މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
11 މާޗް 2024 - 10:30
މިފްކޯ އަށް މަސްކިރުމުން، މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
"މިއަދު ދެވުނު ފައިސާއާ އެކު، މަސްވެރިންނަށް މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ، މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ،" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން ރޭ ބުނީ، އެ ކުންފުންޏަށް މަސްކިރުވުމަށް ފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 157 މިލިއަން ރުފިޔާ އޮޑިވެރިންނަށް ޖަމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެއީ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓު އޮންނަ ހުރިހާ އޮޑިވެރިންނަށް ރޭގެ ނިޔަލަށް ފައިސާ ޖަމާވާނެ ކަމަށާއި މިއަދަކީ ރަސްމީ ބަންދު ދުވަހަކަށް ވާތީ އެހެން ބޭންކުތަކުގައި އެކައުންޓު ގެންގުޅޭ މީހުންނަށް ވެސް ލަސްވެގެން މާދަމާ ފައިސާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން ވަނީ ބުނެފަ އެވެ.
"މަސްވެރިންނަށް މިފްކޯ އިން ދޭންޖެހޭ ފައިސާ ދޫކޮށް ނިންމަން އަޅުގަނޑުމެން މި އައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. މިހާ ހިސާބަށް ބެކްލޮގް ފިލުވައިލުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" މިފްކޯގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
މި ސަރުކާރުން ބުނެފައި ވަނީ ވެރިކަމާ ހަވާލުވިއިރު ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 300 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ މަސްވެރިންނަށް ނުދީ ހުރި ކަމަށެވެ. އެ ފައިސާ ދިނުމަށް އެކި ތާރީހުތައް ކަނޑައަޅައި، ބަހާލައިގެން ސަރުކާރުން އައީ މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
"މިއީ މި ކަހަލަ ދުވަސްވަރެއްގައި ފަސޭހަ ކަމެއް ނޫން. އެކަމަކު، ރޯދަމަސް ފެށެންވާއިރަށް ރައީސް ކޮންމެހެން ވެސް ބޭނުންފުޅުވީ ފައިސާ ދޫކޮށް ނިންމަން. މަސްވެރި އާއިލާތަކަށް ފައިސާ ނުލިބުމުން ދިމާވާނެ އުނދަގޫތައް އެ މަނިކުފާނަށް ވިސްނިވަޑައިގެން ނިންމެވި ކަމެއް އެއީ،"--- މިނިސްޓަރު
ރ. ދުވާފަރުގައި މި މަހުގެ ތިން ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު އެންމެ ފަހުން އެއްބަސްވެވަޑައިގެންފައި ވަނީ މި ރޯދަމަސް ފެށެންވާއިރަށް ބާކީ ނުދީ ހުރި ފައިސާ ވެސް މަސްވެރިންނަށް ޖަމާކޮށްދިނުމަށެވެ.
"ރޯދަ މަސް އަންނަން ވާއިރަށް މި ބަލަނީ ކޮންމެ ވެސް ކަހަލަ ފައިނޭންސިން މެކޭނިޒަމެއް އެބަ ބަލަން މިހާރު. ސަރުކާރާއި ފިޝަރީޒް މިނިސްޓްރީ އާއި ކުންފުންޏަކާ އެކުގައި މަސައްކަތް ކޮށްގެން އެބަ މަސައްކަތް ކުރަން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ރޯދަ މަސް އައުމުގެ ދިނުމަށް،" ރައީސް އެ ދުވަހު ވިދާޅުވެފައި ވެ އެވެ.
"ވައުދެއް ނޫން މި ވަނީ. މަސައްކަތް ކުރާނެ ކަމަށް މި ދަންނަވަނީ."
ފިޝަރީޒް މިނިސްޓަރު ޝިޔާމް ރޭ "މިހާރު" އަށް ވިދާޅުވީ، ރޯދަމަސް ފެށެންވާއިރަށް ބާކީ ފައިސާތައް މަސްވެރިންނަށް ދީ، ނިންމަން ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވެގެން އެ މަސައްކަތްތައް އެ ގޮތަށް ކުރަން ބާރު އެޅުއްވި ކަމަށެވެ.
