13 ފެބުރުއަރީ 2023 - 12:01
ގާތްގަނޑަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ މޮޅު ކުޅުންތެރިން ހިމަނައިގެން މާޒިޔާއިން ވަރުގަދަ ސްކޮޑެއް އެކުލަވާލުމުން، އެ ޓީމު ފަހަތަށް ވައްޓާލެވޭނެ ވަރުގެ ސްކޮޑެއް އެހެން ޓީމަކަށް އެކުލަވާލެވިދާނެ ހެއްޔެވެ؟
މާޒިޔާ އިން ވަނީ މިދިޔަ ހަފުތާގައި ފުލުފުލުގައި ކުޅުންތެރިން ލައްވައި ސޮއިކުރުވައިފަ އެވެ. އަދި އިންޑޮނޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު އީވާން ކޮލޭވް ގެނެސް ޕްރެކްޓިސް ވެސް ވަނީ ފަށައިފަ އެވެ. އޭގެ ފަހުން ކްލަބް އީގަލްސް ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. އެކަމަކު އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) އިއްޔެ ބުނީ މާޒިޔާ އާ އޮތީ އެހެން ޓީމުތަކަށް އަތް ފޯރާ ވަރަށް ވުރެ މަތީގައި ކަމަށެވެ.
"މާޒިޔާ މިހާރު އެއޮތީ އެހެން ކްލަބްތަކަށް ވުރެ ހުރިހާ ގޮތަކުން މަތީގައި. ފައިނޭންސަށް ބެލިޔަސް އަދި މިފަހަރު އެ ޓީމު އެ އެކުލަވާލި ސްކޮޑަށް ބެލިޔަސް އެހެން ކްލަބްތަކަށް ވުރެ މަތީގައި. އެކަމަކު ހަމަ ފުޓްބޯޅައިގައި ނޭނގޭނެ އެއްޗެއް ބުނާކަށް، ކޮންމެ ނަތީޖާއެއް ވެސް ނެރެވިދާނެ،" މީގެ ކުރިން މާޒިޔާ އާ ދެކޮޅަށް ތަފާތު ނަތީޖާތައް ނެރުނު ކޯޗު ބުންޏެވެ.
މާޒިޔާ އާ ވާދަކުރެވޭނެ ޓީމެއް އެކުލަވާލަން އީގަލްސްއިން ވެސް އަންނަނީ މަޝްހޫރު ބައެއް ކުޅުންތެރިން ލައްވައި ސޮއި ކުރުވަމުންނެވެ. ކޮންޓްރެކްޓް ހަމަވުމުން މާޒިޔާއިން ދޫކޮށްލި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި އީގަލްސް އަށް ސޮއިކޮށްފަ އެވެ. ކުރިން އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މުބީން (މުއްކި) އާއި ޓީސީ އަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު ވެސް އީގަލްސްއިން ވަނީ ސޮއި ކުރުވައިފަ އެވެ.
މި އަހަރުގެ ސީޒަނުން ފެށިގެން ބިދޭސީ ހަ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަންގައި ކުޅެވޭނެ އެވެ. އީގަލްސްއިން ބުނީ ބިދޭސީ ފަސް ކުޅުންތެރިން ގެނައުމަށް ކުޅުންތެރިންނަށް ބަލަމުންދާ ކަމަށެވެ. އެހެންވެ މާޒިޔާއާ ކިރިޔާ ވެސް ވާދަކޮށްލެވެން އޮންނާނީ ބިދޭސީ މޮޅު ކުޅުންތެރިންތަކެއް ގެނެސްގެންނެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ސާންތީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީގެ ކުރިން އީގަލްސްއިން ވަނީ މާޒިޔާ އަށް ދެރަ ދީ 2020 ގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. ސާންތީ ބުނީ ވަރަށް މަސައްކަތް ކޮށްގެން މާޒިޔާ ބަލިކޮށް ތަށި ހޯދި ދާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ވެސް ވަރުގަދަކޮށް ފެނުނު މާޒިޔާއާ ވާދަކޮށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ ވެލެންސިއާ އެވެ. ރ. އަލިފުށީގައި ކުޅުނު ފައިނަލު މެޗުގެ ކުރިން ތަށީގެ ފޭވަރިޓް ނަމަކަށް އޮތީ މާޒިޔާ އެވެ. އެކަމަކު އިސްމާއީލް އާސިފް (ކުޑަ ހީނާ) ކޯޗުކަމުގެ ދަށުން ކުޅުނު ވެލެންސިއާއިން، މާޒިޔާ ބަލިކޮށް މުބާރާތުގެ ތަށި ހޯދި އެވެ.
އަންނަ މަހު ފަށާ ސީޒަނަށް އަދި މިހާތަނަށް ވެލެންސިއާގެ ހަރަކާތެއް ނުފެނެ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާ ހެދި އެ ޓީމު ވެސް އޮތީ މަޑުޖެހިފަ އެވެ.
