ދުނިޔެ / ޗައިނާ

އީރާން-ސައޫދީ ޚާރިޖީ ވަޒީރުން ރޯދަ މަހު ބައްދަލުކުރައްވާނެ

27 މާޗް 2023 - 12:29

ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރްހާން އާއި އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲއާން، މި ރޯދަ މަސް ނިމުމުގެ ކުރިން ބައްދަލުކުރެއްވުމަށް އެއްބަސްވެވަޑައިގެންފި އެވެ.

ދެ ގައުމުގެ ޚާރިޖީ ވަޒީރުން މި ބައްދަލުކުރައްވަނީ، ސައޫދީ އަރަބިއްޔާ އިން، 2016 ވަނަ އަހަރު ސިޔާސީ ގުޅުން ކަނޑައިލިތާ ހަތް އަހަރަށް ފަހު، މި މަހުގެ 10 ވަނަ ދުވަހު އެ ގުޅުން އަލުން އިއާދަކުރުމަށް ފަހު އެވެ. ޗައިނާ މެދުވެރިއަކަށްވެ، ސައޫދީ އާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރިކަން އިއުލާން ކުރީ، މި މަހުގެ 10 ވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދެ ގައުމުން ގުޅުން ބަދަހިކުރި ކަން އިއުލާން ކުރީ، ޗައިނާގައި އެ ގައުމުގެ އިސް ޑިޕްލޮމޭޓް ވާންގް ޔީގެ ދެފަރާތުގައި، ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ ތިއްބަވައިގެން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެވެ.

ސިޔާސީ ގުޅުން އަލުން އިއާދަކުރިތާ ދެ ވަނަ ހަފުތާގެ ތެރޭގައި، ދެ ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ދެ ފަހަރެއްގެ މަތިން، ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެންމެ ފަހުން އިއްޔެ ފޯނުން ކުރެއްވި މަޝްވަރާތަކަށް ފަހު، ދެ ބޭފުޅުން އެއްބަސްވެވަޑައިގަތީ، މިހިނގާ ރޯދަ މަސް ނިމުމުގެ ކުރިން ދެ ބޭފުޅުން ބައްދަލުކުރެއްވުމަށެވެ.

ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އީރާންގެ ޚާރިޖީ ވަޒީރު އިއްޔެ ފޯނުން ގުޅުއްވައި، ސައޫދީ ޚާރިޖީ ވަޒީރާ އެކުގައި މަޝްވަރާ ކުރެއްވީ، މި މަހުގެ ކުރީކޮޅު ޗައިނާގައި ތިން ގައުމުން ސޮއިކުރި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ބެހޭ ގޮތުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ، ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމެވެ.

މި ރޯދަ މަހުގެ ތެރޭގައި ދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަން ސައޫދީން އިއުލާންކުރި ނަމަވެސް، އެ ބައްދަލުވުން އޮންނާނެ ތަނަކާއި ތާރީޚެއް މިހާތަނަށް އާންމެއް ނުކުރެ އެވެ.

ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން އިއާދަކުރިތާ 10 ދުވަސް ވެސް ނުވަނީސް، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދު ވަނީ، އެ ގައުމަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް އެދިވަޑައިގެން، އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް ދައުވަތެއް ފޮނުއްވައިފަ އެވެ. އެކަން އީރާން ސަރުކާރުން ކަށަވަރުކޮށްދިން ނަމަވެސް، ސައޫދީ ސަރުކާރުން އެކަމާ ބެހޭ ގޮތުން ރަސްމީ ގޮތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ސައޫދީ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އިއާދަކުރުމާ އެކު، ކުރިއަށް އޮތް ދެ މަސް ތެރޭގައި، އެއް އެއް ގައުމުން އަނެއް ގައުމުގައި ހިންގަމުން އައި އެމްބަސީ އަލުން ހުޅުވުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން، ސަލާމަތީ ކަންކަމުގަ އާއި އިގްތިސާދީ ގޮތުން އެއްބާރުލުމާ ބެހޭ ގޮތުން، މީގެ 20 އަހަރު ކުރިން ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރުމަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454