ގއ. ދާންދޫގެ ސީސަން ދޯނި މަސްވެރިކަމަށް ދުއްވަނީ: މަސްދޯނިތަކުގައި ފެން ގަނޑުކުރާ ނިޒާމު ހަރުކުރަން ލޯނު ދޫކުރަން ވަނީ ނިންމައިފައި.
14 ނޮވެމްބަރ 2022 - 20:59
ފެން ފިނިކުރާ ނިޒާމު، ލޯނު އުސޫލުން 200 މަސް ދޯންޏެއްގައި ހަރުކުރުމަށް މާލީ އެހީތެރިކަން ދޭ ޕްރޮގްރާމެއް ސަރުކާރުން މިއަދު ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ މަސްވެރިން ބާނާ މަސް ތާޒަކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމް ހިންގުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑް ބޭންކް (އައިއެސްޑީބީ) އާ އެކު ދިވެހި ސަރުކާރުން މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ދިވެހި މަސްވެރިން މަސް ބާނައިގެން ދަތުރުކުރަނީ: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ.
• މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުން.
• މަސްދޯނިތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ހަރުކުރުން.
ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ އެ ޕްރޮގްރާމްގެ ފައިނޭންސިންގެ ކަންކަން ހަމަޖައްސާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭސްސިން ސްކީމެއް މެދުވެރިކޮށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 200 މަސްދޯނީގައި އެ ސިސްޓަމްތައް ހަރުކުރަން ނިންމާފައިވާ ކަމަށާއި ފުރަތަމަ ފިޔަވަހީގައި 100 ދޯނީގައި އެ ސިސްޓަމްތައް ހަރުކުރާނެ ކަމަށެވެ. ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ މި އަހަރާއި އަންނަ އަހަރު ކަމަށް ވެސް ބުންޏެވެ.
ދިވެހި މަސްވެރިން މަސް ބާނަނީ: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ.
އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ. އަންނަ މަހު 31 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް (/https://portal.sdfc.mv) މެދުވެރިކޮށެވެ.
• ރަޖިސްޓަރީ ކޮށްފައިވާ، މަސްވެރިކަން ކުރުމުގެ ލައިސެންސް އޮތް މަސްދޯންޏަކަށް ވުން.
• އުޅަނދު މިހާރު ވެސް ބޭނުންކުރަނީ މަސްވެރިކަމަށް ކަމުގައި ވުން.
• 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށް ވުމާއި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭ ދޯންޏަކަށް ވުން.
• ފެންފިނިކުރާ ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ޖާގަ ހުރި އުޅަނދަކަށް ވުން.
ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ކުރިން ނަގާފައިވާ ނަމަ އެ ފެސިލިޓީއަކަށް ވާ ފައިސާ އަނބުރާ ދައްކަމުންދާ ގޮތާއި ދައްކާފައިވާ ގޮތަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ލޯނު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ މަރުހަލާއެއްގެ ތެރެއިންނެވެ.
ފުރަތަމަ މަރުހަލާގައި އެ ލޯނަށް އެދޭ އެޕްލިކޭޝަންގައި ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، އުޅަނދާއި ބެހޭ މައުލޫމާތާއި އެ އުޅަނދަށް ބޭނުންވާ ސިސްޓަމްތައް ދެނެގަންނާނެ ކަމަށް ބުންޏެވެ. ދެވަނަ މަރުހަލާ އަށް ދަނީ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ.
މަޑަވެލި ސީ ވޯލްޑް މަސް ދޯނި: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ. -- ޓްވިޓާ ފޮޓޯ: މަސްވެރިންގެ ޖަމިއްޔާ
މިނިސްޓްރީން ބުނީ، ދެވަނަ މަރުހަލާގައި އެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސްޑީއެފްސީގައި ލިސްޓުކޮށްފައިވާ ސަޕްލަޔަރުންގެ ލިސްޓުން ހިޔާރުކުރުމުގެ ފުރުސަތު އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް ދެވޭނެ ކަމަށެވެ. އަދި އެ މަރުހަލާގައި ހިޔާރުކުރާ ސިސްޓަމަށް ބިނާކޮށް، ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅޭނެ ކަމަށް ވެސް ބުންޏެވެ.
އެ ސިސްޓަމް ހަރުކޮށްދިނުމާއި ހިންގުމާ ގުޅޭގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ސުންގަނޑު ހަމަވުމުގެ ކުރިން ވެސް، ފޯމު ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކޮށް، އެ އުޅަނދެއްގައި ސިސްޓަމް ހަރުކުރެވޭނެ ފައިސާ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
15 November 2022
މީއަނެއްކާ ކޮންރޭވުންތެރިކަމެއްގެ ދަށުން ކުރާކަމެއްބާ؟ ހަމަ ހިތަށްއެރީ ކުރަންވީ!!! މިއޮތީވާ ސަރުކާރެއް.
އިބްރ
15 November 2022
އައިސް ޕްލާންޓޭ ނުކިޔައި ކިރާފައިވާ މަސްކޮޅަށް ފައިސާކޮޅު ދޫކޮށްބަލަ. އެލާރިކޮޅުން އަހަރެމެން އަމިއްލައަށް އައިސްޕްލާން ހަރުކޮށްފާނަން. ފަސްއަހަރު ނިމިގެންދަނީ ހުވަފެންދައްކަމުން. ދައުލަތް ދަވައި ހުސްކޮށްފި. ކުރާނަމޭ ކޮށްދޭނަމޭ ބުނުންފިޔަވައި ކުރިކަމެއް ފެންނާކަށެއް ނެތް.
އަންނައުނު
15 November 2022
ބާނާ މަހުގެ ލާރި ކޮޅު ނުލިބި، ނުއަގުގައި ތެލޮގަނެ، ބަނދަރު ފިހާރައިގަ ދަރަނި އުނބައްޖަހައިގެން ވީ ތިޔާ ސިސްޓަމެއް ހަރުކުރަންތާ؟؟!!
އެދުރުކަލޭގެފާނު
15 November 2022
ތިޔަ ސިސްޓަމަކީ ސަރުކާރުން ވަކި ކުންފުންޏަކަށް ފައިދާއަށް ރިޔާސީ އިންތިޚާބަށް ފައިސާ ހޯދަން ކަމަށް ހިތުން ހިންގާ ކަމެކެވެ. ނަމަވެސް ތިޔަކަމުގައި ބައިވެރިވާ އެންމެން އަދި މިނިސްޓަރުވެސް މިސަރުކާރުގެ ވެރިންނަށް ދޭނީ ލަނޑެވެ. ތިޔަ ފައިސާއިން އިބްރާހިމް މުހުއްމަދުގެ ސަރުކާރު ދެމެހެއްޓުމަށް ފަސްޕަސަންޓްވެސް ނުލިބޭނެއެވެ. ނަމަވެސް ސަރުކާރު ބޮޑު ބަދުނާމެއްވެ ސިޔާސީގޮތުން ލިބޭގެއްލުން ބޮޑުވާނެއެވެ. ސިޔާސީވެރިން ބުއްދިވެރިންނަށް ވަނީ މަދުންނެވެ.
ވީވާ
15 November 2022
އިބުރާހިމު ތަފާތު މީހެއް އިއްުޔެ މަސްވެރިންގެ މޫނަށް އަތްދަމާފަ ސުޕުރޭ ޖެހީ މިއަދު ހޭލާފަ ކަލަންޑަރ ބަލާލިއިރު 2023 އަންނަނީ އަވަހަސް 100 ދޯއްޔަްއް އެހީވަާން ވައުދުވަނީ ނުފުއްދުނަސް
ޒުވާން މަސްވެރިޔާގެ އެހީތެރިޔާ
14 November 2022
ތި ކީއްކުރާ މުއައްސަސާ ތަކެއް. ފިޝަރީޒް އަށް ނޭނގޭތަ މަސްވެރި ކަމަށް ރެޖިސްޓްރީ ކޮށްފައިވާ 15 ޓަނުގެ މަސް ރައްކާ ކުރާ ކިތައް ދޯނި ކަމެއް ރާއްޖޭގައި ދުއްވަނީކީއެއް. ބޭނުންވާ ރިސާޗްކޮށް ޑާޓާތައް ރައްކާ ކުރާނަމަ ތި އުސޫލުގެ ޝަރުތެއް ވެސް އޮންނާކަށް ނުޖެހޭނެ. ވަގުތުން ވަގުތުން ވަގުތަށް ޕްލާންޓް ބަހައްޓަން ޖެހޭ އޮޑި ފަހަރު އިނގޭނެ. ބޭކާރު ލާރިކާ މުއައްސަސާ ތަކެއް. ކޮންމެ މީހެއްވެސް ބުނާނެ މައިނާރޭ ދަށުނާރޭ މަސްވެރިކަމަކީ
ދޮން
14 November 2022
ކިހިނެތްބާ ފިނިކުރަނީ ސޯލާސިސްޓަމުން އެކަން ވާނެބާ... ޕޮލިސީ ލެވެލް ބޭފުޅުންނަށް ދޯނި ފަހަރުގެ ސައިޒް އެގޭބާ...ފޮނުވަނީ
އިބްރ
15 November 2022
ސޯލާއިން ފިނިކުރާނީ. ސޯލާތަށް ހަރުކުރާނީ އިންޑިއާގެ ނިއުދިއްލީގެ ދެކުނުން އެއޮތް ބޮޑު ވަލުތެރޭގައި. ރާއްޖޭގެ މަސްދޯނިތަކުގައި ހަރުކޮށްފައިވާ ޕްލާންޓްތަކުގެ ބެޓެރީތަށް ޗާޖްކުރާނީ އޮންލައިންކޮށް. އަދި މިސަރުކާރު ނިމުމުގެކުރިން އޮންލައިންކޮށް މަސްކިރޭނެގޮތްވެސް ވޭތޯބަލަނީ. އޭރުން މަސްވެރިންގެ އެކައުންޓްތަށް ޑޮލަރުންފުރި ބަންޑުންވާނެކަމަށްފެނޭ.