ރިޕޯޓް

މަގާމުގެ ހައިސިއްޔަތުން ލިބޭ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް

އެކުވެރި ގައުމަކާ އެކު ރާއްޖެ އިން ބޭއްވި ރަސްމިއްޔާތެއްގައި އޮފިޝަލުންތަކެއް ބައިވެރިވަނީ: ކޮރަޕްޝަނަށް ހުރި ކަންކަން ހުއްޓުވާއިރު، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ގިފްޓް ޕޮލިސީއެއް އޮތުން މުހިއްމު.

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގަތުމުން ހަދިޔާ ދިނުމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. ސަގާފަތާ ގުޅޭ ހަދިޔާތަކާއި ސައިދިނުން ފަދަ ކަންކަން ނުކުރެވިއްޖެ ނަމަ ދެކެނީ އިހުތިރާމު ކުޑަކުރެވުނީ ކަމަށެވެ. ހަމަ އެގޮތަށް ދައުލަތުގެ އިސްވެރިން ރާއްޖެ އިން ބޭރަށް ވަޑައިގަތަސް ގައުމުތަކުގެ އާދަކާދަ ހަމަޖެހިފައި އޮންނަނީ މެހްމާންދާރީއާ ގުޅުވައި ހަދިޔާ ބަދަލުކުރާ ގޮތަށެވެ.

މި ފަހުން ރާއްޖޭގައި އެ ކަން ބަހުސަކަށް ވީ، ޒުވާން ވިޔަފާރިވެރިއެއްގެ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމުންނެވެ. މައްސަލައަކަށް ވީ ރައީސްގެ ދެކަނބަލުން "ކްލެވެންޓީ" ފިހާރަ ހުޅުމުގެ އިވެންޓުގައި ބައިވެރިވެވަޑައިގަތުމުގެ ފޮޓޯ އާއި މައުލޫމާތު ރައީސް އޮފީހުގެ ރަސްމީ އެކައުންޓްތަކުން އާއްމުކުރުމެވެ. އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހިތްވަރު ދެއްވުމަށް "ކްލެވެންޓީ" އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތަސް އުސޫލެއް ނެތި ވަކި ބަޔަކަށް އެ ފުރުސަތު ދެއްވާ ނަމަ ތަފާތު ކުރުމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

އެ އިވެންޓަށް ވަޑައިގަތުމުން, "ކްލެވެންޓީ" އިން ދިން އެ ބްރޭންޑުގެ ހަދިޔާ ރައީސް ގަބޫލުފުޅު ކުރެއްވުމުން އަދި މާބޮޑަށް ސުވާލު އުފެއްދި އެވެ. ރައީސަށް އެ ގޮތަށް ހަދިޔާ ގަބޫލުކުރެއްވިދާނެ ހެއްޔެވެ؟ ބަހުސަށް ހުޅުވައިލެވުނު ރަނގަޅު ސުވާލެކެވެ.

ކްލެވެންޓީ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެއް ބަޔަކަށް އެ އިވެންޓުގެ މަންޒަރު ސިފަވީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމާއި ލިބިގަތުމުގެ ގޮތުގަ އެވެ. ރައީސަށް އެ ހަދިޔާ ގަބޫލުފުޅު ނުކުރެއްވޭނެ ކަމަށް ހިޔާލުފާޅުކުރި މީހުން ތިއްބެވެ.

މިއީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކަމެއް ނޫނެވެ. މިހާތަނަށް ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އަމިއްލަ ފަރާތްތަކުގެ އެފަދަ އިވެންޓުތައް އިފުތިތާހު ކޮށްދެއްވައި ހަދިޔާ ގަބޫލު ކުރައްވާފައި ވެ އެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް މެ އެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު "ކްލެވެންޓީ" ގެ އިވެންޓަށް ރައީސް ވަޑައިގަތުމާއި އެތަނުގެ އިސްވެރިން ދެއްވި ހަދިޔާ ގަބޫލުފުޅު ކުރެއްވުމުގައި މައްސަލައެއް ނެތެވެ. މަގާމުގެ ހައިސިއްޔަތުން ދައުލަތަށް ލިބުނު އެއްޗެއްގެ ގޮތުގައި ރަސްމީ އިދާރާއަކާ ވެސް ހަވާލުކުރައްވާކަށް ޖެހިވަޑައެއްނުގަންނަވަ އެވެ.

ދައުލަތުގެ މަގާމުތައް ފުރުއްވާ ބޭފުޅުން ހަދިޔާ ގަބޫލުކުރެއްވުން ކުށަކަށް ވާ ހާލަތު ގާނޫނުގައި ބަޔާން ކޮށްފައި އެބަ އޮތެވެ. އެއީ ސަރުކާރުން ކަމަކަށް އެދި ކުރިމަތިލާފައި އޮތުމެވެ.

ގާނޫނުގައި ބުނެފައި އޮންނަނީ ސަރުކާރުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން ނުވަތަ ސަރުކާރަކާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނަމަ ނުވަތަ ކުރަން އުޅޭ މީހެއްގެ ކިބައިން އެކަމަކާ ބެހޭ ސަރުކާރުގެ މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކު އެއްވެސް ބާވަތެއްގެ އަމިއްލަ ކަމެއް ކޮށްދޭން އެދުމަކީ ނުވަތަ އެފަދަ މީހަކު ލައްވައި އަމިއްލަ ކަމެއް ކުރުވުމަކީ ކުށެއް ކަމަށެވެ.

އަދި އެކަމާ ގުޅުވައި ހަދިޔާއެއް ލިބިއްޖެ ނަމަ ލަސްނުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުވަތަ އެ އޮފީހުން ކަނޑައަޅާފައިވާ ފަރާތަކަށް ހަވާލުކުރަން ވާނެ އެވެ. އެފަދަ ހުށަހެޅުމެއް އަތުވެއްޖެ ނަމަ ވެސް އަންގަން ޖެހޭ ކަމަށް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތަސް އެފަދަ ހާލަތުތައް މެދުވެރިވާ ފަހަރުތަކުގައި ވެސް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ ތަނެއް ނުފެނެ އެވެ. އޮންނަނީ އެއްވެސް ހައްދެއް ނެތި ދޫކޮށްލައިފަ އެވެ.

ހޯމް މިނިސްޓްރީން ބޭރު ގައުމެއްގެ ވެރިއަކަށް ދޭން ތައްޔާރުކުރި ގުޅިއެއް.

ދައުލަތުގެ ވެރިންނާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކަށް ބެލިޔަސް ބޭރުގެ ދަތުރުތަކާއި ބައްދަލުވުންތަކުގައި މަގާމުގެ ހައިސިއްޔަތުން އަގު ބޮޑެތި ހަދިޔާ ލިބުނަސް ދައުލަތަށް އެ އިން ފައިދާވުމުގެ ބަދަލުގައި ހުޅުވިފައި އޮތީ ނުރަނގަޅު ނުފޫޒަކަށް މަގުފަހިވެދާނެ ފަދަ ދޮރެކެވެ.

ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން މިފަދަ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލެއް ވެސް ހޯދިފައެއް ނެތެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ހަދިޔާ ގަބޫލުކުރުން އެއްކޮށް ދޫކޮށްލެވިފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭގައި ހަމަތަކަކާއި އުސޫލްތަކެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު މަގާމުގެ ހައިސިއްޔަތުން ތަނަކަށް ދިޔައީމާ އަޅުގަނޑަށް ލިބޭ ކޮންމެ އެއްޗެއް އެއީ އަޅުގަނޑަށް ލިބޭ އެއްޗެއް ނޫން އަސްލުގައި. އަޅުގަނޑު ހުރި މަގާމު ނުވަތަ އަދާކުރާ ޒިންމާގެ ގޮތުން ލިބޭ އެއްޗެއް އަދި އެ ހަދިޔާ ލިބުނީ އަޅުގަނޑު ތަމްސީލު ކުރާ އޮފީހުން ކަމަކަށް އެދިގެން އުޅޭ ފަރާތެއްގެ ކިބައިން، ނޫނީ އެ އޮފީހާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަން އުޅޭ ފަރާތެއްގެ ކިބައިން ނަމަ އެ ފަހަރު އެ ހަދިޔާގައި ހިފުން އެއީ ގޯހެއް،" އޭނާ ވިދާޅުވި އެވެ.

