އަދީބަށް ރޭ އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ފަހު އޭނާ ކޯޓުން ނެރެނީ: މިރޭ ހުކުމްކުރަނީ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްވި ކަމަށް ބުނާ މައްސަލާގައި --މިހާރު ފޮޓޯ/މުހައްމަދު ޝަރުހާން
10 ޖޫން 2016 - 14:46
ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިރޭ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ދެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބާއި އޭނާގެ ގާތް ދެ ބޭފުޅުން ކަމަށްވާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލާއި އަބްދުﷲ ޒިޔަތުގެ މައްޗަށް، ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލަނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުން ލިބުނު ފަސް މިލިއަން ޑޮލަރު އެ ތިން ބޭފުޅުން ބޭނުންކުރި ކަމަށް ބުނެ އެވެ. ޒިޔަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ.
ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ދައުވާލިބޭ ޒިޔަތު ކްރިމިނަލް ކޯޓަށް ވައްދަނީ: އޭނާއަކީ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ --ފޮޓޯ/މިހާރު
އެ މައްސަލައިގެ ހުކުމް މިރޭ 11:00 ގައި އިއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ދައުވާ ލިބޭ ހާމިދު ކޯޓުން ނުކުންނަނީ: ފައިސާ ޖަމާކޮށްފައި ވަނީ ހާމިދުގެ ކުންފުނީގެ އެކައުންޓަށް --ފޮޓޯ/މިހާރު
އަދީބުގެ އިތުރު މައްސަލައެއްގެ ހުކުމް މިރޭ އިއްވާއިރު ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ރޭ ވަނީ އިއްވައިފަ އެވެ. އަދި ފިސްތޯލަ ގެންގުޅުމުގެ ކުށުގައި މިދިޔަ ހަފުތާގައި ވަނީ 10 އަހަރުގެ ޖަލު ހުކުމެއް ވެސް އަދީބުގެ މައްޗަށް އިއްވައިފަ އެވެ.
ފަސް މިލިއަން ޑޮލަރުގެ މައްސަލައިގެ އިތުރުން އެހެން ދެ މައްސަލައެއް ވެސް ކޯޓުގައި މިހާރު އެބައޮތެވެ. އެއީ "ފިނިފެންމާ"ގައި ގޮވާ އެތި ހަރުކުރަން އަދީބު އެ ލޯންޗް ބޭނުންކުރި ކަމަށް ބުނެ ކުރާ ދައުވާއަކާއި މާލެ އަތޮޅު ފަޅެއް ގަވާއިދާ ޚިލާފަށް ދޫކުރި ކަމަށް ބުނެ ކުރާ ދައުވާ އެވެ. އެކަމަކު އެ މައްސަލަތަކުގެ ހުކުމް އިއްވަން އަދި ތާވަލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
10 June 2016
ދެން ތިޔައީ ވަރަށް ސާފްކޮށް އެނގޭކަމެއް ފަނޑިޔާރު ބާރީ އޮތީ ހުރިހައި މީހުންގެ ހުކުމް ލިޔެފައިކަން، ހަގީގަތުގައި އެމީހުންގެ ފަރާތުން ވަކީލެއް ދިއުމަކީވެސް ބޭކާރުކަމެއް، ރައީސް ނަޝީދު އަށް ހަދާލިގޮތުން އެނގޭ ހުރިހައި މީހުންނަށްވެސް އެހެންކަން ހަދާނީ، މިރޭގެ ހުކުމްތަކުގެ އަދަދު އުޅޭނީ 11 އަހަރާއި 9 އަހަރާއި ދެމެދުގައިކަން ކަށަވަރު، އެމީހުންނަށްވެސް ދެން ރަނގަޅުވާނީ ހުކުމެއް އަޑުއަހާލައިގެން ޖަލުގައި ތިބިއްޔާ