ލަމްހާ: މޭރީގެ މަރުގެ މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ
20 ފެބުރުއަރީ 2023 - 17:18
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއާ ދެކޮޅަށް އޭނާގެ ރަހުމަތްތެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދަނިކޮށް 2021 ވަނަ އަހަރު މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ތިން މީހުންނަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ.
މިއަދު ހެކިބަސް ދިނީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ލަމްހާގެ ރަހުމަތްތެރިއެކެވެ. އޭނާ ބުނިގޮތުގައި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މޭރީ އަށް އެނގިގެން ލަމްހާ އަށް މޭރީ މެސެޖްކޮށް، އެކަން އައިޖީއެމްއެޗަށް ހުށަހަޅާނެ ކަމަށް ބުނުމުން މޭރީއާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރަން ލަމްހާ އެދުނެވެ.
އެހެންވެ، ލަމްހާގެ އެދުމުގެ މަތިން މޭރީއަށް ގުޅައިގެން މޭރީއާ ހެކިވެރިޔާ ބައްދަލުކުރި ކަމަށާއި މޭރީ ވެސް ބޭނުންވީ ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އަދި އެ ވާހަކަ ލަމްހާ ގާތު ބުނުމުން މާވިންއާ އޮތް ލޯބީގެ ގުޅުން ހުއްޓާލާނެ ކަމަށް ލަމްހާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މޭރީ މަރުވި ދުވަހު ލަމްހާ އޭނާއަށް ގުޅާފައި، މޭރީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދީގެން މާވިން ޑީޕޯޓްކޮށްލަން އުޅެނީ ކަމަށް ބުންޏެވެ. އަދި ފަހުން، މޭރީ މަރުވި ވާހަކަ އޭނާއަށް ގުޅާފައި ބުނީ ވެސް ލަމްހާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
މޭރީ އާއި އޭނާގެ ފިރިމީހާ މާވިން
ލަމްހާ އެގޮތަށް ބުނުމުން އައިޖީއެމްއެޗަށް ދިޔައިރު އެތަނުން ލަމްހާއާ ދިމާވުމުން، މޭރީ ދަންޖެހިގެން މަރުވީ ކަމަށް ލަމްހާ ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ހޮސްޕިޓަލްގައި މޭރީގެ ހަށިގަނޑު ބާއްވާފައި އޮއްވާ އޭނާއަށް ދެއްކީ ވެސް ލަމްހާ ކަމަށް އޭނާ ބުންޏެވެ.
އޭރު ލަމްހާގެ މޫނުމަތިންނާއި ހަރަކާތްތަކުން ހިތްހަމަޖެހިފައި ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި އޭގެފަހުން އެ މައްސަލަ އަށް ދެން ވާނެ ގޮތެއް ބެލުމަށާއި އަދި މާވިން ޑީޕޯޓްކޮށްލާނީތޯ ބެލުމަށް ދެ ފަހަރަކަށް ލަމްހާ އޭނާ އަށް ގުޅި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ދިފާއީ ވަކީލުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އެ ވާހަކަތައް ފުލުހުންނަށް ކިޔައިދިނީ ފުލުހުންގެ ތަހުގީގަށް އެކަން އެނގިގެން އޭނާއާ ސުވާލު ކުރުމުންނެވެ. އަދި އަމިއްލަ އިސް ނެގުމުގައި އެ މައުލޫމާތު ނުދިނީ ތަހުގީގުތަކާ ނުގުޅޭ ފުލުހުންނަށް އެކަމުގެ ތެރެއަށް ވަނުމުގެ ބާރު ނޯންނާތީ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މާވިން އިސްލާމްވިތޯ ބެލުމަށް މޭރީ އޮތީ އޭނާ ގާތުން އެދިފަ އެވެ. އެކަމާ ގުޅިގެން މޭރީއާ ބައެއް ފަހަރު މެސެޖްކޮށް ވާހަކަ ދެއްކި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
ދެން މިއަދު ހެކިބަސް ދިނީ މާލޭގެ އެކި ސަރަހައްދުތަކާއި މޭރީ އުޅުނު ގޭގެ ކެމެރާގެ ވީޑިއޯ ފުޓޭޖްތައް ތަހުލީލުކުރި ފުލުސް މީހާ އެވެ. އޭނާ ބުނިގޮތުގައި ވީޑިއޯތަކުން ފެންނަނީ މާވިން ކަން ޔަގީންކަމާ އެކު ބުނަން އެނގުނަސް، ދެން ފެންނަ މީހަކީ ލަމްހާ ކަން ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ.
