މާޗް 10، 2023؛ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ އާންމު ބައްދަލުވުމުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ވެރިކަމުގެ ތިން ވަނަ ދައުރަކަށް އިންތިޚާބު ކުރުމާ ގުޅިގެން މަގާމުގެ ހުވާ ކުރައްވަނީ.. --އޭއެފެއްޕީ
20 މާޗް 2023 - 10:47
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުން ދާ ހަނގުރާމަ ބުއްދިވެރި ގޮތަކަށް ނިމުމަކަށް ގެނެސް، އެ މައްސަލައިގެ ތެރެއިން ނުކުތުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ގޮވާލައްވައިފި އެވެ.
ރަޝިޔާ ސަރުކާރުގެ ގެޒެޓްގެ ގޮތުގައި ބެލެވޭ، ސަރުކާރުގެ ދުވަހު ނޫސް، ރޮސީސްކަޔާ ގަޒެޓާ ގައި، ރައީސް ޝީ މިއަދު ލިޔުއްވާފައިވާ ކޮލަމެއްގައި ވިދާޅުވެފައިވާ ގޮތުގައި ޔޫކްރޭން މައްސަލައިގެ ތެރެއިން ނުކުންނަންޖެހޭނީ ވަރަށް ބުއްދިވެރި ގޮތަކަށެވެ. ނަމަވެސް އެ މައްސަލައިގެ ހައްލަކަށް ވާސިލުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޝީ ވިދާޅުވި ގޮތުގައި ޔޫކްރޭން މައްސަލައިގެ ތެރެއިން ނުކުތުމަށް، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދުގައި ކުރާ މަޝްވަރާތައް ބިނާކުރަންޖެހޭނީ، ޔޫކްރޭން މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް މިދިޔަ މަހު ޗައިނާ އިން ހުށަހެޅި ދެލިކަރުދާހުގައިވާ 12 ނުކުތާގެ މައްޗަށެވެ. އެ 12 ނުކުތާއަކީ ވެސް ދެ ފަރާތަށް އެއްބަސްވެވޭ ފަދަ މެދުމިނުގެ ހައްލަކަށް މަގުފަހިކޮށްދޭނެ ބިނާކުރަނިވި ހުށަހެޅުންތަކެއް ކަމަށްވެސް ރައީސް ޝީ ވިދާޅުވި އެވެ.
"އޮޅުންބޮޅުން ބޮޑު އެއްވެސް މައްސަލައަކަށް ފަސޭހަ ސާދާ ހައްލެއް ނޯންނާނެ އެވެ. އެ ދެލިކަރުދާސް ތައްޔާރުކޮށްފައި އޮންނާނީ، މި މައްސަލައާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގެ ވިސްނުން ހުރި ގޮތުގެ މައްޗަށް ބަލައިގެންނެވެ،" ރައީސް ޝީ ލިޔުއްވާފައިވެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދިނުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަމުރު ނެރުއްވުމުގެ، ދެތިން ގަޑިއިރު ކުރިން ރައީސް ޝީއާއި ރައީސް ޕުޓިން މޮސްކޯގައި ބައްދަލުކުރެއްވި އެވެ. 'ރަޝިޔާ އާއި ޗައިނާއާ ދެމެދު އޮތީ އިމެއް ނެތް ގުޅުމެއް' ކަމަށް އެ ބައްދަލުވުމުގައި ރައީސް ޝީ ވިދާޅުވި އިރު، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ރައީސް ޕުޓިން ނިންމައިގެން ހުންނެވިކަން ރައީސް ޝީއަށް އެނގިވަޑައިގަންނަވާ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނޫނެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ބަދަލުގައި ޗައިނާ އިން ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަން ފެށުމާއެކު، ހުޅަނގުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ޗައިނާ އިން ޔޫކްރޭން ހަނގުރާމަ އަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ޗައިނާ އިން ބުނާ ގޮތުގައި، ޔޫކްރޭން ހަނގުރާމައިގެ މައްސަލައިގައި ޗައިނާ އިން އިސްކަން ދެނީ ސުލްހަވެރި ހައްލެއް ހޯދުމަށެވެ. އަދި އެއްވެސް ސިފައެއްގެ ރަޝިޔާ އަށް އަސްކަރީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާނެ ކަމަށް ވެސް ޗައިނާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިފޮނިޓައްޕު ކުމާރު
20 March 2023
ހައްލެއް ނެތް. ހައްލަކީ އުމަރު. އުމަރު ޔުކުރޭނުގެ ރައީސަކަމާ ހަވާލުވެ، ޕުޓިން ބޭބެއެއްކަމަށް ބަލައިގެން އުޅެނިކޮށް ތިމައްސަލަ ހައްލު އޮންނާނީ ލިބިފާ.
އިދުރީސް4
20 March 2023
ޝުކުރިއްޔާ ރައީސް ޝީ.. އަޅުގަނޑަށް ފެނނަ ގޮތުގައި ތިކަމުގެ ހައްލަކީ ޒެލެންސްކޯ ޔޫކުރޭން އިން ފައިބައިގެން އޭނާގެ ސާހިބު' ބިޑެން މެން ގެ ވައިޓްހައުސް ގެ މެއިޑް ރޫމް އަކަށް ބަދަލު ވުމެވެ.