އިދިކޮޅުން މާލޭގައި ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ: ރޭގެ ޖަލްސާގައި އިންޑިއާ އައުޓް ބެނާ ދެމުމުން އެ ޕާޓީން އެކަން ކުށްވެރިކުރި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ޖޫން 2023 - 19:31
އިދިކޮޅު ޕާޓީތަކުން ރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި "އިންޑިއާ އައުޓް" ބެނާއެއް ދެމީ އެ ޖަލްސާ އަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ފޮނުވި ބަޔަކު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށް، އެކަން މިއަދު ކުށްވެރިކޮށްފި އެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އެ ގައުމާ ދެކޮޅަށް "އިންޑިއާ އައުޓް" ހަރަކާތް ފެށި ޕީޕީއެމުން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗާގޯސް މައްސަލާގައި ރޭ ކާނިވަލުގައި ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގެ ތެރެއަށް "އިންޑިއާ އައުޓް" ޓީޝާޓް ލައިގެން ތިބި ބަޔަކު ވަދެ، ބެނާއެއް ދެމި މައްސަލަ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެކަމުގެ އަޑީގައި ތިބީ ސަރުކާރުގެ އިސްވެރިން ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.
ސަރުކާރު އެކަހަލަ ކަމެއް ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ދުރާލާ ލިބުނު ކަމަށާއި އެހެންވެ، އެފަދަ ދަނޑިވަޅެއްގައި ސުލްހަވެރިކަމާއެކު އެ ބަޔަކު ޖަލްސާއިން ނެރުނުމަށް އެކަން އިންތިޒާމު ކުރި ފަރާތުން ތައްޔާރަށް ތިބި ކަމަށް ވެސް ޕީޕީއެމްގެ ނޫސްބަޔާނުގައި ބުންޏެވެ.
އިދިކޮޅު އެއްވުމުގެ ތެރެއިން އިންޑިއާ އައުޓް ބެނާ ނަގާފައި.
"މިފަދަ ފިނޑި، ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދު ރޫޅާލެވެނޭ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ޕީޕީއެމް/ޕީއެންސީން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެ ޕާޓީގެ ކޮންމެ ރެލީއެއްގައި އިންޑިއާ އައުޓް ބެނާތައް ބޭނުންކުރެ އެވެ.
ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ރޭ ބައިވެރިވި ޖަލްސާގައި ވެސް ބަޔަކު ވަނީ އެ ބެނާ ދަމައިފަ އެވެ.
އިންޑިއާ އާ ގާތް ގުޅުމެއް ބާއްވާ ނަޝީދުގެ އަރިސް މެންބަރުން އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން ހަދައިގެން ބޭއްވި ޖަލްސާއެއްގައި "އިންޑިއާ އައުޓް" ބެނާ ނެގުމުން ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެކަން ކުށްވެރިކޮށް ޑިމޮކްރެޓްސް އިން ވެސް މިއަދު ނޫސްބަޔާނެއް ނެރުނެވެ. އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ޑިމޮކްރެޓްސް އިން ވެސް ތުހުމަތުކުރީ އެއީ ސަރުކާރުގެ ބަޔަކު އަޑީގައި ތިބިގެން ކުރުވި ކަމެއް ކަމަށެވެ.
ނަޝީދަކީ އަބަދުވެސް "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅު ބޭފުޅެކެވެ. އެހެންވެ، މި ފަހަރު މައްސަލަ ގޯސްވީ، އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން އިސްވެ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި އެ ހަރާކާތުގެ ބެނާއެއް ދެމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނާ
04 June 2023
ބެނާ ދަމައިގެން ތިބިއިރު ކަމާބެހޭ ފަރާތަށް ނޭންގީ ކީއްވެ؟
އިބްރ
04 June 2023
އަޅުގަނޑު ދަންނަވާނީ އިދިކޮޅުން ވިއަސް ނުވަތަ ސަރުކާރުން ކުރިޔަސް އިންޑިއާ ސިފައިންނަކީ މިޤައުމުން ބާލުވަންޖެހޭބައެއް. ބެނާއިން ދައްކައިދިނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ދިވެހިން ހިތްހަމަނުޖެހޭކަން. ސަރުކާރުން ބާއްވާ ޙަފްލާތަކުގައިވެސް ދިވެހި ޒުވާނުން މިކަން ކުރާނެކަމަށް އުންމީދުކުރަން.
