ދުނިޔެ / ސީރިއާ

11 އަހަރަށް ފަހު ސީރިޔާ އަރަބި ލީގަށް

08 މެއި 2023 - 13:26

2 comments

ސީރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައާ ގުޅިގެން، އަރަބި ލީގްގެ މެމްބަރުކަމުން ވަގުތީ ގޮތުން ވަކިކުރިތާ 11 އަހަރު ފަހުން، އަލުން ސީރިޔާ އަށް މެންބަރުކަން ދިނުމަށް އަރަބި ލީގުން އިއްޔެ ނިންމައިފި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އަރަބި ލީގްގެ މައި މަރުކަޒުގައި ބޭއްވި އަރަބި ލީގްގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއްގައި ނިންމީ، ސިރިޔާގެ ހާލަތު ބަދަލުކުރުމަށްޓަކައި، އަރަބި ލީގްގައި ސީރިޔާ އަލުން ބައިވެރިކޮށް، އަރަބި ލީގްގެ ތެރެއިން ސީރިޔާގެ ސުލްހައަށް މަސައްކަތް ކުރުމަށެވެ. އަރަބި ލީގްގައި ސީރިޔާ އަލުން މި ބައިވެރިކުރީ، އަރަބި ގައުމުތަކާއި ސީރިޔާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަސައްކަތްތަކެއް ހިންގަމުން އަންނަ ދުވަސްވަރެއްގަ އެވެ.

އަރަބި ލީގްގެ މެމްބަރުކަން އަލުން ސީރިޔާ އަށް ލިބުމާ އެކު، މި މަހުގެ ފަހުކޮޅު ސައޫދީ އަރަބިއްޔާގައި ބާއްވާ އަރަބި ލީގްގެ ވެރިންގެ މަހާސިންތާގައި، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

ގާހިރާގައި އިއްޔެ ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، އެ ޖަމާއަތުގައި ސީރިޔާ އަލުން ބައިވެރިކުރަން ނިންމީ މެމްބަރު 22 ގައުމުގެ ތެރެއިން، ބައްދަލުވުމުގައި ބައިވެރި 13 ގައުމުގެ ޚާރިޖީ ވަޒީރުންގެ އިއްތިފާގުންނެވެ. އޭގެ އިތުރުން، ސީރިޔާގައި ހިނގަމުން ދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސީރިޔާގެ ރެފިއުޖީންގެ މައްސަލަ އާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް، ޚާރިޖީ ވަޒީރުން އިއްޔެ ނިންމެވި އެވެ.

އެ ތިން ދާއިރާ އިން ސީރިޔާ ސަރުކާރާ އެކުގައި މަސައްކަތް ކުރުމަށް ފަސް ގައުމެއް ހިމެނޭ ކޮމިޓީއެއް ވެސް އިއްޔެ ކަނޑައެޅި އެވެ. އެ ގައުމުތަކަކީ، މިސްރު، ސައޫދީ އަރަބިއްޔާ، ލުބްނާން، އުރްދުން އަދި އިރާގެވެ.

އަރަބި ލީގްގެ ނިންމުމާ ގުޅޭ ގޮތުން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލް ޣައިޠު ވިދާޅުވި ގޮތުގައި އަރަބި ލީގްގައި ސީރިޔާ އަލުން ބައިވެރިކުރަން ނިންމި ނިންމުމަކީ، ސީރިޔާގެ މައްސަލަތައް ހައްލުކުރުމުގެ ފެށުމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެން، ފަހަރަކު ކަމެއް ނިންމަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެމްބަރުކަން އަލުން ދިނުމުގެ މާނައަކީ އަރަބި ހުރިހާ ގައުމުތަކުން އަލުން ސީރިޔާއާ އެކުގައި ގުޅުން ގާއިމުކުރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ސީރިޔާއާ އެކުގައި ގުޅުން ބަދަހިކުރުމަކީ އެ ގައުމެއްގެ އަމިއްލަ ކަމެކެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް 12 އަހަރު ވެގެން ދިޔައިރު، އދ.ގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 300000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި 100000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް އދ. އިން ބުނެ އެވެ.

ދާޚިލީ ހަނގުރާމަ ފެށުނު އިރު ސީރިޔާގެ ޖުމްލަ އާބާދީއަކީ 12 މިލިއަނެވެ. ހަނގުރާމައިގެ ސަބަބުން ޖުމްލަ އާބާދީގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުން ވަނީ، ގެދޮރު ގެއްލި އެ ގައުމުގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފަ އެވެ. އަދި ރެފިއުޖީންގެ ގޮތުގައި އެތައް މިލިއަން ބަޔަކު އަވައްޓެރި ގައުމުތަކަށް ހިޖުރަކޮށް، ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.

ނޮވެމްބަރު 2011 ގައި އަރަބި ލީގުން ސީރިޔާ ވަކިކުރީ، ސީރިޔާ ސަރުކާރާއި އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ފެށުނު ދާޚީލީ ހަނގުރާމައިގައި، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށް ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނީ، އެމެރިކާ އަޑީގައި އޮވެގެން އަރަބި ގައުމުތަކުގައި 2010 ވަނަ އަހަރު، އަރަބި ރަބީއު (އެރެބް ސްޕްރިންގް) ގެ ނަމުގައި ސަރުކާރުތަކާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ތެރެއިންނެވެ.

އެންމެ ފުރަތަމަ ތޫނިސްގައި ފެށި އަރަބި ރަބީއުގެ މުޒާހަރާތައް އޭގެ ފަހުން ލީބިޔާ އާއި މިސްރާއި ޔަމަނަށް ފަހު ސީރިޔާ އާއި ބަހްރައިނަށް ވެސް ފެތުރިގެން ދިޔަ އެވެ. ޖެނުއަރީ 26، 2011 ގައި ސީރިޔާގައި ފެށި ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވެ، އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވާގިވެރިވާ ހަނގުރާމަވެރިންތަކެއް، ސަރުކާރު ސިފައިންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަން ފެށުމާއެކު، ދާޚިލީ ހަނގުރާމަ ފެށިގެން ދިޔަ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންތިމަރިޔަނބު.

08 May 2023

2011 ގައި ސޫރިއާ ޢަރަބިލީގުން ވަކިކުރީ ބައްސާރުލްއަސަދު އިންސާނީ ހައްގުތައް ނިއުޅައިގަންކަމަށްބުނެ. ލާއިންސާނީ މުޖުރިމެއްކަމަށްބުނެ. ސަޢުދީ މިސްރު އިޒްރޭލު. އެމެރިކާ އިނގިރޭސިވިލާތް މިއީ އެއްވެސް ޖަރީމާއެއް ނުހިންގާ ސާފު ތާހިރު ހުދުފޮތި. މިއީ މީޑިއާއިން ފެންނަގޮތް.

The name is already taken The name is available. Register?

ސާންޑު

08 May 2023

ބައްޝާރަކީ މޭންއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454