ޔާމީން: އެމަނިކުފާނުގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރަން ދައުލަތުން ވަނީ ދެކޮޅު ހަދާފައި --- ފޮޓޯ/މިހާރު
10 އޯގަސްޓް 2023 - 15:51
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން، ޖަލު ހުކުމް ތަންފީޒު ކުރަން ފަސްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް މިހާރު ރާއްޖޭގެ ނިޒާމުގައި ނެތް ކަމަށެވެ. އަދި ޔާމީން ކުރިން ޖަލަށްލި މައްސަލާގައި އޭރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ޖަލު ހުކުމާއި ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ނިންމައިދޭން ދައުލަތުން އެދުނެވެ.
ޔާމީންގެ މައްސަލަ އޭރު ސުޕްރީމް ކޯޓުގައި ހިނގިއިރު، އޭރު ކޮށްފައިވާ ޖޫރިމަނާގެ އަދަބު ސުޕްރީމް ކޯޓުން ފަސްކޮށްފައިވޭ ނޫންތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އޭރު އަމުރެއް ނެރުނަސް، އެ ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގެ އިބާރާތް އޮތްގޮތުން ޖޫރިމަނާގެ ހުކުމް މިހާރު ފަސް ނުކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމުގައި ޖޫރިމަނާގެ އަދަބު ފަސް ކުރެވިދާނެ ކަމަށް އޮވޭ ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. ނަމަވެސް ދައުލަތުން ބުނީ އެގޮތަށް އެ މައްސަލާގައި ނިންމާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ ތެރެއިން
ރައްދުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ބޭނުންވާ ގޮތަކަށް މާނަ ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލާން ކޮށްފައިވާ ހުކުމް ފަސްކުރަން 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކަމަށާއި އެ ނިންމުމަށް އެ ކޯޓުން މިހާތަނަށް ބަދަލު ގެނެސްފައިނުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އަމުރެއް ނުނެރުނަސް ދައުލަތުން އަމިއްލައަށް ބައެއް މީހުން ގޭ ބަންދަށް ބަދަލުކުރާ ކަމަށް ޖަމީލް ވިދާޅުވި އެވެ،
ޖަމީލް ވިދާޅުވީ ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ދަށު ކޯޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ކަމަށެވެ. އެހެންވެ، އެ ހުކުމް ތަންފީޒު ކުރުން ފަސްނުކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް ޔާމީނަށް ލިބޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުގައި އަދިވެސް ވެސް ދަނީ ކުރިއަށެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ދެމި އޮތުމުގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިރަހާ
11 August 2023
އަންނިގެ ޖަލުހުކުމް ފަސްކޮށްދިނީ ކޮންތާކުން ހޯދި ހަމަޔަކުން.
ހައްވައްތަ
10 August 2023
އަދީބާ، ޒިޔަތާ ޖެހުނީމާ ޖަލު ހުކުމް ގެއަށް ބަދަލު ކުރުމުގެ ހަމަ އޮވޭދޯ
ކަތްދައްތަ
10 August 2023
ނުކުރާނަށް ގަބޫލެއް. އަދީބުއާ ޒިޔަތުގެ 33 އަހަރުގެ ޙުކުމެއް އެކަމު އެއޮންނަނީ ނިދާއިރު ގުގުރި ދެމެނިއްޔޭ ކިޔައިގެން ގޭގަ ބޮޑުއަށިމައްޗަށް އެއްލިގެން. މިހާރުވީ ސިންގަޕޫރުގަޔޯ. އެކިމީހުންނަށް އެކި ގޮތަކަށް ތަންފީޒީ ބާރުވެރިކަން ޕީޖީއަށް މިއަންނަނީ. ޕީޖީ ފޮތް ކިޔާންވީ އަދިވެސް. އޭރުން ގޭގަ މަޑުކުރާ ތަންކޮޅު ފެންނާނެ.
އަހްމަދުޔ
10 August 2023
ކޮންމެ ވެރިކަމެއްގައި ވަކި ހަމައެއް ޕީޖީން މިގެންގުޅެނީ. ދެން ކޮން އިތުބާރެއް ކުރެވޭނީ ފަނޑިޔާރުގެއަށް.
ފަސްބ
10 August 2023
ތި ހުކުމް 20އަހަރަށް ފަސްކުރަންވި އޭރުން ދެން އެ ނިމުނީ. ކޮންމެމީހަކަށްވެސް ހުކުމް ފަސްކުރުމުގެ ފުރުސަތުދީ
ޖުހާނާ
10 August 2023
ޖަލަށްލުމަށް ހުކުމްކޮށްފައި ތިބި އެތައް ބައެއް 2018 ގެ ރިޔާސީ އިންތިޚާބުގެ ފަހުން މައްސަލަ ނިމެންދެން ކަފާލަތުގެ ދަށުން ދޫކޮށްލާފައިވޭ. އަންނި، މައުމޫން، ޤާސިމް، ފާރިސް މައުމޫން ފަދަ.
ތިހެންވާނެ
10 August 2023
ޔާމީނާޖެހުނީމަ ތިހުރިހާ ކަމެއްވެސް ވާނެ. ގާނޫނަކު ފައިދާހުރި އެއްޗެއް ލިއެވިފައެއް ނޯންނާނެ. ދައުލަތަށް ގޮތެއް ނުފެންނާނެ. ގާޒީއަށް ގޮތެއް ނުފެންނާނެ. ގާނޫނު އަސާސީގެ ކަރާމާތް އެހާ ބޮޑަށް ހިފަހައްޓަންޖެހޭނެ. ދެން ވަރަށް މާތްވެފަ ގާނޫނާ ގަވައިދުވާނެ އެންމެންވެސް.
އަދަބު
10 August 2023
ނަޝީދަކީ ދައުލަތުގެ މީހެކެވެ އެހެންވެ ދައުލަތުން އެދުނީ އޭނާގެ ހުކުމް ފަސްކުރަން. ޔާމީނަކީ މި ދައުލަތުގެ މީހެއްނޫން އެހެންވެ ދައުލަތުން އެދެނީ އޭނާ ޖަލުގައި ބާއްވަން. އިންޝާﷲ ނުޙައްޤުން އަދަބުދޭ މީހުނަށް ދުނިޔޭގައިވެސް އެކަމުގެ އަދަބު ލިބޭނެއެވެ.
ސޯބެ
10 August 2023
އެއްގޮތަކަށްވެސް ނޭދެން ޖޫރީމައިނާ ލަސްކުރާކަށް، ތި ނިލިބޭނެ ދުވަހަކުވެސް، ބަލަގަ، 5 އަހަރުގެ މުސާރަޔާއި އިނާޔަށްލީމަ 7 މިލިޔަން ނުލިބޭ، މިހާރު އެހަދާފަ ހުރިގެ ގެ އަދި ނުނިމޭ، މިހާރު 220 މިލިޔަސް ހަރަދުވެފަ ހުންނާނި އެބިލްޑިން އަށް ، ބޭސްމެންޓް ލާފަ. އަދި އެކަންޓްގަ އެތަށް މިލިޔަށް ޑޮލަރެއް އެކައުންޓުތަކުގަ، ޔާމިން މީޑިޔާ އަށް މައުލޫމާތު ދިނީ އަތަކު އެއްވެސް ފައިސާއެއްނެތޭ، ގޭގެ ކުލިންވެސް އޭނަޔަށް ނުލިބޭ ވާހަކަ. މީހަމަ ބޮޑު ... ޔަގީން.