ސިޔާސީ

ދެ ރައީސުންގެ ޕްރައިމަރީ: ތިލަފަތް ބަރީ ކޮން ކޮޅަކަށް؟

އެމްޑީޕީ ފިކުރުގެ ދިރުމަކީ ނަޝީދުތޯ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އެމްޑީޕީ ކުރިއަށް ގެންދާނީތޯ އާއްމު މެމްބަރުން ހޮނިހިރުދުވަހު ނިންމާނެ އެވެ.

އެމްޑީޕީން މިދިޔަ އޮގަސްޓް މަހު ބޭއްވި ކޮންގްރެސް ނިންމާލެއްވުމަށް ފަހު ދެ ރައީސުން ބައިވެރިންނާ ސަލާމްކުރައްވަނީ: ޕްރައިމަރީއަށް ދެ ރައީސުންގެ ކެމްޕޭން ވާދަވެރި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީ މިހާ ވާދަވެރިއެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމުގެ މި ޕްރައިމަރީގެ ކެމްޕޭނަށް މަހެއް ވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ވެސް ރަތް ރޮނގު ހުރަސްކޮށްފި އެވެ. ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ތަބާވާން ޖެހޭ ހުރިހާ އިންތަކާއި މިންތަކެއް ކެމްޕޭނުގައި ފަހަނާޅައި ހިނގައްޖެ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ނާޅުވާ އިލްޒާމެއް ނެތެވެ. އަމާޒުނުކުރާ ފާޑުކިއުމެއް ނެތެވެ. ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ހިފަހައްޓަންޖެހޭ މިންގަނޑުކަމަށް ކަނޑައަޅާފައިވާ އުސޫލުތަކެއް އޮތް ކަމަކަށް ވެސް މި ކެމްޕޭނުގައި ދެ ރައީސުން ނުބައްލަވަ އެވެ.

ސިޔާސީ ގޮތުން ފިކުރު ތަފާތު ދެ ޕާޓީއަށް ވުރެން ވެސް ވަރުގަދަ ބަހުގެ ހަމަލާތައް އެއް ބަޔަކު އަނެއް ބަޔަކަށް އަމާޒުކޮށްފި އެވެ. މީގެ ނަތީޖާއަކީ މި ޕްރައިމަރީއަށް ފަހު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަސައްކަތްތައް އެކުގައި ނުކުރެއްވޭ ހިސާބުގައި ތިބުމެވެ.

މިއާ ގާތްކުރާ، ޕްރައިމަރީއެއް މިހާތަނަށް ބޭއްވީ ޕީޕީއެމުންނެވެ. އެ ޕާޓީން 2013ގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި ޕްރައިމަރީ ނިމުނީ ދެ ބޭފުޅުން ވާދަވެރި ކެމްޕޭނަކާއި ހިތްހަމަނުޖެހުންތަކުންނެވެ. އެކަމަކު އެ ޕްރައިމަރީއަށް ފަހު ޕީޕީއެމަށް ވާނެ ގޮތަކާ ދޭތެރޭގައި ސުވާލެއް އުފެދޭ ހިސާބަކަށް ނުދެ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދު -- ފޮޓޯ | މިހާރު

އެމްޑީޕީގެ މި ޕްރައިމަރީން ފެންނަ ތަފާތަކީ އެ އެވެ. ވޯޓާ މެދު ގޮތް ނިންމައިގެން ތިބި އާއްމު މެމްބަރުން ވެސް އުފައްދަނީ އެ ސުވާލެވެ. ޕާޓީއަށް ވާން މިއުޅޭ ގޮތެކެވެ.

މި ޕްރައިމަރީގައި ވާދަ ކުރައްވަނީ އެމްޑީޕީ އުފަން ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ރާއްޖޭގެ ސިޔާސީ ކަންކަމާއި ޕާޓީގެ ހަޔާތުގައި ވެސް މުހިއްމު މަސައްކަތްތަކެއް އެކުގައި ކުރެއްވި ދެ ރައީސުންނެވެ. މި ވެރިކަން ފެށުމާ އެކު ދެ ބޭފުޅުންގެ ވާދަވެރިކަމުގައި ޕާޓީ ދެބައިވެ، ރިޔާސީ ޓިކެޓާ އަރާހަމަވިއިރު ދެ ބޭފުޅުން ފެންނަނީ އަަލުން އަނބުރާ އެކީގައި މަސައްކަތް ނުކުރެއްވޭނެހާ ދުރުގައި ތިއްބެވި ތަނެވެ.

