ވާދަވެރި ކެމްޕެއިނަކަށްފަހު ބޭއްވި އިންތިހާބުން ދެ ރައީސުންނަށް ލިބިވަޑައިގެންނެވި ވޯޓު އެއްކޮށްލުމުން ވެސް މާ ބޮޑު އެއްޗެއް ނުލިބޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ބޭއްވި ޖަލްސާގައި، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
30 ޖެނުއަރީ 2023 - 21:39
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ނަތީހާ ނުކުތް ގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އިދިކޮޅު ޕީޕީއެމަށް ފަސޭހަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕްރައިމަރީގައި 61 ޕަސެންޓާއެކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކާމިޔާބު ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ 24،572 ވޯޓުންނެވެ. ނަޝީދަށް ހޯއްދެވުނީ 15،631 ވޯޓެވެ.
އެ ނަތީޖާއާ ގުޅޭ ގޮތުން، ޕީޕީއެމާއެކު މަސައްކަތްކުރާ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ "ކޮކަޑި ކޭ މީދަލަށް ވުރެ" ނަޝީދުގެ އުނދަގޫ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އާދަމް ޝަރީފް ފަހުން "މިހާރު" އަށް ވިދާޅުވީ ވަރަށް ފޯރިގަދަ އަދި ވަރުގަދަ ކެމްޕެއިނަކަށް ފަހު ބޭއްވި އިންތިހާބުން "ފެނުނީ" 40،000 ވޯޓު ކަމަށެވެ. އެ އަދަދާއި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން އަދި އެމްޑީޕީން ވަކިކުރި ކަމަށް ބުނާ 39،000 މީހުން އެއްކުރުމުން ވެސް އަރަނީ 90،000 އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބުނެވެ. އެކަމަކު، އޭގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ 70 ޕަސެންޓު މީހުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް ހޯއްދެވުނު ވޯޓުގެ އަދަދަށް ރިއާޔަތް ކުރައްވައި، އާދަމް ޝަރީފް ވިދާޅުވީ، އެ ނަތީޖާ އަށް ބަލާއިރު އެމްޑީޕީ އަށް ރާއްޖޭގައި ތާއީދު ނެތޭ ބުނެވޭ ކަމަށެވެ. ބައިލައްކައަށް ވުރެ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 25،000 އެއްހާ ވޯޓު ލިބުމަކީ ވަރަށް މަދު އަދަދެއް ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސަށް 25،000 އެއްހާ ވޯޓު ލިބުނީ ވަރަށް ބައިވަރު ނުފޫޒާއި ފައިސާ އަދި އެކި ކުންފުނިތަކުން ވަޒީފާ "ބަހައިގެން" ނެވެ. "ފިކުރެއްގެ ދިރުން"ގެ ނަމުގައި ނަޝީދު މަސައްކަތްޕުޅު ކުރައްވައިގެން ވެސް 15،000 ވޯޓު ލިބުމުން، އެ ދެ ބޭފުޅުންގެ ވޯޓު އެއްކޮށްލުމުން ވެސް މާ ބޮޑު އެއްޗެއް ނުލިބޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ރޭހަށް ނުކުމެވަޑައިގަތަސް އެ މަނިކުފާނަށް ޕޮޕިއުލާ ވޯޓެއް ނުލިބޭ ކަމަށާއި ރަށްރަށުގައި ތާއީދު އޮތް ތަން ނުފެނުނަސް ނަޝީދަށް އެ ތާއީދު ނުފެންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"މި ހުރިހާ އެއްޗެއް އެއްކޮށްލީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން ގާތްގަނޑަށް ރާއްޖޭގައި އެ ބުނަނީ އެމްޑީޕީއަކީ މިހާރު ޗޮއިސެއް ނޫން ކަމަށް. އަނެއްކޮޅުން ބަލާއިރު، އަޅުގަނޑުމެން ޕްރޮގްރެސިވް ކޯލިޝަނަށް އޮތް ތާއިދު އެއް ދުވަހުން އަނެއް ދުވަހަށް މި އަންނަނީ އިތުރުވަމުން. ހާއްސަކޮށް ރައީސް ޔާމީނަށް އޮތް ތާއިދު ވަރަށް ބޮޑުތަނުން މި ވަނީ ބޮޑުވެފައި،" ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެއާއެކު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރައީސް ނަޝީދު އެމްޑީޕީގައި އެ ޖަހާ ސަކަރާތުގެ ސަބަބުން އެމްޑީޕީ އިތުރަށް ބައިބައިވާނެ. ރައީސް ނަޝީދު އެ ކުރައްވާ މަސައްކަތަކީ ބައިބައިކުރަން ކުރާ މަސައްކަތް."
އާދަމް ޝަރީފް ވިދާޅުވީ ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވާނީ އެ މަނިކުފާނަށް ޕާޓީގެ ލީޑަޝިޕް ލިބޭނެ ގޮތް ވުމަށެވެ. އެކަން ވާނީ ޕީޕީއެމަށް ވެރިކަން ލިބިގެން ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރެއްވި އެވެ.
