އެމްއާރުއެމަށް ނިސްބަތްވާ މިނިސްޓަރުންނަށް މައުމޫންގެ ޚާއްސަ ނަސޭހަތެއް

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެދިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ޖާގަ ދެއްވި ހަތަރު މިނިސްޓަރުން ވެސް ނަމޫނާ ބޭފުޅުންތަކަކަށް ވެވަޑައިގަތުމަށް އެދިވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޚާއްސަ ނަސޭހަތްޕުޅެއް ދެއްވައިފި އެވެ.


މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުގައި މައުމޫންގެ ފަރާތްޕުޅުން ހަތަރު މިނިސްޓަރަކު ތިއްބަވަ އެވެ. އެއީ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.

އެ ހަތަރު ބޭފުޅުން ތިއްބަވާ ގުރޫޕަށް މައުމޫން ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ވީހާ އަވަހަކަށް އޮފީހަށް ވަޑައިގެން ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު މުވައްޒަފުންނަށް ދެއްވުމަށާއި އޯގާތެރިކަމާއި ވިސްނުންތެރިކަމާ އެކު މުއާމަލާތު ކުރެއްވުމަށެވެ. އަދި ވީހާ ވެސް ގިނައިން އާންމުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އެއްސެވުމަށް މައުމޫން އެދިވަޑައިގަތެވެ.

"ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާށޭ. ރައީސަށް ވަފާތެރިވެވަޑައިގެން ގައުމަށް އިޚުލާސްތެރިވެވަޑައިގަންނަވާށޭ. ސަރުކާރަށް ނުވަތަ އެމްއާރްއެެމް އަށް އުނިކަމެއް އަންނަ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާށޭ،" ވަޒީރުންގެ މަޖިލިހުގެ މެމްބަރުން ހުވާކުރެއްވި ދުވަހުގެ ފަހު ދުވަހު (މި މަހުގެ 18) މައުމޫން ދެއްވި ނަސޭހަތުގެ މެސެޖުގައި ވެ އެވެ.

ކެބިިނެޓް އެކުލަވާލާފައިވަނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓު ހިއްސާވާ ގޮތަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓް އެކުލަވައިލައްވާފައި ވަނީ 19 މިނިސްޓަރުންގެ މައްޗަށެވެ. އޭގެ އިތުރުން ކެބިނެޓުގައި އެޓާނީ ޖެނެރަލް ހުންނަވަ އެވެ. މިއީ މިހާތަނަށް އެކުލަވައިލި އެންމެ ބޮޑު ކެބިނެޓު ވެސް މެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޯލިޝަން ސަރުކާރެއް އެކުލަވައިލާފައިވާއިރު، މިނިސްޓަރުންގެ އިތުރުން މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކަށް އަދި އިސްވެރިން އައްޔަން ނުކުރައްވަ އެވެ.