ނަޝީދު، ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި، އެމްޑީޕީގެ އަސާސްތަކާއި ޕާޓީގެ ތަސައްވުރާ މާދުރަށް މި ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވައިފި އެވެ. އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދަކީ، އެހެން ފިކުރުތަކާ މައްސުނިކޮށް، ގަޑުބަޑުކޮށްފައިވާ ޕާޓީ އޭގެ އަސްލުގެ ގޮތުގައި އެ ޕާޓީ މެމްބަރުންނަށް ރުޖޫއަކޮށްދެއްވުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަނީ، ނަޝީދު ބޭނުންފުޅުވާ ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރެއްވުމަށް އެމަނިކުފާނަށް ޕާޓީ ދޫކޮށެއް ނުލެއްވޭނެ އެވެ. ޕާޓީގެ އެ މަސްލަހަތު ގައުމާ ގުޅިފައި އޮތް ކަމަށާއި އެމްޑީޕީއަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ލިބެން ޖެހޭނެ ކަމަށެވެ. އެކަން ކަށަވަރު ކުރެއްވޭނެ މިންވަރަށް، މި ވެރިކަމުގައި އެމަނިކުފާނު މަސައްކަތް ކޮށްދެއްވާފައިވާ ކަމުގެ ނަމްބަރުތައް ދައްކަވަ އެވެ.

މި ޕްރައިމަރީއަކީ މިހާތަނަށް ވެރިކަމުގައި ހުންނެވި ބޭފުޅަކާ ޕާޓީ ތެރެއިން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސްކަމުގައި ހުންނަވައި ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފުރަތަމަ ރައީސެވެ.

ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟

ކެމްޕޭނުގެ މަންޒަރުތަކުން ދެ ރައީސުން ވެސް މި ޕްރައިމަރީގެ ނަތީޖާ ދައްކަވަ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކާއި ހިސާބުތައް ޖައްސަވައި އިންތިހާބުގެ ނަތީޖާ ދެ ބޭފުޅުން ވެސް ތިއްބެވީ މޮޅުވާނެ ކަމަށް ޔަގީންކުރައްވައިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ވެސް ވިދާޅުވަމުން އަންނަނީ މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޕްރައިމަރީގެ ކެމްޕޭނަށް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ކޮޅަށް "ޕްރައިމަރީ އޮތީ ނިމިފަ" އެވެ. ނަޝީދު ވިދާޅުވަނީ އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބުވެފައި އޮތުމާ އެކު ވިސްނެވުން އަދި މަަސައްކަތްތައް މި ޕްރައިމަރީގައި ކުރައްވަނީ މާދުރަށް، ރިޔާސީ އިންތިހާބުގެ ކެމްޕޭނާ އެކުގަ އެވެ.

ދެ ރައީސުންގެ މި ވާހަކަފުޅުތަކާއި ކެމްޕޭން ޓީމުތަކުން ދައްކާ މަންޒަރުތައް ކަށަވަރުވާން އޮތީ ވޯޓު ފޮށިތަކުގެ ނަތީޖާ އިންނެވެ.

ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ފެށުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ޕްރައިމަރީގެ ނަތީޖާއިން ސާފުވާނީ އެންމެ ކަމެއް ނޫނެވެ. ޕާޓީގެ ކުރި މަގެވެ. އާއްމު މެމްބަރުން ޕާޓީ ގެންދަން ބޭނުންވާ މިސްރާބެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބައަށް އެމްޑީޕީއަށް ވާން އުޅޭ ގޮތެކެވެ. ސިޔާސީ މަސްރަހު ފުރޮޅިގެންދާނެ ގޮތެވެ. އެއާއެކު، އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމްޑީޕީގެ ބާރުގަދަ ލީޑަރު ވެސް މި ޕްރައިމަރީއާ އެކު އާއްމު މެމްބަރުން ކަނޑައަޅާނެ އެވެ.

