ރިޕޯޓް

އަދަދު ހަމައެއް ނުވޭ، ދެން އިދިކޮޅަށް ނެރެވޭނީ ކޮން ނަތީޖާއެއް؟

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

އަދިވެސް ބަދަލު ނުވާ ހަގީގަތަކީ މިއެވެ؛ ގިނަ މެންބަރުންތަކެއް އެމްޑީޕީން ވަކިވެ، ރައްޔިތުންގެ މަޖިލީހުގައި ދެން ތިބި ހުރިހާ ސިޔާސީ ޕާޓީތަކާ އެކުވެ، ކޯލިޝަނެއް ހަދައި ސަރުކާރާ ދެކޮޅަށް ނުކުތަސް އޭގެ މާ ބޮޑު އަސަރެއް ސަރުކާރަކަށް ނުކުރާނެ އެވެ. މަޖިލިހުގެ ރިޔާސަތާއި 12 މެންބަރުން މަޖިލިސް ކޮންޓްރޯލް ކުރުމާއި ސަރުކާރު ތާއީދު ކުރައްވާ "ލޮނު މަޑު" މެންބަރުންތައް ފިއްތާފައި ބޭތިއްބިޔަސް ވޯޓުގެ ރަނގަބީލު ޖަހާ ހިސާބުން ނުކުންނަނީ ހަމަ އެއް ނަތީޖާ އެކެވެ. އެ ހަގީގަތް ބަދަލުވާން އަދި ކައިރި ވެސް ނުވެ އެވެ.

މަޖިލީހުގައި ކުރިޔަށް މި އޮތް ދެ ހަފުތާގައި އެ މަންޒަރު އިތުރަށް ސާފު ވާން އޮތީ އެވެ. އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް އޮތީ ހުށަހަޅައިފަ އެވެ.

ނަމަވެސް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ އޮއިވަރު ކިތަންމެ ބާރަސް މިއީ މި ވަގުތަށް މަޖިލީހުގައި ގަދަ ހިފުމަކަށް ދާނެ މައްސަލައެއް ނޫނެވެ. އިތުބާރު ނެތް މައްސަލަ ހުށަހެޅީ ދެ މިނިސްޓަރުން ބޭރު ކުރެވިދާނެ ކަމަށް ގަބޫލު ކޮށްގެނެއް ނޫނެވެ. މިކަން ކުރުމުގެ ފަހަތުގައި އޮތީ މުޅިން އެހެން ނިޔަތެކެވެ. ސަރުކާރަށް ފިއްތުމެއް ކުރިމަތި ކުރުވުން ކަމަށް ބެލެވެ އެވެ. މަޖިލިހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ބޭނުންވާ އަދަދަށް ސަރުކާރާ އިދިކޮޅަށް މެމްބަރުން ހަމަވެ އެވެ. އެހެންވެ، އެފަދަ މައްސަލަތައް ހުށަހެޅިދާނެ އެވެ. އެކަމަކު އަދި އަދަދުތައް ބުރަވަނީ ސަރުކާރު ކޮޅަށެވެ.

މަޖިލީހުގައި މިހާރު ޕާޓީތަކުގެ މެންބަރުން ބެހިފައިވާ ގޮތް: ގިނަ މެންބަރުން އަދިވެސް ތިބީ އެމްޑީޕީގައި:--މިހާރު ގްރެފިކްސް

މަޖިލީހުގައި މެންބަރުން މިހާރު ބެހިފައި އޮތް ގޮތުން، އެމްޑީޕީން ވަކިވި މެންބަރުންނާއި އެ ޕާޓީއާ އަލަށް ގުޅިވަޑައިގަތް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމަނައިގެން އެ ޕާޓީގައި މިހާރު ތިބީ 56 މެންބަރުންނެވެ. އެކަމަކު، އެ ލިސްޓުން މަޖިލިހުގެ ރިޔާސަތުގައި އިންނަވަނީ މަޖިލިހުގެ ރައީސް ނަޝީދުގެ ނަން އުނިކުރުމުން އެމްޑީޕީގެ މަޖިލިިސް މެމްބަރުންގެ އަދަދަކީ 55 އެވެ.

މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ގޮތުގައި ތިއްބެވި ނަމަވެސް "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ އެމްޑީޕީގެ ކުރީގެ މެންބަރުންގެ އަދަދަކީ 13 އެވެ. އެ ޕާޓީ އަށް އިތުރު މެންބަރުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށް ބުންޏަސް އެ މެންޒަރެއް އަދި ނުފެނެ އެވެ.

ދަ ޑިމޮކްރެޓްސްއާ އެއްގަލަކަށް އަރުއްވައިގެން މަޖިލީހުގައި ދެން ތިއްބަވާ ޕީޕީއެމް/ޕީއެންސީ އެއްކޮށްލައިގެން މިހާރު ވަނީ 8 މެންބަރުންނެވެ. ދެން ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސަބަތް ނުވާ ތިން މެންބަރެކެވެ.

މީގެ ތެރެއިން ވަކި ކޮޅެއް މުޅިން ސާފު ނުވާ އުޅެނީ ދެތިން މެންބަރެކެވެ. އެއް ބޭފުޅަކީ ސަރުކާރުގެ އާ ކޯލިޝަންގައި ހިމެނުނަސް މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ހުއްޓުމެއް ނެތް ފާޑު ކިޔުން އަމާޒު ކުރައްވާ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެންބަރު އަހުމަދު އާމިރެވެ. ސިޔާސީ ގޮތުން ވަކިން މަސައްކަތް ކުރެއްވިޔަސް އިތުބާރު ނެތް މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސްޓޭންޑެއް ސާފެއް ނުވެ އެވެ. ދެން ތިއްބެވި ވަކި ޕާޓީއަކަށް ނިސަބަތް ނުވާ މެންބަރުންގެ ވޯޓު ވެސް ދެކޮޅަށް ބެހޭނެ އެވެ. ބާކީ ތިއްބެވި ހުރިހާ މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފައިފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ-- ފޮޓޯ: މަޖިލިސް

އެހެންވެ، ހުރިހާ މެންބަރުންގެ ހާޒިރުގައި ވޯޓެއް ނަގައިފި ނަމަ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ތާއީދާ އެކު ސަރުކާރަށް 56 ލިބޭނެ އެވެ. ބާކީ ތިބި ހުރިހާ މެންބަރުންގެ ވޯޓު އެއްކޮށްލައިގެން އިދިކޮލަށް ހަމަވަނީ 30 އެވެ. އެއީ ގާސިމާއި އާމިރު އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުން އިދިކޮޅަށް އަރައިފި ނަމަ އެވެ.

އިދިކޮޅުން ސަރުކާރާ އަރާ ހަމަކުރަން އަދި 27 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. މިއީ މި ދަނޑިވަޅުގައި ބޮޑު "އިންގިލާބެއް" ނުގެނެސް ހޯދަން އުނދަގޫ ނަމްބަރެކެވެ.

މި ހިސާބުތަކަކީ އަލަށް އެނގޭ މައުލޫމާތެއް ނޫނެވެ. ވަކިން ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓަރީ ގްރޫޕްތަކުގައި ހިސާބު ޖަހައި ވަރަށް ރަނގަަޅަށް ބަލައި ދިރާސާ ކުރާ ކަމެކެވެ. މި އަދަދުތައް ހުރި ގޮތް އިދިކޮޅު ފަރާތްތަކަށް ވެސް ވަރަށް ސާފެވެ. ދެން މިނިސްޓާރުން އިމްޕީޗް ކުރަން މައްސަލަ ހުށަހެޅީ ކީއްވެތޯ ސުވާލު އުފެއްދާލަން ރަނގަޅެވެ.

ފާސް ނުވިޔަސް ނުފޫޒު އޮތް ވަރު ހާމަވެ، ބޭޒާރު ވާނެ!

