މީހަކު މަރާލި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި: މުންޑޫގައި މީހަކު މަރާލި އެކަކު މެރުމަށް ހުކުމްކޮށް، އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
27 ފެބުރުއަރީ 2023 - 11:58
މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި އެކަކު މެރުމަށް އަދި އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާޗް، 2015 ގައި ހިންގި މާރާމާރީއެއްގައި މުންޑޫ ނޫވިލު، ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް ވެސް ކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވަނީ ޝަނޫންގެ މައްޗަށް އެކަނި ކަމަށެވެ. އަދި ސިފާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ދައުވާ ކުރިޔަސް، އޭނާގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.
މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ ވާރިސުން ބޭނުންވާނަމަ މަރުގެ އަދަބު ދިނުން ކަމަށް ގާނޫނުގައި އޮންނާތީ އާއި ޒިޔަދަމްގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން އެދިފައިވާތީ ޝަނޫން މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ.
މީގެ އިތުރުން މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށަށް ގާނޫނުގައި އޮންނަނީ 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަން ފާހަގަ ކުރައްވައި، ގާޒީ ޝަފީއު ވިދާޅުވީ ސިފާމް އެ އަމަލު ހިންގުމުގައި އަމަލުކުރި ގޮތަށް ބެލުމަށް ފަހު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީ ކަމަށެވެ.
ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ވެސް އެދުނީ މިގޮތަށެވެ. އެއީ ޝަނޫނާއި ސިފާމް ވެސް ކުށްކުރުމުގައި ބައިވެރިވި ގޮތަށް ބަލައިގެންނެވެ.
ޒިޔަދަމްގެ ވާރިސުންގެ ތެރޭގައި އޭނާގެ ދަރިއަކު ހުރެ އެވެ. އަދި ކުއްޖާއަކީ ބާލިޣުނުވާ ކުއްޖަކަށް ވާތީ، ކުއްޖާގެ ބަހެއް ލިބެންދެން މަޑުކުރުމެއް ނެތި، ޝަނޫނަށް މަރުގެ އަދަބު ދެވިދާނެ ކަމާ މެދު ޝަނޫންގެ ވަކީލުން ސުވާލު އުފެއްދެވި އެވެ.
އެކަމަކު ގާޒީ ޝަފީއު ވިދާޅުވީ ވާރިސުންގެ ގޮތުގައި ބަސް ހޯދޭނީ 15 އަހަރު ފުރިފައިވާ މީހުން އެކަނި ކަމަށް ގަވާއިދުގައި އޮންނަ ކަމަށެވެ. އަދި ޒިޔަދަމްގެ ދަރިފުޅުގެ އުމުރުން 15 އަހަރު ނުވާތީ އޭނާގެ ބަސް ހޯދަން ނުޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ސިފާމްގެ ވަކީލުން ވިދާޅުވީ އޭނާގެ މައްޗަށް ކަނޑައެޅޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ސަބަބެއްގެ ގޮތުން ވަކީލުން ވިދާޅުވީ ކުށުގެ ރުކުންތައް ފުރިހަމަވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ ކަމަށެވެ.
އެހެން ނަމަވެސް ހުކުމުގައި ގާޒީ ޝަފީއު ވިދާޅުވީ އެ ކުށުގެ ރުކުންތައް ފުރިހަމަވެފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެހެންވެ، ގާނޫނުލް އުގޫބާތުގައި އޮންނަ ލުއި އަދަބު ނުދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
ޝަނޫން މެރުމަށް ހުކުމް ކުރިޔަސް، މަރުގެ އަދަބު ތަންފީޒު ކުރާނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހާ
28 February 2023
މަރުގެ އަދަބު ތަންފީޒު ކުރަން ވީ ހަމަ.
ޕްރިޔަންކާ ނިކް
28 February 2023
ހުކުމް ތަންފީޒު ނުކޮށް ލަސްކޮށްގެން ނުވާނެ، ކުށްވެރިޔާގެ ހައްގައް އެކަނި ވިސްނުމުން ނުފުދޭ. އަހަރެމެންގެ ޓެކްސް ފައިސާއިން ޖަލުގައި ބަލަދު އަރާގެން ދައުލަތުން ހަރަދު ކުރަން ބާއްވަން ހެޔޮ ނުވާނެ.
1206
27 February 2023
ހާދަ ފިނޑި ބަޔެކޭ. މީހަކު އަދި އެއްޗަކަށް ވާ ކަހަލަ އެއްޗެއް ބުނި ނަމަ އަދި ކިހާ ވަރެއް ވީސް.
ބިސްކަލޯ
27 February 2023
ހަމައެކަނި މަރަން ހުކުންކޮށްގެން ނުފުދެއޭ. މަރަށް މަރައިގެން ވަނީ.
ޖަމީލުބެ
27 February 2023
އެބަ ރަނގަޅުވޭ!
ބަޑިތަކުރު
27 February 2023
މަރަންކުރާ ހުކުމް ހުރިހާ މަރުހަލާއެއް އަވަހަށް ނިންމައި އެހުކުމް ދަމަހައްޓައިފިނަމަ މެރުން އަވަސްކުރަންޖެހެއެވެ. އެހެންނޫނީ ރާއްޖެއަށްވެރިވަމުން އަންނަ ނާމާންކަން ހައްތަހާ ދާނީ ބޮޑުވަމުންނެވެ. އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި މީހަކު މަރާލީމާ އެމަރުވި މީހާގެ އެއްވެސް ހައްގެއް ނެތި، އެ އަމަލު ހިންގި މީހާގެ އިންސާނީ ހައްގާ އަނެކައްޗެއް މާ ބޮޑުވާންޖެހޭގޮތެއް ނުވިސްނެއެވެ.
1206
27 February 2023
ކަލޭމެންގެ މައްޗަށް ވާޖިބެއް ދޯ އެއީ މި ފަދަ ކޮންމެ ޚަބަރެއްގައި، "ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރު އެވެ." މި ޖުމްލަ ގެނައުން. މި ޖުމްލައިން ހާސިލު ކުރަން އެދޭ މަގުސަދު ނިކަން ސާފުކޮށްދީބަލަ. މަރަށް މަރު ނުހިފުން ނޯމަލައިޒް ކުރުންތަ ބޭނުމަކީ. މަރު ހުކުމް ތަންފީޒު ކުރުމުގެ ހުއްޖަތަކަށް ވާންޖެހޭތަ ހެނދުނާ ހަވީރު ކާ ބޭހެއް ހެން، މަރުގެ ހުކުމް ތަންފީޒު ކުރުން. އަޖައިބެއް ފަހެ ހީނުވާނެ މީހަކު.
1207
27 February 2023
ބަލަ ހާސިލު ކުރަން އެދޭ މަޤުޞަދަކީ މަރަށް މަރުނުހިފި ކިތައް އަހަރު ހޭދަވެއްޖެކަން. އެކަމުގައި އެކި ދަޢުލަތްތަކުން ރައްޔިތުންނާއި މި އިސްލާމީ ކޮމިއުނިޓީއަށް ފެއިލު ވެއްޖެކަން. ކޮން ބަހަނާއެއް ދައްކާކަށް. ހެނދުނާ ހަވީރު ކާ ބޭހެއް ކީއްކުރަން، ހަތަރު ގަޑިން ހަތަރުގަޑިން ކާ ބޭހެއްހެންވެސް އެވާހަކަ ދައްކަންވީ. އިސްލާމީ ޝަރީޢާ ޤާއިމުކުރަންވީ.