އެ ފުލުސް މީހާ ބުނިގޮތުގައި މޭރީ މަރުވި ދުވަހު އައިޖީއެމްއެޗަށް މާވިންގެ ސައިކަލުގައި މޭރީ ގެންދިއުމަށްފަހު މާވިން އެނބުރި ގެއަށް އައިސް ދަރިފުޅު ގޮވައިގެން ނިކުމެގެން، މާލޭގެ ގޯޅިއަކަށް ގޮސް އެހެން މީހަކާ ދަރިފުޅު ހަވާލުކުރެ އެވެ. ދަރިފުޅާ ހަވާލުވި މީހެއް އެއްވެސް ކެމެރާއަކަށް ނާރަ އެވެ.
އޭގެފަހުން މާވިން އަނެއްކާވެސް ގެއަށް އައުމަށްފަހު ކޮތަޅެއް ހިފައިގެން ގެއިން ނިކުމެ، ގޭގެ ބޭރުގައި ހުރި މީހެއްގެ އަތުން ޑޮލަރު ހޯދާ މަންޒަރު ފެންނަ ކަމަށް އޭނާ ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން މޭރީ އައިޖީއެމްއެޗުން ނިކުމެގެން ހިނގާފައި ގޮސް ގެއަށް ވަންނަ ކަމަށާއި އޭގެ އިރުކޮޅެއް ފަހުން މޭރީގެ ދަރިފުޅު ގޮވައިގެން އެ ގެ ކައިރިއަށް މީހަކު އައިސް ހުރި މަންޒަރު ވީޑިއޯއިން ފެންނަ ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އަދި އެގޭ މަތިން ތަޅުދަނޑިއެއް ވައްޓާލުމުން އެ ތަޅުދަނޑި ބޭނުންކޮށްގެން އެ މީހާ ކުއްޖާއާ އެކު އެ އިމާރާތަށް ވަންނަ މަންޒަރު ވެސް ފެނެ އެވެ.
އޭނާ ބުނިގޮތުގައި އެ ގެއަށް ކުއްޖާ ގޮވައިގެން ވަންނަތާ ވިއްސަކަށް މިނެޓްފަހުން އެ މީހާ އެކަނި ގެއިން ނިކުމެގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެކަމަކު އިމާރާތުން ނިކުތުމަށް އޭނާ ދޮރު ހުޅުވީ ޓީޝާޓުގެ އަތުކުރިން ތަޅުގެ އަތްގަނޑުގައި ހިފަހައްޓައިގެން ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އޭގެ އިރުކޮޅެއް ފަހުން އެމްބިއުލާންސް ގެނެސް، މޭރީގެ ހަށިގަނޑު ގެންދާ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށާއި އޭރު އެތަނުގައި މާވިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށް ފުލުސް މީހާ ބުންޏެވެ. އޭނާ ބުނިގޮތުގައި ވީޑިއޯއިން ފެންނަނީ މާވިންކަން ދެނެގަނެވުނީ އޭނާގެ އަތުގައި ޖަހާފައި ހުރި ޓެޓޫ އަކާއި އަރައިގެން ހުރި ފައިވާނެއްގެ ސަބަބުންނެވެ. އަދި އެދުވަސްވަރު މާސްކް އަޅައިގެން އުޅުނަސް، މާވިން ބައެއް ތަންތަނުގައި މާސްކް ނާޅާ ހުއްޓާ ކެމެރާއަށް އަރާފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.