"ބަލިވާ ކެންޑިޑޭޓް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް"

ޑިމޮކްރެޓިކް އުސޫލްތަކަށް ވަކާލާތުކުރާ އެމްޑީޕީން ގަބޫލުކުރާ ގޮތަކީ މިއެވެ؛ އެތެރޭގެ އިންތިިހާބުތަކުގައި ހޯދާ ކާމިޔާބީއަކީ ޕާޓީގެ އާއްމު މެމްބަރުންގެ ބަހެވެ. ނިންމުމެވެ. އެހެންކަމުން އޮންނަ ހަމައަކީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓަކު ބަލި ގަބޫލުކޮށް، މޮޅުވާ ކެންޑިޑޭޓަކާ އެއްކޮށް މަސައްކަތް ކުރުމެވެ.

އެކަމަކު މި ޕްރައިމަރީގައި މިކަން ފެންނާނެތޯ އެއީ ވަރަށް ބޮޑު ސުވާލެކެވެ.

އިންތިހާބުގައި ނާކަމިޔާބުވެވަޑައިގެންފި ނަމަ ވެސް ހުންނަވާނީ، ރައީސް އިބްރާހިމް މުހައްމދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީއާ އެކުގަ އެވެ. ސިޔާސީ އިދިކޮޅު ޕާޓީއާ ގުޅިގެން، އެއްވެސް މަސައްކަތެއް ކުރެއްވުމަކަށް އެމަނިކުފާނުގެ ވިސްނުންފުޅެއް ނެތް ކަން ވަނީ އާއްމު މެމްބަރުންނަށް ސާފުކޮށްދެއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު މަޝްވަރާކުރައްވާ އިރު ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަރިހުގައި: ދެ ރައީސުން އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭހާ ފާޑުކިއުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކެމްޕޭންގައި ގެންދަވަނީ އަމާޒުކުރައްވަމުން. -- ފޮޓޯ : ފަޔާޒް މޫސާ | މިހާރު

ނަޝީދުގެ ނިންމެވުން ސާފެއް ނޫނެވެ؛ ކެމްޕޭންގައި ސަޕޯޓަރަކާ އެކު ދެކެވުނު ވާހަކައެއްގެ ތެރޭގައި ބަލިވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަކަށް ވެސް އަދި ޕީޕީއެމާ ވެސް ގުޅިވަޑައިނުގަންނަވާނެ ކަމަށާއި ވަންނަވާނީ "ގެއަށް" ކަމަށް ވިދާޅުވެ އެވެ.

އެކަމަކު، ފަހުން އާއްމުކުރެއްވީ ކޮންމެ ގޮތެއް ވިޔަސް މިއަށް ވުރެން ދުރަށް، ރިޔާސީ އިންތިހާބާ ހަމައަށް ވިސްނުން ގެންގުޅުއްވާ ކަމެވެ. އެ ވާހަކަތަކަށް މިހާރު ބާރު ދެއްވަނީ، އެމްޑީޕީއާ އަބަދުވެސް ވާދަވެރި ޕާޓީ، ޕީޕީއެމްގެ ބައެއް ސިޔާސަތުތަކާ ރުހިވަޑައިގަންނަވާ ކަމަށާއި ދެ ޕާޓީ އެކުގައި ސިޔާސީ މަސައްކަތްތައް ކުރެއްވިދާނެ ކަމުގެ ފޯމިއުލާއެއް ހޯއްދެވިދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަމުންނެވެ.

މިކަމުގައި ކަންބޮޑުވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަނީ ޕީޕީއެމާ އެކު ނުވަތަ އެ ފިކުރުގެ މެމްބަރުންގެ ތާއީދާ އެކު ނަޝީދު ސިޔާސީ މަސައްކަތުގައި އުޅުއްވުން، އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް ބަލާއިރު ގާތެވެ. މިގޮތަށް މިކަން ވާން ނޭދޭ، ބޭފުޅުންގެ އުއްމީދަކީ އެމަނިކުފާނު އެ ނޫން ގޮތެއް ހޯއްދެވުމެވެ. އެއީ، ވަކިން އިންތިހާބުގައި ވާދަކުރެއްވުން ވިޔަސް އެންމެ ރަނގަޅު ކަމަށް ވިސްނުން ކުރިއަށް ނެރެ އެވެ.

