މާލެ: ޖުލައި 10، 2020: އަނިޔާ ލިބިފައި ތިބި މީހުންނަށް ހިތްވަރު ދީ އިންސާފު ހޯދުމަށް އަޑުއުފުލާ ބޭއްވި މުޒާހަރާގައި ބަޔަކު ޕޯސްޓަރުތަކެއް ހިފައިގެން އަޑުއުފުލަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
20 އޮކްޓޯބަރ 2022 - 11:45
މީގެ ދެ އަހަރު ކުރިން އުމުރުން 15 އަހަރުގެ އޯޓިސްޓިކް އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ސާބިތުވެ، ދައުވާ ލިބުނު މީހާ 18 އަހަރަށް ޖަލަށްލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ރާއްޖޭގެ މެދުތެރޭގެ އަތޮޅަކަށް ނިސްބަތްވާ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން ޓެސްޓް ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަހެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ، އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އެއީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާ އެވެ.
ފުލުހުން މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހެޅުމުން އޭނާގެ މައްޗަށް ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއިން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ކުރީކޮޅު ތިން ދުވަހެއްގެ މަތިން އެ މީހާ އެ ކުއްޖާ ރޭޕް ކުރީ، އޭނާގެ ގޯއްޗެއްގައި ހަދާފައި ހުރި ކޮޓަރިއަކަށް އެ ކުއްޖާ ގެންގޮސްގެންނެވެ. އޭގެ އިތުރުން، އޭނާ ދިރިއުޅެމުން ދިޔަ އެ ކުއްޖާގެ އާއިލީ ގޭގެ ކޮޓަރިއެއް ތެރޭގައި ވެސް ޖިންސީ ގޯނާކުރި ކަމަށް ދައުވާގައިވެ އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްޔެ ހުކުމްކޮށްފައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންވެ، ދައުލަތުން ކޯޓުގައި އެދުނީ ދައުވާ ލިބުނު މީހާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ 18 އަހަރަށް ޖަލަށްލުމެވެ.
އެގޮތަށް އެދި ދައުލަތުން ފާހަގަކުރީ، އަނިޔާ ލިބުނު ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމާއި އޭނާގެ އިޖުތިމާއީ ހެދިބޮޑުވުން ހުންނަނީ ތިން އަހަރާއި ހަ މަހުގެ ކުއްޖަކާ އެއް ފެންވަރަކަށްކަން ސައިކޮލޮޖިކަލް އެސެސްމެންޓުން އެނގޭ ކަމެވެ. އަދި ދައުވާ ލިބުނު މީހާ އެ އަމަލު ހިންގީ އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގިހުރެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، އެ ކުއްޖާ އަކީ ބަލިވި އިނދެ ކުއްޖަކު ވިހެއުމުގެ ގާބިލުކަން ނެތް އިރު އެ މީހާގެ ސަބަބުން އެ ކުއްޖާ ބަނޑުބޮޑުވެ އެތަކެއް މެޑިކަލް ޕްރޮސީޖާތަކެއް ހަދަން ޖެހުނުކަން ދައުލަތުން ފާހަގަކުރި އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ދައުލަތުން އެދުނު ގޮތަށް އޭނާ 18 އަހަރަށް ޖަލަށްލުމަަށެވެ. އެކަމަކު، އޭނާ އެ މައްްސަލައާ ގުޅިގެން ބަންދުގައި ދެ އަހަރާއި ތިން މަހާއި 19 ދުވަސް ހޭދަކޮށްފައިވުމުން ތަންފީޒުކުރަން ޖެހޭނީ އެ މުއްދަތު އުނިކުރުމުން ބާކީވާ 15 އަހަރާއި އަށް މަހާއި 11 ދުވަހެވެ.
އަނިޔާ ލިބުނު ކުޑަކުއްޖާ ބަލިވެ އިނުމުން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަނޑުގައި އޮތް ދަރިފުޅު ވަނީ އެބޯޓުކޮށްފަ އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެ ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު، ކޯޓުގައި އޮތް މައްސަލަ ނިމެން ކައިރިވެފައި ވަނިކޮށް، ޖެންޑާ މިނިސްޓްރީއިން ވަނީ އާއިލާގެ އެދުމުގެ މަތިން އެ ކުއްޖާގެ ދައްތައެއްގެ ގާތަށް ފޮނުވައިފަ އެވެ.
