ނަޝީދު މީގެ ކުރިން ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ޑިސެމްބަރ 2022 - 15:55
ކުދި ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުން ފަދަ ކަންކަމުގެ ބަދަލުގައި ބޮޑެތި ރަށްރަށުގެ ބޯހިޔާވަހިކަމަށް ބަޖެޓުން ހޭދަކުރުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ގދ. ތިނަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ނަޝީދު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ފަހު، އާއްމުންގެ މީހެއްގެ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވީ ބައެއް ފަހަރު، ކޮންމެހެން ކުރަން ނުޖެހޭ އެތައް ކަމެއް ސަރުކާރުން ކުރާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމެރިކާގައި 90 ޕަސެންޓް މީހުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބެ އެވެ. ރާއްޖޭގައި ވެސް 47 ރަށުގައި ނަރުދަމާ އެޅުމުން އެ މިންވަރަށް ހިދުމަތް ލިބުނަސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަކީ ކުދިކުދި ރަށްރަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ރަށްރަށަށް ވެސް ގެންނަނީ އެއް ބާވަތެއްގެ ނިޒާމެއް. މުޅި ރަށް ކޮނެފައި، މުޅި ރަށުގައި ހޮޅި އަޅާފައި، ހަމަ މި އެއް އުސޫލެއް މި ގެންގުޅެނީ. އެހެންވީމަ، ނަރުދަމާގެ ނިޒާމެއް 60 މީހުން ދިރިއުޅޭ ރަށެއްގައި ހަދަން އެބަ ދޭ 69 މިލިއަން ރުފިޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ ކުދި ރަށްރަށުގައި ފެނާއި ނަރުދަމާއަށް އެ ފައިސާ ހަރަދުކުރުމުގެ ބަދަލުގައި މީހުން ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫއުތަކަށް އެކަންކަން ހަރަދުކުރަމުން ދިއުމެވެ.
ގދ. އަތޮޅުގައި އާބާދީ ބޮޑު ތިނަދޫގައި ހުންނަވައި ކުދި ރަށްރަށާ ގުޅޭ ގޮތުން ދެއްކެވި ވާހަކައާ މެދު ހިތްހަމަނުޖެހުނު މީހުން ސިފަކުރީ އެއީ ތަފާތު ކުރުމުގެ ވާހަކައެއް ކަމަށެވެ. އެއީ ބޮޑެތި އާބާދީތަކުގެ ވޯޓަށް ބައްލަވައި ދެއްކެވި ވާހަކައެއް ކަމަށް ވެސް ސޯޝަލް މީޑިއާގައި އެ ވާހަކަފުޅާ ދެކޮޅަށް ހިޔާލުފާޅުކުރި މީހުން ލިއެފައިވެ އެވެ.
ވޯޓު ވެއްޖިއްޔާ ކުދި ރަށްރަށް ވެސް އޯކޭ.-- ނަންނަ ވަހީދުގެ ނަމުގައި ކުރި ޓްވީޓުގައި ބުންޏެވެ.
"ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ. އެކަމަކު ދެކޮޅު ނުޖެހޭ ވާހަކަ ވެސް ދައްކައިގެން ނުވާނެ. އެންމެންގެ ރުހުން ހޯދާކަށް. ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި މަސައްކަތް ކުރާނަމެކޭ ބުނުމަކީ "އެއެއް މިއެއް ބަލައި ނުލާ އުޅެ ގަންނާނަމޭ ބުނާ ގޮތަށް ބުނެވޭ ކަމެއްގެ ގޮތުގައި،"
ބޯހިޔާވަހިކަން ތިނަދުއަށް ބޭނުންވާ ކަމަށާއި ފާއިތުވި ހަތަރު އަހަރު އެކަން ނުވެ އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި އެ މަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެއް ބަޔަކު އުފެއްދި ސުވާލަކީ އެމްޑީޕީ ޕްރައިމަރީގައި ކުދި ރަށްރަށުގެ މީހުންގެ ވޯޓު ބޭނުން ނުވަނީ ހެއްޔެވެ؟
"ވޯޓު ވެއްޖިއްޔާ ކުދި ރަށްރަށް ވެސް އޯކޭ." ނަންނަ ވަހީދުގެ ނަމުގައި ކުރި ޓްވީޓުގައި ބުންޏެވެ.
ހަސަން ސައީދު ނަމަކަށް ކިޔާ މީހަކު ބުނީ ނަޝީދު މިފަދަ ކޮށި ވިސްނުމެއް ގެންގުޅެފާނެކަމަށް ނުދެކޭ ކަމަށެވެ. ކުޑަ ރަށްރަށުގައި ވެސް ދިރިއުޅެނީ ހަމަ ދިވެހި ރައްޔިތުން ކަމަށާއި އެ މީހުންނަށް ވެސް އަސާސީ ކަންކަން ފޯރުކޮށްދޭން ވާނެ ނޫންތޯ އޭނާ ސުވާލު އުފެއްދި އެވެ.
"ހަމަހަމަކަން ކޮބައިތޯ ރައީސް. ކުޑަވިޔަސް އަސާސީ ހައްގެއް ނޫންތޯ." މައުމޫން އިބްރާހިމްގެ ޓްވީޓުގައިވެ އެވެ.
ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކީ ރަށުގެ ސައިޒަށް ބަލައިގެން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނޫން ކަމަށެވެ.
"ލ. ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވިދާޅުވެފައިވާނެ ރައްޔިތަކަށްވީތީ ވަކި ތަފާތެއްނެތި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަން ވިސްނަން ޖެހޭނެކަމަށް. އެއީ، ކޮންމެ ރަށެއްގައި އުޅުނަސް ކޮންމެ ސިޓީއެއްގައި އުޅުނަސް ކޮންމެ ގެއެއްގައި އުޅުނަސް ކޮށްދޭންޖެހޭ ކަންތައްތަކެއްކަމަށް. އޭގެތެރޭގައި ފެނާއި ނަރުދަމާ ހަމަހަމަކޮށް ލިބުމާއި ދަރިންނަށް ތައުލީމު ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ރައީސް ގަބޫލުކުރައްވާ ގޮތުގައި ދެންހުރި ކަންތައްތައް ތަރުތީބުވާންޖެހޭނީ އޭގެ ފަހުންނެވެ.
"ނަރުދަމާ ނާޅައި، ބޭސް ފަރުވާ ފޯރުކޮށްނުދީ، ތައުލީމު ލިބޭނެ މަގެއް ނެތި އަޅާ ފްލެޓްތަކެއްގައި އުޅޭނީ ކިހިނެއްތޯ؟" އޭނާ ސުވާލު އުފެއްދެވި އެވެ.
ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު ދެން އިސްކަންދޭންޖެހޭނީ، ރައީސް މީގެ ކުރިން ވިދާޅުވި ވާހަކަފުޅުތަކަށް ހަވާލަދެއްވައި މިއުވާން ވިދާޅުވީ އެ އުފެދިފައި އޮންނަ ގޮތުން ކުޑަ ރަށަކާއި ބޮޑު ރަށަކާ ދޭތެރޭގައި ނޫނީ ގުދުރަތީ ގޮތުން ހުރި މައްސަލަތައް ހައްލު ކުރުމަށް ތަފާތުކުރަންޖެހޭ ތަފާތުކުރުންތައްކޮށް، ބަޖެޓް ސަޕޯޓްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
07 December 2022
ރަށުގައޮތް ބިންކޮޅު ދޫކޮއްލާފަ ފުލެޓަކައް ބަދަލުވާނީ މޮޔައެއް! އެއްވަރު ބިމެއްދީގެން ބަޔަކު ބަދަލު ކުރެވިދާނެ އެހެންނަމަ ވަރައް ބޭއިންފުވެވެނީ މާލެ ތޮއްޖެހިފަ އޮތަސް އެޙެންރައްތަ ބަދަލުނުވޭ ހަމަ ކޮންމެވެސް ސަބެއް އޮވެގެން ހާލުގަވެސް މީހުން ރައްތަކުގަ އުޅެނީ
ފިކުރު
06 December 2022
ކުދި ރައްތަކުގައި ފެނާއި ނަރުދަމާ އެޅީމާ އެއީ ތަރައްގީކަމަށް ވިދާޅުވާނަމަ އޭނާގެ ބުއްދި ސަލާމަތުން ހުރިތޯ ސުވާލު އުފެދެއެވެ. ހަގީގަތް ހާމަކުރުމަކީ ވަރަށް މަދުބަިޔަކަށް ނޫންގޮތަކަށް ވާކަމެއްނޫނެވެ. ތައުލީމާއި ސިއްޚީ ނިޒާމު ކޮބައިތޯ ؟ ވަސީލަތްތަށް ހުރި ބޮޑެތި ރަށްތަކަށް ބަދަލު ވެވެން އޮންނަނީނަމަ އެކަން ކުރުމަކީ އާއިލާތަށް އިތުރަށް ތަރައްގީވެ ދުޅަހެޔޮ ދަރިފަސްކޮޅަށް ލިބިގެންދާނެ އުފާވެރި ދިރިއުޅުމަކަށް ވާނެއެވެ.
ދާއިރާ
06 December 2022
ރަ ނަޝީދު ބޭނުންފުޅުވާ ބަރުލަމާނީއާއި ބޮޑުވަޒީރުކަމަށް އެމްޑީޕީގެ ގިނަ ބަޔަކާއި ރާއްޖޭގެ އެތަކެއް ރައްޔިތުންނެއް ނޫނެކޭ ބުނީމަ. ރ ނަޝީދާއި ސަޕޯޓަރުން އެމްޑީޕީގެ އެހެން ލީޑަރުންނާއި މެމްބަރުންނާ ދިމާލަށް ކާޅާއި ކުކުޅަށް ބޯވަޔަކުން ކުރަތްޕަކުން އަދިވެސް ބޭނުންހާ ގޮތަކަށް ގޮވާ ފަލީހަތްކޮށް އަގުވައްޓާލަން މަސައްކަތްކޮށް މުޅި ޕާޓި ޚަރާބުގެ މަގަށް ފުރޮޅާލާފަ އެ ހުރިހާ ކަމެއް ރ ސޯލިހާއި އެެހެން ފަރާތްތަކާ ނޫސްވެރިންގެ ބޮލަށް ކަންޑާލީމަ އޭތި ވަރަށް ކަޑަ.
ގުއްލު
06 December 2022
ނަޝީދު އެ ވިދާޅުވަނީ ބޮޑެތި ރަށްރަށުގައި ހައުސިންގ ޔުނިޓްތައް އަޅާ ކުދި އާބާދީތައް އެތަންތަނަށް ބަދަލުކުރާ ވާހަކަ. ދުރު ޕްލޭނަކަށް ބަލަންޏާ މީ ރާއްޖެއަށް އެންމެ ރަގަޅުގޮތަކީ. އޭރުން ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ފަހި ފުރުސަތުތައް ފަހިވެގެން ދާނީ.
ގުއްލޭ
06 December 2022
ކޮންއިރަކުތޯ ނަޝީދުގެ ތަރުޖަމާނަކަށް ވެވަޑައިގަތީ؟
ރާއްޖެތެރޭމީހުން
05 December 2022
ނަޝީދަކީ އެއްވެސް އިރެއްގައި ރަށްރަށު މީހުންނަށް މާ ހެޔޮބޮޑު ބޭފުޅެއްނޫންކަން މިހާރު ގިނަ ރަށްރަށުމީހުން ދަނޭ.
ވަގުތު
05 December 2022
ހަމަ ސަތޭކައިގެ ވާހަކައެެއް. ރާއްޖޭ ސިޔާސީ ގިނަ ލީޑަރުން ގެންދަނީ ރައްޔިތުން ގަމާރު ހައްދައިގެން ފައިދާ ނަގަމުން.
ާއުނިމާ
05 December 2022
އާބާދީ އެއްފަސްކުރުމަށްވުރެ ބުއްދިވެރި އަދި އިގްތިސޯދީގޮތެއްނެތް...ކުދި ރައްރަށުގަ ހުރިހާ ޚިދުމަތްތަކެއް ނުދެވޭނެ...ދެން ޤަބޫލުކޮއްބަލަ
ބަޑިތަކުރު
05 December 2022
ކިތަންމެ ބޭނުންވިޔަސް މާލެއާ އެއްފެންވަރެއްގައި މީހުންއުޅޭ ހުރިހާރަށެއް ތަރައްގީއެއް ނުކުރެވޭނެ. ވޯޓަށް އަސަރުކޮށްފާނެތީ އެއްފަސްކުރުމުގެ ވާހަކަ ހުއްޓާލާފައި ހަމަހަމަކަމުގެ ވާހަކަ ދެއްކިޔަސް ރާއްޖޭގެ މުސްތަގްބަލަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެއްފަސްކުރުމެވެ. ކުދިރަށްރަށުގެ މީހުން ބިންބޮޑެތި ރަށްރަށަށް ބަދަލުކުރުން. އެކަމަކު މިކަމަކީވެސް މީހުންގެ ދަހިވެހިކަމާއި އަމިއްލަ އެދުން ބޮޑުކަމުން އެއްވެސް ސަރުކާރަކަށް ފަސޭހަކަމަކަށް ނުވާނެ.
ހާޖާނު
05 December 2022
މާލެއަކީ މާ ފެންވަރު ރަނގަޅު ތަނަކީތޯ؟
ލުތުފީ
05 December 2022
ކިތަންމެ ހިންމަނުޖެހުނަސް، 200 މީހިންގެ ކުދި އާބާދީތަކަށް ހުރިހާ ޚިދުމަތތެއް ފޯރުކޮށްނުދެވޭނެ. އެއްފަސްކޮށްގެން، ޕްލޭންޑް ސިޓީތަކެއް ހަދައިގެން ނޫނީ ތަރައްގީ ނުކުރެވޭނެ. ރާއްޖޭގެ މީހުން އުޅޭރަށްތައް އެބަޖެހޭ މަދުކުރަން. ހުރިހާވެސް މައްސަލަޔަކީ ތުރުރާސްތާގެ ތަރައްގީގެ ޕްލޭނެއް ނެތުން. ކޮންމެ ވެރިކަމެއްގަ އެބަޔަކު ހިތުހުރިގޮތަކަށް ތަރައްގީގެ ޕްލޭންތައް ބަދަލުކޮށް، އެއްފުށުން އަނެއްފުށަށް ޖަހަމުން އަންނަތަން ފެންނަނީ.
ބޮޑްވަޒީރް
05 December 2022
ތިމަންނާއަށް ވެރިކަމުގެ އާރާއި ބާރު ލިބެން އޮތް ހަމައެކަނި ގޮތަކީ ބަރުލަމާނީ ވެރިކަމަކަށް މިރާއްޖެ ފުރޮޅާލައިގެން ކަން އަމިއްލައަށް ޤަބޫލުކުރެވުނީމާ އެކަމަށް ރެއާއި ދުވާލު މަސައްކަތް ކުރުމަކީ އެއީ މައްސަލައެއްނޫން. މައްސަލައަކަށް މިވަނީ ދެދުވަހު އެކައްޗެއް ނުކިޔޭތީ. ހަތަރުގަޑު ފޮޓޯއޭ އާއިލީ ގާތް ކުއްޖެކޭ ބުނެ ބޮޑާހާކާފައި މިހާރު ނޫސްވެރިން ގޯސްކުރުން ހުތުރު. ސިކުނޑި ދޮވެލާފައި ތިބި ކުދީން ވޯޓު ދިނަސް ރާއްޖޭގެ ގިނަރައްޔިތުން ނޫނެކޭ ބުނާނެދީ