ކެންސަރު ހޮސްޕިޓަލުގެ ކުރެހުންތަކާ އެކު އޮފިޝަލުން މަޝްވަރާ ކުރައްވަނީ
25 އެޕްރީލް 2023 - 13:46
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެނދާ ކަމަށާއި ޕްރޮޖެކްޓުގެ ޑީޓެއިލް ރިޕޯޓު ނިންމުމުން ކޮންޓްރެކްޓަރު ހޯދާނެ ކަމަށް، އެ މަޝްރޫއުގެ ތަފުސީލް އެނގިވަޑައިގަންނަވާ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެއް ފުރާޅެއްގެ ދަށުން ކެންސަރުގެ ބައްޔަށް ފަރުވާ ދިނުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގައި ވަނީ "ކެންސާ ކެއާ ސެންޓަރު" އިމާރާތް ކުރަން ނިންމައިފަ އެވެ. އެ ގައުމުގެ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންތަކެއް ސެޕްޓެމްބަރު، 2021 ގައި ރާއްޖެ އައިސް ޕްރިލިމިނަރީ ސާވޭ ވެސް ހެދި އެވެ.
އެކަމަކު، އޭގެ ފަހުން އެ ތަނުގެ މަސައްކަތްތަކެއް މާ ބޮޑަކަށް ކުރިއަކަށް ނުދެ އެވެ.
ނަމަވެސް، ހޮސްޕިޓަލާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ އެ މަޝްރޫއަށް ދިވެހި ސަރުކާރުން ހަމަޖެއްސި ކޮންސަލްޓަންޓު، ޑީޓެއިލް ޕްރޮޓެކްޓު ރިޕޯޓު (ޑީޕީއާރު) ހަދައި ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ އެ ރިޕޯޓު އިތުރަށް ބެލުމުގެ މަސައްކަތެވެ.
"ރިޕޯޓު އެއްކޮށް ފައިނަލް ކޮށްފައި ކޮންޓްރެކްޓް ހޯދުމުގެ މަސައްކަތް ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުން އޭރު ބުނީ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ރާއްޖޭގެ އެންމެ ބޮޑު ރަށުން 20،000 އަކަފޫޓުގެ ބޮޑު ބިމަކާއެކު (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތްތައް މިދިޔަ އަހަރު ފެށޭނެ ކަމަށް އޭރު ބުންޏެވެ. އެކަމަކު، އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ.
ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުބޯ އިބްރިހިން ބެއްޔާ
26 April 2023
ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި ހާކާލަހާކާލާ
ހާއިބްރީ
26 April 2023
އިންޑިއާ ވަފުދުތަކަށް ސައިފޮދު އެރުވުން ނޫންކަމެއް ތި މަޝްރޫއުގަ ނުހިނގާ! އިންޑިއާގެ ނެތޭ ސޮފްޓް ޕަވާ ޑިޕްލޮމަސީ ހިންގާނެ ގާބިލްކަމެއް.
ފެންސު
25 April 2023
20،000 އަކަފޫޓު އެއީ މިކަހަލަ ކަމަކަށް ފުދޭ ސަރަހައްދެއްތަ؟
ބޮޑުމީހާ
25 April 2023
ތާވަލުގައި އޮތީ 2018 ގަ ފޮޓޯ ދެއްކުން، 2019 ގަ އިންޑިއާއިން ފަންޑު ހޯދުމުގެ ފޮޓޯ ދެއްކުން 2020 ގަ ލ. އަތޮޅަށް ގޮސް ފޮޓޯ ނެގުން. 2021 - 2023 އަށް ރައްޔިތުން ގުބޯ ހެއްދުން
ޢެމެރިކާ
25 April 2023
މިހާތަނަ އިންޑިޔާގެ އެއްވެސް މަޝްރޫއް ނުހިގާއިރު އަނެއްކާވެސް ޕޭޕަރުތަކުގަ ސޮއިކުރަނީ ދެރަ.
އަލީ.
25 April 2023
ތިޔަ ހޮސްޕިޓަލް ލ.އަތޮޅުގައި އަޅާދޭން އިންޑިޔާއިން އުޅޭތީ ތިހުރިހާ މައްސަލައެއް ދިމާވަނީ. މިހާރުވެސް ކ.އަތޮޅު މާޅެއަށް ބަދަލުކޮށްލާއިރަށް މަސައްކަތް ހިގައިގަންނާނެ. މާލޭ މީހުން ބޭނުމެއްނޫން ހޮސްޕިޓަލް ލާމުގައި އަޅާކަށް.
އައިކެއާ
25 April 2023
ކ. ޢަތޮޅު މާލޭގައި އިންޑިޔާއިން އަޅާ ބްރިޖް ގޮތަށްދޯ؟ ބޯހަމަތަ؟
ލިޓްލް
25 April 2023
އިންޑިއާއާ މިވެރިކަމާ ދެކަމުގަ ހުންނަ ސްލޯކަމާއެކު ކަންކަން ދާނެ ސްޕީޑްގަ އެދަނީ. އިންޑިއާއިން ފަށާ ކަންކަން އެއީ ވަކި މުއްދަތެއްގެ ތެރޭ ނިންމަން އޮންނަ ކަންކަމަކަށް ނުވާނެ. އަނެއްކާ ލަސްވީމަ އިތުރަށް ހަރަދު ކުރަންޖެހޭނީވެސް މިގައުމުން. އިންޑިއާއާއެކު ކުރާ ކަންކަން ހުންނާނީ އެހެން.
އުދުހޭ
25 April 2023
ޕްރޮޖެކްޓަށް ކެންސަރުޖެހުނީބާ
އާތަޅެ
25 April 2023
ޝެޑިއުލްގައޮތީ މި ދުވަސްކޮޅު ހުސްކޮށް
ޑޮކްޓާރ. ބަނާނާ
25 April 2023
ފާއިތުވެ ދިޔަ 02 އަހަރު ތެރޭ މިހާރު ނޫހުގައި ކެންސަރު ހޮސްޕިޓަލާއި ބެހޭގޮތުން ލިޔެފައިވާ ސުރުޙީތައް ކިޔާ ލަމާ 1. ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމެއް އަންނަނީ 2 ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ 3 ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ނިމޭނެ 4. ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ. 5. ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ. ( މައުލޫމާތު މިހާރު ނިވްސް ) ވ. ސަލާމް