އަފްރާސިޔާބު
04 June 2023
ހާދަ ގަޓެއް ނެތޭ. ބޭބެ ރޮއްވާލިފަހުން މި މީހުންނަކަށް ނުކެރެޔޭ. މޫނު ފެންނަގޮތަކަށް އިންޑިޔާ އައުޓް ޖަހައިގެން ދުވާކަށެއް.
Congratulations 123
04 June 2023
ޕޕ އަތައްގޮވީ!!!??
ޓީޖެޓީ
04 June 2023
އިންޑިއާ އައުޓް ބެނާ ދެމުން ޕީޕީއެމުން ކުއްވެރިކުރީއޭ؟؟؟؟ ލޯ ފުހެލާފައި ދެތިން ފަހަރު ކިޔާލައިފިން. ހަމަ އެގޮތަށް އެ އޮތީ ސުރުހީގަ. ކީކޭ ބުނާނީދޯ. ހޭންވީ ކަމެއް ރޯންވީ ކަމެއްނޭންގިފަ މިހިރީ. މިވަރުންދަންޏާ............ އަންނިހެން ހީވަނީ ޕީޕީއެމްގެ ޕްލޭން ބީ އަކަށް ވާނީ.
ޚުރުސަ
04 June 2023
ޚަބަރުއެކީކިޔާލަބަލަ
ނަޖްވާ
04 June 2023
ބަލަގަ ޔާމީނު ޕާޓީން އިސްވެ އޮވެ ބާއްވާ ޖަލްސާ އެއްގާ އިންޑިޔާ އައުޓު ނުގޮވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ދޯ؟
ބޮޑުވަޒީރު
04 June 2023
ކުޅެންއުޅުނު ގޭމް ކާމިޔާބުނުވީމަ މިހާރު ކޮއްމެވެސް ބައެއްގެ ބޮލަށް އެކަންވެސް ކަނޑާލީ ދޯ. ޕީޕީއެމް އެކޭ އައްނި އެކޭ މިހާރު ތަފާތެއްނެތެއްނުން
މީނަގެ
04 June 2023
ބަލަ! ތިޔަވީ ކިހިނެތް އެއީ ވެސް ތިޔަ ޕާޓީގެ އެއް ހަރަކާތެއްނު؟ ބަޔަކު ކުރިއްޔާ ވެސް ކުރަންވީ އުފަލެއްނު؟ ޖަލްސާ ފެށުނުއިރަށް އެއް އައިޓަމުގެ ގޮތުގައި ރާވައިގެން ކުރިކަން މާފަހުން ގޯސްވީ ކީއްވެ؟ ނަށީދު ރުޅިއަތުވެދާނެތީބާ؟ އަތަކަށް ނޫން މިފަހަރު ތިގޮވީ ހަމަ ބޮލަށް!
އަހްމަދ
04 June 2023
މީގެން އެނގެނީ ޕީޕީއެމް މީހުން 'އިންޑިއާ އައުޓް' މިކިޔަނީ އަމާބުނީތީ ފަރަށްދާ އުސޫލުންކަން. ޔާމީނު ބުނީމަ ހިތާދެކޮޅަށް ކިޔާއެއްޗެއްކަން ޔަގީންވެއްޖެ.
އަންދަލޫސިޔާ
04 June 2023
އިންޑިއާ އައުޓްގެ ބަދަލުގައި އިންޑިއާ އިން. އަންނިވަރުގެ ދީނީ މީހެއް ޕީޕީއެމްއަކަށް ނުފެންނާނެ. އަދުރޭ ވަރުގެ ހިސާބު ޢިލްމްވެރިއެއް ދަ ޑިމޮކްރަޓްސް އަށް ނުފެންނާނެ. ތެލާ ފެނާ އެކުވެގެން ހުރިހާ ކަމެއް އޯކޭވީ. ކެނެރީގޭ ބޭފުޅުންނަށް ޕީޕީއެމް ޖަލްސާތަކުގައި ގޮވީ ހަކުޅި ކުރިއަށްކުޅޭގޮތް އެބައެނގޭ. އެހެރަ އިޢުތިރާފުތައް ވަނީއޭ. މިހާރު އޯކޭ ނޫނީ ކޮންކަމެއް؟ ޕީޕީއެމް އާއި އަންނި އަކީ ވެސް ވެރިކަން ނޫން އެހެން ކަމެއް ނޯންނަ ބައެއް!