އޭސީސީގައި ކުރިން ވަނީ މުވައްޒަފުން ހަދިޔާ ބަދަލުކުރުމާ ގުޅޭ އުސޫލެއް ހަދައިފަ އެވެ. އެފަދަ ޕޮލިސީއަކަށް މުއައްސަސާތަކުގެ ތެރޭގައި އަދިވެސް އަމަލުކުރުމަކީ މުހިއްމުކަން ޝާމިލް ފާހަގަކުރެއްވި އެވެ.

މަގާމުގެ ހައިސިއްޔަތުން ވަޑައިގަންނަވާ ތަންތަނުން ލިބޭ ހަދިޔާ ގަބޫލުކުރުން މައްސަލައެއް ނޫނެވެ. އޮންނަން ޖެހެނީ ހަދިޔާއަށް އަމަލުކުރާނެ ގޮތްތަކެކެވެ.

މައްސަލައަކަށް ވަނީ ހިޔާނާތަކަށް މަގު ހުޅުވޭ ހިސާބެވެ. ނުވަތަ ވިޔަފާރިތަކާއި އާއްމުންގެ މެދުގައި ވެސް ތަފާތުކުރުން ގެންގުޅެވޭ ހިސާބަށް ދިއުމެވެ. ހަމަހަމަ އުސޫލެއް އޮތް ނަމަ މައްސަލައެއް ނޫނެވެ. މިހާރު މައްސަލައަކީ އެފަދަ އުސޫލެއް ނެތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކްލެވެންޓީ ފިހާރަ އަށް ވަޑައިގަތީ ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ވަގުތު ދެއްވުނު ވަރަކުން ވިޔަފާރިތައް ކުރިއެރުވުމުގައި ހިތްވަރު ދެއްވަން ބޭނުންފުޅުވާތީ އެވެ. އެކަމަކު އެ ކަމުގައި އުސޫލެއް އެކުލަވާލައި ރައީސް އޮފީހުގައި އަމަލުކުރަމުން އަންނަ ކަމެއް އެ އޮފީހުން ސާފެއް ނުވި އެވެ.

ބައެއް ގައުމުތަކުގައި އޮންނަ ގޮތް

ބައެއް ގައުމުތަކުގައި ޕަބްލިކް އޮފިޝަލުންނަށް މަގާމުގެ ހައިސިއްޔަތުން އެކި ފަރާތްތަކުން ލިބޭ ހަދިޔާތަކާ ގުޅޭ އުސޫލުތަކެއް އެކުލަވާލައި އަމަލުކުރެ އެވެ.

އޮސްޓްރޭލިއާގެ އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގެ މަގާމުގައި ތިބޭ ބޭފުޅުންނަށް މަގާމުގެ ހައިސިއްޔަތުން ލިބޭ ހަދިޔާ 100 ޑޮލަރަށް ވުރެ ބޮޑު ނަމަ އެ ހަދިޔާއެއް އެ ގައުމުގެ އިންފޮމޭޝަން ކޮމިޝަން އޮފީހުން ބަލަހައްޓާ ރަޖިސްޓަރީގައި ރަޖިސްޓަރީ ކުރަން ޖެހެ އެވެ. މި ރަޖިސްޓަރީ އޮންނަނީ އާއްމުކޮށްފަ އެވެ.

އެ އުސޫލުގެ ދަށުން ޕަބްލިކް އޮފިޝަލަކަށް މަގާމުގެ ހައިސިއްޔަތުން ލިބޭ ހަދިޔާއަކާ ހަވާލުވަނީ ވެސް އެ އޮފީހުގެ ފަރާތުންނެވެ. އަދި އެ ލިބޭ ހަދިޔާއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބޭ އެއްޗެއްގެ ގޮތުގައި އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

ރަސްމީ ދަތުރުތަކާއި އެ ނޫން ހާލަތުތަކުގައި އެމެރިކާގެ ރައީސާއި ނައިބު ރައީސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް އާއި އެ މީހުންގެ އަނބިން ނުވަތަ ފިރިންނަށް ރަސްމީ ދަތުރުތަކާއި އެ ނޫން ހާލަތުތަކުގައި ލިބޭ ހަދިޔާތައް ބެލެހެއްޓުމަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޗީފް އޮފް ޕްރޮޓޮކޯލް ގެ ދަށުން 'ދަ ގިފްޓް އޮފީސް"ގެ ޒިންމާ އެވެ. އެ އޮފީހުން ކަނޑައަޅާ ގޮތަށް ހަދިޔާ ބަލަހައްޓަމުން އަންނައިރު, އެ ހަދިޔާއެއް ދިން ފަރާތާއި ލިބުނު ބޭފުޅަކާއި ފައިސާގެ އަގާއި ބެހެއްޓިފައި ހުރި ތަން އަދި ހަދިޔާ ބަލައިގަތް ސަބަބު އާއްމުކުރާ ލިސްޓެއްގައި ބަޔާންކުރަން ޖެހެ އެވެ.

އާދަކާދަ އާއި މެހުމާންދާރީގައި ހެޔޮ ހިތުން ހަދިޔާއެއް ބަދަލުކުރިޔަސް އެމެރިކާގެ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް އެ ހަދިޔާ ގަބޫލުކުރެއްވޭނީ ކަނޑައަޅާފައި އޮންނަ ހުދޫދުގެ ތެރޭގަ އެވެ.

އެ ގައުމުގައި އޮންނަނީ ހަދިޔާގެ އަގު 415 ޑޮލަރަށް ނާރާ ނަމަ ބަލައިގަނެވޭނެ ގޮތަށެވެ. އެކަމަކު އެ އަށް ވުރެ މަތި ނަމަ އޮންނަން ޖެހޭނީ ދައުލަތުގެ މިލްކިއްޔާތެއްގެ ގޮތުގައި ލިސްޓް ކުރެވި، ތަފުސީލު ފެންނަ ގޮތަށް ނޭޝަނަލް އާކައިވްސްގަ އެވެ. ގިފްޓް އޮފީހުން ބަލަހައްޓާ ހަދިޔާތައް ލިބުނު ރައީސުންނާއި އޭގެ އަގުތައް ވެސް ހުރީ އާއްމުކޮށްފަ އެވެ.

އެ ހަދިޔާ ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އެހެން އިހުތިޔާރެއް ދީފައި އޮވެ އެވެ. އެއީ, މާކެޓް ވެލިއުގައި ހަދިޔާ ގަތުމުގެ ފުރުސަތެވެ. އެމެރިކާގެ ހާރިޖީ ވަޒީރު ކަމުގައި ހިލަރީ ކްލިންޓަން ހުންނެވިއިރު، މިއަންމާގެ އިދިކޮޅު ލީޑަރު އަން ސަން ސޫޗީ ދެއްވި ހާރެއް, ގާނޫނުގައި ހަދިޔާ ގަބޫލުކުރައްވަން ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ބޮޑުވުމުން ޖެހިވަޑައިގަތީ އަމިއްލަ އަށް ބައްލަވައިގަންނަވާށެވެ.

އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި އަރަބި ގައުމުތައް ފަދަ ތަންތަނުން ދީފައިވާ އަގު ބޮޑު ހަދިޔާތަކުގެ ތަފުސީލު، ގިފްޓް އޮފީހުން އާއްމުކޮށްފައިވާ އިރު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ލިބިވަޑައިގަތް އަގު ބޮޑު ހަދިޔާތަކުގެ ތަފުސީލު ނޭނގުން މައްސަލައަކަށް ވެ ތަހުގީގު ވެސް ހިންގި އެވެ.

މިފަދަ އުސޫލަކަށް ގައުމުތަކުން އަމަލުކުރަމުން އަންނަނީ އަގު ބޮޑު ހަދިޔާތައް ހުށަހަޅައިގެން ގައުމުތަކުން ވެސް ފޯރުވާނެ ނުފޫޒަކުން ވެސް ދުރުވެ ތިބުމަށެވެ. އަދި ދާހިލީ ކަންކަމުގައި ވެސް މިފަދަ ކަމަކުން އަސަރު ފޯރިޔަ ނުދިނުމަށެވެ.

ދައުލަތުގެ އިސްވެރިންނަށް މަގާމުގެ ހައިސިއްޔަތުން ނުވަތަ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ދޭ ހަދިޔާގެ ތަފުސީލުތަކަކީ ރާއްޖޭގައި އެއްވެސް ސަރުކާރަކުން މިހާތަނަށް އާއްމުކުރަމުން އައި ކަމެއް ނޫނެވެ.

ރާއްޖޭގައި ނެތީ ކިތަންމެ އަގު ބޮޑު ހަދިޔާއެއް ލިބުނު ކަމުގައި ވިޔަސް އަމަލުކުރާނެ ގޮތެވެ. މަގާމުގެ ހައިސިއްޔަތުން ބަލައިގަނެވޭނެ އަދި ދައުލަތަށް ރައްދުކުރަން ޖެހޭނެ ހަމައެއް ކަނޑައެޅިފައި ނެތުމެވެ. އެކަން މާ ބޮޑު ކަމަކަށް ވަނީ ކަމަކާ ގުޅުވައި ފާޑުކިއުން އަމާޒުކުރަން ޖެހޭ ފަަހަރުތަކުގައި އެކަންޏެވެ. މި ފަހަރު ވެސް ވީ އެހެންނެވެ.

39 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑިތަކުރު

18 October 2022

ތަނެއްގައި ބަޔަކު ކަމެއް ކުރިޔަސް މިތާނގައި އެގޮތަށް އެކަން ކުރެވިދާނެބާވައެވެ. މީގެ ކުރީގައި ރާއްޖޭން ބޭރަށްކުރާ ދަތުރުތަކުގެ ޚަރަދަށް ދޫކުރެވޭ ފައިސާއިން ކުރެވޭ ޚަރަދުތަކުގެ ތަފްޞީލު ބިލުތަކާއެކު ހުށަހަޅައި ބާކީ ފައިސާ އަނބުރާ ދައްކަންޖެހޭއިރު، ފައިސާ ނުދައްކާތާ ޚަރަދުގެ ތަފްޞީލް ހުށަހަޅާ ބަޔަކުވެސް ނެތީމާ އެންމެފަހުން އޭގެ ތެރެއިން އާންމުކޮށް ދެވޭ ބައެއް ފައިސާގެ ބާކީދޭންވެސް ނުޖެހޭގޮތަށް ހެދީއެވެ.

The name is already taken The name is available. Register?

އީނު

11 October 2022

ބަލަގޭ މިގައުމުގައި މިހާރު ހުންނެވީ ކީރިތި ކުރައްވާ ރައީސުއެކޭ. ހަދިޔާ ދިނީމާ ކިހައި އުފައެއް ވާނެތާ. ކީރިތި ކުރުންވެސް ހުއްޓޫ އޭރަށް

The name is already taken The name is available. Register?

އައްޔަ ބޮޑޭ

11 October 2022

ބަލަތީ އެމީހަކައް ފެންނަ ގޮތަކައްޚިޔާލު ކޮއް ވާހަކަ ދައްކަން ޖެހޭކަމެއްތޯ, މީގެސާދަސަތޭކަ އަހަރުކުރިން މީހުންއުޅޭ އަވަށެއްގެ ޒަަކާތް ނެންގެވުމައް މާތްސަޙާބީ ބޭކަލަކު ވަޑައިގެންފަ އެނބުރި ވަޑައިގެން މިހިރީ ޒަކާތައް ލިބުނުތަކެތި ކަމަށާ ދެންމީ އެބޭފުޅާ އައް ދެއްވި ހަދިޔާކަމައް ބުނުއްވުމުން މާތްރަސޫލާ ހަދީސް ކުރެއްވީ ކީކޭތޯ,

The name is already taken The name is available. Register?