"އެހެންވެ، އެ މަނިކުފާނުގެ އިސްނެންގެވުމަށް މި ވަރު މިވީ. މިއީ މި ކަހަލަ ދުވަސްވަރެއްގައި ފަސޭހަ ކަމެއް ނޫން. އެކަމަކު، ރޯދަމަސް ފެށެންވާއިރަށް ރައީސް ކޮންމެހެން ވެސް ބޭނުންފުޅުވީ ފައިސާ ދޫކޮށް ނިންމަން. މަސްވެރި އާއިލާތަކަށް ފައިސާ ނުލިބުމުން ދިމާވާނެ އުނދަގޫތައް އެ މަނިކުފާނަށް ވިސްނިވަޑައިގެން ނިންމެވި ކަމެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރާ ދިމާކޮށް، މިފްކޯ އަށް މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް އޮތީ ބޮޑުކޮށްފަ އެވެ.
އެކަމަކު، އެއީ ދައުލަތަށް ބުރަ ބޮޑުވާ އަދި ދެކޮޅު ނުޖެއްސޭ އަގަކަށް ވާތީ މި ސަރުކާރުން މިިދިޔަ މަހު ވަނީ މިފްކޯ އަށް މަސް ގަންނަ އަގު 20ރ. އަށް ދަށްކޮށްފަ އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވާ ގޮތުން އެ ބަދަލު ގެނައީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދިނުމަށާއި މިފްކޯ ބަނގުރޫޓު ވިޔަ ނުދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިލް ރަޝީދް
12 March 2024
ރޯދަ މަހަށް ކަންކަން ރަނގަޅު ވާނޭ ބުނެފަ މިވަރުގެ ކަމެއް ކޮށްދިނީތީ ޑރ.މުއިއްޒުއަށް ޝުކުރު ހައްގު އިންތިހާއަށް
ރާއްކޮ
12 March 2024
މިނިސްޓަރު ޝިޔާމް މުޒާހަރާ ތެރެއިން މަސްވެރިންނާ ބައްދަލު ކޮށް ޖަވާބު ދާރީ ވި ތަން ފެނުނު. ދެން މި ފެނުނީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއަރ ކޮށްލި ތަން. މި ވެރިކަން ފެށި ދުވަހުން ފެށީގެން މި ދުވަނީ މުއިއްޒު ދުވެލީގަ. ސަރުކާރު ވަރަށް ތަފާތު
އަހްމަދ
12 March 2024
ޑެޕިއުަޓީ މިނިސްޓަރުނާ ހަވާލުވެފައިވާ މަސައްކަތަކީ އެކި ނަންނަމުގަ މުއިއްޒުއަށް ސަނާ ކިޔާ ކޮމެންޓް ކުރުން. މަޖާ ކަމެއް މިއޮތީ...
ރިހުލާ އަލީ
12 March 2024
މުއިއްޒް ވަރުގެ ވެރިޔެއް ނާދޭ އަދި މަސްވެރިންނަ މިހާ ހެޔޮ. އެއީ ހަގީގަތަކީ.
އަސްލަމް ވަހީދު
12 March 2024
އިބޫމެން ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދީ 2-3 މަސް ދިޔަ. އަދުގެ ސަރުކާރުން އެކަން ތަކުރާރު ނުކޮށް މިދަނީ ބާރަށް ކުރިޔަށް.
ސަމާހް މުހައްމަދު
12 March 2024
އަދުގެ ރައީސް މިއީ ހަމަ އެއްވަނައިގެ ރައީސްއެއް. މަސްވެރިންގެ ރައީސް ހަމަ
ނިޔާޒް މުހައްމަދު
12 March 2024
އަލްހަމްދުﷲ. މިހާ ދަތި ދަޑިވަޅެއްގައިވެސް މަސްވެރިންގެ ހައްގު މިސަރުކާރުން ދީފި. މިއީ އުފާކުރަންޖެހޭ ކަމެއް.
ޝަކޫރް
12 March 2024
ސިޔާސީ ގޮތުން މިކަން ބޮޑުކޮށްލި ބަޔަކު މިއަދު ވަރަށް ސައިޒުވެފަ ހުންނާނީ. މަސްވެރިންނަށް ލާރިވެސްދޭނެ. ވަކި ދާއިރާއެއް ނުބަލާ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރަން ރައީސް ޑރ. މުއިއްޒު މިއައީ
މިމްހާދް
12 March 2024
ބޮޑު ރޯދަމަހެއް ބޯމަތިވެފަ އޮށްވާ ތިޔަކޮށްދެއްވީ ވަރަށް ބޮޑުކަމެއް ރައީސް
މުމްތައްސިމް
12 March 2024
އެންމެ ފައިސާ ފޮށްޗެއް ޗާޕްނުކޮށް ފައިސާ މިދީ ނިންމާލީ.