ރަޝިއާގައި ރޭ އިރާކޮޅު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ޕެޓްރޯލް ސްޓޭޝަނެއްގައި އަލިފާން ރޯވެފައި.-- ފޮޓޯ: އޭއެފްޕީ
15 އޯގަސްޓް 2023 - 11:47
ރަޝިޔާގެ އެންމެ ދެކުނުގައި އޮންނަ ދާގެސްތާން ސަރަހައްދުގައި ރޭ އިރާކޮޅު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ޕެޓްރޯލް ސްޓޭޝަނެއް ގޮވުމުގެ ސަބަބުން، މަދުވެގެން 25 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ރަޝިޔާގެ އިންޓަފެކްސް ނޫސް އޭޖެންސީން ބުނި ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ. މި ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ދާގެސްތާންގެ ވެރިރަށް މަޚަޗްކަލާގައި އޮންނަ ހައިވޭގައި ހުރި ސައިކަލު މަރާމާތުކުރާ ގަރާޖެއްގަ އެވެ.
އެ ގަރާޖްގައި ރޯވި އަލިފާންގަނޑު ނިއްވައިނުލެވިގެން އުޅެނިކޮށް އެ ތަނުގައި ހުރި ޕެޓްރޯލް ފަދަ ހުޅު ހިފާ ދިޔާ ތަކެތީގައި ރޯވެ އެ ގަރާޖް ގޮވުމާއެކު، ކައިރި ސަރަހައްދަށް އަލިފާންގަނޑު ފެތުރުނެވެ. އަލިފާންގަނޑު ފެތުރުމާ އެކު ކައިރީގައި ހުރި ޕެޓްރޯލް ސްޓޭޝަންގައި ވެސް އަލިފާން ރޯވި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ޕެޓްރޯލް ސްޓޭޝަންގައި އަލިފާން ރޯވުމާއެކު، މާ ގިނައިރުތަކެއް ނުވެ އެ ތަނުގެ ބިމު އަޑީގައި ހުރި ޕެޓްރޯލް ތާނގި، ބާރު އަޑުފައްގަނޑަކާ އެކު ގޮވި އެވެ. ޕެޓްރޯލް ސްޓޭޝަން ގޮވުމާއެކު އެ ސަރަހައްދުގައި އެ ވަގުތު އުޅުނު މީހުންގެ ތެރެއިން 25 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި އެވެ.
ގަރާޖުގައި އަލިފާން ރޯވި ވަގުތަކީ ކައިރީގައި ހުރި ޕެޓްރޯލް ސްޓޭޝަން ކައިރީގައި، ޕެޓްރޯލް އެޅުމަށްޓަކައި ގިނަ އަދަދެއްގެ ކާރުތައް މަޑުކޮށްގެން އޮތް ވަގުތެކެވެ. އަލިފާންގަނޑު ފެތުރިގެން ދިޔައީ ކައިރީގައި ހުރި ކާރުތަކުގައި ވެސް ރޯވަމުންނެވެ. ޕެޓްރޯލް ސްޓޭޝަން ގޮވުމާއެކު، ކައިރީގައި ހުރި ކާރުތައް ވެސް މައްޗަށް ބުރައިގެން ދިޔަކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ދާގެސްތާންގެ ނޫސްތަކުން ބުނާ ގޮތުގައި މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު 66 އަށް އަރަ އެވެ. އޭގެ ތެރޭގައި 13 ކުޑަކުދިން ވެސް ހިމެނެ އެވެ. ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
ރަޝިޔާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މި ހާދިސާގައި ޒަޚަމްވި މީހުންނަށް އިތުރު ފަރުވާ ދިނުމަށް މޮސްކޯއަށް ގެންދިއުމަށްޓަކައި މަޚަޗްކަލާ އަށް މިހާރު ވާނީ މަތިންދާބޯޓެއް ފޮނުވައިފަ އެވެ. އަލިފާން ނިއްވާ މީހުންގެ 260 މީހުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެކުގައި ނިއްވައިލެވުނީ ހަތަރު ގަޑިއިރު ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
16 August 2023
" ރަޝިޔާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މި ހާދިސާގައި ޒަޚަމްވި މީހުންނަށް އިތުރު ފަރުވާ ދިނުމަށް މޮސްކޯއަށް ގެންދިއުމަށްޓަކައި މަޚަޗްކަލާ އަށް މިހާރު ވާނީ މަތިންދާބޯޓެއް ފޮނުވައިފަ އެވެ." އެހެންވީމަ ރަޝިއާ މީހުންވެސް ރަނގަޅު ފަރުވާ ހޯދަން ދާންޖެހެނީ ވެރިރަށްބާ؟