ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ދާ ކުއަޑް (ޖަޕާން، އެމެރިކާ، އިންޑިއާ، އޮސްޓްރޭލިޔާ)ގެ ވެރިންގެ މަހާސިންތާގެ ހަވާސާގައި، (ކ-ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ، މެއި 24، 2022 ގައި ގްރޫޕް ފޮޓޯއެއްގައި ބައިވެރިވަނީ. --އޭއެފްޕީ
31 މެއި 2023 - 12:43
މިއަންނަ 2024 ވަނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ، ކުއަޑް (ޖަޕާން، އޮސްޓްރޭލިޔާ، އެމެރިކާ، އިންޑިއާ)ގެ އެންމެ އިސް ވެރިންގެ މަހާސިންތާ އޮންނާނީ އިންޑިއާގެ ރިއާސަތުގެ ދަށުން އެ ގައުމުގައި ކަމަށް، އެ ޖަމާއަތުން ނިންމައިފި އެވެ.
މިއަންނަ އަހަރު އިންޑިއާގައި ބާއްވާ މަހާސިންތާއަކީ، ހަތަރު ގައުމުގެ ވެރިން އެއް ތަނަކުން ބައްދަލުކުރާ ގޮތަށް އެ އަހަރު ބާއްވާ މަހާސިންތާ އެވެ. އޭގެ އިތުރުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް، ކުއަޑްގެ ވެރިންގެ މަހާސިންތާއެއް އޮންލައިންކޮށް ބޭއްވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
އިންޑިއާގެ ރިއާސަތުގެ ދަށުން، 2024 ގެ މަހާސިންތާ ބާއްވަން އެ ޖަމާއަތުން ނިންމީ، ޖަޕާނުގެ ހީރޯޝީމާގައި މި މަހުގެ 19-21 އަށް ޖަޕާނުގެ ހީރޯޝީމާގައި ބޭއްވި ޖީ7ގެ ވެރިންގެ ބައްދަލުވުމުގެ ހަވާސާގަ އެވެ. އިންޑިއާގައި މަހާސިންތާ ބާއްވަން ނިންމިކަން އިއުލާން ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި ކުއަޑްއަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުމާއި ފާގަތިކަމަށް މަސައްކަތްކުރާ ވަރަށް މުހިންމު ޖަމާއަތެކެވެ.
މޯދީ ވިދާޅުވި ގޮތުގައި އިންޑޯ-ޕެސިފިކް ސަރަހައްދަކީ އައު އުފެއްދުންތެރިކަމާއި ތަރައްގީ އާއި ބައިނަލްއަގުވާމީ ވިޔަފާރީގެ މައި އިންޖީނެވެ. އަދި ކުއަޑްއަކީ މުޅި ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ކުއަޑްރިލެޓެރެލް ސެކިއުރިޓީ ޑައިލޮގް (ކުއަޑް) އަކީ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްނަންގަވައިގެން އެމެރިކާ، އިންޑިއާ އަދި އޮސްޓްރޭލިޔާ ބައިވެރިކޮށްގެން 2007 ވަނަ އަހަރު އުފައްދަން މަސައްކަތް ފެށި ޖަމާއަތަކެވެ. ސްޓްރެޓީޖިކް ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އުފައްދަން އުޅުނު މި ޖަމާއަތް އުފައްދަން ހަތަރު ގައުމަށް އެއްބަސްވެވުނީ 2017 ވަނަ އަހަރު އެވެ.
އަދި ކުއަޑްގެ ފުރަތަމަ މަހާސިންތާ ބޭއްވީ، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިއާސަތުގެ ދަށުން، އޮންލައިންކޮށް، މާޗް 24، 2021 ގަ އެވެ. ކުއަޑްގެ ދެ ވަނަ އަދި ހަތަރު ގައުމުގެ ވެރިން އެއް ތަނަކުން ބައްދަލުކުރެއްވި ފުރަތަމަ ބައްދަލުވުން ބޭއްވީ ރައީސް ބައިޑެންގެ ރިއާސަތުގެ ދަށުން، ސެޕްޓެމްބަރު 24، 2021 ގަ އެވެ.
އެމެރިކާ އިސްވެ ޖަޕާނާއި އޮސްޓްރޭލިޔާ އަދި އިންޑިއާ ބައިވެރިކޮށްގެން ކުއަޑްގެ ނަމުގައި މި ޖަމާއަތް އުފެއްދީ، އޭޝިޔާ ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ނުފޫޒު އިތުރު ކުރަމުންދާތީ، އެމެރިކާގެ މަސްލަހަތުތައް ރައްކާތެރިކޮށް އެމެރިކާގެ ނުފޫޒު އޭޝިޔާގައި ފެތުރުމުގެ ގޮތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ.
31 May 2023
2024 ގެ ސަމިޓަށް މިރާއްޖޭގެ ބަރުލަމާނީ ބޮޑުވަޒީރު ގެންދެވުން އެދެން. އެމަނިކުފާނުގެ އެ ބަރުލަމާނީއަކާ ހެދި މިތާ މިއުޅެނީ ދިރިއުޅެންވެސް ދަތިވެގެން. އެމަނިކުފާނު ގެންގޮސް ހިންދުތުވާގެ ބޮޑުވަޒީރާ ހަވާލުކޮށްދެއްވާ.