މި މައުލޫގައި ވާހަކަ ދެއްކި އެހެން ކޯޗަކު ބުނީ، އެހެން ކްލަބަކަށް މާޒިޔާ އާ ވާދަ ކުރެވުނަސް ވާދަ ކުރެވޭނީ ކުރު މުބާރާތްތަކުގަ އެވެ. މިދިޔަ އަހަރު ވެލެންސިއާ އަށް ވެސް މާޒިޔާ އަތުލެވުނީ ޕްރެޒިޑެންޓްސް ކަޕުގަ އެވެ. އޭނާ ބުނި ގޮތުގައި އެއީ އެހެން ކްލަބްތަކަށް ދިމާވެފައިވާ ފައިސާގެ މައްސަލަތަކާ ހެދި ކަމަށެވެ.
އަބަދު ވެސް ދައްކަން ޖެހިފައި އޮތް އަދި އެ ހާލަތަށް ބަދަލެއް ނައިސް އޮތް ވާހަކަ އަކީ އެހެން ކްލަބްތަކުން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ނުދޭ ވާހަކަ އެވެ. ގިނަ އެހެން ކްލަބްތަކުގައި ޕްރީ ސީޒަންގައި ޕެލޭނެއް ނެތް ވާހަކަ އެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު އެ ދެ ޓީމަށް ވެސް އަދި ވެލެންސިއާ އަށް ވެސް މައްސަލަ ދިމާވީ ދިވެހި ލީގުގަ އެވެ.
ކުރިން ވާހަކަ ދެއްކި ކޯޗު ބުނީ ސީޒަނަށް ދުރާލައި ތައްޔާރުވުމުގެ ފައިދާ އަދި ޕްރެކްޓިސްތައް މެދުކަނޑާ ނުލައި ގަވާއިދުން ކުރިއަށް ގެންދިއުމުގެ ފައިދާ ފެންނާނީ ލީގު އުސޫލުން ދިގު ދެމިގެންދާ މުބާރާތެއްގައި ކަމަށެވެ.
"ލީގުގައި ނަތީޖާ އެއްވަރެއްގައި ހިފެހެއްޓޭނީ ވަރަށް ގިނަ ކަންކަން ފުރިހަމަކޮށްގެން. ގަވާއިދު މުސާރަ ދެވުމާއި ޕްރެކްޓިސް ކުރުމާއި ކުޅުންތެރިންނަށް ކޮށްދޭން ޖެހޭކަންކަން ފުރިހަމަ ކޮށްދެވުނީމަ ކިތަންމެ ދިގު ދެމިގެންދިޔަ ޔަސް އެއްވަރެއްގައި ހިފަހައްޓާލެވޭނެ،" އޭނާ ބުންޏެވެ.
"ލީގުގައި މާޒިޔާ އަށް މައްސަލަ ދިމާ ނުވެ އެދާގޮތަށް ގޮސް ލީގު ނިންމާ ލެވުނީ ކަންކަން ފުރިހަމަ ވެފައި ހުރީމަ."
ރާއްޖޭގައި މިހާތަނަށް އެހެން ޓީމުތަކާ ތަފާތު ބޮޑު ނަތީޖާއެއް ނެރެފައިވަނީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެ ޓީމުން 1997 ގައި ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ. އަދި 2013 ވަނަ އަހަރު އެ ރެކޯޑް އާކުރީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހރހރ
13 February 2023
"ރާއްޖޭގައި މިހާތަނަށް އެހެން ޓީމުތަކާ ތަފާތު ބޮޑު ނަތީޖާއެއް ނެރެފައިވަނީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެ ޓީމުން 1997 ގައި ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ. އަދި 2013 ވަނަ އަހަރު އެ ރެކޯޑް އާކުރީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ". މިއީ މާޒިޔާ ބޭނުންވެގެން އުޅޭ ކަންކަން! އެކަމު މާޒިޔާއަކަށް ތިޔަ ކަމެއް ނުވާނެ!
ސަސ
13 February 2023
ރާއްްޖޭގެ ހުރިހާ ތައްޓެއް ނެގިޔަސް، މި ސަރަހައްދުން ކާމިޔާބެއް ނުހޯދޭނަމަ ތިޔައީ ކަމެއް ނޫން
ވީއާރބުލޫސް
13 February 2023
މާޒިޔާ އުޅެނި ނިއުގެ ރެކޯޑްމުގުރާލާނަމޭ ހިތާ. އިންސާ ﷲ އެކަމެއް ނުވާނެ.
އެއީ
13 February 2023
އެއީ ކީއްވެ؟؟؟
ނިއު2013
13 February 2023
100% ރަގަޅު ވާހަކައެއް ރެކޯޑް މުގުރައެއް ނުލެވޭނެ، އެހެނެއް ނޫން އެއްވަރު ކުރެވިދާނެ..
ހަސަނަ
13 February 2023
ފުޓުބޯޅަ ތިއޮތީ ކުރިއަރައިގެން ގޮސްފަ. ދެން ރާއްޖޭގެ ބޯޅަ މިއޮތީ އަތު ނުވާހާ މައްޗަށް ގޮސްފައި. މީ އަނެއްކާވެސް ޓިކެޓް ފައިސާއިން ރާއްޖޭގެ އިގްތިސާދަށް ބިލިޔަން ޑޮލަރު ވަންނާނެ ސީޒަނެއް