ސިނަމާލެ ބްރިޖުގައި ދަބަރު ޖަހާފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު
26 މާޗް 2023 - 14:34
ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ޗައިނާގެ ސީސީސީސީ ކުންފުންޏާއެކު އިތުރުކުރުމަށް ސަރުކާރުން ނިންމައި އޭގެ އަމަލީ ކަންކަން ފަށައިފި އެވެ.
ސީސީސީސީއަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ކުންފުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮގަސްޓް، 2018 ގައި ބްރިޖު ހުޅުވި ފަހުން މިހާތަނަށް ވެސް އެ ތަން މަރާމާތުކުރަމުން ދިޔައީ ސީސީސީސީންނެވެ. އެކަމަކު، އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހަމަވެފަ އެވެ.
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ބްރިޖް މަރާމާތުކުރުމުގެ އެއްބަސްވުން އާ ކުރުމަށް ސީސީސީސީ އިން ރާއްޖެ އައިސް ސާވޭ ކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގެ ލިޔެކިޔުންތަކުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެއްބަސްވުން ހަމަވިއަސް ސީސީސީސީގެ މުވައްޒަފުން އަންނަނީ ބްރިޖް މަރާމާތުކުރަމުންނެވެ. އެކަމުގައި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ވެސް ބައިވެރިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
Who’s gonna fix this? pic.twitter.com/cHpbkjf4VZ
— Mohd Abdulla Shafeeg (@mashafeeg) March 19, 2023
"ބޮޑެތި މަރާމާތުތައް މި ކުރަނީ ސީސީސީސީ އިން. މި ބަލަނީ ޗައިނާ ސަރުކާރުން މި ކަންތައްތައް ކޮށްދޭނެ ގޮތްތައް އޮތްތޯ،" އަކްރަމް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވަނީ ބްރިޖުގެ ނަން ޖަހާފައިވާ ތަނުން އަކުރެއް ވެއްޓިފައި އޮތުމުން އެކަން ރަނގަޅު ކޮށްދޭނީ ކާކުތޯ ވަރަށް ފަހުން ސުވާލު އުފައްދަވައިފަ އެވެ.
އަކްރަމް ވިދާޅުވިގޮތުގައި، ސިނަމާލެ ބްރިޖުގެ ނަމުން އަކުރެއް ވެއްޓިއްޖެ ނަމަ މަރާމާތު ކުރެ އެވެ. ބައެއް ފަހަރު އެކަން ނުވާ ނަމަ ސީސީސީސީ ކުންފުންޏާ ވެސް ހަވާލުކުރެ އެވެ.
"ބްރިޖު ހުޅުވިތާ ކުރީކޮޅު ވެސް ބޮކިތަކުގެ މައްސަލަ ދިމާވި. އެކަން ހައްލުކުރަން މަސައްކަތްތަކެއް އެބަކުރަން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބްރިޖް މަރާމާތު ކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދެވުނީ ކުރިން އެކަން ހަވާލުކުރި ގޮތުން ކަމަށެވެ.
ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
27 March 2023
500 މިލިޔަން ދީގެންވެސް މިއުޅެނީ އަދި ފެނުން މައްޗަށް އެއްމެ ތަނބެއްވެސް ނާރައިގެން... އަކުރެއް ވެއްޓުން ދެންތީ އެހާބޮޑުކަމެއް ނޫންދޯ!
އިބްރ
27 March 2023
އިންޑިއާގެ އެއްވެސް ޕްރެޝަރެއް މިކަމުގައި ނެތްތޯ؟ ޗައިނާއާއި ހަވާލުކުރީ؟
ހާމިދު ޝާހިދު
27 March 2023
ޓޯލް ނަގާގޮތަށް ރައީސް ޔާމީން ނިންމަވާފަައި އޮއްވާ ވެރިކަމުން ވެއްޓުނީމާ، އިބްރާހިމް ސޯލިހުގެ މަގުބޫލުކަން ވެއްޓިދާނެތީ ޓޯލް ނުނަގާ 5 އަހަރު ހޭދަ ކޮށްލީ ތި! ކެރި ވަޑައިގަންނަވަންޏާ، މިސަރުކާރުން ޖުލައިގެ ކުރިން ޓޯލް ނަގަން ފަށްވާނެ.
ލުތުފީ
27 March 2023
އެދުވަހު ޓޯލް ނުނެގީވެސް ސިޔާސީ މަންފާއަކަށް. މިއަދު ނުނަގަނީވެސް އެބޭނުމުގަ. ބްރިޖް ޓޯލް ނަގަންޖެހޭ... އޭރުން ކަމެއްނެތި ބްރިޖުން ދުއްވަންދާ ގްރޫޕުވެސް މަދުވާނެ. ބްރިޖް ޓްރެފިކް މަދުވެ، ނުރައްކާ ކުޑަވާނެ.
ލ.އަތޮޅު
27 March 2023
ހައްލަކީ ރައީސް ޔާމީން...
ހުވަދޫ އަލިބެއްޔާ
27 March 2023
"ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ."
އަލީރާޖާ
27 March 2023
ބްރިޖު ހައިވޭ ކަހަލަ ތަންތަނުގެ މެއިންޓަނަންސް އަށް ޓޯލް ނުނަގާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަކީ މާ މުއްސަދި ގައުމުތަކުގައިވެސް ކުރާ ކަމެއް. މިކަން ބަދަލު ކުރަންޖެހޭ.
ހާ އަލިފު
27 March 2023
އަހަރުންގެ ޓެކްސް ފައިސާ އިން މާލެ ބޭފުޅުންގެ ބުރިޖު ހަދަންވީ؟ އަހަރެން ދުވަހަކު ބޭނުން ކުރި ބުތިޖެއްވެސް ނޫން، ޓޯލް ނަގާ!
އަހައްމަދޫ
27 March 2023
ބްރިޖު ހުޅުވިތާ ކުރީކޮޅު ވެސް ބޮކިތަކުގެ މައްސަލަ ދިމާވި. އެކަން ހައްލުކުރަން މަސައްކަތްތަކެއް އެބަކުރަން،. އަދިކިރިޔާތޯ
އެމްސް
27 March 2023
މިވަރު ކަމެއްވެސް ކުރެވޭ ވަރުގެ ދިވެހި ކުންފުންޏެއް ހަމަ ނެތީ؟
ަދެމިހެއްޓެނިވި
27 March 2023
ޓޯލް ނަގަން ފަށާ، މުއްސަދި ޑުބާއި ފަދަ ގައުމު ތަކުގަ ޓޯލް ނަގާ އިރު ރާއްޖޭގެ ހުރިހާ އިންފްރާ ސަޓަރަކްޗަރ ހުންނަނީ ހިލޭ، އިލެކްޓްރޯނިކް ޓޮލް ސިސްޓަމް އެއް ގާއިމް ކޮއްގެން މެންޓެނެންސް ބަޖެޓު ހަމަޖެއްސޭނެ
މުފޭ
26 March 2023
ބުރިޖުގެ ސައިންތަކާ ޓުރެފިކުލައިޓް ތަށްވެސް ހަލާކުވެ ވީރާނާވަނީ ކޮންމެ ބަޔަކު އެޅިޔަސް މީ ސަރުކާރުގެ ރައްޔަތުންގެ ތަންތަން.