އެމްސް

11 October 2022

ކަންމަތީ ފިހާރައެއް އިފްތިތާޙުކޮށްދޭން ޤައުމެއްގެ ރައީސަކަށް ޖެހޭނީ ހާދަ ކަމެއް ނެތީމައޭ!

The name is already taken The name is available. Register?

ރާމިޒް އެވޯޑް

11 October 2022

މިގައުމުގެ އޮފީސްތަކުގެ ވެރިން ބޮޑެތި އިނާމުތަކަށް އަމިއްލަ ނަން ނޮމިނޭޓް ކުރަނީ އޮފީސް ނުވަތަ ކުންފުނީގެ މަސައްކަތް ދައްކައިގެން. އެކަމަކު އެވޯޑް ހޯދަނީ އަމިއްލަ ނަމުގައި. މިގޮތަށް ވެސް ވަރަށް ގިނަ މީހުން އެވޯޑް ހޯދާކަމަށް ވޭ!

The name is already taken The name is available. Register?

ގައުމީހަދިޔާ

11 October 2022

178 ރިޒޯޓު އޮތް ގައުމުގެ ރައްޔިތުން ޑޮލަރުގެ ފަހަތުން ސަލާންޖަހަމުން ބޭސް ސިޓީ ހިފައިގެން އެފްބީގައި ތިބެންޖެހިފައި މިވަނީ ތިޔަ ހަދިޔާ ދީގެން ގައުމުގެ ރިޒޯޓުތަކުގެ މިލްކުވެރިކަން 99 އަހަރަށް ބޭރުގެ ކުންފުނިތަކަށާއި ދޮޅަހަކަށް މަހުޖަނަކަށް ދީގެން ތިބުމުން. ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ރިޒޯޓްތައް ނުހިންގިގެން އުޅޭ ސަބަބަކީ ހަދިޔާ. ދެވޭ ހަދިޔާގެ ބޮޑުކަން.

The name is already taken The name is available. Register?

އެމްސް

11 October 2022

ޑޮލަރުގެ ކަޅު ބާޒާރަކީ ސީދާ ރިސޯރޓް ވެރިންނާއި، ގެސްޓް ހައުސްތަކުގެ އަހުލުވެރިންނާއި، މަސް ބޭރުކުރާ މީހުން ދަމަހައްޓާ ވިޔަފާރިއެއް! ރާއްޖެއަށްވުރެ މާބޮޑެތި ބިންތައް ހުންނަ ޤައުމުތަކުގަ، 35 އަހަރަށްވުރެ ދިގުމުއްދަތަކަށް ބިމެއް ނުދޭ!

The name is already taken The name is available. Register?

ސައްޕުޖަހާ

11 October 2022

މިޤައުމުގައި ޤާނޫނާ އެއްގޮތަށް އުޅެގެން ލިބޭ މަންފާއަކަށްވުރެ ގާނޫނާ ޚިލާފަށް އުޅުމުން ލިބޭ މަންފާ މާބޮޑު. ކުނިއުކަން ލާރި ނުދައްކާ ކުނިކޮތަޅު މަގުމައްޗަށް އެއްލާލީމަ މާ ރަނގަޅު. ސައިކަލްގަ ޖަހާ ސްޓިކާ ޖުރިމަނާ ނުދައްކާ ހުރީމަ ރައީސް މާފްކޮށްދޭ. ފްލެޓްތަކުގެކުލިވެސް ނުދައްކާ ތިބީމަ ކުލިވެސް މާފުކޮށްދޭނެ. ވެރިކަން ބޭނުންނަމަ މިހުރިހާ ކަމެއް އެބަކުރޭ. ދެން ކީއްކުރަން ގާނޫނަށް އުޅެންވީ.

