މާލޭގެ މަގެއް މަތިން ވެހިކަލްތަކެއް ދުއްވަނީ: މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ފެބުރުއަރީ 2024 - 14:37
ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ހުޅުލެ އަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު މެންދުރު ފަހު 2:00 ގައި ހުރީ 40.4 ޑިގްރީ ސެލްސިއަސްގަ އެވެ. ހަނިމާދުއަށް ހޫނުމިން ހުރީ 40.3 ޑިގްރީ ސެލްސިއަސްގަ އެވެ.
އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެ ސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް އަސްލު ހޫނުމިން މިއަދު އުޅެނީ 25-39 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
އިރުވައި މޫސުން ފަށައި، ޖެނުއަރީ އިން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.
މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށް ވެސް އަރާފައިވެ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާހޫނު
12 February 2024
މާލޭ ސަރަހައްދުގަ ހުރިހާ ދިމާލެއްގަ އޭސީ އެހާ ގިނަވީމަ ކިހިނެތްތަ ހޫނުމިން އިހްސާސްވަނީ. ގެއިން ބަހަކަށް ނޫނީ ކާރަކަށް އަރާއިރު ހޫނެއްނުވާނެ. ސައިކެއްގަ ދާއިރު ވައިޖެހިގެން ދަލެއް ނުހިއްލާ. މަގުމަތިން ހިނގާފަ ދަނިކޮށް ހޫނުވެއްޖިއްޔާ ފިހާރައަކަށް ވަދެ އޭސީއަކުން ފިނިކޮށްލެވޭހާ ފިހާރަ ގިނަ. ކަރުހިއްކައިފިއްޔާ ފިނި އެއްޗެއް ބޯލެވޭހާ ކެފޭ ގިނަ.
MySuperGreenDOTcom
11 February 2024
އިހުސާސްކުރެވޭ ހޫނުމިނޭ؟ މާނައަކީ އިހުސާސްނުކުރެވޭ ހޫނުމިނެއްވެސް ހުރެޔޭތާ! އިހުސާސްކުރެވޭހޫނަކާ އިހުސާސްނުކުރެވޭ ހޫނެއްހުންނަކަން އަދިކިރިޔާ މިއެނގުނީ
1206
11 February 2024
ހޫނު މިން ބަލަން ގެންގުޅޭ މެޝިންތަކުން ފެންނަ ހޫނު މިނާ އަދި ތަފާތު ހޫނު މިނެއް އެއީ އިހުސާސް ކުރެވޭ ހޫނު މިނަކީ.
ރައްޔިތުން.
11 February 2024
ބަލާނެ ކަމެއްނެތް މިފަހަރު ކަރަންޓު ބިލް ބޮޑުވާނެ. ގެރޭ
MySuperGreenDOTcom
11 February 2024
ސޯލާޕެނަލްއަޅާލަނިކޮށް ބޮޑަށްހޫނުވީވަރެއް ރަނގަޅުވާނީ، އޭރުން ހޫނުވީވީހެން ކަރަންޓުބިލުވާނީކުޑަ