ދުނިޔެ / އަންހެނުން ބާރުވެރިކުރުން

އެފްރިކާ އަންހެނުން ބާރުވެރިކުރުމަށް އެމެރިކާއިން 1 ބިލިއަން ޑޮލަރު

މާޗް 28، 2023؛ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް (މ) ގާނާ އަށް ކުރެއްވި ރަސްމީ ދަތުރާ ބެހޭ ގޮތުން ރަސްމީ ބަޔާނެއް ދެއްވަނީ. --އޭއެފްޕީ

30 މާޗް 2023 - 10:57

2 comments

އެފްރިކާ ގައުމުތަކުގެ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުވުމަށް، އެމެރިކާ އިން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެފްރިކާގެ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިހާރު އުޅުއްވާ ކަމަލާ އިއްޔެ ގާނާގައި ރަސްމީ މަޝްވަރާތައް ނިންމަވައިލެއްވުމާ އެކު، އޭނާގެ އޮފީހުން އިއުލާން ކުރި ގޮތުގައި އެ ފައިސާގެ އެއްބައި ހަމަޖައްސާނީ އެމެރިކާ ސަރުކާރުން ދޭ އެހީގެ ގޮތުގަ އެވެ. އަދި އަނެއް ބައި ހަމަޖައްސާނީ އެމެރިކާގެ އަމިއްލަ ވިޔަފާރި ކުންފުނިތަކުން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިންނެވެ.

ކަމަލާ ވިދާޅުވި ގޮތުގައި އެފްރިކާ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށް ދޭ އެހީގެ ތެރެއިން، ސަގާފީ އެހީއާއި ތަރައްގީގެ ކަންކަމަށް ދޭ އެހީގެ ގޮތުގައި، ގާނާ އަށް 139 މިލިއަން ޑޮލަރު ދޭނެ އެވެ. އޭގެ އިތުރުން އެފްރިކާގެ ހުޅަނގު އައްސޭރިފަށުގެ ގައުމުތަކުގައި ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމުގެ ގޮތުން 100 މިލިއަން ޑޮލަރު އެމެރިކާ އިން އިންވެސްޓް ކުރާނެ އެވެ.

އެމެރިކާ އިން އެފްރިކާގެ ގައުމުތަކަށް މިފަހަރު ދޭން ނިންމި އެހީގެ ތެރެއިން، 60 މިލިއަން ޑޮލަރު ޚާއްސަކޮށްފައިވަނީ، ޑިޖިޓަލް އިގްތިސާދުގެ ދާއިރާ އިން އަންހެނުން ބާރުވެރި ކުރުމަށެވެ. އޭގެ އިތުރުން އެފްރިކާގެ ގައުމުތަކުގައި ޑިޖިޓަލް އިގްތިސާދުގެ ދާއިރާގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް، އެމެރިކާގެ އަމިއްލަ ކުންފުނިތަކުން 400 މިލިއަނެއްހާ ޑޮލަރު އިންވެސްޓް ކުރާނެ އެވެ.

"އަންހެނުންނާއި އަންހެން ކުދިންގެ އިގްތިސާދީ ހާލަތު ރަނގަޅު ކޮށްދިނުމަކީ، ހަމައެކަނި އިންސާނީ ހައްގެއް ލިބިދިނުމުގެ ގޮތުން އަދި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ނޫން. އޭގެ އިތުރުން އެއީ، ފަގީރުކަން ނައްތާލައި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަކަށްޓަކައި ވެސް، ކޮންމެހެން ދަމަހައްޓަންޖެހޭ މުހިންމު ސްޓްރެޓީޖީއެއް،" ކަމަލާގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެފްރިކާގެ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމަށް އެމެރިކާ އިން އިސްނައިގެން ކުރަން ރާވާފައިވާ ކަންކަމަށް، އެމެރިކާގެ އަމިއްލަ ކުންފުނިތަކުން 528 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެ އެވެ.

ގާނާ އަށް ކުރެއްވި ދަތުރުގައި މިދިޔަ އަންގާރަ ދުވަހު ކަމަލާ ވަނީ، އެ ގައުމުގެ ކޭޕް ކޯސްޓް ކިއްލާ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. ޔުނެސްކޯގެ ސަގާފީ ތަރިކައިގެ ލިސްޓުގައި ހިމަނައި މިހާރު ހިމާޔަތް ކޮށްފައިވާ އެ ކިއްލާއަކީ އަޅުންގެ ގޮތުގައި ވިއްކައިލެވޭ ކަޅު ނަސްލުގެ މީހުން، އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާ އަދި ކެރީބިއަންގެ ގައުމުތަކަށް ފޮނުވުމަށް ބަނގަލާތަކަށް އަރުވާ ތަނެވެ.

އެތަނަށް ކުރެއްވި ޒިޔާރަތުގައި ކަމަލާ ވަނީ އަޅުންގެ ވިޔަފާރީގައި މަރުވެފައިވާ ކަޅު ނަސްލުގެ މީހުންގެ ހަނދާނުގައި އެ ކިއްލާގައި މާބޮނޑިއެއް ބާއްވައިފަ އެވެ. ކަމަލާ ވިދާޅުވީ އަޅުންގެ ގޮތުގައި ވިއްކައިލެވޭ ކަޅު ނަސްލުގެ މީހުންނާ ކުރިމަތިވި ބިރުވެރި ކަންތައް ތާއަބަދަށް ހަނދާން ކުރަންޖެހޭނެ ކަމަށެވެ.

ގާނާގެ ދަތުރު ނިންމަވައިލެއްވުމަށް ފަހު ކަމަލާ ރޭގެ ވަގުތެއްގައި ޓެންޒޭނިއާ އަށް ވަޑައިގެންފި އެވެ. ޓެންޒޭނިއާ ސަރުކާރުގެ އިސް ވެރިންނާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ކަމަލާ ދެން ވަޑައިގަންނަވާނީ ޒެމްބިއާ އަށެވެ. އޭނާގެ މި ދަތުރަކީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވޮޝިންޓަންގައި ރައީސް ޖޯ ބައިޑެންގެ ރިއާސަތުގެ ދަށުން، އެފްރިކާގެ ވެރިންނާ އެކުގައި ބޭއްވި މަހާސިންތާއާ ގުޅޭ ގޮތުން ކުރައްވާ ދަތުރުކެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އ‫ެފްރިކާނޯސް

31 March 2023

ކަލޭމެންގެ އަންހެނުން ބާރުވެރި ކުރުވަން އެފްރިކާއިން ގެންދިޔަ އަޅުންތައްކޮބާ

The name is already taken The name is available. Register?

އިސްމާލި

30 March 2023

"އެފްރިކާގެ ގައުމުތަކުގައި ޑިޖިޓަލް އިގްތިސާދުގެ ދާއިރާގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް، އެމެރިކާގެ އަމިއްލަ ކުންފުނިތަކުން 400 މިލިއަނެއްހާ ޑޮލަރު އިންވެސްޓް ކުރާނެ އެވެ" ނިކަމެތިން ބާރުވެރިކުރުމަށް އަމިއްލަ ވިޔަފާރި ކުންފުނިތަކަކުން މިހާ ބައިވަރު އިންވެސްޓު ކުރުމުގެ މާނައެއް ނުފެނޭ. މަށަށް ފެންނަނީ އެފްރިކާގައި ހުރި ވިޔަފާރި ފުރުސަތުތައް ފެނި އެމެރިކާ ސަރުކާރުން ފަހިކޮށްދޭ ކަމެއްގެ ގޮތުގައި. ޒަމާނީ އަޅުވެތިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454