10 ނޮވެމްބަރ 2022 - 12:50
އިނގިރޭސި ތަޚުތުގެ ސިޔާދަތީ ވެރިކަމުގެ ދަށުގައި، އޮސްޓްރޭލިޔާ އޮތުމާ މެދު އެ ގައުމުގެ ރައްޔިތުންގެ މެދުގައި ކުރެވެމުން އައި ބަހުސްގެ އަޑު ކެނޑިފައި އޮތުމަށް ފަހު، އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވުމާ ގުޅިގެން، އެ ބަހުސްގެ އަޑު އަނެއްކާ ވެސް ގަދަވާން ފަށައިފި އެވެ. އޮސްޓަރޭލިޔާއަކީ ސިޔާސީ ގޮތުން މިނިވަން ދައުލަތެއް ނަމަވެސް، އެ ގައުމަކީ އިނގިރޭސި ރަސްކަމުގެ ސިޔާދަތީ ވެރިކަމުގެ ދަށުގައި އޮތް ގައުމެކެވެ.
އެހެންކަމުން އެ ގައުމުގެ ރައްޔިތުން މިހާރު ބޭނުންވަނީ، އެ ގައުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހަމަ އެ ގައުމުގެ ރައްޔިތަކު ބެހެއްޓުމަށެވެ. އަދި އިނގިރޭސި ރަސްކަމުގެ އާދަކާދަތަކާ ދުރުވެ، ޖުމްހޫރީ ވެރިކަމެއް އެ ގައުމުގައި ހިންގުމަށެވެ.
އޮސްޓްރޭލިޔާގެ މިހާރުގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒްގެ ސަރުކާރުން މިހާރު ނިންމާފައިވަނީ، އިނގިރޭސި ތަޚުތުން ވަކިވެ އަމިއްލަ ސިޔާދަތީ ޖުމްހޫރީ ވެރިކަމެއް ގާއިމުކުރުމާ މެދު އާންމު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
މި ކަމާ ގުޅޭ ގޮތުން އޮސްޓްރޭލިޔާ ސަރުކާރުން ބުނީ، އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންގެ މަޝްވަރާ މަޖިލީހެއް އުފެއްދުމާ ބެހޭ ގޮތުން، އާންމު ރައްޔިތުންގެ މެދުގައި ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަށް ފަހު، ތަޚުތުން ވަކިވުމުގެ ވޯޓު ވެސް ނަގާނެ ކަމަށެވެ. އަސްލު ވަޒަންވެރިންގެ މަޝްވަރާ މަޖިލީހަކީ، ގައުމީ ކަންކަމާ ގުޅޭ ގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށާއި ސަރުކާރަށް ލަފާ ދިނުމަށް، ގާނޫނުއަސާސީން ބާރު ދީގެން އުފައްދަން ނިންމާފައިވާ މަޖިލީހެކެވެ.
އެހެންކަމުން މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އެ މަޖިލިސް އުފެއްދުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ބުނެ އެވެ.
"އެއަށް ފަހު އޮސްޓްރޭލިޔާގެ ކުރިއެރުމަށްޓަކައި ދެން ކުރަން އޮތް ކަމަކީ، އަހަރެމެންގެ ގައުމުގެ މީހަކު އަހަރެމެންގެ ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ބެހެއްޓޭނެ ގޮތެއް ހެދުން. އަސްލު ވަޒަންވެރިންގެ މަޝްވަރާ މަޖިލިސް އުފެއްދުމުގެ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ، ދެން އޮންނާނީ އެ މަސައްކަތާއިގެން ކުރިއަށް ދިއުން،" އެސިސްޓެންޓް މިނިސްޓާ ފޯ ދަ ރިޕަބްލިކް އޮފް އޮސްޓްރޭލިއާ، މެޓް ތިސްޓްލެތުވެއިޓް ވިދާޅުވި އެވެ.
"އޮސްޓްރޭލިއާގެ ރައްޔިތުންނަކީ އަހަރެމެންގެ މި ގައުމުގެ ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާއި އަހަރެމެންގެ ވެރިކަމުގެ ނިޒާމު ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު އަބަދުވެސް ވިސްނައި އެފަދަ ކަންކަން ކުރަން ބޭނުންވާ ބައެއް،" މެޓް ތިސްޓްލެތުވެއިޓް ވިދާޅުވި އެވެ.
"މިއީ އަހަރެމެންގެ ދައުލަތުގެ އެންމެ މަތީ ވެރިޔާ އައްޔަންކުރާނެ ގޮތުގެ ނިޒާމެއް ބިނާކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް. ހަމައެފަދައިން އަހަރެމެންގެ ކުރިމަތީގައި ހުރި އިޚްތިޔާރުތަކުގެ ބޭނުން ހިފައިގެން، އަހަރެމެންގެ ރައްޔިތުންގެ ހައްގުތަކާއި އަހަރެމެންގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާކުރުމަށް ވެސް ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެއް."
އޮސްޓްރޭލިޔާގެ އަސްލު ވަޒަންވެރިންނަކީ މީގެ 60000 އަހަރު ކުރިން ފެށިގެން އެ ބައްރުގައި ވަޒަންވެރިވެ އުޅެމުން އައި މީހުންނެވެ. މިހާރު އޮސްޓްރޭލިޔާގައި ދިރިއުޅެމުންދާ ދޮން ނަސްލުގެ މީހުންނަކީ 1788 ގައި އިނގިރޭސިން އޮސްޓްރޭލިޔާ އަށް އަރައި އެތަން އަޅުވެތިކުރުމަށް ފަހު، އިނގިރޭސި ވިލާތުންނާއި ޔޫރަޕްގެ އެހެން ގައުމުތަކުން އޮސްޓްރޭލިޔާ އަށް ހިޖްރަކޮށް އޭގެ ފަހުން އުފެދިފައިވާ އާބާދީއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުނިޔޭގެ އުމުރަކީ 6 ހާސް އަހަރު. ދެނޯ!
11 November 2022
މިކަހަލަ ވާހަކަ ނުޖަހަބަލަ. 60،000 އަހަރު ނުޖެހޭނެ. އަރަބި ލިޔުންތަކުން އެބައިގޭ ދުނިޔޭގެ އުމުރަކީ އެންމެ 6،000 އަހަރު ކަމައް. ދެން ކިހިނެއް 60،000އ ކުރިން މީހުން އުޅޭނީ! 6،000 މެދު ސުވާލު ކުރުންވެސް މަނާ. އެއީ އަރަބި ބަހުން އޮތް ގޮތް.
އެމީހ
14 November 2022
ތިއޮތީ އެނގިފަ. އަރަބިން ނޭ ތިގޮވާނަގަނީ ލިޔުމެއް އެއްޗެއް ކިޔާފިންތަ؟ 6000 ކިޔަނީ ޔަހޫދީން.
ކްރޫސް
10 November 2022
ކޮބާތަ އަސްލު ވަޒަންވެރިންނަކީ؟ އޮސްޓްރޭލިއާއަކީ ކުރިން ޕަޕުއާ ނިއުގިނީގެ މީހުން އުޅުނުތަަނެއް. އެތަނަށް އިނގިރޭސި ބޮޑެތި ކުށްވެރިން ގެންގޮސް މަރުވާން ދޫކޮށްލީމަ އެތަނުގެ އަސްލު ވަޒަންވެރިންނަކީ އޮސްޓްރޭލިއާ މީހުންނަށް؟؛ އެމެރިކާގަ ތިބި ރެޑްއިންޑިއަނުން އެތަނުން ބޭރުކޮށް އެތަނަށް ދިޔަ އިނގިރޭސިން ވޭތަ އެމެރިކާގެ އަސްލު ވަަޒަންވެރިންނަށް؟ ޒިމްބާބްވޭއަށް އަރައި އެތަނަށް އިނގިރޭސިން ދޮންބިސް އެޅީމަ އުފެދުނު ދޮންމީހުން ވޭތަ އެތަނުގެ ވަޒަންވެރިންނަށް؟
ހުނޫ
13 November 2022
އަސުލު ޥަޒަންވެރިންނަކީ އޮބޮރޮޖިނިން، އެމީހުން މިހާރުވެސް އުޅެމުންދޭ!
އަބޫބަކުރުބެ
10 November 2022
ތިކަންކުރާން މާލަސްވެސްވެއްޖެ.