އެމްއާރުއެމް އުފައްދަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
04 މެއި 2023 - 12:43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި ޕާޓީ، އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާންް ނިންމައިފި އެވެ.
އޭގެ ތެރޭގައި، ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ، މުހައްމަދު ނަދީމް ހިމެނިވަޑައިގަންނަވާ އިރު، އެއީ މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.
އެނގިފައިވާ ގޮތުގައި، އެމްއާރުއެމްގެ ސްލޮޓްގައި ކެބިނެޓުގައި ތިއްބެވި ޔުމްނާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ ވެސް ހިތްހަމަނުޖެހުންތަކެއް އެމްއާރުއެމް މިހާރު ހިންގާ ގޮތާ މެދު އެބަހުއްޓެވެ.
އެކަމަކު، މިއަދު ޕާޓީން ވަކިވެވަޑައިގަންނަވާ ލިސްޓުގައި އެ ދެ ބޭފުޅުން ހިމެނިވަޑައެއް ނުގަންނަވަ އެވެ. މިކަމުގައި ޔުމްނާ އާއި މިނިސްޓަރު އިބްރާހިމް ހަސަން އަދި ކޮމެންޓެއް ނުކުރައްވަ އެވެ.
މައުމޫންއާ އެކު ނަދީމް: އޭނާ ވެސް ހިމެނިވަޑައިގަންނަވަނީ ޕާޓީން ވަކިވެވަޑައިގަންނަވާ ލިސްޓުގައި.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެމްއާރުއެމުން ވަކިވެވަޑައިގަތުމަށް ޕާޓީ އަށް މިއަދު ސިޓީ ފޮނުވާ ލިސްޓުގައި 11 ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި، އެމްއާރުއެމްގެ ސްލޮޓްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބެވި ތިން ބޭފުޅަކާއި އެގްޒެކްޓިވް ޑިރެކްޓަރުންނާއި އެ ނޫން ވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭފުޅުންގެ ހިތްހަމަނުޖެހުމަކީ، މައުމޫންގެ އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިންގުމުގައި ދަތިތަކެއް ކުރިމަތިވެފައި ވުމެވެ.
އެމްއާރުއެމް ހިންގާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ޕާޓީގެ އެކްސްކޯ ބައްދަލުވުމެއް ރޭ ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ޗާގޮސްގެ މައްސަލައިގައި ވަކި ގޮތަށް ޕާޓީން ނިންމާފައި ވަނިކޮށް، މުޅި އެކްސްކޯގެ ތާއީދު ނެތި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސިޔާސީ ޕާޓީތަކާ އެކު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލްކުރުމެވެ.
އެމްއާރުއެމްގެ ފަރާތުން، ބައިވެރިވެވަޑައިގަތީ ނައިބު ރައީސް އައިމިނަތު ނާދިރާ އެވެ. އޭނާ ވަޑައިގަތީ މައުމޫނަށް އެނގިވަޑައިގެން ކަމަށް ވެ އެވެ.
މި ސަރުކާރު ކޯލިޝަންގައި އެމްއާރުއެމް އޮވެ، ޕީޕީއެމާއި އެމްއެންޕީ އާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތައް ހިމެނޭ ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލް ކުރުމުން އެކްސްކޯގެ ބައެއް މެމްބަރުން ވަނީ އެކަމާ ފާޑުވިދާޅުވެފަ އެވެ.
"އެކަމެއް [ދެ ވަޒީރުންނަށް ތުހުމަތު އެޅުވުމުން] ވެސް ނުހުއްޓުވުނު. އެމްއާރުއެމްގެ އެކްސްކޯ އިން ނިންމާފައި އޮތީ ޗާގޮސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅުކަން ހާމަކޮށް ބަޔާނެއް ނެރެން. އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވާކަށް ނިންމާފައެއް ނެތް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ޗާގޮސްގެ މައްސަލައިގައި ހުކުމް ކުރި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލް ކުރައްވާ ޔުމްނާ އާއި ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަތެވެ. އެކަމުގައި އެ ދެ ވަޒީރުންނަށް ޕާޓީގެ ބައެއް މެމްބަރުން ނުރުހުން އަމާޒުކުރި އެވެ.
ޗާގޮސްގެ މައްސަލައިގައި އެމްއާރުއެމްގެ ސްޓޭންޑް ހާމަކުރަން ނިންމީ އޭގެ ފަހުންނެވެ.
އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީގެ ޖަލްސާއެއްގައި: ޕާޓީ ހިންގާ ގޮތާ މެދު ހިތްހަމަނުޖެހިގެން 11 މެމްބަރަކު މިއަދު އިސްތިއުފާ ދޭން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
އެމްއާރުއެމުން އިސް ބޭފުޅުންތަކެއް ވަކިވެވަޑައިގަންނަވަނީ މައުމޫނާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޕާޓީގެ މުޝީރުގެ ގޮތުގައި ހުންނެވި އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ގޮތަށް ޕާޓީގެ ތެރޭގައި ބައެއް ނިންމުންތައް ހިނގަ އެވެ.
