މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ ---ފޮޓޯ: އެމްޓީސީސީ
21 ސެޕްޓެމްބަރ 2022 - 15:45
ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އެ މަސައްކަތް ފަށަން، މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ވަނީ ހާއްސަ ރަސްމިއްޔާތެއް އިއްޔެ މާއުނގޫދޫގައި ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަދި އެ ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނާއި އެމްޓީސީސީގެ ބައެއް އިސްވެރިން ބައިވެރިވެޑައިގަތެވެ.
ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމުގައި މަޝްހޫރު މާއުނގޫދޫގެ ބަނދަރު ތަރައްގީކުރުމާ އެކު، އެ ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބި އިގްތިސާދީ ގޮތުން ފައިދާވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން، 59،013.3 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، ނެރުން ވަންނަން އޮންނަ ދިމާލުން 3245.5 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކުރުމާއި، 362 މީޓަރުގެ ބޭރުތޮށި ލުމާއި، 105 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.
އޭގެ އިތުރުން، 312 މީޓަރުގެ އެއްގަމުތޮށްޓާއި، 1508.9 އަކަ މީޓަރުގެ ޕޭވްމެންޓާއި، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 59.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
22 September 2022
ތިކުރެވެނީ ކަމެއްތަ؟ ރައްޔިތުންގެ ގިނަބަޔަކު މާލޭގައި ދަތިހާލުގައި އުޅެނިކޮށް ފަޅުކޮނެ ގާޖަހައި ބޭކާރުގޮތުގައި ޓެކްސް ފައިސާ ކުދިކުދި ރަށްރަށަށް ތި ހުސްކޮށްލަނީ. ޖީބަށް ގިނައިން ވަންނާނީވެސް ކުދިކަންކަން ގިނަކުރިވަރަކުން ކަމަށްވެސް ވެދާނެ ތޯއްޗެއް.