The name is already taken The name is available. Register?

ތުއްތޭ

11 October 2022

ތިޔަ ކަން އެންމެ ބޮޑަށް ފެންނަނީ މިހާރު ފަސްޓު ލޭޑީއަކަށް ހުރި މީހާގެ ފަރާތުން. އޭނާގެ ސޯސަލް މީޑިއާގައި އެމަގާމަށް އޭނާ އައިއްސުރެ އޭނާ އާ ގުޅުން އޮންނަ މީހުންގެ ވިޔަފަރިތައް ވަރަށް ސިލެކްޓިވުކޮށް މާކެޓުކޮއްދޭ. ކަޑައެޅިގެން ބޮޑު ގޯހެއް. ޔާމީނު އަންހެނުން ނަންވާނީ އެކަމަކު އެއަށް ވުރެ ސޯލިހުގެ އަނބިމީހާ އެކުރާ ކަންކަން މާ ބޮޑަށް ވެސް ގޯސް. ނަސްރީނާމެންވެސް މިހެނެއް ނޫޅޭ. ނަސްރީނާއާ ލައިލާގެ ހުރޭ އެކަންކަމުގައި ވަރަށް ހަރުދަނާ މިންގަޑެއް.

The name is already taken The name is available. Register?

އީތަލް

11 October 2022

މެޑަމް ނަސްރީނާއާ މެޑަމް ލައިލާ ވަރުގެ އަހަރެން ރެސްޕެކްޓު ކުރާ ފަސްޓުލޭޑިންނެއް އަދި މިގައުމަކަށް ނާދޭ. ހޭވް ސޯ މަޗް ރެސްޕެކްޓު ފޯ ދެމް

The name is already taken The name is available. Register?

ގްރޭސް

11 October 2022

އައި ލާވް މެޑަމް ލައިލާ

The name is already taken The name is available. Register?

ރުކުރާ

11 October 2022

އައި ލަވް މެޑަން ފާތުން. ބެސްޓް ފަސްޓް ލޭޑީ.

The name is already taken The name is available. Register?

ދެއްކުންތެރިޔާ

11 October 2022

ވައިޓު ގޯލްޑާ އިތާމުތް ޖެހި ކަނފަތުގަލާ އެއްޗެހިވެސް ބައެއް ގައުމުތަކުގެ ވެރިން މިނިސްޓަރު ފެންވަރުގެ ބޭފުޅުންނަށް ހަދިޔާ އަށް ދީފަ ހުންނާނެ. ދެލޯފުޅެކޭ އަވަހަށް ބުނާނެ ތި އަވަހަށް ކާރަށްލާފަ މެޑަމާ ހަވާލްކޮށްލާށޭ މީވެސް ހިނގާފަ ހުންނާނެ ކަންކަން ތޯއްޗެއް

The name is already taken The name is available. Register?

ފޫހި

11 October 2022

ދައުލަތުގެ މަގާމުގެ ހައިސިއްޔަތުން ކުރާ ހުރިހާ ދަތުރެއްގައި ލިބޭ ހަދިޔާއަކީ ދައުލަތަށް ދައްކަންޖެހޭނެ ތަކެތި. އެމީހެއްގެ މަންމަގެ ގޭގައި ހުރެފައި ދިޔަނަމަ އެ ހަދިޔާއެއް ނުލިބޭނެ. އެހެންވީމާ އެ ހަދިޔާލިބެނީ އޭނާހުރި މަގާމަކާ ގުޅިގެން. އެހެންވީމާ އެތަކެތި ދައުލަތަށް ނަގާފަ ދައުލަތުގެ ބޭނުމަށް ބޭނުންކުރާނީ ނޫނީ ނީލަންކިޔަންޖެހޭނީ.

The name is already taken The name is available. Register?

އެމްސް

11 October 2022

އިނާމު ދިނީ މަޤާމުގެ ބަދަލުގަ ސީދާ މީހާއަށް ކަމަށް ވެއްޖެއްޔާ އެވާނީ އެމީހަކަށް ލިބުނު އެއްޗަކަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454