ދުނިޔެ / އަގްސާ ތޫފާން

އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް: ހޫތީން

ހޫތީ ހަނގުރާމަވެރިން: އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އެމީހުންގެ އަމާޒެއް ކަމަށް ބުނޭ.

10 ޑިސެމްބަރ 2023 - 12:01

3 comments

ވިޔަފާރީގެ މުއާމަލާތްތަކުގައި އިޒްރޭލަށް ދަތުރުކުރާ ކޮންމެ އާގުބޯޓަކީ އެމީހުންގެ އަމާޒެއް ކަމަށް، ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ހޫތީންގެ ހަނގުރާމަވެރި ޖަމާއަތުން އިއްޔެ ދުނިޔޭގެ ގައުމުތަކަށް އިންޒާރުކޮށްފި އެވެ.

"ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ޣައްޒާ އަށް ފޯރުވައިނުދޭ ނަމަ، ރަތް ކަނޑުގެ ތެރެއިން އިޒްރޭލަށް ދަތުރުކުރާ ކޮންމެ އާގުބޯޓަކީ، އެއީ ކޮންމެ ގައުމެއްގެ ބޯޓެއް ކަމަށް ވިޔަސް، އަހަރެމެންގެ ހަތިޔާރު އެޅި ލަޝްކަރުގެ އަމާޒެއް،" ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ބުންޏެވެ.

ހޫތީންގެ ފަރާތުން މި މޭރުމުން އިންޒާރުކުރި އިރު، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ޖަމާއަތުން ވަނީ، ރަތް ކަނޑުގެ ސަރަހައްދުން ދަތުރުކުރި އިޒްރޭލުގެ ވިޔަފާރިވެރިންގެ ބައެއް އާގުބޯޓުފަހަރަށާއި އެމެރިކާގެ މަނަވަރަކަށް ވެސް ހަމަލާ ދީފަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ބިލިޔަނަރެއްގެ ކުންފުންޏަކުން ދުއްވާ އާގުބޯޓެއް ފޭރިގަނެގެން ޔަމަނަށް ގެންގޮސްފަ އެވެ.

އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހޫތީން ބުނާ ގޮތުގައި ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގާ ޖަރީމާތައް ހުއްޓައިނުލާހާ ހިނދަކު އެމެރިކާ އާއި އިޒްރޭލުގެ ކަނޑު އުޅަނދުތަކަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ހަމަލާ ދޭނެ އެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ، އިޒްރޭލުގެ އާގުބޯޓުތައް އަތުލައިގަންނާނެ އެވެ.

ހޫތީ ހަނގުރާމަވެރިން އިޒްރޭލަށް އަމާޒުކޮށް، މިދިޔަ ދެ ހަފުތާގެ ތެރޭގައި ފޮނުވައިލި ބެލެސްޓިކް މިސައިލްތަކާއި ޑްރޯންތަކަށް އެމެރިކާގެ މަނަވަރުތަކުން ހަމަލާ ދީ ވަނީ ވައްޓާލައިފަ އެވެ. އަދި ހޫތީން ވެސް ވަނީ ރަތް ކަނޑުގެ ވައިގެ ސަރަހައްދުން ދަތުރުކުރި އެމެރިކާގެ ޑްރޯނެއް ވެސް ވައްޓާލައިފަ އެވެ.

އެމެރިކާގެ މަދަދާ އެކު އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޝަހީދުވަމުން ދާއިރު، އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އަށް ނުކުމެފައިވަނީ ލުބްނާންގައި އޮންނަ ހިޒްބުﷲ ޖަމާއަތާއި ޔަމަންގައި އޮންނަ ހޫތީ ޖަމާއަތެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތައް ކުރަމުން އަންނަ ޖިހާދުގައި އަމަލީ ގޮތުން ބައިވެރިވާ އިސްލާމީ އެއްވެސް ގައުމެއް ނެތެވެ.

ލުބްނާންގެ ދެކުނު ސަރަހައްދުގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ދެމުންދާ ރޮކެޓް ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދަނީ، ދެކުނު ލުބްނާންގައި ތިބި ހިޒްބުﷲ ހަނގުރާމަވެރިންގެ މަގާމުތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ހަމަލާ ދެމުންނެވެ. ހިޒްބުﷲ އަށް އިންޒާރު ދެއްވައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވިދާޅުވެފައިވަނީ ހިޒްބުﷲގެ ހަމަލާތައް ހުއްޓައިނުލާ ނަމަ، ލުބްނާންގެ ވެރިރަށް ބެއިރޫތު ވެސް ޣައްޒާއަކަށް ހަދައިލާނެ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 65 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17700 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 48780 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8500 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންތިމަރިޔަނބު.

10 December 2023

ކޮބާހޭ ކޮބާހޭ ކަޅުކުލައިގެ ފޮތިގަނޑެއްގައި ތައުހީދުގެ ކަލިމަފުޅު ލިއެގެން ނިކުމެ ތަކުބީރު ގޮވަމުން ގޮސް ސޫރިއާ ޢިރާގު އަދި ލީބިއާގެ އެތައްލައްކަ މުސްލިމުން ޝަހީދުކުރި ސަލަފީ ބައިގަނޑު. އެމީހުނަށް ފަންޑުކުރި ސައުދީ އިޒްރޭލު އަދި ޔޫރަޕުގެ ޒަޔަނިސްޓު ވެރިން. މިއަދުވެސް ފަލަސްތީނުގެ ހައްގުގައި މިއޮއް މަރުފަލިޖަހަނީ ޔަމަނުގެ ޝީޢީ ބައިގަނޑު. ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ. މިވެސް ޢިބުރަތެއް.

The name is already taken The name is available. Register?

ސަލްސަބީލާ

11 December 2023

ސަންތީ ފަލަސްތީންގެ މުސްލިމުންނަށް އުއްމަތުގެ ވެރީންގެ ކިބައިން މަދަދުވެރިކަން ނުލިބުނަސް މާތްﷲ ގެ މަދަދުވެރިކަން އެމީހުންނަށް އެކި ސިފަސިފައިގަ ލިބިދޭ..އެމީހުން ލައްކަ ދުވަސްވެއްޖެ އުއްމަތުގެ ވެރީންގެ ކިބައިން އާދޭސް ކުރާތާ..އެކަމަށް އެވެރިންވަނީ ނުކުޅެދިފަ..އެހެންވެ އޭރުވެސް މިހާރުވެސް ފަލަސްތީންގެ ރަށްޔިތުންގެ އެންމެ ބޮޑު މަދަދުގާރަކީ ހަމައެކަނި މާތްﷲ..އެއިލާހު އެމުސްލިމުންގެ އާދޭސް އައްސަވާވޮޑިގެންވޭ..

The name is already taken The name is available. Register?

ޖެނިން

10 December 2023

ސާބަހޭ ހޫތިންނަށް ، ތީ ކިރިޔާވެސް ފަލަސްތީނު ރަތްޔިތުންގެ ހައްގުގައި ކަމެއްކުރާ ބަޔަކީ ، ދެން ތިބީ ހުސްވެސް ވައިއަނގަ ތަޅާ އަރަބި ވެރިންނާއި ޖަމަލު ފޮޑި ޖަހާ ކަމެއްކުރަން ނުކެރޭ އުރުދުގާން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454