އިރުއޮއްސޭ ވަގުތު ކުޑަކުއްޖަކު ރަށެއްގެ ބަނދަރުގައި މުށިމަސް ބާނަން ދޮށްޓެއް ހިފައިގެން: މިދިޔަ ހަފުތާ އެއްކޮށް، އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް ހުރީ 35 ޑިގްރީން މަތީގައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 ޖޫން 2025 - 13:05
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އިހުސާސްކުރެވޭ ހޫނުމިން މިދިޔަ ހަފުތާގައި އެވްރެޖުކޮށް ހުރީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.
މެޓް އޮފީހުގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ އަންގާރައިން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް ހުރީ 35-39 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މިދިޔަ ހަފުތާގައި އެންމެ ހޫނުގަދަވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ ސަރަހައްދަށެވެ. އެ ދުވަހުގެ ހެނދުނު 11:00 ގައި، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 38.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެ އެވެ.
ރާއްޖޭގެ އާންމު ހޫނުމިން މިދިޔަ ހަފުތާގައި އުޅެނީ އެވްރެޖުކޮށް 24-34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
ނަމަވެސް، މެޓް އޮފީހުގެ ރެކޯޑުތަކަށް ބަލާއިރު އިހުސާސްކުރެވޭ ހޫނުމިން މިދިޔަ އަހަރު އެންމެ މައްޗަށް ދިޔަވަރާ ގަތަށް ވެސް މި އަހަރު އަދި ނުދެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. އެކަމަކު، މި އަހަރު އަދި އެންމެ ދުވަހަކު ވެސް އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ނުދެ އެވެ.
އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކަ
24 June 2025
ތީ ސްޓެލްކޯ އިން ވިޔަފާރީގެ ގޮތުގައި ޖަހާފައިވާ ޚަބަރެއްބާ؟ ބޮޑު ކަރަންޓް ބިލެއް ފޮނުވުުމުގެ ކުރިން ޗިޕެއް ޖަހާލަން
އުންމުއަފީފް
24 June 2025
އަސްތާ މަގޭ ކަރަންޓް ބިލް. އެޑްވާންސް ނޯޓިސްއެއް އެ ދިނީ.