އެ ކުއްޖާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހަޅައި އޭނާއަށް އިންސާފު ހޯދަން މަސައްކަތް ކުރި އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ މިއަދު "މިހާރު" އަށް ބުނީ، އެ މައްސަލައިގައި ޖަލަށްލި މީހާ ސަލާމަތްކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ. މައްސަލަ އަނބުރާ ގެންދަން ފައިސާ ހުށަހެޅުމުގެ އިތުރުން ކުއްޖާގެ ބަޔާން ބަދަލުކުރަން އުޅުން ފަދަ ކަންތައްތައް ވެސް އެކި ދިމަދިމާލުން ނުފޫޒު ފޯރުވައިގެން ކުރި ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ކޮއްކޮއަށް އިންސާފު ލިބޭނެ ކަމަށް ކުރިން ގަބޫލެއް ވެސް ނުކުރެ އެވެ. ނަމަވެސް، ޕީޖީގެ ވަކީލުންގެ މަސައްކަތުން ދައުވާ ސާބިތުވެފައިވާތީ އާއި ޖެންޑާ މިނިސްޓްރީިން ދިން އެހީތެރިކަމަށް ވެސް ޝުކުރުއަދާ ކުރި އެވެ.
އޭނާ ފާހަގަ ކުރި ގޮތުގައި، މައްސަލަ ފެންމަތިވި ދުވަހުން ފެށިގެން ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނީ މަލާމާތާއި ހަޖޫޖެހުމެވެ. އޭނާ ބުނި ގޮތުގައި، ކުއްޖާއަށް އިންސާފު ހޯދައިދިނުމުގައި ރަށުގެ އާންމުންގެ އެއްބާރުލުމެއް ނުލިބެ އެވެ. އަދި ކުރިމަތިވި ފުރައްސާރައިގެ ސަބަބުން އޭނާގެ މަންމަގެ ނަފްސާނީ ސިއްހަތަށް ވެސް އަސަރުކޮށްފައިވާ ކަމަށާއި އެކަމަށް ފަރުވާ ހޯދާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
20 October 2022
އިސްލާމީ ޝަރީއަތަށް ދިޔަނަމަ މިމައްސަލައިގައި ހިރާބާގެ ދައުވާކޮށް މަރަން ހުކުމް ކުރެވުނީސް. އަންހެނާގެ އިއްފަތްތެރިކަމަށްވުރެ އަގުބޮޑު އެއްޗެއް ފޭރިނުގަނެވޭނެކަމަށް ހިރާބާގެ އުސޫލުތަކުގެ ދަށުން އިލްކުވެރިން ދެކޭ. ރޭޕުގައި ގަދަފަދަކަން ދެއްކުމާއި ބިރުވެރިކަން އަދި އަނިޔާ ހިމެނޭނެ. ވީމާ ރޭޕްކޮށް އަންހެން ކުއްޖެއްގެ އިއްފަތް ފޭރުމަކީ ހިރާބާ.ނަމަވެސް އިސްލާމީ ޝަރީއަކީ ކަޑަ އެއްޗެއްކަމަށް ދެކިގެން އެކަމުން ސަލާމަތް ނުވެގެން މިއުޅެންޖެހެނީ.
ހާލޯ
20 October 2022
ޝަރުޢީ ހަމަތަކުން އެކަން ސާބިތު ކުރާނީ ކިހިނެތް ؟
ކުޑަކުއްޖަކު ވާނީ ކުޑަކުއްޖަކައް!
20 October 2022
ފޮޓޯގައި އިގިރޭސި ބަހުން ލިޔެފައި އެވަނީ އެވަނީ ވަރައް ބޮޑު ތެދެއް. ދުނިޔޭގައި ވަރައް ގިނަ މީހުންނައް އެކަން އޮޅުވާލައިގެން އެބައުޅޭ!