މާވިން
ތިން ވަނައަށް ހެކިބަސް ދިނީ މޭރީ މަރުވިކަމުގެ ރިޕޯޓް ލިބިގެން އައިޖީއެމްއެޗާއި އެ ގެއަށް ދިޔަ ފުލުހެކެވެ. އެ ފުލުސް މީހާ ބުނިގޮތުގައި އައިޖީއެމްއެޗްގައި މާވިންއާ ސުވާލު ކުރުމުން، މޭރީ މަރުވީ ބެޑް ޝީޓެއް ބޭނުންކޮށްގެން ކުޑަދޮރެއްގައި ދަންޖެހިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނިގޮތުގައި މޭރީ މަރުވެފައި އޮތްއިރު އޭނާގެ މޫނު ރަތްވެ އަދި ލައިގެން ހުރި ހެދުން އޮތީ ތެމިފަ އެވެ. އަދި ފައިގައި ޒަހަމެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އިތުރު ފުލުހުންނާ އެކު، އެ ގެއަށް ގޮސް ބެލިއިރު ކޮޓަރީގެ ކުޑަ ދޮރެއްގެ ކައިރީގައި ވެއްޓިފައި އޮތް ބެޑްޝީޓެއް އޮތް ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އަދި އެތަނުގައި ސިރިންޖް ހުސްކުރި ޕެކެޓަކާއި ފަސް ލީޓަރުގެ ފެން ފުޅިއެއް އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެއީ އިންޖެކްޝަންތަކެއް ހުއްދަ ނެތި ގެންގުޅުނު ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އަދިވެސް އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. މި ހަފުތާގައި ވެސް އިތުރު ހެކިންތަކެއްގެ ހެކިބަސް ނަގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާޙިދު
21 February 2023
ތަހުގީގުގެ ފެންވަރު ދައްވުމުން އެންމެފަހުން ލަމްހާ ވާނެ ހުދުކާފޫރު ކޮޅަކަށް. ދެން އެހެންނޫނަސް ގަބޫލެއް ނުކުރެވޭ ލަމްހާ ކަހަލަ ރީތި ތަޢުލީމީ ކުއްޖަކު މީހެއްގެ ފުރާނަ ގެއްލުވާލަފާނެކަމަކަށް. އޭނާވެސް އެ ތުހުމަތު ކުރަނީނޫންތޯ، އަމިއްލަ ހަށިގަނޑަށް މޭރީ ޒަހަމް ދީގެން މާވިން ޑީޕޯޓްކޮށްލަން މަސައްކަތް ކުރަމުންދަނީކަމަށް. މީހެއްގެ ފިރިއަކާ ލޯބި ވުމަކީ ކުށެއްނޫން. އަދި މާވިން އިސްލާމް ވެއްޖެނަމަ ލަމްއަށް ޖަލުގައި ނަމަވެސް ދެވާދީ، ގާޒީ އަޅެ ޕްލީޒް!
އެގްޒިސްޓް
21 February 2023
ލޯތްބައްޓަކާ މީހެއްގެ ފުރާނަ ދުއްވާލަން ކެރުނު ބަޔަކު ދެން ނުކުރާނެ ކަމެއް އޮންނާނެބާ... ބޭރުފުށުން މީހަކު ކިތަންމެ ރީތިވިޔަސް...........
އަލިފުޅު3
21 February 2023
މީ ހާދަ ލޯބި މަންޖެ އެކޭ! މީހެއްގެ ފިރިއަކާ ހިތާވެ އެންމެ ފަހުން އެމީހާގެ އަންހެނުންނަށް ވީގޮތެއްވެގެން ނިމި އެ ދިޔައީ... ކަނބުލޯ ހުކުމެއް ނައިސް ސަލާމަތް ވެއްޖެއްޔާ މަށާ އިންނަންވީނު؟
ދޮންފުޅު
21 February 2023
އަންނަ ރުޅީގައި އަލިފުޅު ގަޔަށް އިންޖެކްޝަނެއް ޖަހައިފިޔާއޯ؟ ލަމްހާ ބޭރުފުށުން ރީއްޗަސް، އެތެރެފުށުން އެހާ ރީތިހެނެއް މި ހަބަރުތައް ކިޔާލީމާ ހިއެއް ނުވޭ.
