ޕްރާޗީގެ ބޮލުން ޓީޗަރުން އިސްތަށިތައް އުފުރާލި ތަން
24 ޖެނުއަރީ 2017 - 06:15
އިންޑިއާގެ ސްކޫލެއް ކަމަށްވާ ގިޔާންއޮޑޭ ވިދްޔާމަންދިރްގައި ކިޔަވާ ހަ އަހަރުގެ ކުއްޖަކު ފީ ނުދެއްކި ކަމަށް ބުނެ ޓީޗަރަކު އެ ކުއްޖާގެ އިސްތަށިގަނޑުން ބައެއް އުފުރާލައިފި އެވެ.
ސްކޫލަށް ދައްކަންޖެހޭ 4،000 ރުޕީސްގެ ފީއެއް ނުދައްކައިގެން މިދިޔަ ހޯމަ ދުވަހު ޓީޗަރު ވަނީ ދެ ވަނަ ގްރޭޑްގައި ކިޔަވާ މި ކުއްޖާގެ އިސްތަށިގަނޑުގައި ހިފި ދިމާލުގައި ހުރި ހުރިހާ އިސްތައްޓެއް އުފުރާލައިފަ އެވެ. އެތަން ވަނީ ތަލަވެފަ އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނީ މި ކުއްޖާ ގެޔަށް ގޮސްފައި ވެސް، ތީޗަރު އަނިޔާކުރި ވާހަކަ އާއި ހަޅޭއްލެވި ވާހަކަ ވެސް ބިރުން ނުބުނާ ކަމަށެވެ. މި ވާހަކަ އެ ކުއްޖާ ކިޔައިދިނީ ސްކޫލަށް ނުދާން ރޯތީ ކުއްޖާގެ ބައްޕަ އެކި ގޮތްގޮތުން ސުވާލުކުރުމުންނެވެ.
ކުއްޖާގެ ބައްޕަ އަކިލޭޝް ގުޕްތާ، 29، ވަނީ މި މައްސަލަ ސްކޫލަށް ހުށަހަޅައިފަ އެވެ.
ޓީޗަރުގެ އަނިޔާއާ ކުރިމަތިވި ހަ އަހަރުގެ ޕްރާޗީ
"އަހަންނަކީ ކުޑަ ފޮޓޯ ސްޓޫޑިއޯއެއް ހިންގާ މީހެއް. އަންހެނުން އިންނަނީ ގޭގައި. މި ވާހަކަ އިވުމުން އަހަރެން އެގޮތް މިގޮތުން ފައިސާ ހޯދައިގެން ފީ ދައްކައިފިން. ޕްރިންސިޕަލް ކައިރީގައި މި ވާހަކަ ބުނެފިން،" ގުޕްތާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިކަން ކުރި ރޭކާ ނާއިރް ނަމަކަށް ކިޔާ ޓީޗަރު ޕްރިންސިޕަލްގެ ކެބިން އަށް ވަންނަން އައި ތަން ފެނިފައި ވެސް ދަރިފުޅު ބިރުން ގޮސް ތުރުތުރުއަޅަން ފެށި އެވެ. އަދި ފަހުން އެއްގޮތަކަށް ވެސް ސްކޫލަށް ނުދާ ކަމަށް ގުޕްތާ ބުންޏެވެ.
ޓީޗަރު ސަސްޕެންޑް ކުރިޔަސް އޭނާއާ ދެކޮޅަށް އިތުރު ފިޔަވަޅެއް އަޅާފައި ނުވުމީ ގުޕްތާގެ އޮތް ކަންބޮޑުވުމެކެވެ. އަދި ދަރިފުޅަށް އިންސާފު ނުލިބެނީސް މަޑުން ނުހުންނާނެކަމަށް ބުންޏެވެ.
އެ މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި ކުށްވެރިވާކަން ޔަގީންކުރެވިއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ވެސް ސްކޫލުން ބުނެފައިވެ އެވެ.
ގުޕްތާ ބުނަނީ ފުލުހުންނަށް މައްސަލަ ހުށަހަޅަން ދިޔަ ނަމަވެސް އޭނާގެ ޝަކުވާ ފުލުހުން ބަލައިނުދިން ކަމަށާއި ސްކޫލާ ވަހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ފުލުހުން ބުނިކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
24 January 2017
ބުލީ ކުރަނީ ހަމައެކަނި ކުދިންނެއްނޫން...ޓީޗަރުން ގެ ބުލީކުރުން އެންމެގިނައިން ކުދިންގެ ނަސްފާނީ ބައްޔަކަށް ބަދަލުވަނީ...
އަލްޖިބްރާ
24 January 2017
ދުވަސްކޮޅަކުން މިރާއްޖޭގަ ހިގާނީ ޗައިނާ ފުލުހުންނާއި ސިފައިންގެ ގޮތް !
މަންމޯހަން
24 January 2017
އިންޑިޔާ ފުލުހުން ފަގީރުމީހުންގެ މައްސަލަ ނުބަލަނީކަންވެސް ނޭގެ.
މަޒް
24 January 2017
އިންޑިއާ ތީ އަދި ފުލުހުންގެ ވެސް މާ މާތް ވައްތަރެއް އުޅޭ ތަނެއް... މި ރާއްޖޭގައިވެސް އިއްޒަތްތެރިންނަށް ވަކި ގޮތެއް އޮންނަނީ..