ރާއްޖޭގެ ރަށްތަކުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފަސް އަހަރުގެ ތެރޭގައި އިރުވައި މޫސުން އެންމެ އަވަހަށް ފެށުނު އަހަރަކަށް މި އަހަރު ވަނީ ވެފައި.-- ފޮޓޯ: މައުމަން ސައުދު
18 ޑިސެމްބަރ 2025 - 21:53
މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ އަވަހަށް އިރުވައި މޫސުން ފެށުނު އަހަރަކަށް މި އަހަރު ވެއްޖެ އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ އެ އޮފީހުން ބަލާ މިންގަނޑުން މި އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ އިއްޔެ (ޑިސެމްބަރު 17، 2025ގައި) ކަމަށެވެ.
މިއީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިރުވައި މޫސުން އެންމެ އަވަހަށް ފެށުނު އަހަރެވެ.
މިދިޔަ އަހަރުގެ އިރުވައި މޫސުން ފެށުނީ ވަރަށް ލަހުންނެވެ. އިރުވައި މޫސުން ފެށުނީ އެ އަހަރު ނިމި، މި އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި އެއީ ރާއްޖެއަށް އިރުވައި މޫސުން އެންމެ ލަހުން ފެށުނު ފަހަރެވެ.
- ޑިސެމްބަރު 22، 2020
- ޑިސެމްބަރު 20، 2021
- ޑިސެމްބަރު 31، 2022
- ޑިސެމްބަރު 23، 2023
- ޖެނުއަރީ 2، 2025
ރާއްޖެއަށް އިރުވައި މޫސުން ފެށުނު ކަމަށް މެޓް އޮފީހުން ނިންމަނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުން އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމުންނެވެ.
The Northeast Monsoon officially began in the Maldives on 17 December 2025, marking the seasonal transition. pic.twitter.com/xs7BI1LPjy
— Maldives Meteorology (@MetMaldives) December 18, 2025
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.
އިރުވައި މޫސުން ފެށި، އޭގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފަށަ އެވެ. އަދި ޖެނުއަރީ މަހު މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށެ އެވެ.
ރާއްޖޭގެ ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއީ އިރުވައިގެ މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ މުލަ ނަކަތުން 9 ވަނަ ދުވަހެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކު، ދިވެހި ނަކަތާއި މޫސުން ދިމާ ނުވާ ފަހަރު މިހާރު ވަރަށް ގިނަ އެވެ. މި ފަހަރު ވެސް އެ ތަފާތު މި ފެންނަނީ އެވެ. އެހެންވެ، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ނަކަތްތައް ވެސް، ކުރީގެ ދުވަސްވަރާ ބަލާއިރު، ގިނަ ފަހަރަށް ދިމައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
18 December 2025
މުލަ ނަކަތަކީ ހުޅަނގު މޫސުމުގެ ނަކަތަކަށްތާ މިވީ. މިމީހުން ކިޔާ އަރަތް އެނގޭތަ މީހުންނަށް. ޑިސެންބަރު 10 އަކީ އިރުވައި މޫސުން ފެށޭ ދުވަހެއް ނޫންތަ. 10 ޑިސެންބަރުގައި ފެށޭ މުލަ ނަކަތަކީ އިރުވައި މޫސުމުގެ ފުރަތަމަ ނަކަތެއް ނޫންތަ. އިރުވައި މޫސުން ފެށުނު ކަމަށް ބަލަނީ ކޮންކަމެއް ވީމަތަ.
ހުމް ބޭބެ
18 December 2025
މިހާރު މޫސުމެއް ނޯވޭ؟ އަބަދު ވާރޭ ވެހުން ފިޔަވައި އިތުރު މޫސުމެއް ނުފެނި 2025 ނިމެނީ