ޖަމީލުބެ
20 October 2022
އެބަ ރަނގަޅުވޭ. الحمد لله
އަނގަަދަ މިތުރުރު
20 October 2022
ދިވެހިން ހަމަ އެކަނި ތިކަހަލަ ކަންކަމުގަ ހަމްދަރުދީ ފާލު ކުރާނީ ސޯޝަލް މީީޑިޔާ އެކަނި! ވަރަށް ދެފުއް ކެހެރި ުނާފިގު ބަޔެއް ދިވެހުން ނަކީ.
ހާދަ ރަނގަޅު ބޭބެއެކޭ
20 October 2022
ކޮއްކޮއަށް އިންސާފު ހޯދައިދިނުމުގައި މަސައްކަތްކުރި ބޭބެއަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި! آمين
ޙަމުދު
20 October 2022
ދައުލަތުގެ ވަކީލުންގެ އަތްދަށުން ފަހުގެ ހުރިހާ ބޮޑެތި މައްސަލަތައް ސާބިތުނުވެ ގޮސްފައިވާތަން ފެންނަނީ. ވަކީލުގެ ހިތްވަރާއި މަސައްކަތުގެ ފުރިހަމަ ކަމަށް ސާބަސް.
ޕޮގުބާ
20 October 2022
18 އަހަރު ނުފުރޭ ކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބިރުބޮޑްކަމެއް އެކަމަކު 18އަހަރު ނުފުރޭ ކުއްޖާއަށް އޮވޭ މީހުންނަށް އަނިޔާ ކުރުމާއި ޖެއްސުންކުރުމާއި މީހުންނަށް މަލާމާތްކުރުމާއިި މީހުންގެ މުދަލަށް ގެއްލުންދިނުމާއި ވަށްކަން ކުރުމާއި ޒިނޭ ކުރުމާއި ރާބުއިމުގެ ހައްގު އޮވޭ އެއިން ކޮންމެ ކަމެއް ކުރިޔަސް އެމީހުންނަށް ދެވޭ އަދަބެއް ނޯވޭ އެކަންކަން ހުއްޓްވުމަށް މަސައްކަތް ކުރާ މީހުންންށް ދޭ އަދަބު އޮންނަނީ
މޮހިތު
20 October 2022
ކީކޭ ތިކިޔަނީ؟
ެައައިޝާ
20 October 2022
އެމީހުންނަށް ވެސް އަދަބުދޭ، ސާބިތުވީމަ. މި ކޭސްގަ އުޅެނީ އަމިއްލަ ނަފްސުވެސް ނުބެލެހެއްޓޭ ބަލި ކުއްޖެއް.
ގޯރުނުދޯރު
20 October 2022
ޕީނަލް ކޯޑް އެބަޖެހޭ ނޫންތޯ އިސްލާހްކުރަން! ކަމުގެ ޒާތަށް ބަލާއިރު ކުއްޖާއަށް ތިލިބުނީ އޭނަގެ ހަޔާތުގަވެސް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް. މަގޭ ނަޒަރުގަ ތި ފިރިހެންމީހާއަށް އަންނަންޖެހޭނީ ބުރަ މަސައްކަތާއެކު އުމުދުވަހުގެ ޖަލު ހުކުމެއް.
ތެދެއްމި
20 October 2022
ބ. އަތޮޅު އުތުރުބިތު ރަށެއްގަވެސް އެބައުޅޭ ގްރޭޑް 10 ގަ އުޅޭ ނަފްސާނީ ބަލި ކޮންމެވެސް ވަރަކައް ހުންނަ ކުއްޖަކައް ތިޔަކަހަލަ ކަމެއް ކޮއްގެން
ކަހެރުވައް
20 October 2022
އެބޯޓްކުރީ ބަނޑަށް ކިތައް މަހުގަތޯ؟
ސޭކުސްތާން
20 October 2022
ތިޔާއީ ހަމަ ކޮންމެހެން އަހަންޖެހޭ ވާހަކައެެއްތަ؟ ދިވެހިން ހަމަ ދިވެހިންގެ ގޮތުގައި