ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވަނީ.
28 ނޮވެމްބަރ 2023 - 08:37
ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތުރުކީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އެ ގައުމަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ބޭއްވެވި ބައްދަލުކުރުމުގެ ތެރެއިން މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން، ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު އޮމާ ބޮލަޓް އެވެ.
"އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ"ގެ ނަމުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ދެ ސަރުކާރުން އަދި ނުދެ އެވެ.
ރައީސް ޑރ. މުއިއްޒާއި ތުރުކީގެ ރައީސް އުރުދުޣާން އިއްޔެ ވަނީ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ.
ދެ ރައީސުންގެ ބައްދަލުވުމުގައި ރާއްޖެ އާއި ތުރުކީގެ ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، އެ ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓާއި އިޔާދަކުރަނިވި ހަކަތަ އާއި މަތީ ތައުލީމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު، ތުރުކީގެ ރައީސް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިޖުތިމާއީ-އިގްތިސާދީ ތަރައްގީގެ އެކި ދާއިރާތަކުން ތުރުކީ އިން ރާއްޖެ އަށް ދޭ އެއްބާރުލުން ވެސް ރައީސް ޑރ. މުއިއްޒު ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސް އުރުދުޣާނަށާއި ތުރުކީގެ މީހުންނަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގެ ރައީސް އުރުދުޣާންގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުއިއްޒު މަގާމުގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ތުރުކީ ހިޔާރު ކުރެއްވުމަކީ އެ މަނިކުފާނަށާއި ތުރުކީގެ މީހުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު، ތުރުކީގެ ރައީސް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް އްޔިބް އުރްދުޣާން ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ތުރުކީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
28 November 2023
"އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ"ގެ ނަމުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ދެ ސަރުކާރުން އަދި ނުދެ އެވެ. '' މި އެއްބަސްވުން ޕަބްލިކް ޑޮމެއިންއަށް ހާމަކުރާނެކަމަށް އުއްމީދުކުރަން.އެއްވެސް ކަމެއް ސިއްރުނުކުރާނެކަމަށް ކެމްޕެއިންގަ ބުނެފަ އޮތީމަ މިމަގުން މިކަންކުރަން ޖެހޭނެ.ވ.ވެދުން
ބޮއިކަޓް
28 November 2023
ބޯއިކަޓް ނުކުރޭތޯ. ޢުރުދުގާންވަނީ ކުރުދީ މުސްލިމުނަށް ހަމަލާދީ ޖެނަސައިޑް ހިންގާފައި.
މޫސާ ޔައީޘް
28 November 2023
ރާއްޖޭގެ އިގްތިސާދު ދެގުނަ މުއިޒް ކުރާނެ ކަން މިއަދު ގަބޫލްކޮށްފިން
މަހުޖަނު ކޮޮއި
29 November 2023
އެކިހިނެއް ކުރާ ކަމެއް؟ ތުރުކީ އަކީ ލާރި ގަނޑު ގަނޑަށް ދޭ ބައެއްނޫން. ވިޔަފާރި ދޭނެ، އެތަނުން ކިޔަވަން ދޭނެ، އަދި އެމީހުން އައިސް މިތާ ޕްރޮޖެކްޓް ހިންގަދޭނެ. އެއީ ހައްތާވެސް އެތަނަށް ވަންނަ ފައިސާ.
ރައުޔާ
28 November 2023
ތުރުކީއަށް ކިޔަވަންދާން ބޭނުންވެފަ ތިބި ކުދީންނަށް އުފާވެރި ހަބަރެއް ތީ.
ނޫރާ މުހައްމަދު
28 November 2023
ސާބަހޭ މުއިޒް.
މަނީހް
28 November 2023
މިގައުމު އިތުރަށް ތަރައްގީވެ ކުރިއަރައިގެން ދާކަށް ނެތް މާކަ ދުވަހެއް.
ފަރާހް
28 November 2023
މިވާ އެއްބަސްވުންތަކާ ކުރިން ސަރުކާރުތަކުގަ ވާ އެއްބަސްވުމުގެ ތަފާތު ފެނިގެންދާނެ މި 5 އަހަރުތެރޭގަ
ނިއުފާ
28 November 2023
ތުރުކީގަ ތިބި ދިވެހި ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފި. ޝުކުރިއްޔާ ރައީސް
ހުނު
28 November 2023
ބަލަ ހާންމަ ކޮއްބަލަ ލިބުނު އެއްޗެއް އޭރުން ތާ އިގޭނީ ދިޔަހަރަދާ ލިބުނު އެއްޗެއް އަޅާކިޔަން ޑެބިޓްތޯ ނޫނީ ޕުރޮފިޓްތޯ މިދަތުރުންވީ
އަލީތަކުރު
28 November 2023
މިރާއްޖޭގައި ކަބޯތަކެތީގެ ގިނަ ތަކެއްޗަކީ ތުރުކީގެ މުދާކަން ފާހަގަވޭ. ތުރުކީއަކީ ޔޫރަޕާއި، މުސްލިމުންނާއި ގުޅާދޭ ހަމަ އެކަނި މުސްލިމުންގެ ބާރު އޮންނަ ޤައުމު. ތުރުކީއަށް ދެވުމުން ޔޫރަޕުގެ ތަހުޒީބާއި، މުސްލިމުން ގެ ޙަޟާރާ ވަރަށް ގާތުން ބަލާލެވޭ. އުއްމީދު ވަރަށް ވެސް ބޮޑު. ސެލިއުޓް ޔޫ ރައީސް.