04 އޮކްޓޯބަރ 2022 - 10:40
އުތުރު ކޮރެއާ އިން އުފައްދާފައިވާ ބެލެސްޓިކް މިސައިލެއް މިއަދު ހެނދުނު ޖަޕާނުގެ މަތިން ޕެސިފިކް ކަނޑުގެ ސަރަހައްދަށް ފޮނުވާލައި، އެ ސަރަހައްދުގެ އަސްކަރީ ނުތަނަވަސްކަން އިތުރުކޮށްލައިފި އެވެ.
އުތުރު ކޮރެއާގެ ސަރަހައްދުން ބެލެސްޓިކް މިސައިލެއް ވައިގެ ތެރެއަށް އަރައިގެން ދިޔަ ކަން، ޖަޕާނުގެ އަސްކަރީ ރާޑާރުތަކަށް ފާހަގަކުރެވުމާއެކު، ޖަޕާންގެ އުތުރު ސަރަހައްދުގައި ނުރައްކާތެރިކަމުގެ ބަރުގޮނު އެޅި އެވެ. އަދި އާންމު ރައްޔިތުން ވަގުތުން ގެތަކަށާއި އިމާރާތްތަކުގެ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށް، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް ޖަޕާނު ސަރުކާރުން އެންގި އެވެ.
އޭގެ އިތުރުން ޖަޕާނުގެ އިރުމަތީ ހޮކައިޑޯ ސަރަހައްދާއި އައޮމޯރީ ސަރަހައްދުގައި ރޭލު ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލި އެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން، އުތުރު ކޮރެއާގެ މިސައިލެއްގެ ޖަޕާނުގެ މަތިން ދަތުރުކުރި ފުރަތަމަ ފަހަރެވެ.
Video of sirens in the northern region of Hokkaido Japan after a missile launch by North Korea which went over Japan and into the North Pacific Ocean. pic.twitter.com/5cAdrEGdRy
— Ice Analytics (@ice_analytics) October 3, 2022
ޖަޕާނުގެ ގައުމީ ޓީވީން ބުނި ގޮތުގައި އުތުރު ކޮރެއާ އާއި ޗައިނާ ގުޅޭ ސަރަހައްދާ ކައިރި ތަނަކުން ފޮނުވައިލި ބެލިސްޓިކް މިސައިލް 1000 ކިލޯމީޓަރު (621 މޭލު) މައްޗަށް އަރައި 4000 ކިލޯމީޓަރު (2485 މޭލު) ދުރަށް ދަތުރުކުރި އެވެ. އުދުއްސައިލިތާ 22 މިނެޓް ފަހުން މިސައިލް ވެއްޓުނީ ޕެސިފިކް ކަނޑުގެ ތެރެއަށެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ މިސައިލް ފޮނުވައިލީ، ކޮރެއާ ގަޑިން މިއަދު ހެނދުނު 7:23 ހާއިރެވެ. މެދު ރާސްތާގެ މިސައިލެއް ކަމަށް ބެލެވޭ އެ މިސައިލް ވައިގެ ތެރެއަށް އެރުމަށް ފަހު، އިރުމަތީ މިސްރާބަށް ދަތުރުކޮށް، ޖަޕާނުގެ މަތިން އަޅާފައި ދިޔައީ ޕެސިފިކް ކަނޑުގެ ސަރަހައްދަށް ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ.
އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލެއް މި އުދުއްސައިލީ، ދެކުނު ކޮރެއާގެ އަސްކަރިއްޔާ އާއި އެމެރިކާގެ ކަނޑުގެ ސިފައިން ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ކުރިއަށް ގެންދަނިކޮށެވެ. އުތުރު ކޮރެއާ އިން ބުނާ ގޮތުގައި އެމެރިކާ އާއި ދެކުނު ކޮރެއާ އިން ބާއްވާ އަސްކަރީ ފަރިތަކުރުންތަކަކީ، އުތުރު ކޮރެއާ އަށް އަރައިގަތުމަށް ވަމުންދާ ތައްޔާރީތަކެކެވެ.
މިއަދު އުތުރު ކޮރެއާ އިން އަޖުމަ ބެލި މިސައިލަކީ، އެ ގައުމުން 10 ދުވަހުގެ ތެރޭގައި އަޖުމަ ބެލި ފަސް ވަނަ މިސައިލެވެ. އަދި އެ ގައުމުން މިހާރު ސިލްސިލާ އަޖުމަބެލުންތަކެއް ފަށައިގެން ކުރިއަށް މިގެންދަނީ، އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަބެލުމަށް ތައްޔާރުވަމުންދާ ކަމަށް، ޖާސޫސީ މައުލޫމާތުގެ މައްޗަށް ބުރަވެ، ހުޅަނގުގެ ގައުމުތަކުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
04 October 2022
ތީއީ ވަރައް އުފާވެރި ހަބަރަކައް ވާނެ މިތާ ދުނިއޭގެ މާލީ ނިޒާމު ބަދަލު ކުރަން އުޅޭ މީހުނައް!
ޖުހާ،
04 October 2022
ސަލީމު އިދުރީސަށް އުފާވެރި ނުވިއަސް އަހަރުމެނަށް އުފާވެރި ހަބަރެއް.