ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މިއުވާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
01 ޑިސެމްބަރ 2022 - 16:13
ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ނަގާ ޓެކްސް ބޮޑުކުރިއަސް އެ ތަންތަނަކަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ސަރުކާރުން މިއަދު އެދިއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރީ ކަމާބެހޭ ފަރާތްތަކާއި އިދާރާތައް އަދި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކަމާގުޅޭ ފަރާތްތަކާއެކު ދިޔައީ އޭގެ ބައްދަލުވުންތައް ބާއްވަމުން ކަމަށާއި އެއީ ކުއްލިއަކަށް ގެނައި ބަދަލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އަންނަ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ނިންމުމުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޓީޖީއެސްޓީ ބޮޑުކުރުމުން 50-100 މިލިއަން ޑޮލަރު ގެއްލުން ލިބޭނެ އެވެ.
ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ހިމެނޭ މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ، ޓީޖީއެސްޓީ ބޮޑުކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި، ޓެކްސް ބޮޑު ކުރުމުން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ބުކިންތައް ކެންސަލްވުން އިތުރުވާނެ އެވެ. އެއާއެކު، ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޝަނަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުންޏެވެ.
ޓެކްސް ބޮޑުކުރުމުން ތިން މަސް ތެރޭގައި 50 މިލިއަން ޑޮލަރުގެ ގެއްލޭނެ: މަޓާޓޯ https://t.co/L5k74NA5CN
— Mihaaru (@Mihaarunews) November 24, 2022
އެކަމަކު، މިއުވާން ވިދާޅުވީ ޓެކްސް ރޭޓަށް ބަދަލު ގެނައުމުން އިގުތިސޯދަށް ނުވަތަ އެކި ދާއިރާތަކަށް ކުރާނެ އަސަރުތައް ބެލުމަށް އިމްޕެކްޓް އެސެސްމަންޓް ހެދި ކަމަށެވެ. އެ އެސެސްމަންޓުތަކުން ދެއްކީ ޓޫރިޒަމް ދާއިރާއަށް ގެއްލުމެއް ނުލިބޭނެ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ތެރޭގައި ރިސޯޓުތައް ބަންދުކުރުމުން އެ ދާއިރާ އަށް ސަރުކާރުން އެހީތެރިކަމާއި ލުއިތަކެއް ދިނެވެ. އޭގެ ތެރޭގައި، ރިސޯޓުތަކުގެ ބިމު ކުލި އަދި މުވައްޒަފުންނަށް އިންމަކް ސަޕޯޓު ދިނުން ހިމެނެ އެވެ.
ޓޫރިޒަމް ޕްރޮމޯޓުކުރަން ރިސޯޓުތަކާއެކު އެމްއެމްޕީއާރުސީން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް އިއާދަވިއިރު އެ އިންޑަސްޓްރީއާ ގުޅިގެން ސަރުކާރުން ކަންކަން ކޮށްފައިވާ ކަން މިއުވާން ފާހަގަކުރެއްވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މިއުވާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ތަނުގައި ވެސް އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑަސްޓްރީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިއުވާން ވިދާޅުވެ، އޭނާ ވަނީ އިގުތިސޯދު ދަމަހައްޓަން ކުރަންޖެހޭ މަސައްކަތްތަކުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް އެހެން އިންޑަސްޓްރީތަކަށް ވެސް ބޭނުންވާ އެހީތެރިކަން [ސަރުކާރުން] ފޯރުކޮށްދޭނެ. އެއާއެކު ފާހަގަކޮށްލަން، ފަތުރުވެރިކަމުގެ ދާއިރާ އިން މި އިގުތިސޯދީ ހާލަތު މި ވަގުތަށް އޮތް ގޮތަށް ގެނައުމަށް ފަތުރުވެރިކަމުގެ އިންޑަސްޓްރީން މި ފޯރުކޮށްދިން އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ،" މިއުވާން ވިދާޅުވި އެވެ.
"އެކަމުގައި ދެއްވި އެއްބާރުލުން މި ކަމުގައި ވެސް ދެއްވާ، އިގުތިސޯދު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެ ބޭފުޅުން އެއްބާރުލުން ދެއްވުމަށް އަޅުގަނޑުމެން އެދެން."
ޓެކްސް ރޭޓަށް ބަދަލު ގެންނަން ޖެހޭކަން އައިއެމްއެފާއި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުތަކުގައި ވެސް ބުނެފައި ވެ އެވެ.
މިއުވާން ވިދާޅުވީ ޓެކްސް ރޭޓަށް ގެނައި ބަދަލަކީ ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރަން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަދި ރާއްޖޭގެ ތަޖުރިބާކާރުން ވެސް ފާހަގަކުރައްވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
02 December 2022
އެންމެފަހުން ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ކުރަނީ.. ޖީބަށް ލެވޭވަރު ކުޑައީ، ދަތުރުތައްމަދީ، ޑިޕްލޮމެޓިކް މިޝަންތަކުގައި މީހުންމަދީ، އެމީހުންގެ މުސާރަ ކުޑައީ، އިނާޔަތްތައް މަދީ، ސިޔާސީ މީހުން މާބޮޑަށްމަދީ، މަތިހަށިފުއްޕާ މުވައްޒަފުންގެ މުސާރަދޭންވެސް ލޯނު ނެގޭލެއްމަދީ، ކަށްޕަޅިންލައްވާ ބުރިޖު .......
އިސްލާހު
02 December 2022
އިޤްތިޞާދު ދަމަހައްޓަން ސަރުކާރު އިސްތިއުފާ ދެއްވަންވީނޫންތޯއެވެ؟؟؟؟ ކަންކަން ކުރެވޭނީ ކަންކަން ކުރަން ދަންނަމީހުންނަށެވެ.
ވަޠަނުގެ ބާޒު
02 December 2022
ގެއްލުން މާނަކުރާގޮތް އެނގޭބާ. ތިމާމެނަށް ލިބޭފައިސާއިން ޚަރަދު ކަނޑައި ޖީބަށް ލެވެނީ 12 މިލިޔަނަށްވެ، ޖީއެސްޓީ ބޮޑުކުރުމުން 8 މިލިޔަނަށް ދަށްވުމަކީ ގެއްލުމެއް ނޫން. އެއީ ޤައުމީ ޙާލަތުގައި ބައިވެރިވުން. ގެއްލުމަކީ ކުރާޚަރަދަށްވުރެ ލިބުން ދަށްވުން. މިހާރުވެސް މުއްސަނދިންގެ ޖީބު ބޯކަމުން އާންމުންނަށް ހުރިހާ ގެއްލުމެއް މި ވަނީ.
ދިއްދޫމީހާ
01 December 2022
ފުރަތަމަ ދައުލަތައް ދައްކަންޖެހޭ ލާރި ނުދައްކާ ތިބި މީހުން އަތުން އެލާރި ހޯދާބަލަ ރައީސް އޮފީހުގައިވެސް ތިބޭނެ އޭގެ މީހުން އަލީ ސިޔާމްގެ ކުންފުނިން ދައްކަން ޖެހޭ ކިތައް މިލިޔަން ޑޮލަރު އެބައޮތްތޯ؟ އެމީހުން އަތުން އެލާރި ހޯދަން ނުކެރެނީ ކީއްވެގެންބާ؟
ގުދުގުދުލީބެެއްޔާގެ ތެދުބަސް
01 December 2022
އެމީހުން އެއްބާރުލުމެއްނުދޭނެ. ޖެހޭނީ ގާނޫނީ ކަސްތޮޅެއް އަލުވާން. އޭރުން އެއްބާރުލުންދޭނެ.
ގެދާނޯމޮސް
01 December 2022
ރައީސްއޮފީހުގެ ބަދިގޭގެ ކަންކަން ބޭނުންވާ ތަކެތި ގާސިމްގެ ރިސޯޓުތަކުން ހިލޭނަގާށެވެ. އެނޫން ތަންތަނުން ނަގާ ފީތަށް ސަރުކާރައް ނުދޭގޮތަށް ހަނޑޫ ހަކުރު އޮފީހަށް ފޮނުވާދީފާނަމެވެ.
ހަވާސާ
01 December 2022
ނޫސް ކޮންފަރެންސް ނިންމާފަ ދާ ގޮތައް 100 މީހުން ގޮވައިގެން ވާރލްޑް ކަޕް ބަލަން ރައްޔިތުންގެ ޓެކުސް ފައިސާގަ ނައްޓާލާ..އޭރުން ހުންނާނީ އިގުތިސާދު ރަނގަޅުވެ، ރިޒާވު އަތުފަތު ނުޖެހޭހިސާބައް ގޮއްސަ..
ސަންމުގު
01 December 2022
ބަލަ އިގްތިސާދު ދަމަހައްޓަން ފުރަތަމަ އެއްބާރުލުން ދޭންވީ ސަރުކާރަކުންނު. 1. ސިޔާސީ މަގާމުތަކަށް މީހުން އިތުރު ކުރުން ހުއްޓާލާ. ބޭކާރު މީހުން ދޫކޮށްލާ. 2. ފ. މަގޫދޫ، ރ. އަލިފުށީގައި ޅިޔަނުންނަށް ދޭ ހަދިޔާ އަކަށް އަޅާ ބޭކާރު އެއަރޕޯޓް ކަހަލަ ޕްރޮޖެކްޓްތައް މިވަގުތަށް ހުއްޓާލާ. 3. ސަރުކާރު ކުންފުނިތަކުން ހިންގާ ބޭކާރު ޕްރޮޖެކްޓްތައް ހުއްޓާލާ. އަދި ރީސްޓްރަކްޗަރ ކުރޭ. 4. މަތިމައްޗަށް ދަރަނި ނެގުން ހުއްޓާލާ ދަރަނި ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަވާ
މަޓީޓ
01 December 2022
މަޝްވަރާކުރި. އެކަމަކު އަހަރެމެން ލަފާދިނީ 1 އަހަރުފަހުން ނަގާގޮތަށް. ކަންނިންމީ މަޝްވަރާގެ އުސޫލަކުންނޫން.