އިންތިހާބު ނާކާމިޔާބުވެވަޑައިގެންފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ސިޔާސީ މަސައްކަތުގައި ނޫޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވެ އެވެ. އެކަމަކު ޕީޕީއެމާ އެކު އެއް އޮޑިއެއްގައި ދަތުރުކުރައްވަފާނަންތޯ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަހާ ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.

މި ޕްރައިމަރީގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިދާ ކުރިމަތިލެއްވުމެއް ނުފެނުނަސް ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ދެ ރައީސުންގެ ސިޔާސީ ބާރުވެރިކަން ކަނޑައެޅި އިންތިހާބުތަކެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކާއި ޕާޓީގެ އިސް މަގާމްތަކުގެ އިތުރުން ދާއިރާ ރައީސުންނާއި ގޮފިތަކަށް ވެސް ދެ ރައީސުންގެ ކެންޑިޑޭޓުން ވާދަކުރި އެވެ. މި އިންތިހާބުތަކުގެ ނަތީޖާ ބުރަވެފައި އޮތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިއަށެވެ. މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންގެ އަޣުލަބިއްޔަތު އޮތީ ވެސް އެމަނިކުފާނަށެވެ.

އެމްޑީޕީގެ އާއްމު މެމްބަރުން އެ ޕާޓީގެ ޖަލްސާއެއްގައި ބައިވެރިވަނީ: ޕްރައިމަރީއަށް ފަހު ޕާޓީއަށް ވާނެ ގޮތަކާ ދޭތެރޭގައި އޮތީ ސުވާލު އުފެދިފައި. -- ފޮޓޯ | މިހާރު

އެކަމަކު މި ހުރިހާ އިންތިހާބުތަކާ މި ޕްރައިމަރީ ތަފާތުވާނެ ސަބަބެއް ނަޝީދު ދައްކަވައިފި އެވެ. އެއީ، ސީދާ އެމަނިކުފާނު ނުކުންނަވައި ކެމްޕޭން ކުރެއްވުމެވެ. ކެމްޕޭންގެ އެ އުކުޅުތަކާއި ސަޕޯޓަރުން ނެރުމުގެ ޖޯޝާއި ފޯރި އާއި ޕާޓީގެ ބާރުގަދަ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނާ ފެއަށް ޖެހިވަޑައިގެން ތިއްބެވިޔަސް ދައްކަވާ ހިތްވަރެވެ.

ވާދަވެރި މި ކެމްޕޭންގެ ނަތީޖާއާ ހަމައަށް ވާސިލްވާން އޮތީ ދެތިން ދުވަހެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކީ، ރާއްޖޭގެ ސިޔާސީ ތާރީހުގައި މުހިއްމު، އެމްޑީޕީގެ ކުރިމަގު ކަނޑައަޅާ ވޯޓެވެ. އެމްޑީޕީ ފިކުރުގެ ދިރުމަކީ ނަޝީދުތޯ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އެމްޑީޕީ ކުރިއަށް ގެންދާނީތޯ އާއްމު މެމްބަރުން ނިންމާނެ އެވެ.

ސުވާލު އުފެދިފައި އޮތީ އެއަށް ފަހު އެމްޑީޕީއަށް ވާނެ ގޮތެކެވެ!

76 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 18%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހހ

29 January 2023

39911 މިހުން ޔައުނީ ނަޝީދަށް ވޯޓުލަނެކަން ކަނޑައެޅި އެނގިހުރި މީހުންގެ ލިސްޓް އޮޅާލާފަ ދެންކޮން ފަޅިއަކަށްހޭ ބަރީ ބުނީމަ އެވާހަކާގެ ބޭނުމެއް ނެތް

The name is already taken The name is available. Register?

