ކުޅިވަރު / ޗެމްޕިއަންސް ލީގު

އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު

ލާޒިއޯގެ ކީޕަރު، މެޗުގެ ފަހު ސިކުންތުކޮޅުގައި އެތުލެޓިކޯ ކޮޅަށް ގޯލު ޖަހައި ޓީމަށް ޕޮއިންޓެއް ހޯދައިދިނުމަށް ފަހު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޯމް (ސެޕްޓެމްބަރު 20) - ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖް މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް މޮޅުވާން ދަނިކޮށް ފަހު ވަގުތު ގޯލް ކީޕަރު ކާމިޔާބު ކުރި ގޯލުން އިޓަލީގެ ނަޕޯލީއާ 1-1 އިން އެއްވަރު ވެއްޖެ އެވެ.

ފުރަތަމަ ހާފުގައި އެތުލެޓިކޯ ލީޑު ނެގީ ޒުވާން މިޑްފީލްޑަރު ޕަބްލޯ ބަރިއޯސް ކާމިޔާބު ކުރި ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ލާޒިއޯ އަށް ލިބުނު ކޯނަރަކުން ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކޮށްދިނީ ގޯލްކީޕަރު އިވާން ޕްރޮވެޑޭލް އެވެ.

އެތުލެޓިކޯގެ އަލްވަރޯ މޮރާޓާ މެޗުގައި ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒު ވެފަ އެވެ. ނަމަވެސްލާޒިއޯގެ ގޯލްކީޕަރު އެޓީމަށް ގޯލު ޖަހައިދީ ޕޮއިންޓެއް ހޯދައިދިނުމުގެ ކުރިން އޭނާ ވަނީ އެތުލެޓިކޯ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.

ލާޒިއޯގެ ކީޕަރު ބޮލުން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕްރޮވެޑޭލް ވެފައި ވަނީ ޗެމްޕިއަންސް ލީގު ގޯލެއް ޖެހި ހަތަރުވަނަ ކީޕަރަށެވެ. ކުރިން ބެޔާން މިއުނިކާއި ބެޔާ ލެވަކޫސަން އަދި ހޭމްބާގާ އަށް ކުޅުނު ޖޯޖް ބަޓް ވަނީ ޕެނަލްޓީން ތިން ފަހަރު ގޯލު ޖަހައިފަ އެވެ. ބެލްޖިއަމްގެ ސްޓެންޑާޑް ލީޖް އަށް ކުޅެމުން ތުރުކީ ކީޕަރު ސިނާން ބަލޯޓް 2009 ވަނަ އަހަރު ބޮލުން ގޯލެއް ކާމިޔާބު ކުރި އިރު، ޖެހިގެން އައި އަހަރު ނައިޖީރިއާ ކީޕަރު ވިންސެންޓް އެންޔޭމާ ވަނީ ޕްލޭއޮފް މެޗެއްގައި ގޯލެއް ޖެހި އެވެ.

އެތުލެޓިކޯ އާއި ލާޒިއޯ ހިމެނޭ ގުރޫޕުގައި ދެން ކުޅުނު މެޗުގައި ނެދަލެންޑްސްގެ ފެއިނޫޑުން ވަނީ 2-0 އިން ސްކޮޓްލެންޑުގެ ސެލްޓިކް ބަލިކޮށްފަ އެވެ.

އަނިޔާތަކާ އެގުޅިގެން ސިޓީގެ ގާޑިއޯލާ އަށް ހާސްކަން

ފާއިތުވި ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ވަނީ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 އިން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ބެލްގްރޭޑުން ފޮނުވާލި ފުރަތަމަ ހަމަލާއިން ގޯލު ޖަހައި ސިޓީ ހާސް ކޮށްލި ނަމަވެސް، ފަހު ހާފުގައި ސިޓީ މޮޅުވީ ހޫލިއަން އަލްވަރޭޒްގެ ދެ ގޯލާއި މިޑްފީލްޑަރު ރޮޑްރީގެ ގޯލަކުންނެވެ.

ރެޑް ސްޓާ ބެލްގްރޭޑުން ގޯލު ޖެހީ، އަނިޔާ ވެގެން ސިޓީގެ ބެނާޑޯ ސިލްވާ ބަދަލުކުރިތާ މިނިޓެއް ތެރޭ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހަފްތާތަކެއް ވަންދެން ބެނާޑޯ ސިލްވާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ރޭގެ މެޗުގައި ސިޓީ އަށް ގޯލު ޖަހައިދިން ރޮޑްރީ، ކޯޗު ގާޑިއޯލާ އާއެކު-- ފޮޓޯ: އޭއެފްޕީ

ސިލްވާގެ އިތުރުން، ޖެކް ގްރީލިޝް، މަޓެއޯ ކޮވަސިޗް، ޖޯން ސްޓޯންސް އަދި ކެވިން ޑިބްރޭނާ ވެސް ހުރީ އަނިޔާގަ އެވެ.

"އަހަރެމެންނަށް މިއީ އުނދަގޫ ހާލަތެއް، އެކަމު އަހަރެން ނުބުނާނަން ބައިވަރު ކުލުންތެރިންނަށް އަނިޔާ ވެއްޖެއެކޭ. އަހަރެމެން ކުރިއަށް ދާނީ ތިބި ކުޅުންތެރިންނާ އެކު، ޓީމުގެ މެންޓަލިޓީ އަށް ބަދަލެއް ނާންނަ ކަމަށް ވަންޏާ ގޯހެއް ނުވާނެ،" މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

"ނަސީބު ދިމާކުރާ ގޮތުން ކެވިން [ޑިބްރޭނާ] އަދި ވަރަށް ގިނަ ދުވަސް ބޭނުންވޭ، ޖޯން [ސްޓޯންސް] ވެސް ދުވަސްކޮޅެއް ނަގާނެ. ފަހަރުގައި ކޮވާ [ކޮވެސިޗް] އެނބުރި އަންނާނެ އަވަހަށް. ޖެކް [ގްރީލިޝް] ގާތްގަނޑަކަށް ހަފްތާއެއް ނޫނީ 10 ދުވަސް ވެދާނެ."

މި ސީޒަނަށް ސިޓީގެ ގިނަ ކުޅުންތެރިންނެއް ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ރިޔާދު މަހުރޭޒް، ކޯލް ޕާމާ، އައިމެރިކް ލަޕޯޓް، ކެޕްތަން އިލްކާއި ގުންޑޮއާން ހިމެނެ އެވެ. އަދި ޔާއޯ ކަންސެލޯ ދޫކޮށްލީ ލޯނު އުސޫލުންނެވެ. ކުޅުންތެރިން ދޫކުރި ނަމަވެސް ސިޓީން ވަނީ އާ ކުޅުންތެރިން ގަންނަން ނިމިދިޔަ ޓްރާންސްފާ ގައި 200 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހޭދަ ކޮށްފަ އެވެ.

ސިޓީ ހިމެނޭ ގުރޫޕުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގު ކުޅުނު މެޗުން ވަނީ 3-1 އިން ސްވިޒަލެންޑްގެ ޔަންގް ބޯއީޒް ބަލިކޮށްފަ އެވެ.

މިފަހަރުގެ ސީޒަންގައި މަރުގެ ގުރޫޕެއް ކަމަށް ބެލެވޭ ގުރޫޕް އެފް ގައި އޭސީ މިލާނާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި ގުރޫޕްގައި ހިމެނޭ ޕީއެސްޖީން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރީ 2-0 އިންނެވެ. ޕީއެސްޖީ އަށް ގޯލުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454