13 ފެބުރުއަރީ 2023 - 11:18
މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ބިދޭސީއަކު ފުރުވާލި މައްސަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލުމަށް އެ ޕާޓީން ވިޕެއް ނެރެފައި ވަނިކޮށް، އެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދަން މިއަދު ފާސްކޮށްފި އެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއެކު ހުންނެވި ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލާފައި ވަނީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތުތަކުގައި އެ މީހަކާ މެދު އަމަލު ކުރާނެ ގޮތުގެ ގަވައިދުގައި ހުރި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ތައާރުޒުވާ ބައިތައް އުނި ކުރުމަށެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ރަތަށް ފިތަން ވިޕެއް ނެރުއްވައިފަ އެވެ.
ސަބަބެއް ކަމުގައި އޭނާ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް މައްސަލަތައް ހުށަހަޅަން އަމަލު ކުރުމަށް އޮންނަ އާންމު އުސޫލާ ހިލާފަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކަށް ވާތީ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން އެ މައްސަލަ ހުށަހެޅުއްވުމުން، މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް 24 މެންބަރަކު ވޯޓު ދެއްވި އެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ނުފެންނަ ކަމަށް ވެސް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ވިޕާ ދެކޮޅަށް ވޯޓު ދެއްވީ އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ފެކްޝަންގެ މެމްބަރުންނެވެ. ހަސަންގެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފާސްވީ، ނަޝީދުގެ ފެކްޝަންގެ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު އެވެ.
މައްސަލަ ފާސްވުމާއެކު، ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެމްޑީޕީގެ ޕީޖީން އެ މައްސަލަ ބޭރު ކޮށްލުމަށް ވިޕެއް ނެރެފައިވީ ނަމަވެސް ހަގީގަތުގައި ރާއްޖެ އަށް ދިމާވެފައިވާ މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ގިނަ މެންބަރުންތަކެއް ތިއްބެވީތީ ޝުކުރު ދަންނަވާ ކަމަށެވެ.
ރާއްޖެ އަށް ޑްރަގް ވިޔަފާރި ޓްރެފިކް ކުރާ މީހުންނަށް ފިޔަވަޅު އެޅޭ ގޮތަށް ގަވައިދުތައް ބަދަލު ކުރުމަކީ ސަރުކާރުން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް ޕީޖީން ދެކޮޅަށް ވިޕެއް ނެރެފައި ވަނީ އޭނާގެ ފިކުރު ވަކި ގޮތަކަށް ހުރުމުން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އެމްޑީޕީ ނެރުނު ވިޕާ ދެކޮޅަށް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވޯޓު ދީފައިވާ އިރު އެންމެ ފަހުން ވިޕެއް ނެރުނު ޖީއެސްޓީ ބިލާ ދެކޮޅަށް ވޯޓު ދީގެން އެ ފެކްޝަންގެ މެންބަރުންނަށް އޮތީ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލައި ފިޔަވަޅު އަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީދޫ001
13 February 2023
ބައެއްގެ ވިޔަފާރި އަށް ހުރަސް އެޅޭ ކަމަށް ވަންޏާ " ނޯ" ޖަހާނެ! ނޭނގި އެތެރެކުރެވިއްޖެނަމަ ބޮޑު އަގުގައި ވިއްކާލެވޭނެ. ބަސްޓުވެއްޖިއްޔާ އަނބުރާ ގައުމަށް ދެވޭނެ! ރާއްޖައަށް ޑްރަގް އެތެރެކުރުމުގެ ރިސްކް މިވަނީ ގަވާއިދަކުން ކުޑަކޮށްދީފައި.
އުކުޅަހު މޫސާ
13 February 2023
ދެން މި ސަރުކާރަކަށް ވޯޓެއް ނުދޭނަން ....
އިސްމާލި
13 February 2023
"ސަބަބެއް ކަމުގައި އޭނާ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް މައްސަލަތައް ހުށަހަޅަން އަމަލު ކުރުމަށް އޮންނަ އާންމު އުސޫލާ ހިލާފަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކަށް ވާތީ ކަމަށެވެ." އެބުނާހެން. މިލިއަނުގެ އަގުހުރި މަސްތުވާތަކެތި އެތެރެކުރި މީހަކު ފުރުވާލައި، އިތުރު މީހުނަށް އެތެރެ ކުރުމުގެ ފުރުސަތު ދިނުމަށް ވުރެ ބޮޑު މައްސަލައަކީ ހުށައެޅި މެންބަރު އިދާރީ "ކުށެއް" ކުރެވުން.
ސީޒަން ޖެކުހަން
13 February 2023
މީ ރަސްކަމެއްނޫން. މީ ޑިމޮކުރަސީއެއް. ޑިމޮކުރަސީ ވިޕެއް އެޕެއް ނޯންނާނެ. އެމީހަކު ބޭނުންގޮތަކަށް ވޯޓުދެވޭނެ.
އޮނަރަބްލް އަފީފު ދީދީ
13 February 2023
ޙާޒިރީގެފުލުން ރިކޯޑްހައްދަވާމެންބަރު މިކަމުގައިވެސް މިއުޅެނީ އެންމެފަހަތުގައި. # ޑްރަޤު ހުއްޓުވުމުގެ ރަނގަޅުނިޔަތެއް އޮތްނަމަ ނުވަތަ ތިމާގެ އަމިއްލަސިޓީގައި މަސްތުވާތަކެތީގެ ހާލަތު އޮތްގޮތާއިމެދު ކުޑަކޮށްވެސް ވިސްނާލިނަމަ ޕީޖީލީޑަރުގެ ޙައިސީއްޔަތުން ތިކަމަށް ބަހުސްކުރަން ދެކޮޅުހައްދަވާ ވިޕް ނެރުއްވާކަށް އަސްލަމަށް ކެެރިވަޑައި ނުގަންނަވާނެ. # އަސްލަމް ގެ ތިޔަ އަމަލުގެ ސަބަބުން އައްޑޫ ރައްޔިތުންގެ ނުރުހުން އަސްލަމަށް އިތުރުވުން ނޫންކަމެއް ނުވާނެ.
ދަންބެރު
13 February 2023
ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ ބާރު ސަރުކާރުން ކަނޑުވާލައިފި. މަސްތުވާތަކެތި އެތެރެކުރާ ޑީލަރު އަތުލައި ގަނެވޭފަހަރު ޓޫރިސްޓެއް ގޮތުގައި އަނބުރާ ގައުމަށް ދެވޭނެކަމުގެ އިތުބާރު ޑީލަރުންންނަށް ސަރުކާރުންދީފި .
ޢާދަނުބޭ
13 February 2023
މަސްތުވާތަކެތްޗައް ހުޅުވިފަ ހުރިދޮރުތައް ބަންދުކުރަން އައި ސަރުކާރުގެ ހާލަތު ކީކޭދެން ބުނާނީ ދިވެހެިންނަށް މިތިބީ ކިހިނެތްވެފަބާ ދެންވެސް ރިޔާސީ އިންތިހާބުގަ ކިޔާނެ މަސްތުވާތަކެތްޗައް ހުޅުވިފަ ހުރިދޮރުތައްބަންދު ކުރާނަމޭ ބުނާއިރަށް ރައީތުން އަތުން ހަންދާވަރަށް އަތްޖަހާނެ