އަސްމާ ރަޝީދު އިއްޔެ ޕްރައިމަރީގައި ވޯޓު ދެއްވަނީ: އިންތިހާބުގައި ކާމިޔާބު ލިބުނު ހަމައެކަނި އަންހެން ކެންޑިޑޭޓަކީ އަސްމާ-- ފޮޓޯ: ނިޝާން އަލީ | މިހާރު
28 ޖެނުއަރީ 2024 - 09:53
އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނެރޭ ކެންޑިޑޭޓުންނަށް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރި ގިނަ އަންހެނުން ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރި އެވެ. އޭގެ ތެރެއިން 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.
ނަމަވެސް ޓިކެޓް ކަށަވަރު ކުރެވުނީ އެންމެ އަންހެން ކެންޑިޑޭޓަކަށެވެ. އެއީ މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ. އޭނާ ކުރިން އުޅުއްވީ 18 ވަނަ މަޖިލިހުގަ އެވެ.
މާލޭގެ ގިނަ ދާއިރާތަކަށް އަންހެނުން ކެންޑިޑޭޓުން ކުރިމަތިލި ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވި އެވެ. ގަލޮޅު އުތުރު ދާއިރާ އަށް ތިން އަންހެން ކެންޑިޑޭޓުން ކުރިމަތީލިއިރު ދާއިރާގެ ޓިކެޓް ހޯދީ މުހައްމަދު އަފްތާބެވެ. އޭނާއާ ވާދަކުރި އަންހެން ކެންޑިޑޭޓުން ތެރޭގައި ނޫރުބާން ފަހުމީ ވެސް ހިމެނެ އެވެ.
ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ބޮޑު ނާކާމިޔާބަކާ އެވެ. ޕްރައިމަރީގައި ހުރާ ދާއިރާ އަކަށް ވާދަކުރެެއްވި ކުރީގެ މެންބަރު އަނާރާ ނައީމަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އަބްދުުﷲ ވާރިޝް އެވެ.
ޕްރައިމަރީން އަނާރާ ބަލިވި ނަމަވެސް އޭނާގެ ފިރިކަލުން އާދަމް ޝަފީގު ވަނީ މަކުނުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ.
ދުންޔާ، އަނާރާ: ދެ ބޭފުޅުންނަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު
ޕްރައިމަރީގައި ވާދަކުރެއްވި ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް އާދަމަށް ވެސް ޓިކެޓް ލިބޭ ގޮތެއް ނުވި އެވެ. އޭނާ ވާދަކުރެއްވީ ފުވައްމުލައް ދެކުނު ދާއިރާއަށެވެ.
ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ގިނަ އަންހެން ބޭފުޅުން ނެރުމަކީ އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ. އެކަން އެގޮތަށް ކުރުމަށް އަންހެން މެންބަރުންނަށް ޕާޓީން ހާއްސަ އެލެވެންސެއް ދޭން ވެސް ނިންމެވި އެވެ. އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުމަށް ވޯކްޝޮޕްތައް ވެސް ބޭއްވި އެވެ.
ނަމަވެސް، އިންތިހާބުގެ ނަތީޖާ އިން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހުންނަށް ލިބުނުއިރު އޭގެ ތެރޭގައި އަންހެނުންގެ ނިސްބަތް މައްޗަށެވެ. އިއްޔެ ވޯޓުލުމަށް ވެސް ގިނަ އަންހެނުން ނުކުތް އިރު ކެމްޕެއިންގައި ވެސް އަންހެނުން އިސްކޮށް އުޅުނެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަކާ ނުލައި 13 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައި ވެސް ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިކަމުގަ
28 January 2024
އަންހެނުން ގިނަވެއްޖެނަމަ އެއްކަމެއްވެސް ރަގަޅެއްނުވާނެ.
ބިއްޖެހި
28 January 2024
ތީ ވޯޓްލީ މީހުންގެ މައްސަލައެއްތަ. ނޫނީ ކަލޭމެން ކަންނެތީތަ
އަލިއްޓެގެ ދަރި
28 January 2024
އަންހެނަކަށް ވީތީ ނުވަތަ ފިރިހެނަކަށް ވީތީ ތަބަކަށް ލާފައި މެންބަރުކަން ދޭން ވަކާލާތުކުރާނަމަ ތިޔަ ތިބެވެނީ 1500 ގެ އަހަރުތަކުގައި. ޖިންސީ ހަމަހަމަ ކަމޭ ކިޔާއިރު، ވަކި ޖިންސަކަށް ވީތީ ވޯޓުދީ ހޮވާކަށް ނުޖެހޭ... ބަލަންވީ ޤާބިލުކަމަށް
ގފތ
28 January 2024
ދަކްތަރު މުއިއްޒު ބުނާ އެއްޗަކާ އަމަލަކާ ދިމަލެއް ނުވާަނެ
ދޮން ހަސީނާ
28 January 2024
އަންހެން ބޭފުޅަކަށް ދޭ ކޮންމެ ވޯޓަކީ 2 ވޯޓު ކަމުގައި ހެދުން ރަނގަޅުވާނެ އެއިރުން ޖިންސީ ހަމަހަމަކަން ފެންނާނެ.
މިނިމަލް
28 January 2024
ފެއިލް ވެފަ ތިބި ބަޔަކު ރައްޔިތުން ދެނެއް ނުހޮވާނެ، ތިރީ ފޮޓޯގަ ތިބީ ހުސް ފެއިލް ވެފަ ތިބި ދެ އަންހެނުން.
ސައްދާމް އަލީ
28 January 2024
ހެޔޮ ނުވާނެ، މިކަން ނޫޅޭ ސަރުކާރާ ގުޅުވަން. އެދާއިރާގެ ރައްޔިތުން މީހުން ޗޫސް ކުރީ. ވޯޓުން.
ސިފަތުﷲ
28 January 2024
ދުންޔާ ނޮހޮވުނީ ތާއިދު ނެތީމަ. ދެން ކިހިނެއް ހަދާނީ. ހެހެ
ޒޫނާ މުހައްމަދު
28 January 2024
އަޅުގަނޑުގެ ދާއިރާއަށްވެސް ލީ އަންހެނެއް. ހޮވުނީ ފިރިހެެނެއް. ނުދެން ކަނބަލަށް ވޯޓެއް. ހަމަ ބުނެލީ
ސަމާހް އަހްމަދު
28 January 2024
ތީގަ ނެތް ސަރުކާރުން ކުރާނެ ކަމެއް. ތީގެ ފުރިހަ ޒިންމާ ނަގަންޖެހޭނީ އެ ކެނޑިޑޭޓުން. އެމީހުންނަށް ނުވީ.