"އެ ހުރިހާ ގޮތަކަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ [ޕީޕީއެމަށް] މި އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމަށް ފަސޭހަވާނެ ކަމަށް އެ އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާއިރު، އިންތިހާބުގެ ބޮޑު ނާކާމިޔާބީއަށް ފަހު ނަޝީދު މިއަދު ވަނީ އެ އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ހެނދުނު ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށެވެ. އެކަމަކު ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެއާއެކު، ބަލި ގަބޫލުކުރައްވައި ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް ހަދައި މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަންނަ ޖުލައި މަސް ނިމެންވާއިރަށް 50،000 މީހުން އެ ގޮތްޕަތް ހަމަވެ، އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ނިންމާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް، ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް މިިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
އެކަމަކު، ގޮތް ދޫނުކޮށް އިދިކޮޅުން ބުނީ އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.
މި ހުރިހާ އެއްޗެއް އެއްކޮށްލީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން ގާތްގަނޑަށް ރާއްޖޭގައި އެ ބުނަނީ އެމްޑީޕީއަކީ މިހާރު ޗޮއިސެއް ނޫން ކަމަށް. އަނެއްކޮޅުން ބަލާއިރު، އަޅުގަނޑުމެން ޕްރޮގްރެސިވް ކޯލިޝަނަށް އޮތް ތާއިދު އެއް ދުވަހުން އަނެއް ދުވަހަށް މި އަންނަނީ އިތުރުވަމުން.--- އާދަމް ޝަރީފް
އާދަމް ޝަރީފް ވެސް ވިދާޅުވީ އިންތިހާބު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ ކޯލިޝަނުން ޔާމީނަށް ކެމްޕެއިންކުރާ ކަމަށެވެ. އެ މަނިކުފާނަށް މި ވަގުތު އޮތް ހުރަހަކީ ނިހާޔީ ހުކުމަކަށް ނުވާތީ ކުރިމަތިލުމުގެ ޝަރުތު އުންޏެއް ނުވާ ކަމަށް ވިދާޅުވި އެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓާއި ސުޕްރީލް ކޯޓަށް ހުށަހަޅައިފި ނަމަ ގައުމީ މަސްލަހަތާ ގުޅުން އޮތް ކަމެއް ކަމަށް ބަލައި މި ފަހަރުގެ އިސްތިއުނާފު މަރުހަލާ ކުރިއަށްދާ ގޮތް އަވަސްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދަށު ކޯޓުން ހުކުމް އިއްވާފައި ވަނީ، އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ފާސިގު ހެކި ބޭނުންކޮށްގެންނެވެ.
އެހެންވެ، މަތީ މަރުހަލާއިން ހުކުމް ބަދަލުވާނެ ކަމަށް އުއްމީދުކުރައްވާ އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ބަލާއިރު، ގާނޫނީ ގޮތުން ވެސް ރައީސް ޔާމީނަށް ވެސް ފުރުސަތެއް ނުގެއްލޭ އަދި އަނެއްކޮޅުން ބަލާއިރު ސުޕްރީމް ކޯޓުން ނިންމާ ހިސާބަށް ދާންޖެހުނު ކަމަށް ވިޔަސް އަޅުގަނޑުމެންނަށް ވަގުތު ލިބޭނެ ކަމަށް ބެލެވެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތް
31 January 2023
ހަޖަމްކުރަން ދަސްކުރޭ ދެން މިފަހަރު ކެތްކުރޭ މީ އެނގޭ ހަގީގަތޭ ސާފު ތެދޭމީ
އެޑަމް 1
31 January 2023
ތީ އަދި ރަނގަޅު ވިސްނުންފުޅެއްނޫން. އޭގެ ދެގުނަ މީހުން ނުކުންނާނެ އިތުރަށް ރައީސް ޞާލިހަށް ވޯޓުއަޅަން. މަނިކުފާނު މި އަދަދު ނޯޓްކުރައްވާ. މިހެން ނުވެއްޖެއްޔާ އަޅުގަނޑު މަނިކުފާނަށް ގުޅާފަ މާފަށް އެދޭނަން. އެއީ މެމްބަރުން އެކަނި. އަންނިއަށް ވޯޓުދިން މީހުންގެތެރޭގައިވެސް ރަނގަޅު ޑިމޮކްރަސީ ދަންނަ މީހުން ދެން ނުދާނެ ފިކުރު ދިރުވާކަށް. އަންނާނީ ހޮވުނު މީހާގެ ފަހަތަށް. އެއީ ޑިމޮކްރަސީ. އެއްބުރުން ކަނޑާލާނަން އިންޝާ ﷲ. އެޑަމް ބައްލަވަން ހުންނަވާތި.
39000+15000
31 January 2023
ބުޅަލަކަށް ވޯަތުލާން ލިބުނަސް ސަލިހަކަށް ނުދޭނަން
ދފސގދފގފދގސދފހސފހސރފގ
31 January 2023
ކޮންމެވެސް އާ މީހަކާ އެކީ. ނުކުމޭ ތި ފޯމިއުލާ މިހާރު މަސައްކަތެއް ނުކުރާނެ.
ދަންވަރު
31 January 2023
"ކަރުން" އެބުނީ ހެޔޮކޮށް. ހުރިހާ ޕާޓީތަކަށް ބުނެލަން އޮތީ "ނޭނގޭތީތާ އޭ ދޯ، ހޭ ތިދަނީ ފޯރީގައި، ހޭނާރާ ޖަހަނީ، މަރުފަލިތާ ބޮނޑިބޯން މާކުރިން ކަން ވީ ގޮތުން، ތާމަ އެހުރީ އުފަލަކުން މާކުރިން ކަން ދިޔަގޮތުން، ތާނަސީބުގެ ދެރަކަމުން"
ޕަޕީޓޯ
31 January 2023
ނަށީދު ހޮވުނު ނަމަ ބުނާނީ: މިހާރު ޔަގީންވިއްޔޭ ލިބޭނޭކަން. އެހެންނު ކޯލިޝަން ޕާޓުނަރޫ. ލާހިކެއްނޫން، މިހާރު އެ ނިމުނު ގޮތުން ޕީޕީއެމަށް ކާމިޔާބުކުރާކަށް. ބޮޑުތަނުން ނޯ
ނުވިސްނާ
31 January 2023
ދަތްދޮޅި ބެއްޔާ، ތިޒާތު ބޯގޯސް ވާހަކަ ނުދައްކާ އަނގަ މަޑުން ލައިގެން ހުރިއްޔާ ތިމާގެ ނުވިސްނޭކަން އެހެން މީހުންނައް އެގުން ކުޑަވާނެ. ރިޔާސީ އިންތިހާބެއްގައި ވޯޓުދޭމީހުން އެމްޑިޕީގެ އެތެރޭގެ ވޯޓައް ނުނުކުތަސް ނިކުންނާނެ. މިފަހަރު މިލީ ވޯޓު މީ އެމްޑީޕީގެ އެތެރޭ ވޯޓެއްކަން މިފަހަރު ވާދަފޯރި އައް ނުނުކުންނަ އެތައް ބަޔަކު އެބަތިބީމު. ސޮރީ ބުރޯ އަދި ތިބޭފުޅާގެ ބޮލުގެ ތެއްކަން މާކުޑަ ރިޔާސީ ވޯޓައް އެއްޗެއް ކިޔޭވަރައްވުރެ.
ކަރުން
31 January 2023
ހުރިހައި ޕާޓީތަކުގެ ދަފުތަރުތަކުގަ ތިބި ހުރިހާ މެމްބަރުން އެއްކޮޅަށް ވޯޓު އެޅިއަސް ސައިލަންޓު މެޖޯރިޓީ އާ ކައިރިވެސް ނުކުރެވޭ. ހިސާބު ތިޖަހަނީ ދަފުތަރުގެ އަދަދުން އެކަނި އެހެންވީމާ ތިޔައީ ބުރަދަނެއް ހުރި ޒުވާބެއް ނޫން.
ނޭފަރު
31 January 2023
މަވެސް ސައިލަންޓް ހަރާންވާނެ ހިންނަވަރު އަަށް ވޯަޓު ދޭނެނަމަ
ޢަލި ބޭބޭ
31 January 2023
ޚިޔާލީ ހިސާބު %100 ޖަހާއިގެން އުޅެނިކޮށް ތިމީހުންގެ ވެރިކަން ވެއްޓުނީ! ގަޓު ހުރި ވާހަކަ ދައްކަބަލަ
އަލިތައްހާނު
31 January 2023
2018 ގެ އިލެކްޝަނުން ބަލިވެގެން ވޯޓު އޮޅުވާލީއޭ ގޮވާ މުޅި ގައުމު ނުކުތުމަށް ގޮވާލި. ދޮރު ދެބައިކުޅަ އެއްބައަށް ހުޅުވައިގެން އީސީ ޝަރީފޫ އޭ ގޮވީމާ ވެސް ނުކުތީ ދެ މީހުންނާ ފަޅި. ޔާމީނަށް ހުކުމް ކުރާ ދުވަހު ވެސް ހަރާމް ހުކުމެކޭ ގޮވާ ގައުމު އެންމެން ނުކުތުމަށް ގޮވާލީމާ ވެސް ޕާޓީގެ މެމްބަރުން ވެސް ތިބީ ހަނު. ރައްޔިތުން ގަބޫލުކުރޭ އިންތިހާބުން ބަލިވީކަމާއި ޔާމީނު ވައްކަން ކުރިކަން. ކިތަންމެ ހަރާމް ހުކުމެކޭ ކިޔަސް ޔާމީނު ވައްކަން ނުކުރާކަމަކަށް ނުވާނެ.
ޒުލްފީ
31 January 2023
އެކަން އެނގުނު ތެޅުނު ވައްތަރުން!