ޖިނާއީ އަދުލުގެ ނިޒާމާބެހޭ ކޮންފަރެންސްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ: ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތައް ކުރިއަރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ޕީޖީ އޮފީސް
17 މެއި 2023 - 14:25
ކުށްކުރާ ފަރާތްތަކާ އެއް މިންވަރަށް ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތައް ވެސް ކުރިއަރަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމާބެހޭ މަތީ ފެންވަރުގެ ކޮންފަރެންސް ފެށުމަށް މިއަދު މާލޭގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި، ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވި ކުށްކުރާ މީހުންގެ ވައްޓަފާޅި ބަދަލުވެ، ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، ޖިނާއީ އަދުލުގެ ނިޒާމުގެ މުއައްސަސާތަކާއި ޝަރުއީ ނިޒާމު ވެސް އެ ފެންވަރަށް ކުރިއަރައިގެން ދާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކުށްކުރުމުގެ ވައްޓަފާޅި އާއި ކުށްކުރާ ގޮތް ވަރަށް ތަފާތު. އެހެންވީމާ އެ މީހުންނާ އަރާ އެބަ ހަމަ ކުރަންޖެހޭ. އެކަން ވެސް ހޯދަން އެބަޖެހޭ. ހަމައެއާ އެކު ޝަރުއީ ދާއިރާގެ ތަމްރީނާ އަރާ ހަމަކުރުމަކީ އަޕްޓޭޑްވުން." ނައިބު ރައީސް ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމާބެހޭ ޑާޓާ ބޭސް ލޯންޗްކޮށް ދެއްވަނީ --- ފޮޓޯ/ޕީޖީ އޮފީސް
ނައިބު ރައީސް ވިދާޅުވީ ބަޔަކު ދެކެ ހިތްހަމަނުޖެހުމެއް އޮތުމަކީ އެ ބަޔަކާ މެދު ބޭއިންސާފުން ކަންކަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އަދުލު އިންސާފު ގާއިމްކުރުމަކީ ދީނީ ގޮތުން އޮތް ބޮޑު އަމާނާތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ،
"ހިތްހަމަނުޖެހުމެއް އޮންނަ އޮތުމަކީ އެއީ އެ މީހަކަށް އިންސާފު ނުވަތަ އަދުލުވެރިކަމާއެކު ކަންތައްތައް ކުރިއަށް ނުގެންދަން ޖެހޭ ސަބަބެއް ކަމުގައި ދެކިގެން ނުވާނެ." ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖެފަދަ ކުޑަ މުޖްތަމައުއެއްގައި ކުށްކުރާ ގިނަ މީހުންނަކީ އާއިލީ ގޮތުން ނުވަތަ ކޮންމެވެސް ގޮތަކުން ގާތްކަމެއް އޮތް ބަޔަކަށް ވިޔަސް، ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމްވާން ޖެހޭނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އިންސާފު ލިބުމަކީ އެންމެންގެ ހައްގެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ އެ މީހާ ކުށެއް ކޮށްފައި އޮތް ކަމަށް ވަންޏާ އެއީ މާ ދެރަ ކަމެއް. އޭގެ ސަބަބުން އާއިލާއަކަށް ނުވަތަ ބަޔަކަށް ކުރާ އަސަރު މާ ބޮޑުވާނެ." ޖިނާއީ އަދުލުގެ ނިޒާމުގައި ތަފާތު ނުކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި، ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް، ގިނަ ކުރިއެރުންތަކެއް ހޯދިފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި ފަސޭހައިން މައުލޫމާތު ބަދަލު ކުރެވޭ ކްރިމިނަލް ޖަސްޓިސް ޑާޓާ ބޭސްއެއް އިފްތިތާހުކޮށް ދެއްވައިފަ އެވެ. އެ ޑޭޓާ ބޭސްގައި މުހިންމު މައުލޫމާތުތައް އާންމުންނަށް ވެސް ފެންނަން ހުންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
17 May 2023
މުއައްސަސާތަކުގެ ވެރިންނަށް ކުރެވޭނެ ކަމަކީ ބިޔަ ބޮޑެތި ހޯލުގައި އެންމެ ޒަމާނީ ބުފޭއާއިއެކު ދައުލަތުން ބޮޑު ޚަރަދުކޮށްފަ ޖަލްސާ ބާއްވާ މޮޅެތި ވާހަކަ ދެއްކުން. މިއަދު މަނިކްފާނުވެސް ތި ހެއްދެވީ އެހެން. ގާނޫނު ތަންފީޒުކުރާކަށް އެކަކަށްވެސް ނުކެރޭ، އެންމެ 4 ލައްކައެއްހާ އާބާދީއެއް ނުބެލެހެއްޓިގެން މިއުޅެނީ.
ސަސ
17 May 2023
ނިޒާމު ވަރަށް ކުރިއަށް އަރައިފި. ބައެއް ހާލަތުގަ ދައުވާ ކުރަން ނުޖެހި، ކުރަން ޖެހޭ ދައުވާ އޮޅުން ނުފިލާ
ފެންސު
17 May 2023
ނައިބު ރައީސް. ގައުމުގެ މުއައްސަސާތައް މިހާރުވެސް އުޅެނީ ކުށްކުރާ މީހުނާ އެއް ހަމައިގަ. ސަބަބަކީ މުއައްސަސާތަކުންވެސް ކުށްކުރުމުގަ ބައިވެރިވާތީ. ކުށްކުރުން ހުއްޓުވަން ނުވަތަ މަދުކުރަން ކުރާނެކަމެއް ނިކަން ވިސްނަބަލަ.