އަހުމަދު މުޖްތަބާ

26 January 2023

ބޮޑަށް ގަބޫލުކުރެވެނީ އިބޫ ސޯލިހު މޮޅުވާނެކަމަށް

The name is already taken The name is available. Register?

އެޑަމް

25 January 2023

އިރާދަކުރެއްވިއްޔަކާ ދެނެއްމިޤައުމު އަލިފާނަކައްނުވެއްޓޭނެ އަހަރުމެން,ހަމަބުއްދީގަތިބެމިޤައުމުގެވެރިކަމައް އަލުން,އަންނިގެންނާކައް ތާއީދެއްނުކުރާނަން އަހަރުމެންނަކީ މާތްވެގެންވާއިސްލާމްދީނުގައިދެމިތިބޭތާ800އަހަރައްވުރެގިނަވެފާތިބިބައެއް ނަމަވެސްމިހާރުއަހަރުމެންގެތެރޭދީނީއެއްބައެއްވަންތަކަންކެޑި އެކަކުއަނެކަކައްއިޙުތިރާމްކުރުމާ ގަދަރުކުރުންނެތިޤައުމުގެ އަޚުލާގުގެއްލި35އަހަރުންދަށުގެޖީލެއްހަލާކުވެއްޖެ!ޤައުމުގެފޭރާންވީދިއްޖެ!ދެންތިޔަމަޅީގައަހަރުމެންޖައްސަންނޫޅުއްވާް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 January 2023

ތަރާދުގައި ބަރުދަނެއްނެތް މީހަކީ ކާކުކަން ރަނުން ރަނަށް އިގޭނީ އިންސާފުވެރިކަމާއިއެކު ވޯޓްލުމަށް ފުރުސަތުލިބިއްޖެނަމަ 28 ވަނަ ދުވަހުގެ ވޯޓްގެނަތީޖާއިންކަމަށް ނިންމިދާނެ. # އެހެން ނަމަވެސް ހިންގަމުންގެންދާ ޙަރަކާތްތަކާއި "ހިތާއި ރޫޙުން ނިކުމެތިބެ ޖޯޝުންފުރި އުތުރިއަރަމުންދާ ހިތްގައިމު ހިނިތުންވުމާއި ޔަޤީންކަމާއިއެކު ހެލިފެލިވާ ޕާޓީގެ ޙަރަކާތްތެރިންނަށް ބަލާއިރު" އެއްނަންބަރު ކެންޑިޑޭޓާއި އަރާ ހަމަކުރެވޭވަރަށް ދެންހުންނެވި ބޭޅާއަށް ވޯޓެއްނުލިބޭނެ.

The name is already taken The name is available. Register?

ކަމަނަ‫

24 January 2023

‫އިރާދަކުރެއްވިއްޔާ ހޮވޭނީ އަންނި

The name is already taken The name is available. Register?

ހީވާގޮތް

24 January 2023

ފެށުނުއިރު މަށަށް ލަފާވީ ތަފާތު ބޮޑުކޮށް އިބޫ ނަގާނެކަމަށް! އެކަމަކު އަންނިއަށް އޮތް ތާއީދު އޭނާ ދައްކައި، އަހަރެން ސަޕްރައިޒް ކޮށްލައިފި! މިހާރު ލަފައެއް ނުކުރެވޭ އެހާ ތަފާތު ބޮޑުކޮށް ހިނގައިދާނެ ކަމަކަށް! އެކަމަކު އަދިވެސް ހީވަނީ އިބޫހެން ނަގާނީ! ދެން އަންނި ގޮވާނެ ޕްރައިމަރީ ވަގަށްނެގީއޭ! ރިޔާސީގަ އަންނި، ޕީ.ޕީ.އެމް ކޮޅަށް އަރާފާނެ. އެކަމަކު ބޮޑަށް ހީވަނީ އޭނަ އަމިއްލަގޮތުން ވަކިން ނިކުންނާނީހެން! އޭރުން ވަރަށް ޝައުޤުވެރި ވާނެ ދޯ؟

The name is already taken The name is available. Register?

