މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ މިހާރު ވަނީ ހަފްތާއެއް ވެފައި. --ފޮޓޯ: މަޖިލީހުގެ އިދާރާ
02 ނޮވެމްބަރ 2023 - 13:52
ދައުލަތުގެ އެއް ބާރު އަނެއްކާ ވެސް އެކީގައި ހުއްޓިފައި އޮންނަތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. މީގެ ތިން މަހެއްހާ ދުވަސް ކުރީގެ ހާލަތު ތަކުރާރުވެ، ރައްޔިތުންގެ މަޖިލިހުގައި "ތަޅު" އަޅުވައިގެން އުޅެނީ ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައި އޮތް މަޖިލީހުގެ ގަވާއިދުގައި އޮތް އެންމެ މާއްދާއެއްގެ ސަބަބުންނެވެ.
"މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ،" އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ ފެށުމުގައި ބުނެ އެވެ.
އެހެންވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މިދިޔަ އާދިއްތާ ދުވަހުން ފެށިގެން ބޭއްވޭ ގޮތެއް ނުވެ އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން އެކަމާ ދެކޮޅު ހެދިޔަސް، ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފަޔަކީ ނައިބު ރައީސް އީވާ ނެތި ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމެވެ. އެ މާއްދާގެ (ރ) ގައި އެ ފަދަ ގަރާރަކާ މެދު ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނާތީ، އެ ނޫން ޖަލްސާއެއް ބޭއްވިޔަ ނުދޭން އެމްޑީޕީން ތިބީ ފައި ވިއްދައިގެންނެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: މިދިޔަ ހަފްތާއިން ފެށިގެން އޭނާ އުޅުއްވަނީ ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި. --ފޮޓޯ: މަޖިލީހުގެ އިދާރާ
މި ކޯޅުމުގައި އެމްޑީޕީން ހައްލަކަށް އެދި އެންމެ ފަހުން ދިޔައީ ސުޕްރީމް ކޯޓަށެވެ.
ފެންނަނީ ސިޔާސީ މަންފާއަށް، އެ ބަޔަކު ބޭނުންވާ ގޮތަށް ގަވާއިދު މަނާކުރާ ތަނެވެ. މި ވިސްނުމާ ދުރުވެ، އުފެދިގެން މި އުޅޭ "ހުސްކަމުގެ" އަސްލަށް ބަލައިލުން މުހިންމެވެ.
މުޅި މައްސަލަ ފެށިގެން އައީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ވުރެ ހަނިކޮށް ގަވާއިދުގައި ލިޔެގެންނެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ އިތުރުން މަޖިލީހުގެ ގަވާއިދުގައި ވެސް ރިޔާސަތު ބެލެހެއްޓުން ވާރުތަވާ ހާލަތްތައް އެބަ ހުއްޓެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައަޅަންޖެހެ އެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި، މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ.
މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ (ކ) އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ. --ފޮޓޯ: މަޖިލީހުގެ އިދާރާ
މައްސަލަ ޖެހިގެން މި އުޅެނީ އޭގެ ދަށުން ހެދި މަޖިލީހުގެ ގަވާއިދުގައި އެ ފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ސީދާ ބުނާތީ އެވެ. މަޖިލީހުގެ އިދާރާ އަށް 205 ވަނަ މާއްދާ މާނަކުރެވޭ ގޮތަކީ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ޖަލްސާގައި ނައިބު ރައީސް ނޫން މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ.
ނަމަވެސް، ދައުލަތް ހިންގުން ހުއްޓުމަކަށް އަންނަ ގޮތަށް ގާނޫނެއް ވެސް އަދި ގާނޫނެއްގެ ދަށުން ހެދޭ އެއްވެސް ގަވާއިދެއް ވެސް މާނަ ނުކުރެވޭނެ ކަމަށް، ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި މަޖިލީހުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަވައި ގޮތަށް ގަވާއިދުގައި ލިޔުނީ، އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިގެން އުޅޭ އިރު، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް ވީހާ ވެސް ބޮޑަކަށް ހަނިކޮށް، ވަގުތީ ގޮތުން އެ ބާރުތައް މަޖިލީހުގެ ނައިބު ރައީސަށް ލިބޭނެ ގޮތަށް ވިސްނައިގެންނެވެ.