މި ސުވާލު އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާ ކުރުމުން އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަޖިލީހުގައި އޮންނާތީ ފާސް ވިޔަސް ނުވިޔަސް މި މައްސަލަ ހުށަހަޅަން ޖެހޭނެ ކަމާމެދު ސުވާލެއް ނެތެވެ.

މަޖިލިސް މެންބަރުން ގާނޫނީ ޒިންމާ އަދާކުރައްވައި ނުފޫޒުން އެއްކިބާ ވެވަޑައިގެން މަސައްކަތް ކުރައްވާ ނަމަ ވަރަށް ސާފު ކޮށް މި ވޯޓުތައް ކާމިޔާބު ކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް މަޖިލިސް މެންބަރުން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަކަށް ވޯޓު ދެއްވަން ތައްޔާރަށް ކަމަށް ވާ ނަމަ އެ މަންޒަރު ވެސް ވަރަށް ރަނގަޅަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވޯޓުން ފެނިގެން ދާނެ ތިން ބާރު ވަކިވެފައި އޮތް ވަރު، ރައިސުލްޖުމްހޫރިއްޔާގެ ނުފޫޒު މަޖިލީހާއި މެންބަރުންގެ މައްޗަށް އޮތް ވަރު -- އާދަމް ޝަރީފް

"މި ވޯޓުން ފެނިގެން ދާނެ ތިން ބާރު ވަކިވެފައި އޮތް ވަރު. ރައިސުލްޖުމްހޫރިއްޔާގެ ނުފޫޒު މަޖިލީހާއި މެންބަރުންގެ މައްޗަށް އޮތް ވަރު،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް މި މައްސަލަ ހުށަހަޅައިފި ނަމަ ރިފްއަތާއި ޝާހިދު ވެސް މަޖިލީހަށް ހާޒިރު ވާން މަޖުބޫރު ވާނެ އެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކަނޑުގެ އިން ވަކި ކުރި މައްސަލާގައި ޖަވާބު ދާރީވާން ޖެހިވަޑައިގަންނަވާނެ އެވެ.

ސަރުކާރާ ދެކޮޅު މަޖިލިސް މެމްބަރުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިދިކޮޅު ޕާޓީތަކުގެ މެންބަރުން ތިއްބެވީ މަޖިލީހުގައި އެ ވަގުތު ގަދަ އަށް ސުވާލު ކުރުމަށާއި ބަހުސަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. މުޅި ޕްރޮސެސް ނިމޭއިރު، ފެނުނު މަންޒަރާއި ދެއްކި ވާހަކަތަކަށް ބަލައި "ރައްޔިތުންގެ ކޯޓުގައި" ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ވޯޓު ކޮންމެ ގޮތަކަށް ދިޔަ ކަމުގައި ވިޔަސް ރައްޔިތުން ވެސް ގޮތެއް ނިންމާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހެޅި އިތުބާރު ނެތް ކަމުގެ ދެ މައްސަލަ އާ ވިއްދާ ސަރުކާރުން ވެސް ހުށަހަޅާފައިވާ އީވާގެ މައްސަލާގައި އާދަމް ޝަރީފް ވަރަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ އެކަން ސިފަ ކުރެއްވީ މަޖިލީހުގެ މެޖޯރިޓީގެ އިތުރުން އިދިކޮޅު މެންބަރުންގެ އަޑު ކަނޑުވާލަން ކުރައްވާ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު ހުންނެވިހާ ދުވަހަކު މައިނޯރިޓީ އަށް ޖާގަ ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ދައްކަނީ "ފީކަޅާ ވާހަކަ"، ބޭނުމީ އަޑެއް އިއްވާލަން!