އަލިސަންދުރޯ

24 January 2023

ރާއްޖޭގެ ބޮޑަތި ހުރިހާ ސަތަހައްދަކުން ރައީސް އިބޫ އޮތީ ފެއިލްވެފަ. ވަކިން ހާއްސަކޮށް އެމްޑީޕީ އާމްމު މެމްބަރުން ކުރިމަތީގައި އިބޫގެ އަގެއްނެތް. އެކަން އެހެން ދިމާވީ އެމްޑީޕީގެ ތާއީދު ބޮޑު ސަރަހައްދު ތަކަށް އިބޫގެ ސަރުކާރުން ފުރަގަސްދީ ދޯކާ ދިނުން. އައްޑޫ އާ ދޭތެރޭ ވަކިން ބޮޑުކޮށް އިހުމާލުވެ އައްޑޫގެ އިޤްތިސާދުވެސް އަނދަވަޅަކަށް ވައްޓާލީ. މީކީ ނޭގި ވީގޮތެއްކަމަށް އައްޑޫގެ އެމްޑީޕީ މެމްބަރުންވެސް ގަބޫލެއް ބުކުރޭ

The name is already taken The name is available. Register?

ކަނބިލި

24 January 2023

ހިތެއް ނުބުނޭ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ލިބޭނެހެން. މިހާތަނަށް 2 ދައުރެއް އެއްޕާޓީއަކަށް ލިބިފައެއް ނެތް. އެހެންނޫނަސް ގިނަ ރައްޔިތުން ދެކޭ ގޮތުގައި އިބޫއަކީ ވެރިކަމަށް ވަރަށް ނާގާބިލު ބޭފުޅެއް. ހުރިހާ ކަމެއް ދޫކޮށްލާފައި އޮންނަނީ އެބަޔަކު ހަދާނެ އެއްޗެއް ހަދަން . ޗެކް އެންޑް ބެލެންސެއް ނެތް. މި ސަރުކާރު މިހެެންވެ އޮތީ ބޮއްސުންލާ ފާލުން ނެއްޓިފައި.

The name is already taken The name is available. Register?

ގުނބޯލުން

24 January 2023

އަދި ވެރިކަން ކުރާ އެއްވެސް ރައީސަކު އަދި އެކަމަށް ފައިވިއްދާ އެއްވެސް މީހަކު މިރާއްޖޭގަ މިވަގުތު ހުރި މުހިންމު މައްސަލަތަށް ހައްލުކުރުމަކަށް މާބޮޑަށް އެނގޭ ހެނެއް ހީއެއްނުވޭ މީހުން އުޅޭ 188 ރަށް އޮތް އިރު 5 އަހަރު ނިމިގެންދާއިރު ފުޓްބޯޅަ ދަނޑަކާ ކްލާސްރޫމަކާ ސިއްހީ މަރުކަޒަށް ދެއެނދު އިތުރުކޮށްލާފަ މިކިޔަނީ ހެސްކިޔާފަ ތަރައްގީ ގެންނަވާހަކަ މިގޮތަށްގޮސް އެތަށް އަހަރެއް އެތައްއަހަރެއް އުމުރުންމިދަނީ މިއަނދިރިކަމުގަ

The name is already taken The name is available. Register?

މާހިރު

24 January 2023

ޕްރައިމަރީގައި އަންނި ކޮޅަށް ތިލަފަތް ބަރުވެއްޖެނަމަ، އެމް.ޑީ.ޕީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ އެއްވެސް ފުރުޞަތެއް އޮންނާނެހެނެއް ހިއެއް ނުވެއެވެ. ނަމަވެސް އިބޫކޮޅަށް ތިލަފަތް ބަރުވެއްޖެނަމަ އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ބޮޑުކަމަށް ލަފާކުރެވެއެވެ. ފެންނަ ފެނުމަށް ޕްރައިމަރީ ކާމިޔާބުކުރާނެކަމަށްވެސް ބެލެވެނީ އިބޫއެވެ.

The name is already taken The name is available. Register?

އެމްސް

24 January 2023

ތިޔަހެން ތިޔަކަން އޮތް ނަމަ ވަޒީފާގެ ބިރު ރައީސްއެއް ނުދައްކާނެ! އަމިއްލައަށް މަ މޮޅު ވެފަ، ކަލަ ގޮވައެއްވެސް ނުހަދާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454