މި ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިދޭ ހުރިހާ ބާރަކާއި އިމްތިޔާޒެއް، އަދި އޭނާ އަދާކުރަންޖެހޭ ހުރިހާ ވާޖިބުތަކެއް، މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓާ ވަގުތުތަކުގައި އޭނާއަށް ވެސް ނިސްބަތް ކުރެވިގެން ވެ އެވެ. - މަޖިލީހުގެ ގަވާއިދުގެ 43 - ނ
އެހެން ގޮތަކަށް ބުނަނީ ނަމަ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ނޯޓިސް ދެވޭ މުއްދަތުން ފެށިގެން، މަޖިލިސް ހިންގުމުގެ ހުރިހާ ޒިންމާތަކެއް މަޖިލީހުގެ ނައިބު ރައީސަށް ލިބުމަކީ ގަވާއިދުގައި އެ ގޮތަށް ލިޔުމުގެ މަފްހޫމް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ޖަލްސާތައް ތާވަލުކުރުމާއި އެޖެންޑާ ކުރުމުގެ ބާރު ވެސް މި އޮންނަނީ މަޖިލީހުގެ ރައީސަށް. ދެން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުނީމާ އެ އަށް ހުރަސް ނޭޅޭނެ ގޮތަށް ވަގުތީ ގޮތުން މަޖިލީހުގެ ނައިބު ރައީސަށް އެ ބާރުތައް ލިބޭ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، މަޖިލީހުގެ ނައިބު ރައީސް ނެތުމަކީ، އޭނާ ވިދާޅުވި ގޮތުގައި މުޅި މަޖިލިސް ހުއްޓުމަކަށް އަންނާނެ ކަމެއް ނޫނެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި، އާންމު އެހެން ޖަލްސާތަކެކޭ އެއް ގޮތަށް ދެން ރިޔާސަތު ބަލަހައްޓަންޖެހޭ މެމްބަރުންނަށް އެ ޒިންމާ ވާރުތަވާނެ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓިވިއުއެއްގެ ތެރެއިން: އެ މަނިކުފާނު މަޖިލީހުގެ ރައީސް ކަމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ވަނީ ހުއްޓިފައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާބު އެކީގައި ބަލައިލުމުން، މަޖިލީހުގެ ރިޔާސަތު ހުސްކޮށް ނުބޭންދޭނެ ހުރިހާ ހައްލުތަކެއް ވަނީ ހޯދައިދީފަ އެވެ. މަޖިލީހުން ކަނޑައަޅާފައިވާ ފަސް މެމްބަރުންނަށް ވެސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި، ދެން އެންމެ ދުވަސް ވީ މެމްބަރުންނަށް ރިޔާސަތާ ހަވާލުވެވޭނެ ޖާގަ ވެސް މަޖިލީހުގައި ގަވާއިދުގައި ވަނީ ދީފަ އެވެ.
އެހެންކަމުން، ގާނޫނެއް ނޫނީ ގަވާއިދެއްގެ ވަކި މާއްދާއެއް ނޫނީ ވަކި ތަންކޮޅެއް ކިޔައިގެން މުޅި ގާނޫނުގެ މަގްސަދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"...ގާނޫނުއަސާސީގެ މާއްދާތައް މާނަކުރަންވާނީ ވަކި މާއްދާއަކަށް އެކަނި ބެލުމުގެ ބަދަލުގައި ގާނޫނުއަސާސީގެ މާއްދާތަކަކީ ގުޅިލާމެހިފައިވާ އެކަތިގަނޑެއް ކަމުގައި ބަލައިގެން ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެންނުދާނޭ ގޮތަކަށެވެ،" 2020 ވަނަ އަހަރު، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުކުމުގެ އިތުރުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން ވެސް ގާނޫނެއް ނޫނީ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ގޮތުން ދޭހަވާ މާނައަކަށް އަމަލުކޮށްފި ނަމަ، ދެކޮޅުނުޖެހޭ ނަތީޖާއެއް ނުކުންނަ ނަމަ، ނޫނީ މުޅި ގަވާއިދު އެކުލެވިގެންވާ މަފްހޫމާ ދެކޮޅަށް ކަމެއް ނިންމަންޖެހިދާނެކަމަށް ފެންނަ ހިނދު ހާއްސަ މާނައެއް ނެރުމުގެ ޖާގަ ވަނީ ލިއްބައިދީފަ އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓު ކައިރިން މީހަކު ހިނގާފައި ދަނީ: މަޖިލިސް ހުއްޓިފައިވާ މައްސަލަ އެ ކޯޓުން ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ފަށަން ތާވަލުކޮށްފައި. --ފައިލް ފޮޓޯ: މިހާރު
މަޖިލީހުގެ އިދާރާ އިން ވެސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި މަޖިލީހުގެ ނައިބު ރައީސް ނޫން މީހަކު ރިޔާސަތުގައި ނީނދެވޭ ގޮތަށް މާނަކުރާ އިރު، އޭގެ ކުރިން ރިޔާސަތު ބެލެހެއްޓުމާ ބެހޭ ބާބުގައި ހިމެނޭ 41، 42، 43 އަދި 44 ވަނަ މާއްދާއަށް އެކީގައި ރިއާއަތް ކުރަންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަނީ އެހެންވެ އެވެ.
