް
05 September 2022
ތިއީ ކަނޑައެޅިގެން ދޮގެއް، މި ވިއްސާރަ ފެށެން ބުނި ދުވަސް ވެސް ދިމާވި، މިހާރު ނިމޭނެއޭ ބުނެފަ އޮތީ ބުދައިގެ ފަހަަށް،
ހެހޭ
05 September 2022
މަގޭކާރީ ބަނގަލަދޭޝް މީހަކު އިއްޔެ ބުނީ ރާއްޖެ ވަރަށް ނަސީބުގަދައޭ. ކުދިރަތްތައްވީމަ ފެން ހަރުލާނެ ތަނެއްނެތޭ ހުރިހާ ފެންދަނީ މޫދަށޭ. ބަނގަލަދޭޝްނަމަ މިހާވަރަށް ވެހުމުން ފެންބޮޑުވާނެޔޭ.
ފެންހިންދާލެވޭނެ ވަރުގެ ވެރިކަމެއް ބޭނުން
05 September 2022
ކާރުކޮޅުގެ ކުރިންދާމީހުން މީސްތަކުންފެއަށް ޖައްސަމުން ފަހަތުންދާމީހުންފަސްފަހަތް ބަލަމުންގޮސް ފެނުގަ ނުޖެހިފައިބާ މީހުންގެޙާލަތުގަ ތަފާތެއް އޮންނާނެތޯއެވެ. ނޯންނާނެއެވެ. ބަނޑުހަނޑުލާ މަހުއެތިކޮލާ ޖީބު ޚަރަދު ބަންޑާރައިން ބަޔަކަށް ލިބޭއިރު އަނެއްބަޔަކަށް ފަރީއްކޮޅަށް ފަހު ސަރުބަތުތަކާ މޭވާގެ ފަރީއްކޮޅުތަކާ ފިނި ބުއިންތަކެވެ. ބަޔަކުކައިގެން މޭވާކެޔަސް ނިކަމެތި ރައްޔިތުގެޙާލަކީވާރޭވެހިއްޖެނަމަފައިވާނުގަފެނަށް އެރިއުޅުމާގަރުދިޔަފޮދުވަރެއްގެމިންވަރެވެ
ކިރު ސައި
05 September 2022
ހަގީގީ ތެދު ވާހަކައެއް. ރައްޔިތުން ވިސްނަންވީ މިސްރާބަކީ މިއީ.
މޫސާޅު
05 September 2022
ތިވަރަށް ކަންތައްތަކާއި ހަސަދަ ލާކަށް ނުވާނެ. ދީނުގައިވެސް އަންގަވާފައި އޮތީ އެހެން.
އަލިފުޅު3
06 September 2022
ވޯޓު ވިއްކާ ބަޔަކު ކުރަން އޮންނާނީ އެންމެ ކަމެއް! އެއީ ވޯޓު ލާ ދުވަސްވަރު ވޯޓަށް އެންމެ ރަނގަޅު އަގެއް ހޯދުން. ދެން އަނެއް 5 އަހަރު މަޑުން ތިބުން ފިޔަވާ އެހެންކަމެއް ކުރުމެއް ނޯންނާނެ!!!