ދުނިޔެ / ސައޫދީ އަރަބިއްޔާ

މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން ޑޮލަރު ހޭދަކުރާނެ

08 ނޮވެމްބަރ 2022 - 12:47

"މެދުއިރުމަތީގެ ފެހި އިސްނެގުން" (މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވް) ތަރައްގީކޮށް ކުރިއެރުވުމަށް، ސައޫދީ އަރަބިއްޔާ އިން 2.5 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވެއްޖެ އެވެ.

"މެދުއިރުމަތީގެ ފެހި އިސްނެގުން" އަކީ، އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމުމުގެ މަގްސަދުގައި، ސައޫދީ ވަލީ އަހުދުގެ އިސް ނެންގެވުމުގެ މަތިން، 2021 ވަނަ އަހަރު ބާއްވަން ފެށި މަހާސިންތާއެކެވެ. މިއީ މެދުއިރުމަތީގެ ތިމާވެށީގެ މައްސަލަތަކާ މެދު ގައުމުތަކުގެ ވެރިންގެ ފެންވަރުގައި މަޝްވަރާކުރުމަށް އިންތިޒާމުކުރި މިފަދަ ފުރަތަމަ ސިލްސިލާ މަހާސިންތާ އެވެ.

މި ސިލްސިލާގެ ފުރަތަމަ މަހާސިންތާ ބޭއްވީ އޮކްޓޫބަރު 25، 2021 ގައި ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގަ އެވެ. މިއަހަރުގެ މަހާސިންތާ ބޭއްވީ މިސްރުގެ ޝަރްމުއް ޝައިޚްގައި، ނޮވެމްބަރު 7 ވަނަ ދުވަހު އެވެ.

މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ސައޫދީ ވަލީ އަހުދު ވިދާޅުވީ، މެދުއިރުމަތީގެ ފެހި އިސްނެގުން ހަގީގަތަކަށް ހެދުމަށްޓަކައި، ސައޫދީ އަރަބިއްޔާ އިން މުހިންމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި ހަރަކާތުގެ މައި މަރުކަޒު ސައޫދީ އަރަބިއްޔާގައި ގާއިމުކޮށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 2.5 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ސައޫދީން ހާސިލުކުރަން ނިންމާފައިވާ އެއް ކަމަކީ، 2050 ވަނަ އަހަރުގެ ނިޔަލަށް، ސައޫދީ އަރަބިއްޔާ ނެޓް ޒީރޯ ގައުމަކަށް ހެދުމެވެ. އެކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ވަރަށް ގިނަ މަސައްކަތް ކުރާނެ ކަމަށް ވަލީ އަހުދު ވިދާޅުވި އެވެ.

ނެޓް ޒީރޯ ކުރުމަކީ، ތެޔޮ އަންދާ އިންޖީނު ހިންގުމުން އެ ގައުމަކުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ޖައްވަށް ދޫވިޔަ ނުދީ ހިފެހެއްޓޭ ވިހަ ގޭހުގެ މިންވަރު އެއް ހަމަ ކުރުމެވެ.

މެދުއިރުމަތީގެ ފެހި އިސްނެގުމުގެ މައިގަނޑު އަމާޒަކީ، މެދުއިރުމަތީގެ ގައުމުތަކުގައި ހިންގާ އިންޖީނުތަކާއި ކާރުޚާނާތަކުން ޖައްވަށް ބޭރުވާ ވިހަ ދުމުގެ 60 ޕަސެންޓް އުނިކޮށްލުމެވެ. މެދުއިރުމަތީގެ ގައުމުތަކުން މި މިންވަރަށް ވިހަ ގޭސް މަދުކޮށްލެވިއްޖެ ނަމަ، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ 2.5 ޕަސެންޓް މަދުވެގެން ދާނެ އެވެ.

ނޮވެމްބަރ 7، 2022: މިސްރުގެ ޝަރްމުއް ޝައިޚްގައި ބޭއްވި، މެދު އިރުމަތީގެ ފެހި އިސްނެގުމުގެ ދެ ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ) މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

މީގެ އިތުރުން މުޅި މެދުއިރުމަތީގައި 50 މިލިއަން ގަސް އިންދައި ހެއްދުމަށް ވެސް، ސައޫދީން ވަނީ ކަނޑައަޅައިފަ އެވެ. އަދި ސިނާއީ ކަންކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންކޮށް، ތަބީއީ ގޮތް ގެއްލިފައިވާ 200 މިލިއަން ހެކްޓަރުގެ ބިމުގެ ބަދަލުގައި، ހަމަ އެ މިންވަރުގެ ބިމެއް ގަސްގަހާގެހިން އާރާސްތުކުރުމަށް ވެސް ސައޫދީން ވަނީ ނިންމައިފަ އެވެ.

ސައޫދީ ވަލީ އަހުދުގެ ބެއްލެވުމުގެ ދަށުން، ފަށާފައިވާ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މުހިންމު އަނެއް ކަމަކީ، ސައޫދީގައި އުފައްދާ ކަރަންޓުގެ 50 ޕަސެންޓަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމުގައި، 2030 ވަނަ އަހަރުގެ ނިޔަލަށް ހެދުމެވެ. މި މަޝްރޫއާ އެކު ކަނޑައަޅާފައިވާ އަނެއް އަމާޒަކީ، އެ ގައުމުން ޖައްވަށް ބޭރުކުރާ ވިހަ ދުމުގެ ތެރެއިން، 2035 ވަނަ އަހަރުގެ ނިޔަލަށް 44 މިލިއަން ޓަނުގެ ވިހަ ގޭސް މަދުކުރުމެވެ.

ސައޫދީ ވަލީ އަހުދު ވިދާޅުވި ގޮތުގައި ސަރަހައްދީ ގައުމުތަކުގެ އެއްބާރުލުމާއި ބައިވެރިވުން ފުރިހަމައަށް ލިބިއްޖެ ނަމަ، މެދުއިރުމަތީގައި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ދުމުގެ ތެރެއިން 670 މިލިއަން ޓަނުގެ ދުން މަދުކުރެވޭނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454