ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ ތަރައްގީކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 ޑިސެމްބަރ 2023 - 14:07
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ރަސްމާލެ" ތަރައްގީކުރަން ފުށިދިއްގަރުފަޅު ހިއްކަނީ މާލެ ސަރަހައްދުގައި ހިއްކާ އެހެން ތަންތަނުން ވެލި ނަގައިގެން ކަމަށް ކުރާ ތުހުމަތު ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކާތީ ދެން ހުރި ބިން ހިއްކުމުގެ މަޝްރޫއުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކަން ވެލި ނެގުމަށް އީއައިއޭގައި ކަނޑައަޅާފައިވަނީ މާލެ އަތޮޅުގެ ދެކުނެވެ.
"ގުޅިފަޅު ހިއްކަން ވެލި ނަގަނީ އެ ފަޅު ކައިރިން މާލެ އަތޮޅުގެ އުތުރުން،" މުއްތަލިބް ވިދާޅުވި އެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރި ހަފްލާގައި ފަޒުލް ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރަސްމާލެ ތަރައްގީގެ މަޝްރޫއު ހަވާލުކޮށްފައިވާ އާބަންކޯގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވެސް ވިދާޅުވީ ރަސްމާލެ ހިއްކަމުންދަނީ ގުޅިފަޅާއި ގިރާވަރުފަޅާއި ތިލަފުށި އަދި ހުޅުމާލޭގައި ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ.
"ރައްޔިތުންގެ ހިތުގައި ނުތަނަވަސް ކަން އުފެއްދުމަށް ކުރާ މަސައްކަތް ކުށްވެރިކުރަން،" ފަޒުލް ވިދާޅުވި އެވެ.
ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށެވެ.
އެކަމަކު އެތަންތަން ހިއްކުމުގެ މަސައްކަތް ލަސްކޮށް، މި ސަރުކާރުން މަސައްކަތް ކުރަނީ ރަސްމާލެ އަށް އިސްކަންދީގެން ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި އެ ތަންތަން ތަރައްގީކުރުމަށް ވެސް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް މުއްތަލިބް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
30 December 2023
ވިނަރެސް ފްލެޓްތަކުގެ އަގުން އެވްރެޖް ކޮށް 4200 ރުފިޔާ ކުޑަވާނެއޭ ބުނި ގޮތަށް ބަޚަބަރު. ވަރަށް އަވަހަށް އިޢުލާނުކުރާނަމޭ ކިޔާލަ ކިޔާލަ ތި ތިބެނީ. ރަސްމާލެ އަކީވެސް ތަރައްގީގެ ބައެއް. ޢާންމުން އަނގަޔާ އަތާ ދިމާނުވެ އުޅޭ އިރު ޢާންމުންގެ ޖީބަށް ލުއި ލިބޭ ކަހަލަ ކަންކަމަށް އިސްކަން ދިނީޔާ ވާނީ ކީއްތަ ފަޒުލް ކުއްޖާ!
ރައްޔިތުންގެ ޝުއޫރު
29 December 2023
ދިވެހި ރައްޔިތުންގެ ބޭނުމަށް ބިން އުފެއްދުމަށް ކޮންމެ ފަޅަކުން ކޮންމެ ތަނަކުން ވެލި ނެގިނަމަވެސް މައްސަލައަކަށް ވާންޖެހޭ ސަބަބެއް ނުވިސްނޭ. ސިޔާސީ ވިސްނުން ދޫކޮށް ރައްޔިތުންނަށް ފައިދާ ވާނެ ޕްރޮޖެކްޓްތަކަށް އެއްބާރުލުން ދެމާ. މާލެ ރައްޔިތުންނަށް ގުޅީފަޅާއި ގިރާވަރު ފަޅު އެބައޮތް. ރަށްރަށުން މާލެއަށް ހިޖުރަކޮށްފައިވާ މީހުން (ދަފްތަރު) އަދި އެހެން މީހުން ފުށިދިއްގަރު ފަޅުން ގޯތި ކަމުދޭ.
އޮނަރަބްލް އަފީފު ދީދީ
29 December 2023
ނަމުގެތެރެއަށް މުޤައްދަސް ރަށްކޮޅުގެ ނަންހިމަނައިގެން ކ.އަތޮޅު ކަނޑުފަޅު ހިއްކައިގެންހަދާ ރަށްރަށުގެ ފުރިހަމަބޭނުންވެސް ކުރެވޭނީ (ކުލީއަޅުން ގިނަކުރެވޭނީ) އައްޑޫސިޓީ، ތިނަދޫ، ކުޅުދުއްފުއްޓާއި އޭދަފުށި ފަދަ ރާއްޖޭގެ ރަށްރަށުގެތެރެއިން އާބާދީބޮޑެތި ރަށްތައް ވީރާނާ ކޮށްގެންކަމަށްވާތީ، އެފަދަރަށްރަށުގެ ފަޅުތެރެއިން ވެލިނަގައިގެން ތިތަންތަން ހިއްކަންވީނޫންތޯ. ކޮންމެހެން ސިޔާސަތު ސިއްރުކޮށްގެން ތިބޭކަށް ނުޖެހޭ. ނުރުހޭ ބަޔަކު ނުރުހިފަ ތިބެދާނެނޫންތޯ.
ޑޮކްޓާރ. ބަނާނާ
28 December 2023
ވެރިކަމަށް އަންނަން ދެއްކި މަންޒަރާއި ކިޔާހެދި ފަރެއްސާއި ރައިވަރު ޢަހަރެމެން ހަދާން ނުނެތޭ.. މިދިޔަ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ދިން ގޯތި ތައް ހިފަހައްޓާ އެތަންތަނުގައި މަސައްކަތެއް ނުކުރެވޭގޮތަށް ހަދާ ތިޔަ ދަނީ ރައްޔިތުންނަށް ޖެއްސުން ކުރަމުން..ތިޔަރަސްމާލެ ވާހަކަ އަޑުއަހަން ދެން ބޭނުމެއްނޫން. !