ޚަބަރު / ސުޕްރީމް ކޯޓް

ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓު: ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ޑިރެކްޓަރުން ވަކި ކުރުމުގެ ބާރު ކޯޓުތަކަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

23 ނޮވެމްބަރ 2023 - 20:40

5 comments

ކުންފުނީގެ ޑިރެކްޓަރަކު ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ހާލަތްތަކުގައި ކުންފުންޏަށް އެ ޑިރެކްޓަރަކު ވަކި ނުކުރެވޭ ހާލަތްތަކުގައި ޑިރެކްޓަރުން ވަކި ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް މިއަދު ކަނޑައަޅައިފި އެވެ.

ކުންފުންޏާބެހޭ ގާނޫނު އޮންނަ ގޮތުން ކުންފުންޏެއްގެ ޑިރެކްޓަރުން ވަކި ކުރެވޭނީ އެ ކުންފުންޏެއް އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ. ނަމަވެސް އާންމު ޖަލްސާއަކުން އެކަން ނުކުރެވޭ ހާލަތްތަކުގައި ކޯޓު މެދުވެރިކޮށް ޑިރެކްޓަރުން ވަކި ކުރެވޭނެ ކަމަކަށް ގާނޫނުގައި ބުނެފައެއް ނެތެވެ.

ރިހިވެލި ބީޗް ރިސޯޓް ހިންގަމުން ދިޔަ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އޭނާގެ ހިއްސާ އޮތް އެހެން ކުންފުންޏަކަށް ދޭންޖެހޭ ފައިސާތަކެއް ދޫކުރި ކަމަށް ބުނެ ސޭވް ދަ ޑްރީމް ކުންފުނީގެ ހިއްސާ އޮންނަ ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް ދައުވާކުރި އެވެ. އެ ފައިސާ ދޫކުރީ ރިހިވެލި ރިސޯޓްގެ ސަބްލީސް އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމަށް ކަމަށް ބުންޏަސް، ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ބުނާގޮތުން އެ ފައިސާ ދޫކުރީ އެ ކުންފުންޏަށް ނޭނގި އެވެ.

އެ މައްސަލާގައި މެނޭޖިން ޑިރެކްޓަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް، އަދި އެ ފައިސާ އަނބުރާ ހޯދަން ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ މެނޭޖިން ޑިރެކްޓަރު ވަކި ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުންފުނީގެ ޑިރެކްޓަރަކު ވަކި ކުރެވޭނީ ކުންފުނީގެ އާންމު ޖަލްސާއަކުން ފާސްކޮށްގެން ކަމަށް ކުންފުންޏާބެހޭ ގާނޫނުގައި ބުނެފައި ވިޔަސް، ކުންފުނީގެ ޑިރެކްޓަރުންގެ އަދަދު ހަމަހަމަވާ ގޮތަށް އޮންނަ ހާލަތްތަކުގައި ކޯޓުތަކުން އެކަމަށް ހައްލެއް ދެވިދާނެ ކަމަށެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރި ޑިރެކްޓަރު ވަކި ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.

"ކުންފުނީގެ އާންމު ޖަލްސާއިން އެ މައްސަލައަށް ހައްލު ނުލިބޭ ހާލަތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅިއްޖެނަމަ، ޑައިރެކްޓަރު އޭނާގެ އަމާނާތްތެރިކަމުގެ ވާޖިބާ ޚިލާފްވެފައިވާ ކަމަށް ކޯޓަށް ފެނިއްޖެނަމަ އެ ޑައިރެކްޓަރަކު ޑައިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ޑިސްކޮލިފައި ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ދެކެމެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އަދި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޑިރެކްޓަރުން އެ މީހުންގެ އަމާނާތްތެރިކަމުގެ ވާޖިބު އަދާ ނުކުރާނަމަ އެކަމުގެ ގާނޫނީ ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އަދި ޑިރެކްޓަރުންގެ މައްޗަށް އަމާނާތްތެރިކަމުގެ ވާޖިބު އޮންނާނެ ކަމަށް ކޯޓުތަކުން ކުރިން ވެސް ނިންމާފައިވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ކުންފުންޏެއްގެ ހިއްސާދާރުންނަށް ގެއްލުންވާ ގޮތަށް ކުންފުނި ހިންގާނަމަ އެކަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ހިއްސާދާރުންނަށް ލިބިގެންވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ހުކުމުގައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހިއްސާ އޮތް އެހެން ކުންފުންޏަކަށް ފައިސާ ދޫކުރީ ރިހިވެލި ރިސޯޓްގެ ސަބްލީސްގެ ފައިސާ ދެއްކުމުގެ ގޮތުން ކަމަށް އޭނާ ބުނެފައި ވިޔަސް، ފައިސާ ލިބުނު އަނެއް ކުންފުންޏަކީ ވެސް އޭނާ ޑިރެކްޓަރުކަން ކުރަމުންދާ ކުންފުންޏެއް ކަމަށްވާތީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމަށެވެ. އަދި ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގައި ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ދެ ހިއްސާދާރުން ކަމަށްވާތީ ކުންފުންޏާބެހޭ ގާނޫނު ބުނާގޮތަށް ކުންފުނީގެ ތެރެއިން އެ މައްސަލަ ހައްލު ކުރެވެން ނެތް ކަމަށާއި އެހެންކަމުން މި ހާލަތުގައި އެކަމަށް ކޯޓުން ހައްލެއް ހޯދައި ދޭންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމާނާތްތެރިކަމުގެ ވާޖިބާ ހިލާފް ވެފައިވާތީ އެ ކުންފުނީގެ ބޯޑުން އޭނާ ވަކިކުރަން ނިންމީ ކަމަށެވެ.

އެ މައްސަލާގައި ދޫކުރި ފައިސާ އޭނާގެ އަތުން ނަގައި ދިނުމަށް ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން އެދިފައި ވިޔަސް، އެ ހުކުމުގައިވާ ގޮތުން އެ ފައިސާ ދައްކަން އަމުރެއް ނުކުރެވޭނެ އެވެ. ސަބަބަކީ އެއީ ރިސޯޓްގެ ކުލި ދެއްކުމުގެ ގޮތުން ދޫކުރި ފައިސާއެއް ކަމަށް ބުނާއިރު، އެ ފައިސާ ނަގައި ދިނުމަކީ ނުހައްގު މުއްސަނދި ކަމެއް ސޭވް ދަ ޑްރީމް ފްރާންސް ކުންފުންޏަށް ލިބޭނެ ކަމަކަށް ވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރިންޓެ

24 November 2023

ދުނިޔޭގެ އާ ވައްތަރެއްގެ ކުންފުންޏެއް ސުއޫދު މާ މޮޅުވާން ވެގެން ލިޔެފަ މި އޮތީ! ދެން ކުންފުނި ހިންގާނީ ކޯޓުގަ! ޑިރެކްޓަރުގެ ބަދަލުގަ ފަނޑިޔާރު ހުންނާނީ ދޯ ސުއޫދު

The name is already taken The name is available. Register?

ސަދަބް

24 November 2023

ރަނގަޅަށް ކިޔާލަ ބަލަ ލިޔެފަ އޮތް އެއްޗެއް! ކޯޓަށް އެކަމަށް ވަދެވެނީ ވަކި ހާލަތެއްގަ

The name is already taken The name is available. Register?

ބޮއި

24 November 2023

ދެން ކޯޓުގަ ދޯ ބޯޑު މީޓިންގ ބާއްވަންޖެހޭނީ. އަނެއް ޑިރެކްޓަރަށް ފަނޑިޔާރުވެގެން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 November 2023

ދައުލަތުގެ ސްޕްރީމް ކޯޓްގެ މިނިންމުގެ ސަބަބުން ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ކުންފުނިތަކުގެ ސީއީއޯ ފަދަ މަޤާމް ތަކަށާއި، ކުންފުނީގެ ބޯޑަށް ސަރުކާރުން އައްޔަން ކުރާ ޑިރެކްޓަރުންނާއި، އަދި ޙިއްސާގެ ނާޖާއިޒު ބޭނުންކޮށްގެން "ގަދަބާރުން" އިންތިޙާބުވެފައިތިބޭ (ބެސްޓް ޕްރެކްޓިސް އާއި ޙިލާފު) މަސްލަހަތު ފުށުއަރާ (މިސާލަކަށް އާއިލީ ބެންކެއް ހިންގާ ބަޔަކު ބީއެމްއެލް ބޯޑްގައި ތިބުންފަދަ) މީހުން ބޭރުކުރަންވެސް ޙިއްސާދާރުނަށް ކޯޓަށްދެވޭނެ ނޫންތޯ.

The name is already taken The name is available. Register?

އަފީފު ދީދީ ގެ ބޭބެ

24 November 2023

ކޮއްކޯ! އެއްފަހަރު ކިޔައިގެން ދޭހަނުވަންޏާ ދޭހަވަންދެން ކިޔާބަލަ. ހުކުމްގައި އެއޮތީ ޑިރެކްޓަރަކު ވަކި ކުރެވޭނީ ކުންފުނީގެ އާންމު ޖަލްސާއަކުން ފާސްކޮށްގެން ކަމަށް ކުންފުންޏާބެހޭ ގާނޫނުގައި ބުނެފައި ވިޔަސް، ކުންފުނީގެ ޑިރެކްޓަރުންގެ އަދަދު ހަމަހަމަވާ ގޮތަށް އޮންނަ ހާލަތްތަކުގައި ކޯޓުތަކުން އެކަމަށް ހައްލެއް ދެވިދާނެ ކަމަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454