ތައިވާން ސިފައިން: އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ވަނީ ގޮވާލާފައި.
19 ސެޕްޓެމްބަރ 2023 - 13:33
ތައިވާނާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާ އިން ހިންގާ އަސްކަރީ ފުރައްސާރަ ކުރުންތައް ވަގުތުން ހުއްޓައިލުމަށް ތައިވާނުން މިއަދު ޗައިނާ އަށް ގޮވާލައިފި އެވެ.
ތައިވާނުން މި މޭރުމުން ޗައިނާ އަށް ގޮވައިލީ، މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް ޗައިނާގެ ވައިގެ ލަޝްކަރުގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާންގެ ވައިގެ ސަރަހައްދުން ދަތުރުކޮށްފައިވަނިކޮށެވެ. ތައިވާނުން ބުނި ގޮތުގައި އާދީއްތަ ދުވަހާއި ހޯމަ ދުވަހު، 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ 103 މަތިންދާބޯޓު ތައިވާން ސަރަހައްދާ ކައިރި އަށް އައެވެ.
އަދި އޭގެ ތެރެއިން 40 ބޯޓު، ތައިވާނާއި ޗައިނާއާ ދެމެދުގައި އޮންނަ ސަރަހައްދުގެ މެދަށް ވުރެ ތައިވާނާ ކައިރި އަށް ވަދެފައިވެ އެވެ. ތައިވާން ކަނޑުއޮޅީގެ ވައިގެ ސަރަހައްދުން ދެ ފަރާތަށް ހަމަހަމަވާ ގޮތަށް އޮންނަ ސަރަހައްދަކީ، ތައިވާނުން އަމިއްލަ އަށް ކަނޑައަޅާފައި އޮންނަ އެ ގައުމުގެ ވައިގެ ދިފާއީ ސަރަހައްދެވެ.
ނަމަވެސް ޗައިނާ އިން ދެކޭ ގޮތުގައި 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ އަމިއްލަ ވައިގެ ސަރަހައްދެއް ލިބިގެންވާ މިނިވަން ގައުމެއް ނޫނެވެ. ތައިވާނަކީ ޗައިނާގެ ސިޔާދަތީ ވެރިކަމާއި ބާރު ހިނގާ ޗައިނާގެ ބައެއް ކަމަށް އެ ގައުމުން ދެކެ އެވެ.
ތައިވާންގެ ވައިގެ ސަރަހައްދަށް ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވައިގެން ޖެއްސުން ނުކުރުމަށް ތައިވާނުން ގޮވައިލި ނަމަވެސް، ޗައިނާ އިން އެކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ތައިވާނުން އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމުން އަންނަ އިރު، އެއީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން މިހާތަނަށް ބަލައެއް ނުގަނެ އެވެ. ތައިވާންގެ މިނިވަންކަމަށް އެ ގައުމުން ކުރާ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަނީ އެމެރިކާ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ތައިވާނާ ދެކޮޅަށް ޗައިނާ އިން އަސްކަރީ ބާރުގެ ބޭނުންކޮށްފި ނަމަ، ތައިވާން ދިފާއުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ އެވެ. ޗައިނާ އިން ތަކުރާރުކޮށް ދެކޮޅު ހަދަމުން އައި ނަމަވެސް، އެމެރިކާ އިން އަންނަނީ ތައިވާނާ އެކުގައި ގާތް ގުޅުމެއް ބާއްވައި އަސްކަރީ ގޮތުން ތަފާތު އެހީތައް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
19 September 2023
ފުރައްސާރަ ކޮށްގެން ނުވަނެ ޖިންސީވެސް...