22 ޖެނުއަރީ 2023 - 13:35
ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައި އިއްޔެ މުޒާހަރާކޮށް، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ގޮތުން ކީރިތި ގުރްއާން އެންދުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެއްޖެ އެވެ.
ސްވިޑްންގެ ހަރުކަށި ކަނާތުފިޔައިގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ސްޓްރާމް ކާރްސްގެ ލީޑަރު ރަސްމުސް ޕަލޫޑާން، ތުރުކީ އެމްބަސީގެ ކުރިމަތީގައި ކީރިތި ގުރްއާން އެންދީ، އެ ސަރަހައްދުގައި މުޒާހަރާކޮށް ގުރުއާން އެންދުމަށް ސްވިޑްން ފުލުހުން ހުއްދަ ދިނުމާ ގުޅިގެންނެވެ. އަދި އޭނާ އެކަން ކުރަމުން ދިޔައީ، ހަތިޔާރު އެޅި ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި ހުރެގެންނެވެ.
އޭނާގެ މި އަމަލާ ބެހޭ ގޮތުން ތުރުކީ ވިލާތުން ބުނީ އެއީ އިސްލާމް ދީނާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. ސްވިޑްން ސަރުކާރުގެ ރުހުމާ އެކު ހިންގި މި ނާތަހުޒީބު އަމަލާ ގުޅިގެން، ތުރުކީ ސަރުކާރުން ވަނީ، ސްވިޑްންގެ ދިފާއީ ވަޒީރު ތުރުކީ ވިލާތަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކޮށްފަ އެވެ.
ސްވިޑްންގެ ދިފާއީ ވަޒީރު ތުރުކީ ވިލާތަށް ވަޑައިގަތުމަށް ކަނޑައެޅުއްވީ، ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި އެ ގައުމުން ހުށަހަޅާފައިވާ ހުށަހެޅުމަށް ތުރުކީ ވިލާތުގެ ތާއީދު ހޯއްދެވުމަށެވެ. ތުރުކީ ވިލާތަކީ ވެސް ނޭޓޯގެ މެންބަރު ގައުމަކަށް ވުމުން، ސްވިޑްން ނޭޓޯގައި ބައިވެރިކުރެވޭނީ، ތުރުކީ ވިލާތުން ވެސް އެކަމަށް ރުހުން ދިނުމުންނެވެ.
އިސްލާމް ދީނާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ފާޅުގައި ހިންގާ ރަސްމުސް ޕަލޫޑާން، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައިވަނީ، މުސްލިމުންގެ ބައި ގިނަ ސަރަހައްދުތަކުގައި ކީރިތި ގުރްއާން އެންދުމުގެ ދަތުރެއް، ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ. އޭނާ އެކަން އިއުލާން ކުރުމާ ގުޅިގެން ސްވިޑްންގެ އެކި ސަރަހައްދުތަކުގައި އެ ދުވަސްވަރު މުޒާހަރާތައް ވެސް ބޭއްވި އެވެ.
ފުލުހުންގެ ހިމާޔަތުގައި ހުރެގެން ކީރިތި ގުރްއާން އެންދުމަށް ފަހު، ރަސްމުސް ޕަލޫޑާން ވަނީ ގަޑިއެއްހާއިރު ވަންދެން އިސްލާމް ދީނަށް ޖޯކު ޖަހައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ވާހަކައިގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން، އެކި ގައުމުތަކުގެ މުސްލިމުން ސްވިޑްން އަށް ހިޖްރަކުރާތީ އެކަމާ ދެކޮޅަށް ވެސް ވާހަކަ ދެއްކި އެވެ.
އޭނާ އިސްލާމް ދީނަށް އިހާނެތިކުރުމުގެ ވާހަކަތައް ދައްކަމުން ދިޔައިރު، އޭނާގެ އެ އަމަލުތަކާ ދެކޮޅަށް 100 ވަރަކަށް މީހުން، އެ ސަރަހައްދަށް އެއްވެ ތިބެ ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރި އެވެ. އަދި ތުރުކީގެ ޚާރިޖިއްޔާ އިން ވަނީ، ރަސްމުސް ޕަލޫޑާންގެ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
ތުރުކީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، މުސްލިމުންގެ މުގައްދަސް ފޮތް އަންދައި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހިންގުމަށް ސްވިޑްން ސަރުކާރުން ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވީޝް އޯގްލޫ ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ރަސްމުސް ޕަލޫޑާން ހިންގި ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހުއްޓުވުމުގައި ސްވިޑްން ސަރުކާރު ވަނީ ފެއިލްވެފަ އެވެ.
ސައޫދީ އަރަބިއްޔާ، ޖޯޑްން އަދި ކުވައިތާއި ވަރަށް ގިނަ އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުން ވަނީ ސްވިޑްން ސަރުކާރުގެ މި އަމަލު ކުށްވެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
22 January 2023
ދެން ތިއަހެންގޮސް ދެ ގައުމު ހަނގުރާމަ ނުފަށާތި. މިހާރުވެސް މިތިބީ ރަސިއާ ޔޫކުރޭނު ހަނގުރާމަ ދިގުލާތީ ކަންބޮޑުވެފަ،
ބޮކިފުރާޅު ޢީސާ
22 January 2023
ކޯފާގެ ވަގުތު ޖެހެންދެން މަޑުކޮށްލާ. ޤިޔާމަތާހަމައަށް ﷲ ޤުރުއާން ރައްކާތެރިކުރައްވާނެ. ޤުރުއާން ވަނީ އެތައް މުސްލިމުންގެ ހިތުގާ ބިންވަޅުނެގި ކެނޑިފާ.
1206
23 January 2023
ކެތްތެރިވުން ރަނގަޅު ސިފައެއް. ނަމަވެސް މި ފަދަ ކަންކަން ކެތްތެރިވުމުގެ ރިވެތި ސިފަޔާއެކު، އެ ނޭއްގާނީ ޢަމަލާ މެދު ހިތުގައި އެ ޢަމަލަށް ނުރުހުމުގެ އިހްސާސް ހިނގާފައި އޮތުން މެ ލާޒިމް.