ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުން ކާރެއް ފާސްކުރަނީ: ޑްރަގް މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު މިރޭ ވަނީ ދޫކޮށްލާފައި --- ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2022 - 01:58
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ފުލުހުން އަމިއްލަ އަށް ރޭ ބަންދުން ދޫކޮށްލައިފި އެވެ.
ސްރީ ލަންކާގައި ދިރިއުޅެމުން އައި އަރުޝަދު މިދިޔަ ހަފުތާގައި ދުބާއީ އަށް ދިޔަ ތަނުން އެ ތަނުގެ އެއާޕޯޓުން ހިފަހައްޓައި އަނބުރާ ލަންކާ އަށް ފޮނުވައިލި އެވެ.
ލަންކާގެ އިމިގްރޭޝަނުގެ ޑިޓެންޝަނުގައި ފަސް ވަރަކަށް ދުވަހު ހުރުމަށް ފަހު މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ އައި އަރުޝަދު ދޫކޮށްލަން ރޭ ފުލުހުން ނިންމިޔަސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހައި ކޯޓުން ނެރުނެވެ. ރޭ ނެރުނު އެ އަމުރުގައިވާ ގޮތުން ހައި ކޯޓުގެ ހުއްދަ ނެތި އަރުޝަދަށް މާލެ އިން ބޭރަށް ނުދެވޭނެ އެވެ.
އަރުޝަދުގެ ޕާސްޕޯޓް ހިފަހައްޓަން ހައި ކޯޓުން އެންގީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައި ވާތީ އެވެ.
އެ މައްސަލައާ ގުޅިގެން އަރުޝަދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވަނިކޮށް، ފުލުހުން ރޭ އޭނާ ދޫކޮށްލާފައިވާތީ އެ ކޯޓުން ނިންމީ އޭނާގެ ބަންދާ މެދު އިތުރަށް ގޮތެއް ނިންމެން ނެތް ކަމަށެވެ.
އެކަމަކު، އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުކުރަން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
އަރުޝަދުގެ ގާނޫނީ ވަކީލު އަހުމަދު ނާޝިދު ކުރިން ވިދާޅުވެފައި ވަނީ އަރުޝަދު ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށާއި ބޭސްފަރުވާގެ މައުލޫމާތު ވެސް ކޯޓާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އަދި އަރުޝަދު ދުބާއީ އެއާޕޯޓުން ހިފެހެއްޓުމާ ހަމައަށް ވެސް ކޯޓުގެ އަމުރެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެެ.
"އެހާ ހިސާބަށް ޕާސްޕޯޓު ވެސް ހިފަހައްޓާފައެއް ނެތް. އޭނާ ހޯދަން ބޭނުންވެގެން ފުލުހުން އުޅޭ ކަމެއް ވެސް އެނގިފައެއް ނެތް،" ނާޝިދު ވިދާޅުވި އެވެ.
އަރުޝަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ. ނަމަވެސް އެ މައްސަލަ އަދި ވެސް ކޯޓުން ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ
13 October 2022
މާކުރިން އެނގޭ ތިކަންވާނީ ތިހެންކަން. މިހާރު ގައުމުގަ އަދުލު އިންސާފަކަށް ސިޔާމީހެއްގެ ބަހަކަށް އިތުބާރު ކުރާނެ މީހަކު ނެތް. ކުށްކޮށްފައިވާކަން އާންމުންނަށް ޔަގީންވާ ކޮންމެ މީހަކީ ދޫވާނެ މީހެއް.
ރަދީފު ބިން ރަފައިދާ
13 October 2022
އޭނާއާ އަދީބުއާ އެއްއެޕާޓުމެންޓެއްގާ ބަންދުކުރުމަށް ގޮވާލަން. އޭރުން ގައުމަށް ފައިދާހުރި އެތަށް ކަމަކާ އެމީހުން މަޝްވަރާކުރާނެ.
އިބޫދފ
13 October 2022
ހައިކޯޓުން ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރު ނެރެފައި ވަނިކޮށް ފުލުހުންނަށް ކޯޓުއަމުރާ ޚިލާފަށް ޢަމަލު ކޮށްފައި ވާތީ ކޯޓުން ފުލުހުންނަށް ފިޔަވަޅު އަޅަން ޖެހޭ. މަޖިލީހުން ވެސް މި މައްސަލަ ބަލަން ޖެހޭ
ޑައިރެކްޝަން
13 October 2022
ބޮޑުންގެ ފައިގަ ޗޭނުޖަހަން ސުޕުރީމުން ނެރުނު ޑައިރެކްޝަނަށް މިވީ ކިހިނެއް!
ކައްފާރާ
13 October 2022
ޢެސްސީ އިން ކައްފާރާ ދައްކަން ޖެހިފަ މިއޮތީ. ޢަވަހަ ޑައިރެކްޝަނެއް ނެރެލާ