އަނެއް ކޮޅަށް ބަލާއިރު ސަރުކާރަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ފުރިހަމަ އަށް އިތުބާރު އެބަ އޮތެވެ. މިހާރު އޮތް މެޖޯރިޓީއަކުން އިދިކޮޅު ފަރާތްތަކަށް "އަޑެއް އިއްވުން" ފިޔަވައި އިތުރު ކަމެއް ނުވާނެ ކަން އެނގެ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މި މައްސަލަތައް ނިމިގެން ދާނެ ގޮތް އިދިކޮޅު ފަރާތްތަކަށް ވެސް ވަރަށް ސާފެވެ. އެހެން ނަމަވެސް އިތުބާރު ނެތް މައްސަލަތަކުން ހާސިލް ކުރަން ބޭނުންވާ މަގްސަދަކީ ސަރުކާރަށް ފާޑު ކިޔުމާއި ޕްރެޝަރު ބޮޑު ކުރުމެވެ. ގަދަ އަޑެއް އިއްވާލައި މަޖިލީހުގެ ވަގުތު އެގޮތަށް ހުސްކޮށްލުމެވެ.

"ވަޒީރެއްގެ އިތުބާރު ނެތް މައްސަލައެއް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މަޖިލީހަށް މި ހުށަހަޅަނީ ވަރަށް ބައިވަރު މައްސަލަތަކާއި ސީރިޔަސް ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނޭތީ. ކަނޑާ ގުޅޭ ގޮތުން އެ ދައްކަނީ ހަމަ ފީކަޅާ ވާހަކަތަކެއް," އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވާހަކަ ދައްކަވަނީ.

މިހާރު ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކަކީ ވެސް އެ މަސައްކަތުގެ ބައެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަތީޖާއެއް ނުފެންނާނެ ކަން އެނގެ އެވެ. ވޯޓާ ހަމައިން ކޮޅެއްގައި ނުޖެހޭނެ ކަން ވެސް މެންބަރުންނަށް އެނގޭނެ އެވެ. އެހެން ނަމަވެސް ބޭނުމަކީ މަޖިލީހަކީ ސަރުކާރާ ދެކޮޅު ހަރަކާތް ހިންގާ ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އަސްލަމްގެ ވާހަކަތައް ހުންނެވީ މިފަހަރު އެ ފުރުސަތު ދެއްވާ ކަހަލަ ގޮތަކަށް ނޫނެވެ.

ރިފްއަތާއި ޝާހިދު މަޖިލީހަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް އަސްލަމް ވިދާޅުވީ އިތުބާރު ނެތް މައްސަލަތަކުގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ވެސް މިނިސްޓަރުންނަށް އޮންނާނެ އެވެ. އަދި ބޭނުންވާނަމަ އެކަން ވެސް ނުކޮށް ދޫކޮށްލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ނަތީޖާ ނުކުންނާނީ ހަމަ އެންމެ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

އެއް ގޮތަކަށް ވެސް ފަހަތަށް ދިޔުމެއް ނެތް. ޝާހިދާއި ރިފްއަތުގެ މައްސަލަ ފެއިލް ކޮށްލާނަން -- އަސްލަމް

ކުރިއަށް މި އޮތް ވޯޓުން ދެ ބައި ވަކިވެފައި އޮތް ގޮތް ވަރަށް ސާފުކޮށް ފެންނާނެ އެވެ. އެކަމަކު އަދިވެސް ބައެއް މެންބަރުން އިދިކޮޅަށް ހިނގައިދާނެ ކަމަށް ދެއްކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވި ގޮތުގައި އީވާ ވަކި ކުރަން ހުށަހެޅި 50 މެންބަރުންގެ ތެރެއިން އެންމެ ވޯޓެއް ވެސް އިދިކޮޅަކަށް ނުދާނެ އެވެ. ކުރިމަގުގައި ވާނީ އިތުރު ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެއް ގޮތަކަށް ވެސް ފަހަތަށް ދިޔުމެއް ނެތް. ޝާހިދާއި ރިފްއަތުގެ މައްސަލަ ފެއިލް ކޮށްލާނަން،" ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.

ވެރިކަމުގެ ފަހު އަތަށް އެޅޭ ވަރަކަށް ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ފަހަރަކު މަސައްކަތްތަކަށް ވުރެ ބޮޑަށް އޮންނަނީ ސިޔާސީ ކޯޅުމެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަމަވެސް 19 ވަނަ މަޖިލީހުގައި ވެސް އެ މަންޒަރެއް ތަފާތެއް ނުވި އެވެ. ރައްޔިތުންނާ ގުޅޭ މުހިންމު ބިލްތައް ފަހަތަށް ޖައްސާފައި ކުރިޔަށް ނެރެން އޮތީ އިތުބާރު ނެތް މައްސަލަތަކާއި ސިޔާސީ ޒުވާބުތަކަށް ވަގުތު ހުސްކުރާ ގަރާރުތަކެވެ.

މިކަމުގެ ތެރޭގައި މެންބަރުންގެ "ޓްރާންސްފާ މާކެޓް" ހުޅުވި ފަޅި ބަދަލު ކުރުމާއި އެކި ކޮޅު ކޮޅަށް ކިރި ނިމޭއިރު މިހާރު މި ޖަހާ ހިސާބު އެތައް ގޮތަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތަކަކީ މެންބަރުން ތިބި ގޮތް ސާފުވެ, މުގުރު ޖަހާ ހިސާބެވެ.

23 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލްމީ

29 May 2023

ފިތުނަވެރި ނަޝީދުގެ ޓޮކްސިކް ކަމުން މިގައުމު ސަލާމަތް ކުރަންޖެހޭ! އަންނަން އޮތް ޖީލުގެ އިޖްތިމާއީ ފޭރާން އަދި އިސްލާމްދީން މިގައުމުގައި ހިމާޔަތް ކުރުމަށް

The name is already taken The name is available. Register?

އަފްރާސިޔާބު

29 May 2023

"ދަ ޑިމޮކްރަސީ" ކިޔާ ބައިގަނޑެއް އަދި މަޖިލީހުގެ ތެރޭގައި ނުތިބޭނޭ. ކެއް ޞައްޙަވާނީ އެކަމެއް ރަޖިސްޓަރީ ވީމާ.

The name is already taken The name is available. Register?

ވިކިލީކްސް

29 May 2023

ތިޔަ ކަމަކުން އިދިކޮޅަށް ވާނެ ފައިދާއެއް ނެތްތަނުގަ އިތުރަށް ވާނީ ބޭޒާރު! ލިބޭނީ ގެއްލުން! މަޖިލީހުގެ ރައީސްވެސް މިހާރު އެޖަހާފަވާ މިސްރާބު ބަދަލުނުކޮށްފިނަމަ ގޮނޑިން ބޭރުކޮށްލެވިދާނެ! ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނަމަ 7 ފެބުރުއަރީގަ ނަޝީދު އިސްތިއުފާ ނުދޭނެ! ވީމާ އޭގެން އެނގެނީ އަންނިއާ އޭނަގެ ބައިވެރިންނަކީ ފިނޑިންކަން!

The name is already taken The name is available. Register?

ކަޅުސޮރު

29 May 2023

(އިތުބާރު ނެތް މައްސަލަ ހުށަހެޅީ ދެ މިނިސްޓަރުން ބޭރު ކުރެވިދާނެ ކަމަށް ގަބޫލު ކޮށްގެނެއް ނޫނެވެ. މިކަން ކުރުމުގެ ފަހަތުގައި އޮތީ މުޅިން އެހެން ނިޔަތެކެވެ. ސަރުކާރަށް ފިއްތުމެއް ކުރިމަތި ކުރުވުން ކަމަށް ބެލެވެ އެވެ.) މަޖިލީހުގެ ރުހުން ނުލިބި ކުރި ކަމަކަށްވާތީ މަޖިލީހުން ސުވާލު ކުރަންޖެހޭނެ މައްސަލައެއް. އާދަނުއެބުނީ ހަމަރަނގަޅަށް. އެޅިހާބަތަކަށް ހަކުރު އަޅާދޭ މީހުންނަށް އޯކޭވާނެ. ޤައުމީވަންތަ ސިޔާސީ ވިސްމުނެއްނޫން. ބާރު ކެނޑޭއިރުތިބޭނީ ފިލައި.

The name is already taken The name is available. Register?