އަލީ
21 February 2023
ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާނެބާ މިފަހަރު. އައި.ލަވް. ދިސް. ކަންޓްރީ.
ޢަރުތަ
21 February 2023
ކުށްސާބިތުވެގެން ލަމްހާ އަށް ޖަލުހުކުމެއް ކޮށްފިއްޔާ އެވާނެތަ "ޙަރާމް" ހުކުމަކަށް!
ޖުވައިދާ
21 February 2023
ތިކަހަލަ މަައްސަލަ ތަހުގީގު ކުރަންދާ ފުލުހުންނަށް ދުވަހަކުވެސް ޔަގީންކަމާއެކު ބުނަންނޭގޭ.ކީއްކުރަން ހަރުކޮށްފަ ހުންނަ ކެމެރާތަކެއް.އެއިންފެންނަ ބަޔަކުވެސް އެމީހުންނަށް ޔަގީންވާކަމަކަށް ނުވޭ.ތިހުރިހާ ޖަރީމާތަކެއްގަ ފުލުހުންގެ އަތެއްވޭ.މިކަންވެސް މިއޮތީ ލަމ އަށްޓަކައި ފަހުންނަމަވެސް ބައި އަޅާ ގޮތަށް ދޮނގު ހެކި ދީފަ.މީގެ ކުރިން ބުނި ލަމްހާ އެގެޔަށް ވަންނަ ތަން ފެނެޔޭވެސް.މި ދާގޮތަށް ދަންޏާ ލަމްހާ ނުވާނެ މާވިން ދަންނަ މީހަކަށްވެސް .
ދޮން ހަސަނު
20 February 2023
ތީގަ ތިއޮތީ ދެކޮޅަކަށް ނޫނެއްނުން ހެކިބަސް ދީފަ. އެއް ކޮޅަށްނުން. ހީވާގޮތުގައި ލަމްހާ ތި ޖަރީމާއެއް ހިންގާފައި ތިއޮތީ ތި ފުލުސް މީހާޔާވެސް ގުލިގެން ވަރަށް ބޮޑަށް ރޭވިގެން.
ޢިހްސާސް..
20 February 2023
މަބުނީ އެގޭ ދޮޝަށް ގެންދިޔައީ އެދެމީހުންގެ ދަރިކަން އެނގުނީ ކިހިނެކޯ؟ ގޮވައިގެން ދިޔަ މީހަކު ނޭންގެ..
ނަރެންދު
20 February 2023
މާވިން އެނގުން އިރު ދެން ރައއޓެހިވެގެން ލޯބިވެގެން އުޅުނު މީހާ އެނގޭކަމަށްކަށް މިއަދަކު ނުވި. މިކަން ނުވާކަމަކަށް އިސާހިތަކު ވެދާނެ.
ހިކާ
20 February 2023
ތީގެ ފަހުން ބަލަންފެށި މައްސަލައެއް ޔާމީން ގެ މައްސަލަ މިހާރު މައްސަލަ ނިނަމާ ޖަލައްލީތާ އަހަރެއްވަނީ
ގުދުގުދާބެއްޔާ
20 February 2023
މިއޮތީ ލަމްހާ ސަލާމަތް ވެފަ ޕޮލިހުން މިބުނަނީ ގޭން ނިކުތީ ލަމްހާކަމެއް ކަށަވަރެއް ނޫނޭ! އިބޫމެން ކުޅޭނީ މިކަހަލަގޭމްސް! ދެން ޖަލުގައި އަހަރެއް ހާދުވަހު ހޭދަ ކުރި މުއްދަތައް ދައުލަތުން ބަދަލު ދިނީމާގޭމް ނިމުނީ! ހަމަ މަތިވެރީގައި ހަދާފައިވާ ކާޒާމިޔާ އަށް ވީގޮތައް މިވީ! ތަނުގެ މުއްދަތު ހަމަވާން 2 އަހަރަށް ވުރެންވެސް ކުރު މުއްދަތެއް އޮއްވާ ކައުންސިލައްވެސް ނޭގި 50 އަހަރަށް މުއްދަތު އިތުރުކުރީ! ހުސްގޭމްސް