އޭނާ ވެސް ފާހަގަކުރެއްވި ގޮތަށް، އެންމެ މީހަކު ނުވަތަ ދެ މީހަކު އެކުވެގެން ދައުލަތުގެ އެއްބާރު ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގާނޫނީ ހަމައެއް އޮވެގެން ވާނެ ކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނައިލުމުން ވެސް އެނގެ އެވެ.
ދެން އޮތީ ސިޔާސީ ކޯޅުންގަނޑެއްގެ ތެރެއިން، ގައުމުގެ ގާނޫނު ހެދުމުގެ ބާރު ވާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި މައްސަލައަށް އެންމެ މަތީ ކޯޓުން ގާނޫނީ ހައްލެއް ހޯދައިދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންނި
03 November 2023
ބޭރުތެރޭ ވާހަކަ ދެކޭވޭ އަޑުއިވޭ، ޑރ. މުއީޒު ރައީސްކަމުގެ ހުވާކުރައްވާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ނަޝީދުކަމަށް ޑިމޮކްރެޓުން ބުނާކަމަށް. ވީމާ، ވަކި މަގްސަދެއް ހާސިލުކުރުމަށް އަމީންއާންމުއާ ކައުންސެލް ޖެނެރަލްގެ ބައިވެރިވުމެއް އޮވެގެން، ރޭވިގެން ކަންތައްތަކެއް ހިނގާ ކަމުގެ ޝައްކު ވަރަށް ބޮޑަށް އެބައުފެދޭ. މިފަދަ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅެއް އެޅުމުގެ ބާރެއް ނުވަތަ ޒިންމާއެއް އޮތް މީހަކު ނުވަތަ މުއައްސަސާއެއް ނެތީބާ؟
ޖަމީލާމީ
02 November 2023
ނަޝީދަށް ކުރެވިދާނެ! އޭނައަށް ރާއްޖޭގެ ގާނޫން އަދި ގައުމީ ސަލާމާތް މުހިއްމެއް ނޫން! އޭނާ އަށް މުހިއްމުވާނީ ވިލާތުގެ އަނދިރި ސަރުކާރުތަށް ދެން އޭނަގެ ބާރު!
ޒުހޭރައްތަ
02 November 2023
ނޫނޭވާ ދެމީހުން މީ މި ދެމީހިން މިއުޅެނީ ގައުމުގެ ވެރިކަން ކުރަން ނުލިބުނީމަ ދެން އަތުޖެހުނު ވެރިކަން ތާއިދު ނެތްއިރުވެސް އެހެންމީހަކައް ނުދޭން ގަދަފައި ވިއްދާފަ ލަދުވެސް ނުގައްނަ ބައެއް މިއުޅެނީވެސް މި 2 މީހުންގެ ފަހަތުގަ ޕިސް ޕިސް
އަބުދުއްﷲ ސަައީދު
02 November 2023
ސުޕުރީމް ކޯޓްގެ ފުރާޅުން ޓިނުނަގައިގެން ރޭގަނޑު ފަޑިޔާރުން ޖަލައް ގެންދިޔަމީހުން މިހާރު ހުވާކުރަން ތައްޔާރުވާ ހާލަތުގައި ، ސްޕުރީމް ކޯޓަށް ވަރަށް ދަތިވާނެ މައްސަލަ އަވަހައް ނިންމާ ފައިސަލާ ކުރަން. މިމައްސަލަ އަންނަ ހޯމަދުވަހައް ތާވަލް ކުރުމުން ވެސް އެގޭ އެމީހުންގެ އިންޓެންޝަން ހުރިގޮތް.
އަލީމު
02 November 2023
ސްޕްރީމް ކޯޓު މިހާރުއޮތްގޮތަކަށް ނޯންނާނެ ވެރިކަން ބަދަލުވާހިސާބުން. ކޮންމެ ގޮތަކަށް މިކަމުގެ ހުކުމް ނެރުނަސް އެކަމަކަށް ބަދަލެއް ނާންނާނެ!
އިބްރ
02 November 2023
މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާނަމަ މަޖިލިސް އުވާލައްވާ. މަޖިލިސް މަރުވީ.
ޚަދީޖާ އަޙްމަދު
02 November 2023
ޢިވާ ގެ ސަލާމް ސެޓްފިކެޓަކީ ވަގު ސެޓްފިކެޓެއް ކަމަށް ބެލެވޭ. ތި ސެޓްފިކެޓް ދޫކުރި ޑޮކްޓަރަކާ ދެކޮޅަށް ދައުވާކުރަން ޖެހޭ. ޑެންގޫ އެންމެ ގިނަ ދުވަހުންވެސް ހަފްތާއެއްގެ ތެރޭގައި ރަނގަޅުވޭ .
މަހަލްދީބު
02 November 2023
" މައްސަލަ ޖެހިގެން މި އުޅެނީ އޭގެ ދަށުން ހެދި މަޖިލީހުގެ ގަވާއިދުގައި އެ ފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ސީދާ ބުނާތީ އެވެ. " ސޯ މިބުނާ ގަވާއިދެއް ބަދަލުކޮށްލާ ނާއިބު ރައީސް ނެތް ޙާލަތެއް ގައި މަޖްލިހުގައި އެންމެ ދުވަސްވީ މެމްބަރަށް ރިޔާސަތު ބެލެހެއްޓޭ ގޮތަށް ހަދާލަން ވީނު . މީދެން ތިހާ ވަރަށް ޒުވާބު ކުރަންޖެހޭ ކަމެއްތަ.
ސުވައިދީބު
02 November 2023
ބަލަ ތިޔަ އިސްލާހު ވެސް އެމްޑީޕީ އިން އެއޮތީ މަޖިލީހަށް ހުށަހަޅާފައޭ. އެކަމަކު އެ މަކުނުފާނުއާ ގުޅިގެން ސެކްރެޓޭރިއެޓުން އެވެސް އެއޮތީ މަތާރަންފިލާ މައްޗަށް ލާފައޭ.
އަލީމު
02 November 2023
މަޖިލީހުގެ އަމީންއާންމުގެ މައްޗައް ދައުވާކުރެވެން ޖެހޭނެ މިހާހިސާބައްދިޔައިމާ! ސްފްރީމް ކޯޓުން ވަރަށް ރީތި ކޮށް މިކަންނިންމާނެ: މިއީކީ "ރޮކެޓް ސައިންސް" އެއްނޫން!!
ޑރ. ރާމީ ޙަސަން މަނިކު
02 November 2023
މުޢިއްޒަށް 2 ވަނަ ބުރު ގައި ދަ ޑިމޮކްރަޓްސް އިން ސަޕޯޓް ނުކޮށްފި-ނަމަ ނަޝީދު ބާލަން ނޫޅޭނެ ކަމަށް އެމް.ޑީ.ޕީ އިން ވަޢުދު ވެފަ އޮތީ. ވަޢުދު ވެފަ އޮތް-ކަން ސްޕްރީމް ކޯޓު ގެ ފަނޑިޔާރުން-ނަށް އެނގޭނެ! ސްޕްރީމް ކޯޓުން މައްސަލަ ނިމެންދެން ދަޢުލަތު ގެ މުދާ ސުންނާފަތި ކޮށް، ޙަލާކު ނުކޮށް ތިބުން އެންނެ ރަނގަޅު ގޮތަކީ!
ހިމާރުތަކުރުފާނު
02 November 2023
ސަބަބުވެރި އިންސާނެއްގެ ވިސްނުމަކީ ކޯއްޗެއް! ހައްތާވެސް ސަބަބު ފެންނާނީ. ބުއްދިވެރި ނުވަތަ ވިސްނުންތެރި ނުވަތަ ތޫނުފިލި އިންސާނެއްގެ ވިސްނުމުން ވިސްނައިގެން ނޫނީ ކަމެއް ހައްލުކުރާނެ ގޮތެއް ނުފެންނާނެ. މި ޒަމާނުގައި ބޭރުގަނޑު ކިޔައިގެން ތިބޭ ބުއްދިވެރިކަމެއް ނެތް މީހުން ތަންތަނަށް ލީމާ ވިސްނުންތެރި އިސްނާގެ ބުއްދިއަށް ފެންނަގޮތް މިއަދު މިއޮތީ ސަބަބުވެރި އިންސާނެއްގެ ވިސްނުމަށް ވެފައި.
ޑެލްބޯއި
02 November 2023
"ސަބަބުވެރި" މީގެ މާނައަކީ އިންގިރޭސި ކޯޓް ހުކުމްތަކުގައި ޖަޖުން ބޭނުން ކުރާ ރީޒަނަބަލް އެއް ނޫން!!! ޖަޖްމެންޓްތަކުގަައި ބޭނުން ކުރާ ރީޒަނަބަލް އަކީ ބުއްދީގެ ހަމަ މަގުން ވިސްނާއިރު ނުވަތަ ހަމަބުއްދި ބޭނުން ކުރާއިރު. ދިވެހިން ތަރުޖަމާ އެކުރަނީ ރީޒަން (ސަބަބު) އެއީ ރީޒަނަބަލް އާ ތަފާތު މާނައެއް އެކުލެވޭ އެއްޗެއް!!!!