އަހުމޭ

29 May 2023

އިދިކޮޅުން ސަރުކާރާ އަރާ ހަމަކުރަން އަދި 27 މެންބަރުންގެ ވޯޓު ބޭނުން ވާނެ" ހިސާބު ނޭނގެނީތޯ؟ އިދިކޮޅައް ދާ ކޮންމެ މީހަކުން އަނެއްފަޅިން މީހަކު ގެއްލޭނެ. އެހެންވީމަ އެއީ 27 އެއް ނޫން. އޭގެ 1/2

The name is already taken The name is available. Register?

ދަތްދޮޅި 2.0

29 May 2023

އަދަދު ހަމައެއް ނުވާނެ އިންޝާ ﷲ! މި އުޅެނީ ބަޔަކަށް ތާއީދުކުރާ މީހުން މަދުވާތީ އެ މީހުންގެ ތާއީދު ހޯދޭނެ ގޮތެއް ނުވެގެން ކުރާނެ ކަމެއް ނޭނގިގެން ހެދުނު އެއްޗެއް ހަދަންވެގެން!

The name is already taken The name is available. Register?

ދަތްދޮޅި

29 May 2023

ބަލަ އާދަނާ، އެއްވެސް ގައުމެއްގައި މަޖިލީހަކީ ސަރުކާރުގެ ނުފޫޒު ނޯންނަގޮތަށް ހިންގާ ތަނެއް ނޫން. އެގޮތަށް ކިހިނެއް ސަރުކާރެއް ހިންގާނީ؟ ތިންބާރު ވަކިވެފައި އޮތުމުގެ މާނައަކީ މަޖިލީހުން ސަރުކާރާ ދެކޮޅަށް ކޮންމެ ވޯޓެއް ލުންތަ؟

The name is already taken The name is available. Register?

ކުރުކުރު

29 May 2023

އަހަރެން ހީކުރަނީ ސަރުކާރުގެ ތެރެއަށް ވަންނަން ޖެހޭނީ މަޖިލިސްގެ ނުފޫޒުކަމަށް. ސަރުކާރު ފެށޭނީ މަޖިލިސް ދިން ހުއްދައެއް ލިބިހެން. މީ ޤާނޫނު އަސާސީ ދައްކާދޭ ފިލާވަޅަކީ. ބާރެއް ލިބުނީމާ މަމީ ރައީސޭ މަކުރި ކޮންމެ ކަމެއް ކަމުދާނޭ ހީކުރުމަކީ ބޯގަޅިކަން.

The name is already taken The name is available. Register?

ކުޑަ-ކަތީބު

29 May 2023

އިތުބާރު ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، ޣައްދާރުންގެ ޣައްދާރުކަން ދެމިއޮންނާނެ. ޤައުމާ ރައްޔިތުންގެ މަޞްލަޙަތު ބޮލާލާ ޖަހާފައި، އަމިއްލަ އެދުމާ ޒާތީ މަންފާއަށް ޤައުމީ ބޮޑު ނިންމުންތަކެއް ނިންމާފައިވާކަން އެންމެންނަށް މިހާރު ސާފުވެފައިވޭ. ޓްރާންސްފާ މާކެޓޭ، ސިޔާސީ ބޮޑުފަޅި ކުޑަފަޅިއޭ ކިޔަސް ހެޔޮ. މި ކަމުގައި ނިކުތް މެންބަރުންނަކީ ޤައުމީ ބަޠަލުންފަދަ ބައެއް. މިކަމުގައި އެންމެ އިސްނަގާ އުޅުނު އެމް.އެން.ޕީ އަށް ޚާއްޞަ ޝުކުރެއް

The name is already taken The name is available. Register?

އަސލު

29 May 2023

ވެރިކަމާ ބާރަކީ އަބަދަށް އޮންނަ އެއްޗެއް ނޫނެވެ

The name is already taken The name is available. Register?

އެކްސްް

29 May 2023

މިއީ ކުޅޭ ކުޅިވަރެއް. ސިޔާސީ މީހުންގެ އިޚުލާޞްތެރިކަމެއް ނުހުންނާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454