ރައީސް ޔާމީނުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
25 ޑިސެމްބަރ 2022 - 19:46
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޔާމީނުގެ ވަކީލުން ނިންމަވައިފި އެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް އައި މި ހުކުމް ދެމިއޮތްހާ ހިނދަކު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެ އެވެ. އެ މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ.
ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ ހުކުމް ގަބޫލު ނުކުރާ ކަމަށެވެ.
"ޔާމީނަށް ކުރި ހުކުމަކީ ބަލައިގަންނަ ހުކުމެއް ނޫން. މިއީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ކަނޑައެޅިފައި ހުރި އުސޫލުތަކާ ހިލާފަށް، އެ އުސޫލުތައް އެއްކިބާ ކުރުމަށްފަހު ކޮށްފައިވާ ގާނޫނާ ހިލާފު ހުކުމެއް،" ޖަމީލް ވިދާޅުވި އެވެ.
މި ހުކުމް ބަލައިނުގަންނަން ޖަމީލް ދެެއްކެވި އުޒުރަކީ ޝަރީއަތުގެ މަރުހަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތު ކުރެވޭ ވަރުގެ އެއްވެސް ހެތްކެއް ދައުލަތަށް ދެއްކިފައި ނުވުމެވެ.
"ދައުލަތުން ކުރި ދައުވާއާ ގުޅިގެން ދިފާއުން ވަނީ ދައުލަތުގެ އެ ތުހުމަތުތައް ޑިސްލޮޖް ކުރެވޭ ވަރުގެ ވަރުގަދަ ހެކިތަކާއި ޝަފައީ ކިތާބީ ހެކިތައް ހުށަހަޅާފައި. މި ޝަރީއަތުގެ މަރުހަލާ ތެރޭގައި މި ކުރެވުނު ތުހުމަތު، ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރީ ކުރުމުގެ ދެ ކުށަށް އެކަނި ބެލިޔަސް ދައުލަތަކަށް ހަމަ އެންމެ ހެއްކެއް ވެސް، ހަމަ އެންމެ ހެއްކެއްވެސް ހުށަހެޅިފައެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ލަސްކުރުމެއް ނެތި މި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށާއި އިސްތިއުނާފީ ކޯޓުން މި މައްސަލަ ވަރަށް ފުރިހަމަ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"ވަރަށް ޔަގީން ކަށަވަރުކަން އެބައޮތް އިސްތިއުނާފީ ކޯޓަކުން ކިރިޔާ ވެސް މި މައްސަލަ އަށް ނަޒަރު ހިންގާލައިފި ކަމުުގައިވާނަމަ ރައީސް ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ވަޑައިގަންނަވާނެކަން،" ޖަމީލް ވިދާޅުވި އެވެ.
ޔާމީނަށް އިއްވި މި ހުކުމާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުންނަން ޖެހޭ ޝަރުތު ކަމަށް ގާނޫނުއަސާސީގައި ބުނާ ޝަރުތެއް އުނިވީ އެވެ. ޖިނާއީ ހުކުމެއް ސާބިތުވުމުން އިންތިހާބުގައި ވާދަކުރައްވަން އޮތް ހުރަހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭެެރތތތ
26 December 2022
ދުނިޔޭމަތީ ކޯޓުން ސަލާމަތް ވެދާނެ އެކަމަކު އާހިރަތުގެ ކޯޓުން ސަލާމަތް ވާނެބާ!!!
އަދިވާނެ
26 December 2022
ހަތް ހުތު ކައްކާ ރާހުތަށް ލިޔަސް މައުސޫމެއް ނުވާނެ މައުސޫމު ނޫން މީހަކު. ދޮގު ހެކިދިން މީހުން ގެ މައްސަލަ ވެސް ބަލަން ވާނެ.
ހުސްނުހީނާ
26 December 2022
އެއްމެންނަށްވެސް އެނގޭ ބޮޑުވަގެއްކަން. އެކަމަކު ކޮންމެވެސް އަކުރެއް، ފިއްޔެއް އޮޅިގެން އެއްމެފަހުންވެސް ދޫވީ. މިފަހަރުވެސް ވެދާނެ. ކޮންމެގޮތަކަށް އެނބުރިގެން ދިޔަޔަސް ވަގެއްވާނީ ވަގަކަށް. ބިލިޔަނުން ކައިލައިގެން ހުރި މާ ވަގެއް!
ކުޗީ
26 December 2022
ޖަމީލު އަދި ކުއްކުރާ މީހުން ގެ ވަކީލުކަން ކުރާ މީހުންނަށް އެނގޭބާ އެމީހުންނާވެސް ސުވާލު ކުރެވޭނެ ދުވަހެއް އޮތްކަން. މިއީ ދިފާއީ ވަކީލުން ވިސްނާލަންޖެހޭ ކަމެއް. ޖަމީލު މެން ކަހަލަ ތަންދޮރު އޮޅުންފިލާފަ ތިބެންޖެހޭނެ މީހުން މިހެން އުޅޭނީ ވަރަށް ދެރަވޭ.
ޑެޕިއުޓީ މޭޔަރު ނަރީޝް0
26 December 2022
އާދެ،.. ޔާމީން ޖަލަށް ލީމަ އަދުރޭމެން، ސައިއްޓޭމެން، މުއިޒް، ޖަމީލް ނުމިތާކަށް ވަހީދު ވެސް އެހެރަ ރޮނީ އާދެ ދެރަވެގެނެއްނޫން.... އުފަލުން...
އިސްތިސްނާ
26 December 2022
އިސްތިއުނާފްކުރީމަ ޔާމީނު އަށް އިބްރާހިމް ނައީމް ރިޝްވަތުގެ ގޮތުގަ ދީފަހުރި މިލިއަން ޑޮލަރު އެކައުންޓުން ނުކުމެ ހުދުކާފޫރަށް ވޭބާ
ޓީޖެޓީ
26 December 2022
ޖަމީލުގެ ބޭނުމަކީ އެހެން ވަކީލެއްގެ އެހީ ހޯދިޔަނުދީ ޔާމީނު ޖަލަށްލުން ކަށަވަރުކުރުމަށްވެސް ވެދާނެ ތޯއްޗެއް.
ށަވިޔަނި
26 December 2022
މީހުނާމެދު ގޯސްގޮތަށް ނުވިސްނައި ހެޔޮގޮތަށް ވިސްނާ.
ހށނ
26 December 2022
ޔާމީނު ބުނި ކޮންމެގޮތަކަށް ހޯދިއަސް ފައިސާ ހަލާލޭ. ޖަމީލުބުނި ޔާމީނަކީ ވަގެކޭ. އެވެރިން އަމިއްލައަށް ބުނާ ބުނުން ދޮގުކުރަން އުޅެނީވެސް އެވެރިން އަމިއްލައަށް. އެކަމާ އަހަރެމެން އައްސިވެ ވަޖިދުވެ، ލޭމަތިވެ ލޭތިރިވެ ވާކަށް ނުޖެހޭ. ނޭގޭކަންކަމުގެ ތެރެއަށް ވަދެ ގޯސް ހެދުނީމަ އޭގެ ހިސާބު ކިތާބު އެދުވަހުން ހަމަޖައްސަންޖެހޭނީވެސް އަމިއްލައަށް.
އަމީން
26 December 2022
އާޚިރަތްދުވަހު ކިހިނެއް ބާ ހަދާނީ, ހުކުމް ބަދަލެއް ނުކުރެވޭނެ.
ޝޯލޭ
26 December 2022
ވަރަށް ރަނގަޅު ވިޔަފާރިޔެއްތާދޯ