"ރައީސް މައުމޫނަށް އަސްލު އޮޅޭ ގޮތަށް ބަޔަކު ވާހަކަ ދައްކާފައި ހުރި ކަން އެކްސްކޯގެ ބައެއް މެމްބަރުންނަށް ފާހަގަވި ބައްދަލުވުމުން،" އެއްބޭފުޅަކު ވިދާޅުވި އެވެ.
އެމްއާރުއެމުން ބައެއް މެމްބަރުން މި ވަކިވަނީ ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކުރަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. މި ސަރުކާރު ކޯލިޝަންގައި ދެމިއޮންނާނީތޯ ނުވަތަ އެހެން ޕާޓީއަކާ އެކު އިންތިހާބަށް ނުކުންނާތީ އެމްއާރުއެމުން ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
05 May 2023
މިމީހުންވެސް ހާދަ ޑްރާމާއެއް ޖައްސައޭދޯ އެބަ
ޢަވަސްކިރޭ
05 May 2023
ޢަމިއްލަފުޅު ޕާޓީއަކީ ޕީ.ޕީ.އެމް. ޢެޕާޓީ އަތުލާ މިހާރުން މިހާރަށް.
އަލީރާޖާ
04 May 2023
3000 މީހުން ހަމަ ނުވާ ޕާޓީއެއް. މި ބޭފުޅުންނާ ކޯލިޝަން ހެދިޔަސް ހޯދައިދެވޭނީ ކިތައްވޯޓު؟
އެކަލޯ
05 May 2023
އެމީހުން ބުނިވަރަކަށް ބައިއަޅައިގެމން ކުރިއްޔާ ކުރިހާ ޝަރުތެއް ގަބޫލުކޮށްގެން ނޫނީ ކޯލިޝަން ނުހެދޭނެ.
ކާފަ
04 May 2023
މުށުންދެމިގެންފިޔޭ އަތައްފުއްކޮޅުދީފާ.
ބޮޑުމީހާ
04 May 2023
މިސަރުކާރުގައި ތިބީ ކޮންބައެއްކަމާއި ނެތީ ކޮންބައެއްކަމެއްވެސް ނޭގެ. އެމްއާރުއެމް އިދިކޮޅަށް ކުޅެނީ، ޕާޓީގެ އަނެއްބައި ސަރުކާރުގަ، ޖުމްހޫރީޕާޓީގެ އެއްބައި ސަރުކާރުގަ، އަނެއް ބައި އިދިކޮޅުގަ، ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް، އެކަމަކު އެންމެ ބޮޑު އިދިކޮޅަކީވެސް އެމްޑީޕީ، މިތާގަވާއެއް ނުވާއެއް އެބައިގޭބާ؟
ޑިސްއޮނަރަބަލް ޑީޑީ
04 May 2023
ބަނޑުއަޅާ ވިހޭ ދަރިންވެސް އުޅެން ބޭނުންވާ ޕާޓީއެއްނޫން ތީކީ. ހައްލަކީ ޕާޓީ އުވާލާ، ރީއްޗަށް ގޭގާ އަޅުކަންކުރުމުގާ އުމުރުގެ ބާކީދުވަސްތައް ހޭދަކޮށްލުން.
ނިކަމެތިރައްޔިތުމީހާ
04 May 2023
ތިއީ މައުމޫނު ރާވާއިގެން ކުޅޭ ޑުރުމާއެއް! މިހާރު ތިވީ ގޮތުން މައުމޫނުގެ ހުރޮހާ ދަރިން ތި ތިބީ ހުރޮހާ ދިމާލަކަށް ބަހާފަ! ކޮންމެ ބަޔަކު މޮޅު ވިޔަސް މައުމޫނު މޮޅުވީ! ދުންޔާ - ނާޒިމް. ގައްސަަނު - ޕޕމ. ޔުމްނާ - މޑޕ. ފާރިސް - މުނައްވަރު އިއްތިހާދު. އާއިލާގެ ކާލާ މަންނައަކީ މައުމޫން.
ކިފާހު
04 May 2023
ސަރުކާރުން ނާޖާއިޒު ފައިދާ ހޯދާ ގާބިލް ނޫން މީހުންނަށް ސަރުކާރުގައި އެލިގެން ތިބުންނޫން ގޮތެއް ނުއޮންނާނެ.
ޒަމިރު
04 May 2023
މަގާމާއި ފައިސާގެ ދަހިވެތި ކަމުގައި ގައުމުގެ ނިކަމެތިންނަށް ވުރެ ހާލަތުދެރަ
ކަނަވާރޯ
04 May 2023
ވަޒީފާއަށްޓަކައި