އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ކުށުގެ ތުހުމަތަށް ހައްޔަރު ކުރިތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން މިއަދު ނިންމީ ޝަރުތުތަކާއެކު ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އެއީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ލަމްހާ ދޫކޮށްލަން ކޯޓުން މިއަދު އަމުރު ކުރިއިރު، އެންމެ ފަހުން އޮތް އަޑުއެހުމުގައި، އޭނާގެ ފަރާތުން އެދިފައިވަނީ ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށް ދިނުމަށެވެ. ނަމަވެސް ކޯޓުން މިއަދު ލަމްހާ ދޫކޮށްލަން ނިންމުމުގައި ޓެގް އެޅުވުމާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދައުލަތުން ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ އެ މީހުން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ފަރާތުން ބުނެފައިވަނީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ކަންކަމަށް ޖަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އެ މައްސަލާގައި ގިނަ އަދަދެއްގެ ހެކިން ދައުލަތުން ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ލަމްހާގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ ގޮތުގައި މޭރީ މަރާލުމުގައި މާވިން އަށް ލަމްހާ އެހީތެރިވެފައިވެ އެވެ. އަދި މޭރީ މަރާލި ވަގުތު ލަމްހާ އެ ގެޔަށް ދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދައްކަން ސީންއެއް ހެދި ކަމަށް ވެސް ތުހުމަތުކުރެ އެވެ. މޭރީގެ މަރަށް ފަހު ހެދި ޓެސްޓުތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު ލެއިން ފެނިފައި ވާއިރު އޭގެ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ.