މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު: އާލާސްކަންފުޅާ އުޅުއްވާ މަހާތީރް އިއްޔެ ވަނީ ދެ މަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
19 މާޗް 2024 - 08:56
އުމުރުން 100 އަހަރާ ގާތްވެފައިވާ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ހޮސްޕިޓަލްގައި އެޑްމިޓް ކުރިތާ ދެ މަހެއްހާ ދުވަސް ފަހުން އިއްޔެ ދޫކޮށްލައިފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް 2018 ވަނަ އަހަރު ދެ ވަނަ ފަހަރަށް އިންތިހާބުވެ، އުމުރުން އެންމެ ދުވަސްވީ ލީޑަރުގެ ގޮތުގައި ބެލެވުނު މަހާތީރު ނެޝަނަލް ހާޓް އިންސްޓްޓިއުޓްގައި ޖެނުއަރީ 26 ވަނަ ދުވަހު އެޑްމިޓްކުރީ އިންފެކްޝަނެއްގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މަހާތީރްގެ އޮފީހުން ބުނެފައިވެ އެވެ.
"މަހާތީރް އަދި ދުވަސްކޮޅެއް ވަންދެން ގޭގައި އަރާމުކުރައްވަން ހުންނަވާނެ،" މަހާތީރްގެ އަރިސް ބޭފުޅަކާ ހަވާލާދީ އޭއެފްޕީން ބުންޏެވެ.
މަހާތީރް ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އޮންނަވަން ފެށުމާ އެކު ސިއްހީ ހާލަތާ މެދު އާންމުން ސުވާލު އުފައްދަން ފެށުމުން މީގެ ކުރިން މަހާތީރް ނޫސް ކިޔުއްވައި އަދި ލިޔުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އަދި މި ރޯދަ މަސް ފެށުމާ ދިމާކޮށް ނެރުއްވި މެސެޖެއްގައި، މެލޭޝިއާ ރައްޔިތުންގެ ހެޔޮ ދުއާއަށްޓަކައި ޝުކުރު އަދާކުރައްވާފައިވެ އެވެ.
މަހާތީރް އެންމެ ފުރަތަމަ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 1981 އިން 2003 އަށެވެ. އޭގެ ފަހުން ރިޓަޔާކުރައްވާފައި ހުންނެވުމަށް ފަހު އިސްލާހީ މަސައްކަތަށް އަލުން ނުކުންނަވައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ނަޖީބް ރައްޒާގުގެ ވެރިކަން 2018 ވަނަ އަހަރު ބަދަލުކުރައްވައި ވެރިކަން އަލުން ހޯއްދެވި އެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން މަހާތީރްގެ ކޯލިޝަން ރޫޅި ވެރިކަން ވެއްޓުނެވެ.
މަހާތީރަށް 2022 ވަނަ އަހަރު މަޖިލީހުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު ސިޔާސީ ކަންކަމުގައި އުޅުއްވުން ހުއްޓައެއްނުލައްވަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy