ރާއްޖޭގެ ރަށެއް: އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ދޫކުރި ރަށްތަކުން ދައުލަތަށް ހަތަރު ބިލިއަން ރުފިޔާއާ ގާތަށް ގެއްލުންވެފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައި.
06 ޑިސެމްބަރ 2022 - 10:05
ސިއްރު ޑީލްތަކަކުން ނުއަގުގައި ރަށްތައް "ބަހާލީ" އެވެ. ރައްޔިތުންނަށް ދެއްކީ ގާނޫނީ އިމުގެ ތެރޭގައި ހިންގި މުއާމަލާތެއްގެ ގޮތުގަ އެވެ. އެކަމަކު ފޮރުވިފައި އޮތީ ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން ހޯދާ ނާޖާއިޒު ފައިދާއިން ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ މި ބޮޑު ހިޔާނާތް 2014 ގައި ފަޅާއަރައިގެން މިހާތަނަށް ހިންގި ތަހުގީގުތަކުން ޝައްކެއް ނެތް މިންވަރަށް މުއައްސަސާތަކަށް މިކަން ސާފެވެ!
މައްސަލައަކީ ރައްޔިތުންނަށް އިންސާފު ލަސްވުމެވެ. މި ހިޔާނާތަށް އަށް އަހަރުވި އިރު ފެނުނީ ކުށްކުރި މީހުންނަށް މި ސަރުކާރުގައި ވެސް ހިމާޔަތް ލިބުނު ތަނެވެ. މަންފާވި މީހުން ނުހައްގު މުއްސަނދި ކަމުގައި ބާރުވެރިކަން އަނެއްކާވެސް ހޯދައިފި އެވެ.
ހިޔާނާތުގެ އެ ރަށްތައް ދައުލަތަކަށް ނުނަގަ އެވެ. ރަށްތަކުގެ ހަމަ އަގެއް ވެސް މިހާތަނަކަށް ނުހޯދެ އެވެ. ތަހުގީގު މިހާ ދިގުލައިގެން ދިއުމުން އޮތީ ކޮން އުއްމީދެއް ހެއްޔެވެ؟
Khiyaanaaiytherivi faisaa negimeehunnaa eku PGO in adhi sarukaarun vanee vaki gothakah ebbasvefa. Faisaa hoadhan maabodah lasvejje. Faisaa anburaa hoadheynekamakah nufene. https://t.co/s6EEvWlMgy
— Ahmed Muizzu (@AhmedMuizzu) December 1, 2022
ހިޔާނާތުގެ ތަހުގީގު ލަސްވާތީ ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވާފައި.
● ޓޫރިޒަމްގެ ބޭނުމަށް 37 ރަށާއި 12 ފަޅު ދޫކުރި.
● އެއީ ޖޭވީ މޮޑެލްގެ ދަށުން (ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިން ވިޔަފާރިކުރާ ގޮތަށް).
● މި ރަށްތަކުން އެމްއެމްޕީއާރުސީއަށް ވަންނަންޖެހޭ ފައިސާ (ޗެކު ބީއެމްއެލްއިން އެންޑޯސްކޮށް) ޖަމާކުރީ އެސްއޯއެފްގެ އެކައުންޓަށް.
● ނަގުދު ފައިސާ އަށް ބަދަލުކޮށް, ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓަން ބޭނުންކުރި.
● މުޅި ދައުލަތް ފައިސާއިން ކޮންޓްރޯލްކުރި.
● މަންފާވި ލިސްޓުގައި 267 އަށް ވުރެން ގިނަ މީހުން ހިމެނޭ.
● މި ހިޔާނާތުން ދައުލަތަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ލިބެންޖެހޭ.
● މިހާތަނަށް އެއްވެސް ފައިސާއެއް ނުހޯދޭ.
ކުރިން މުއައްސަސާތައް ގުޅިގެން ހިންގި އެކަމަކު މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެކަނި ހިންގާ އެމްއެމްޕީއާރުސީގެ ތަހުގީގުގެ އެންމެ މުހިއްމު އަމާޒަކަށް އޮތީ މި ރަށްތަކުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމެވެ. އެކަމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަނެ, މުއައްސަސާތަކާ އެކު މި ފަހުން ކުރިއެރުންތަކެއް ވެސް އެ ކޮމިޝަނުން ހޯދައިފި އެވެ.
ރާއްޖޭގެ ރަށްތަކެއް
ކޮމިޝަނުން އަދިވެސް ދޭ ޔަގީންކަމަކީ ރަށްތަކުން ދައުލަތަށް ގެއްލުނު ފައިސާ ހޯދޭނެ އެވެ. އެކަމުގައި ނަތީޖާ ވެސް ނެރެދޭނެ ކަމަށެވެ.
ހިޔާނާތް ބަލަން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ރަށްތަކުން ދައުލަތަށް 3.4 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. ފަޅުތަކުން ލިބެން ޖެހޭ އަދަދު ހިމަނައިފި ނަމަ އެ އަދަދު 4 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެ އެވެ. މިއީ ރައްޔިތުންގެ ވަސީލަތްތައް ނަހަމަ ގޮތުގައި ދޫކުރި މީހުންގެ އަތުން ހޯދަން ޖެހިފައިވާ އަގެވެ.
މި ޚިޔާނާތް ހިންގި ގޮތް ފަޅާއެރުމާ އެކު ގިނަ ބަޔަކަށް ގަބޫލުކުރެވުނު ގޮތުގައި އެ ރަށްތައް ދައުލަތަށް އަނބުރާ ނަގަން ޖެހޭނެ އެވެ. އެއީ، އެމްއެމްޕީއާރުސީގެ ޑީލްތަކުގައި ރަށްތައް ހޯދާފައި ވަނީ ނުއަގުގައި ކަން އެ ހޯދި ފަރާތްތަކަށް ވެސް އެނގޭނެތީ އެވެ.
ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން ބިޑަކާ ނުލައި ރަށްތައް ދޫކުރީ ސަރުކާރުގެ ކުންފުންޏަކާއި ސަރުކާރާ ޖޮއިންޓް ވެންޗާއެއް ހެދުމަށް ފަހު އެ ރަށްތައް އެހެން ފަރާތްތަކަށް ބަދަލުކޮށްގެންނެވެ.
ރަށްތައް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރީ، އެ ކުންފުނީގެ ހިއްސާ އޮންނަ ގޮތަށެވެ. އެކަމަކު އެމްއެމްޕީއާރުސީން އެ ރަށްތައް ވިއްކާލީ ރަށް ތަރައްގީކުރުމުގައި އެ ކުންފުނީގެ ހިއްސާ ނޯންނަ ގޮތަށެވެ. ޓޫރިޒަމް މިނިސްޓްރީއާ އެކު ވީ އެއްބަސްވުމާ އެމްއެމްޕީއާރުސީން ހިލާފުވަނީ އެ ހިސާބުންނެވެ.
މި ރަށްތައް ދޫކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަމަށް ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފަހު އެކުލަވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ރިޕޯޓުގައި ވެސް ވެ އެވެ.
މި ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގައި ރިސޯޓް ތަރައްގީކޮށްފި އެވެ. އަނެއް ބައި ރަށްތައް ތަރައްގީކުރަމުން އަންނަ އިރު އަތް ނުލައި ވެސް ރަށްތަކެއް އެބަހުއްޓެވެ.
މީގެ ތެރެއިން ބައެއް ރަށްތައް ހަދައި ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުވަމުންދާއިރު އޮޕަރޭޓްކުރަމުން އަންނަ ރަށެއް ނެގިދާނެތޯ އެއީ ސުވާލެކެވެ. ހޯދަން ޖެހިފައި އޮތީ ގާނޫނާ ހިލާފަށް ދޫކުރި ރަށްތަކެއް އަލުން އަނބުރާ ގާނޫނީ އިމުގެ ތެރެއަށް ރަށް ވައްދާނެ ގޮތެކެވެ.
"ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ފަރާތަކާ ހަވާލުކުރެވޭ ނަމަ އެ މަގުސަދަކީ އެ ބޭނުންކޮށްގެން އޭގެ މަންފާއެއް ހޯދައި އެ މަންފާއިން އަޅުގަނޑުމެން ރައްޔިތުންނަށް ވެސް މަންފާވުމޭ. ބަޔަކު އަދި އަގެއް ދީފައި އޮތް ކަމުގައި ވިޔަސް ރަށެއް އަދި އެއްޗެއް ދޫކޮށްލައިގެން ޓެކްސް އިން އެއްވެސް މަންފާއެއް ވަޒީފާގެ މަންފާއެއް އިގްތިސާދީ ދިރުމަކަށް މަންފާ ނުވާ ގޮތަށް ބައެއްގެ އަތުގައި މުދާ ބެހެއްޓުމުގެ ޖަސްޓިފިކޭޝަނެއް ނުވޭ," މި ރަށްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި އެ ރަށްތައް ލިބުނު މީހުން އޭސީސީގެ ރިޕޯޓުން އެނގެން އޮތް އިރު، މި ހިޔާނާތުގައި އެ ފަރާތްތައް ވެސް ކުށްވެރިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ވެސް ކުރިން ބުރަވެ އަދި ސަރުކާރަށް ގޮވާލާފައި އޮތީ ރަށްތައް އަތުލުމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފަށް ޖަމާކޮށް ސިޔާސީ މީހުންނަށް ބެހުމުގައި އިސްކޮށް އުޅުނު ތިން މީހުން: މި މީހުންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލުމުން ވެސް ފާޑުކިއުން އަމާޒުވި.
އެކަމަކު ކަމާގުޅޭ އެންމެހާ އިދާރާތަކުގައި މަޝްވަރާކުރެވޭ އެންމެ ރަނގަޅު ހައްލަކީ ރަށްތައް އަތުލުމުގެ ބަދަލުގައި ހަމަ އަގު ހޯދުމެވެ.
ނުއަގުގައި ސަރުކާރުން ދޫކުރި ރަށްތައް ގާނޫނީ އިމަށް ވެއްދޭނެ އެންމެ ރަނގަޅު ހައްލަކަށް ބަލާއިރު ވެސް އޮތީ, އޮޕަރޭޓްކޮށް އިގްތިސާދަށް އާމްދަނީ ވަންނަ ރިސޯޓްތައް ތަހުގީގާ އެކު އަތުނުލުން ކަމަށް މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ސަބަބަކަށް ދެއްކެވީ ތަހުގީގު މިހާ ދިގުލައިގެން ގޮސްފައިވުމާއި އެ ރަށްތައް ދޫކުރީ ސަރުކާރުން ސައްހަ އެގްރިމެންޓެއްގެ ދަށުން ކަމަށެވެ. އެގޮތަށް މިހާރު ހުރިހާ ރަށެއް އަތުލައިފި ނަމަ ކޯޓު މެދުވެރިކޮށް ބޮޑު އަދަދަކުން ދައުލަތުން ބަދަލު ދޭން ޖެހުމުގެ ރިސްކު ވެސް އޮތް ކަމަށް ވިދާޅުވި އެވެ.
"އެ ރިސޯޓަކީ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރަށަކަށް ވާތީ, ދައުލަތަށް އަދި ރައްޔިތުންނަށް ވެސް ލިބި ލިބި ހުރި އާމްދަނީއެއް ސަރުކާރުން ހުއްޓުވާލައި ރިސޯޓު ހިންގަމުންދިޔަ ފަރާތުން އަތުލަނީ. ދެން އޭގެ ފަހުން އަލުން އެ ރަށުގައި ރިސޯޓު ހިންގާނެ ބައެއް ހޯދުމަށް ބިޑަށްލައި, އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތެއް ހޯދައި ޑިވެލޮޕްކުރާނެ މުއްދަތެއް މިދެނީ. މެދުކެނޑުމަކަށް ފަހު އެ ރިސޯޓް އަލުން ފެށުމާ ދޭތެރޭގައި އެއްވެސް އާމްދަނީއެއް ދައުލަތަކަށް ނުލިބޭނެ," އޭނާ ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ތަހުގީގަށް ހޭދަވި މުއްދަތާ އެކު އެ ހިނގަނީ އަނެއްކާވެސް ބޭކާރު ވަގުތުތަކެކެވެ.
"އޭގެ ބަދަލުގައި ހިޔާނާތުގެ ގޮތުގައި އެ ރަށެއް ހޯދި ގޮތުން ދައުލަތަށް މަދުވާ ފައިސާއެއް އެ ރަށެއް ޚިޔާނާތުގެ މަގުން ހޯދި ފަރާތުގެ އަތުން ހޯދުމަށް މަސައްކަތްކުރުމަކީ ދައުލަތަށް އެންމެ ޚަރަދުކުޑަ އަދި އެންމެ އަވަހަށް ދައުލަތަށް ގެއްލުނު ފައިސާ ހޯދޭނެ މަގު ކަމަށް މިހާރު ބެލެވެނީ," ވަކީލަކު ވިދާޅުވި އެވެ.
މި ރަށްތަކުގެ ހަމަ އަގު ހޯދަން ވެލުއޭޝަން އޮޑިޓެއް ސަރުކާރުން ވަނީ އޮޑިޓަ ޖެނެރަލް މެދުވެރިކޮށް ހަދައިފަ އެވެ. އެ އޮޑިޓް އޭސީސީއަށް ވެސް އޮތީ ފޮނުވައިފަ އެވެ.
ކުޑަ އަގެއްގައި މި ރަށްތައް ދޫކުރި އިރު, ވެލުއޭޝަން އޮޑިޓްގައި ބަލާނީ އޭގެ ކުރިން މާކެޓް ރޭޓުގައި ރަށްތައް ކުއްޔަށް ދޫކުރަމުން ދިޔަ އަގެވެ. ސަރުކާރުން ހަމަ އަގުގައި ހޯދަން މިއުޅެނީ މާކެޓުގައި އޭރު އެވަރުގެ ރަށެއް ދޫކުރަމުން ދިޔަ ހަމަ އަގުކަމަށް ބެލެވެ އެވެ.
ރިސޯޓެއް ތަރައްގީކުރުމަށް ދޫކުރެވޭ ރަށެއްގެ ހަމައަގު ކަނޑައަޅަނީ ހުޅުވާލެވިފައިވާ ބިޑަކުން ބިޑުކުރާ ފަރާތްތަކުން ހުށަހަޅާ އަގުތަކުގެ މައްޗަށް ބިނާކޮށްގެން ނަމަ, މިހާރު އެ ރަށްތައް އަތުލުމަށް ފަހު އަލުން ބިޑަށް ލައިފި ނަމަ ހިޔާނާތުގެ ގޮތުގައި ދޫކުރި އަގަށް ވުރެ ވެސް ދަށްވުމުގެ ފުރުސަތު އެބައޮތެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި ރިޕޯޓް: އެމަނިކުފާނު އެދިވަޑައިގަތީ މި ރިޕޯޓާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވުމަށް.
އެފަދަ ހާލަތެއްގައި، އަސްލު އަގަށް ވުރެ މަދުން ދައްކައިގެން ހޯދާފައިވާ ރަށެއް ނަމަ އެ އަގުގެ މަދުވާ ބައި އެ ފަރާތުން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ހޯދިދާނެ ކަަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ދެން އޮތީ ގާނޫނެއްގައި ހަމައަގު ހޯދުމަށް އެއްވެސް ހުރަހެއްވާ ނަމަ އެ ގާނޫނެއް މަޖިލިހުން އެ އިސްލާހުކުރުން ނުވަތަ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ދަށުން ދޫކޮށްފައިވާ ރަށްތަކާ މެދު އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައި އަމަލުކުރުމެވެ.
މި ހައްލުތައް އޮތަސް މި އަގު ހޯދިދާނެ ހެއްޔެވެ؟ ޔަގީންކަން ނުލިބި ދިގުލައިގެންދަނީ މި ޖަވާބެވެ. އެއާއެކު ދައުލަތުގެ މުދާ ހިތުހުރި ގޮތަކަށް ބަހާލައި މުޅި ނިޒާމް ކޮންޓްރޯލްކުރި ހިޔާނާތުގައި އިންސާފު ނުހޯދިދާނެ ކަމުގެ ކަންބޮޑުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު މުހަންމަދު
07 December 2022
މި މައްސަލައިގައި މި ސަރުކާރު ފެއިލް ކޮށްލީ އުފެއްދި ރިޔާސީ ކޮމިޝަން. ކޮމިޝަނަށް ލީ އިލްމެއް، ހުނަރެއް، ތަޖުރިބާ އެެއް ނެތް ބަޔަކު. ކޮމިޝަންގެ ރައީސް ކީ ފަރިއްސަކީ މިރަށްތައް ދޫކުރީ ޤާނޫނާއި ޚިލާފަށޭ. ސަރުކާރަކުން ސިއްކަ ޖެހި އެއްބަސްވުމެއް ގާނޫނާ ޚިލާފުވާނަމަ އެކަން ކުރި ބަޔަކަށް ފިޔަވަޅުނާޅާ، 4 އަހަރު މުސާރަ ކައިގެން ތިބީ. ޕީޖީ، އޭޖީ، ޕޮލިހުން، އޭސީސީ އޮތީ ރިޔާސީ ކޮމިޝަންގެ ރައީސް ގެ އަޗާ އަގަތެޅުމުގެ އަވާގައި ޖެހިފައި. މިހެންވެ ފެއިލްވީ.
އަފްރާސިޔާބު
07 December 2022
ރަށްތައް އަތުލެވޭކަށްނެތް؟ ފައިސާ އަތުލެވޭކަށްނެތް، މީހުން ހޯދުނަސް ދައުވާ ކުރެވޭކަށްނެތް، ދައުލަތުގެ ފައިސާއެއް ބޭންކުން އަމިއްލަ މީހެއްގެ އެކައުންޓަށް ޓްރާސްފަރކުރީ ކީއްވެކަން ބެލޭކަށްނެތް، ދެން ކޮންކަމެއްތޯ ވައްތަރުވައްތަރުގެ ނަންކިޔައި ބޯޑުތަކެއް ހައްޓައިގެން މުވައްޒަފުން ލައިގެން ދައުލަތުން މުސާރަ ދީގެން ތިކުރުވަނީ؟ ކޮންމެ ބަޔަކުވެސް ދައުލަތް ކާލައިގެން ނުކުތީމާ ނިމުނީނުން.
ބަރުބާދު
07 December 2022
ނިމުނު ސަރުކާރައްވުރެ މިސަރުކާރުގެ ކޮރަޕްސަންބޮޑުވީމަ އަބަދުވެސް ކުރީސަރުކާރު ކުރީސަރުކާރު ކިޔައިގެން ރައިއްޔަތުން ގުނބޯހެެްދޭތޯ. މަޖްލިސްތެރޭގަ ތިޔަފައިސާބެހިކަމައް މަޖްލިސް މެމްބަރަކު ބުނާއިރު އެކަންބެލުނުބާ؟. މަޖްލިސްގަގިނައީ ކަޅުދަބަހުގަ ފައިސާ އުފުލިމީހުން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. އެކަކުއެބުނަނީ ކަޅުދަބަހުގަ އުފުލީ ދިޔާއެއްޗެކޭ.
އާވަސް
06 December 2022
ވައްކަން ކުރި މީހުން ފުރަތަމަަ ހައްޔަރު ކުރަން ޖެހޭނީ، އެމީހުން އެފައިސާ ބެހި މީހުން އެއީ ވައްކަން ކުރި މީހުނެއް ނޫން އެއީ އޭގެ އިން ނަފާ ލިބުނު މީހުން.
ކޮރަލް
06 December 2022
ރަށް ތައް ކުއްވެރި ވީ އެވެ. އެމައްސަލަ ތަކުގަ އެންމެ މީހަކުވެސް ހައްޔަރު ކޮށްބަލާށެވެ. ތިޔަ ދައްކަނީ އެހެން ވާހަކަ އެކެވެ. އެކަމުގަ ޒިންމާ ވާންޖެހޭ ފަރާތް ތަކުގެ މައްސަލަ ބަލާ ހުކުމް ކުރަން ޖެހެއެވެ.
ގުއިއްޒު
06 December 2022
އަހަރެމެންގެ އަނގަގޮއްވުން ނޫން ކަމެއް މި ސަރުކާރަށް އެބަވޭތަ. ތިމާ ބަގުރޫޓުވީމަ ބެންކްތަކުން ނަގާ އިންޓަރެސްޓާއި އެތަންތަނުގެ އުސޫލުތައްވެސް މުސީބާތަކަށްވެއްޖެ. ހަތަރު 4 ގެ ތެރޭގައި އަދިކިރިޔާގޯސްތައް ހުރިކަން މި އެނގުނީވެސް. އެއީވެސް ބޮނޑި ބޮވުނީމަ.
އިންސާފު
06 December 2022
ޙިޔާނާތުގެ މަގުން ވިއްކާފައިވާ ރަށްތައް އަތުނުލެވެންޏާ ހަމަ އެގޮތަށް ވަގަށަ ނަގާފަ ވިއްކާ ސައިކަލު ވެސް އަތުލެވިގެން ނުވާނެ.
ކުރަކި އަލީ
06 December 2022
ރައްޔިތުންގެ މަޖިލިސްގެ މިނިވަންކަންގެއްލި ޕާޓީ ތަކުން މެމްބަރުންގެމައްޗަށް ބާރުވެރިވެ ފާޑުފާޑުގެ ލައިންތައްހަދައި މެމްބަރުން ބިރުވެރި ކުރުވައިގެންނާ އެބާރުވެރިކަންނުހިނގާ މެމްބަރުން ފައިސާދީގެން ގަނެގެން ވެރިކަން ކުރަންވީމާވާނެގޮތް އެފެންނަނީ. ބަރުލަނބާނީ ނިޒާމު އަދި މިއަށްވުރެ ހުތުރުވާނެ. ނިކަމެތިން ނިކަމެތިކޮށްފައި އޯގާތެރި އަތެއްގެ ސިފަ ރައްޔިތުންނަށް ދެއްކުމަކީ މިއަދު އެހީތެރިކަންލިބޭ ފަރާތުގެ ސިފަ. އެސިފަ އައުޓްކުރަންޖެހޭ. މިހާރުވެސް ކަނީ.
ޅޮލް
06 December 2022
ހަމަ އަގު ހޯދަނީ ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށްގެން.. ހަހަހަ. ބޯ ގަޅި ދިވެހިން..
އެނދިމަރިޔަނބު
06 December 2022
ތި ހަމައިން ވިސްނާނަމަ، ޑްރަގު ވިޔަފާރިން ހޯދާ ފައިސާއަކީ އިގްތިސާދު ތެރޭ އެނބުރޭ ފައިސައަށް ވެފައި، އެތައް ބައިވަރު ވަޒިފާ އުފެދިފއިވާތީ، ޑްރަގު ލޯޑުން ހައްޔަރުކުރުމުގެ ބަދަލުގައި ޓެކްސް ނަގާއެއިން އިންވެސްޓްކުރަންވީ. ކީއްވެ ޓޫރިޒަމްވީމަ ވައްކަން އޯކޭވާންވީ؟